A wide advertisement which will be shown on all devices. (700 x 100)

އަފުންގެ ރަށޮ ގޮވަނީ، އަފުންގެ ރަށޮ ސަލާމަށް ނިވެގެން!

ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް ކައިރީގައި އެއްވެސް ރަށެއް ނުވާ އަދި ރާއްޖޭގައި ހަމައެކަނި އެންމެ ރަށަކަށް ނިސްބަތްވާ އަތޮޅުގެ ގޮތުގައި އޮންނަ ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ރަށުގެ ވަށައިގެން ބޮޑެތި ރާޅު އެއްވެސް ހުރަހެއްނެތި އޭގެ ބާރުމިނުގައި ރަށުގެ ގޮޑުދޮށަށް ބިންދަމުންދާ ރަށެކެވެ. މިރަށުގެ ރައްޔިތުންގެ އަބަދުވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މިރަށުގެ ނާޒުކު ތިމާވެއްޓެވެ.

ފާއިތުވެގެންދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަށުގެ ހޭޅިފަށުން ބަލަބަލައި ތިއްބާ ރަށުގެ ފަސްގަޑުން ބޮޑުބައެއް ވަނީ ގިރާގެން ކަނޑަށް ގޮސްފައެވެ. ކުރީގައި މުޅިރަށް ވަށައިގެން އުސްކޮށް އޮންނަ އުސްފަސްގަނޑު ގެ އެއްވެސް  މިންވަރެއް މިހާރު ނެތޭ ބުނާހާ ބޮޑަށް ރަށުގެ ހޭޅިފަށް މިއަދު މިވަނީ ގިރައިގެން ގޮސްފައެވެ. ހޭޅިފަށުން ފެންނަމުންދަނީ ވޭނީ އަސަރުތަކެއް ކުރުވާފަދަ މަންޒަރުތަކެކެވެ. އެމަންޒަރުތަކުން ބުނެދެމުން ދަނީ މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އަޅުގަނޑުމެންގެ ރަށުގެ ހޭޅިފަށް ގިރެމުން ގޮސް ހުސްވެ، ގެއްލިގެން ހިނގައިދާނޭ ކަމުގެ އިންޒާރުތަކެކެވެ. މިއީ މިރަށްދެކެ ލޯބިވާ މިރަށުގެ ކޮންމެ ދަރިޔަކުގެ ހިތުގެ އުދާސް ތަކެވެ.

މިރަށް އުފެދިފައިވާ ގޮތުން ރަށުގެ ހޭޅިފަށް މިހާރު ގިރައިގެން މިދާ ބާރުމިނުގައި ގިރައިގެން ގޮސްފިނަމަ ލަސްތަކެއްނުވެ ކަނޑުން އަންނަ ބޮޑެތި ރާޅުތައް ރަށަށް އަރާ ރަށުގެ މައިގަނޑު ކެއުމުގެ ގޮތުގައި ބޭނުންކުރަމުންދާ އަލަ އޮޅުތަކާއި ރުއްގަސްތައް މަރުވެ ރަށުގެ ކުޅިތައް ލޮނުވެގެން ހިނގައިދާނެއެވެ.

މިއަދު ލޯކަލް ޓުއަރިޒަމަށް ހުޅުވާލެވިފައިވާ މިރަށުގެ ރީތިކަމަކީ އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިވާ ކަމެކެވެ. އަޅުގަނޑުމެންގެ މިރަށަށް ގުދުރަތުން ދެއްވާފައިވާ ރީތި އޮފުވެލީގެ ތުނޑިޔާއި ރަށުގެ ދެކޮޅުގައިވާ ހިތްގައިމު ދެކުޅިޔަކީ ބަލާފޫހިނުވާ މިރަށުގެ ހިއްގައިމު މަންޒިލްތަކެވެ. އަދި ރަށަށް ހަލުވިކަމާއިއެކު އަންނަމުންދާ ތަރައްގީ އާއިއެކު ރަށުގެ އެތެރޭގެ ހިތްގައިމުކަމަކީ ބަޔާންކުރަން ނޭގޭ ހާވެސް ރީތި މަންޒަރުތަކެކެވެ. އެހެނަސް އަޅުގަނޑުމެންގެ ހޭޅިފަށް އަޑުންއަޑުނަގައި ރޮނީއެވެ.

ފާއިތުވެގެން ދިޔަ ކޮންމެ އިންތިޚާބަކާއި ދިމާކޮށް (ރިޔާސީ، މަޖިލިސް،ލޯކަލް ކައުންސިލް) ސަރުކާރާއި އެހެނިހެން ކެޑިޑޭޓުންވެސް މިރަށަށް ވަޑައިގެން ރަށުގެ އެންމެ ބޮޑަށް ގިރާ ސަރަޙައްދަކަށް ވަޑައިގަންނަވައެވެ. އަދި އެބޭފުޅުންގެ ފޯނުގެ ކޮލެޓީ ކެމެރާތަކުން އަޅުގަނޑުމެންގެ ވޭނީ މިމަންޒަރުތައް ފޮޓޯނަގައި މިކަންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ ގިނަ ވައުދުތަކެއް ވެފައި ވީނަމަވެސް މިއަދާއި ހަމަޔަށް ވެސް ހައްލު ނުލިބި، ނުފުއްދިފައިވާ ވައުދުތަކަކަށް މިކަން މިވަނީވެފައެވެ.

އަފުންގެރަށޮ ގޮވާއަޑޮ އިވޭޔެ! މިއީ މިރަށުގެ ކޮންމެ ރައްޔިތަކު ވެސް ސަރުކާރުގެ މުއައްސަސާތަކާއި ތަކުރާރުކޮށް ކުރަމުންދާ ސުވާލެކެވެ. ވޭނީ ކަރުނަޔާއި އެކު ގިސްލަމުން ކުރާ ޝަކުވާއެއް ވެސް މެއެވެ. ކޮންމެ ވެރިކަމެއްގެ ވެސް ކުރީކޮޅު ސަރުކާރުން އިސްކަމެއްދީގެން ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދާދޭނޭ ކަމުގެ ފޮނި ވާހަކަތަކުގެ އަޑު ރަށުތެރޭގައި ގުގުމާލައެވެ. މިހެން މި އަޑު ދުވަސްކޮޅަކު އިވުމައްފަހު އަމަލީ އެއްވެސް މަސަތްކަތެއް ނުކުރެވި އަނެއްކާވެސް ރައްޔިތުން މާޔޫސް ކޮއްލައެވެ. އަދި ފާއިތުވި ގިނަ އަހަރުތަކުގެ ބަޖެޓް ގައިވެސް މިމަޝްރޫއަށް ހާއްސަ އަދަދުތަކެއް ވަނީ ޖަހާފައެވެ. އެހެނަސް މިކަންތައްތައް ތަކުރާރު ވަމުން އައިސްފައި ވަނީ ޚިޔާލީ ވާހަތަކެއްގެ ގޮތުގައިއެވެ.

އަނެއްކާވެސް މިރަށުގެ ރައްޔިތުންނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ. ހިނގަމުންމިދާ 2021 ވަނަ އަހަރު މިރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް، މިނިސްޓްރީ އޮފް އެންވަޔަރމެންޓް އާއި ހަވާލާދީ ފުވައްމުލަކުސިޓީ ކައުންސިލުން މިވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިމަޝްރޫއުގެ މަސަތްކައް ކުރިޔަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ނިމޭނެއެވެ.

ރައްޔިތުންގެ އުއްމީދަކީ މާޒީގައި ވެގެންދިޔަހެން ތޯތޯ ވާހަކަޔަކަށް ނުވެ ސަރުކާރުން މިރަށުގެ ރައްޔިތުންގެ އާދޭހުގެ އަޑު އައްސަވައި، ގިނަދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް މިރަށުގެ ރަށްގިރުމުގެ މިމައްސަލައަށް ވީހާވެސް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އިއްސޭ

    ވަރަށް ބަރާބަރު އާރޓިކައްލެއް ތީރަށުގެ އިޙުސާސްތައް ދަންނަ ރަށް ދެކެލޯބިވާ ދަރިއެއް ސާބަސް އާންތު.