A wide advertisement which will be shown on all devices. (700 x 100)

ފަތުރުވެރިންގެ ބީޗަކަށް އެންމެ ރަނގަޅީ ކުރީގެ ބައްތި އާއި ގެންމިސްކިތް ފަންނާއި ދެމެދުން ސަރަހައްދެއް

ފަތުރުވެރިންގެ ބީޗަކަށް ތުނޑީ ސަރަހައްދުން ބައެއް ކަނޑައެޅުން ރަނގަޅު - ފޮޓޯ އޮލި

ފަތުރުވެރިކަން ފުވައްމުލައް ސިޓީގައި ވެސް އަންނަނީ ފުޅާވަމުންނެވެ. ފަތުރުވެރިކަން ރަށަށް އައުމަކީ ރަށުގެ އެންމެން ބޭނުންވާގޮތް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ރަށުގެ ގިނަ ބަޔަކަށް، ޚާއްސަކޮށް ރަށުގައި ދިރިއުޅޭ ގިނަބަޔަކަށް ފައިދާތަކެއް ލިބޭ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މިކަން އެންމެ ބޮޑަށް އެނގިގެން ދަނީ ރަށުގައި އިތުރުވަމުންދާ ގެސްޓްހައުސް ތަކާއި ޑައިވިން ސެންޓަރުތަކުގެ އަދަދުންނެވެ. ފުވައްމުލަކަށް ގިނަ ފަތުރުވެރިން އަންނަނީ ޑައިވީނަށް ދިއުމަށް ކަމަށް ވެއެވެ. ނަމަވެސް ޑައިވީނަށް ދިއުމާކީ މުޅިދުވަހު ކުރެވޭ ކަމެއް ނޫންކަމުން ދުވަހުގެ ބާކީ ބައި ނުވަތަ ޑައިވީނަށް ނުދާ ދުވަސްތަކުގައި ފަތުރުވެރިން ރަށުގެ ބީޗްތަކާއި ރެސްޓޯރެންޓްތަކުން ފެނެއެވެ.

ދުނިޔޭގެ އުތުރުފަޅީގައި ތިބެފައި އަންނަ މީހުން، ޚާއްސަކޮށް ފިނި ހިސާބުތަކުން ޗުއްޓީ ހޭދަކޮށްލަން އަންނަ މީހުން ބީޗްތަކުގައި އަރާމުކޮށްލުމާއި އަވީލުމަކީ (ސަންޓޭން) ވަރަށް އާއްމު އެމީހުންގެ ބޭނުމެކެވެ. އެގޮތުން ފަތުރުވެރިން އަވީލުމަށް ގިނައިން ތިބެނީ ‘ޓޫޕީސް’ ހެދުމުގައި ކަމަށް ވުމުން އެއީ ދިވެހިންގެ އާދަކާދަ އާއި މުޖުތަމައަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވެއެވެ. ނުވަތަ އެގޮތަށް ތިބޭ މަންޒަރު މުޖުތަމިއުގެ އެކި އުމުރުފުރާގެ އާއްމުންނަށް ފެންނާކަށް އެންމެން ހެން ވެސް ނޭދެއެވެ. ފަތުރުވެރިން ބޭނުންވާ ގޮތަށް އަވިލުމަށް ވަކި ތަނެއް ޚާއްސަ ކުރުމަކީ ފެތުރުވެރިން ޒިޔާރަތްކުރާ ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން މިހާރު ނިންމާފައިވާ ނަތީޖާ ރަނގަޅު ނިންމުމެކެވެ. އަދި އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ބަލައިގެންފައިވާ ގޮތް ވެސް މެއެވެ.

ވުމާއެކު ފުވައްމުލައް ސިޓީގައި ވެސް ފަތުރުވެރިންނަށް އެފަދަ ބީޗެއް ޚާއްސަކުރުމަކީ އެންމެ ފައިދާ ހުރިގޮތްކަމުގައި ބަލަން ޖެހެއެވެ. ފަތުރުވެރިންނަށް ބީޗެއް ޚާއްސަކުރާނީ ތޯ ނުވަތަ ނޫންތޯ، އެއީ މިހާލަތުގައި ކުރަން އޮތް ސުވާލެއް ކަމުގައެއް ނުދެކެމެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުން މާދަމާ ބާއްވަން އުޅޭ ރައްޔިތުންގެ މަޝްވަރާގައި ވެސް މިސުވާލަށް ޖަވާބު ހޯދަން ޖެހޭނެ ކަމަކަށް ނުދެކެމެވެ.

މާދަމާގެ މުހިންމު ސުވަލަކީ ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ކަނޑައަޅާނީ ރަށުގެ ކޮންތަނަކުން ތޯ އެވެ؟ މިސުވާލަށް ވިސްނާއިރު އެއްކޮޅުން އޮތީ ފަތުރުވެރިން އެންމެ ގަޔާވަނީ ކޮން ބީޗެއް ތޯ އާއި، ރައްޔިތުން އެންމެ ބޭނުންވާނީ ކޮންތަނެއްގެ ބީޗެއް ތޯ ބެލުމެވެ؟

އެގޮތުން ގިނަބަޔެއްގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓޭނީ ރަށުގެ ތުނޑި ސަރަހައްދަށެވެ. އެއީ ރަށުގައި އެންމެ ރީތި އޮފުދޮންވެލި ބީޗެއް އޮންނަނީ ތުނޑީގައި ކަމަށްވުމެވެ. އަދި އާއްމު މީހުން ދިރިއުޅޭ ސަރަހައްދާއި އެސަރަހައްދު ދުރުވުމުންނެވެ. ނަމަވެސް ރަށުގެ ތުނޑީ ސަރަހައްދަކީ އިޖުތިމާއީ ގިނަ ކަންކަމުގައި އާއްމު ރައްޔިތުން މިހާރުވެސް ބޭނުކުރާ ސަރަހައްދަކަށް ވުމުން އެސަރަހައްދު އެއްކޮށް ފަރުތުވެރިކަމަށް ޚާއްސަ ކުރާކަށް ގިނަބަޔަކު ބޭނުން ވާނެ ކަމަކަށް ނުބެލެވެއެވެ. އަދި އަޅުގަޑުގެ އަމިއްލަ ނަޒަރުންވެސް އެސަރަހައްދު އެއްކޮށް ފަތުރުވެރިކަމަށް ކަނޑައެޅުން ރަނގަޅު ކަމަކަށް ނުދެކެމެވެ.

ދެން އޮތީ ފަތުރުވެރިންނަށް ޚާއްސަކުރާނީ ކޮން ސަރަހައްދެއްގެ ބީޗެއް ތޯ ބެލުމެވެ. ބައެއް މީހުން ރަށިކެޑެ ސަރަހައްދުން އެއާޕޯޓް ބިއްދޮށުގައި އޮތް ތަންކޮޅުގައި ދޮންވެލި އަޅައި ބީޗް ހަދައިގެން ބޭނުން ކުރުމަށް ހުށަހަޅާފާނެއެވެ. ނަމަވެސް އެއީ އާއްމުކޮށް އަކިރިއާއި ގާގިނަ ދޮންވެލި ވަރަށް މަދުން ނޫނީ ނުހުންނަ ސަރަހައްދަކަށް ވުނުން އެއީ ފަތުރުވެރިންނަށް ކަމުދާނެ ބީޗެއްގެ ގޮތުގައެއް ނުބެލެވެއެވެ. އަދި އެކަށީގެންވާ ބީޗެއް އެސަރަހައްދުގައި ހެދުމަކީ ފަސޭހަކަމަކަށް ވެސް ވާނެކެމަކަށް ނުބެލެވެއެވެ. އެއީ މަޝްހޫރު ކަޅުއަކިރިގަނޑު ސަރަހައްދެވެ. ބީޗެކޭ ބުނެވޭ ވަރުގެ ދޮންވެލި ކޮޅެއްވެސް މަދު ދުވަހަކު ނޫނީ އެހިސާބުން ނުފެންނާނެއެވެ. ވުމާއެކު އެތަން ބީޗެއްގެ ގޮތުގައި ފަތުރުވެރިން ބަލައި ގަންނާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ.

ފަތުރުވެރިންގެ ބީޗަކަށް ކަޅުއަކިރިގަނޑު ކަމަކު ނުދޭ

ދެން އޮތީ ފުވައްމުލައް ސިޓީގެ ދެކުނު ބިތުން މާނޭރެ އާއި އަރުއްފަންނާއި ހިސާބުގެ ސަރަހައްދަކުން ބައެއް ކަނޑައެޅުމަށް ވިސްނުމެވެ. އެގޮތަށް ބަލާއިރުވެސް އަހަރުގެ ގިނަ ދުވަސްތަކަކީ ފުވައްމުލަކަށް ހުޅަނގު ދެކުނު ބިތުން ބާރަށް ވައިޖެހި ރާޅު ބޮޑު ދުވަސްވަރަކަށް ވުމުން އެސަރަހައްދުގައި ދޮންވެލި ބީޗެއް އޮންނާނީ އަހަރުގެ މަދު ދުވަސްތަކެއްގައި ކަމަށް ބަލަން ޖެހެއެވެ. އަދި އެސަރަހައްދަކީ ހުޅަނގު މޫސުމުގައި ރަށަށް އުދަ އަރާ ސަރަހައްދަކަށް ވުމުން ރައްކާތެރިކަމުގެ ގޮތުންވެސް އެއީ އެންމެ އެކަށީގެންވާ ސަރަހައްދެއް ކަމުގައި ބެލޭކަށް ނެތެވެ. ދެން އޮތީ އެސަރަހައްދަކީ އާއްމުންގެ ގިނަ ބަޔެއްގެ ދުވަހީ ދިރިއުޅުމުގައި މޫދަށް އެރުމަށާއި ބީޗަށް ދިއުމަށް ނުވަތަ އެސަރަހަައްދުތަކުގައިވާ ފިނި މައިޒާންތަކަށް ދިއުމުގެ ތެރެއިން ބީޗަށް ވެސް ނިކުމެލާން ބޭނުން ކުރަމުން އަންނަ ސަރަހައްދަކަށް ވުމެވެ.

ވުމާއެކު ފުވައްމުލަކުގެ ހުޅަނގު ދެކުނު ބިތުން (ދަޑިމަގު ފަންނުން -މާނޭރު ) ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ހެދުމަކީ އެންމެ ފައިދާހުރި ގޮތް ކަމުގައެއް ނުދެކެމެވެ. އެއީ ފަތުރުވެރިންނަށް ވެސް އެތަން އެހާ ގަޔާނުވުމާއި، ބޭނުންކުރެވޭނެ ދުވަސް މަދުވުމާއި، ރަށުގެ އާއްމު ރައްޔިތުން ގިނައިން ބޭނުން ކުރަމުން އަންނަ ސަރަހައްދަކަށް ވުމެވެ.

މާނޭރު ސަރަހައްދުވެސް ފަތުރުވެރިންގެ ބީޗަކަށް އެންމެ އެކަށީގެނެއް ނުވޭ

ފުވައްމުލައް ސިޓީގެ އިރު-އުތުރު ބިތަކީ އަދި ރަށުގެ އާއްމުން ދިރިއުޅޭ ސަރަހައްދާއި މާކައިރި ހިސާބަކަށްވެފައި އެފަޅީގައި އެކަށީގެންވާ ބީޗެއް ނޯންނަކަން ފާހަގަ ވެއެވެ. ވުމާއެކު އެއީ މިކަމުގައި އޮޕްޝަނެއް އޮތް ސަރަަހައްދެއް ކަމުގައެއް ވެސް ނުބެލެވެއެވެ.

ދެން އޮތީ ރަށުގެ ތުނޑީ ސަރަހައްދެވެ. ކުރިންވެސް ފާހަގަ ކުރިގޮތަށް ރަށުގެ ތުނޑީ ސަރަހައްދަކީ ބީޗަކަށް ހުރިހާ ގޮތަކުން ވެސް އެންމެ ފައްކާ ސަރަހައްދެވެ. ބޮޑު ދޮންވެލިގަނޑާއި އެކު އަހަރުގެ ގިނަ ދުވަސްތަކުގައި ބޭނުންކުރެވޭ ގޮތަށް އޮތުމާއި އާއްމުން ދިއިރުޅޭ ސަރަހައްދާއި ދުރުވުން ފަދަ ގިނަ ފަހި ކަންތައްތަކެއް އެސަރަހައްދުން ޙާސިލްވެއެވެ. އެސަރަހައްދުގެ ކަންބޮޑުވުމަކީ އާއްމުންވެސް ޕިކްނިކް ދިއުމަށާއި ބައެއް އިިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރަން އޮތް ސަރަަހައްދަކީ އެތަން ކަމަށް ވުމެވެ. ވުމާއެކު އޮތީ ދެގޮތުން ވެސް ފައިދާ ލިބޭގޮތަށް ‘ކޮމްޕޮރޮމައިޒް’ ކުރުންކަމުގައި ދެކެމެވެ. އެންމެ ރަނގަޅު ގޮތަކީ އެސަރަހައްދު މިދެބޭނުމަށް ވެސް ބޭނުންކުރެވޭ ގޮތަށް ހެދުންކަމުގައި ދެކެމެވެ.

ރަށުގެ ތުނޑީ ސަރަހައްދުން، ކުރީގެ ބައްތި ހުރި ހިސާބުން، ނުވަތަ މިހާރުގެ ޕެބްލްސް ރެސްޓޯރެންޓް ހުރި ހިސާބުން އިރު އުތުރަށް (ހޯދަޑާއި ވި ކޮޅު) އޮތް ބަޔަކީ ރަށުގެ އާއްމުނަށް ހުޅުވާލެވިަފއިވާ ސަރަަހައްދެއްގެ ގޮތުގައި ބޭއްވުމަށްފަހު އެއާއި ޖެހިގެން ހުޅަނގު-ދެކުނަށް ގެންމިސްކިތް ފަންނާއި ހަމަޔަށް އޮތްބައި ވަކިކޮށް، އެބައި އާއްމުންނަށް ބަންދު ކުރުމަށްފަހު ފަތުރުވެރިކަމަށް ޚާއްސަކުރުމެވެ. މިފާހަގަ ކުރެވުނު ސަރަހައްދަކީ ކުރިން ފަތުރުވެރިކަމަށް ސިޓީ ހޮޓަލެއް އެޅުމަށް ވެސް ޕްލޭން ކުރެވުނު ސަރަހައްދެކެވެ. އަދި ފަތުރުވެރިކަމަށް އެންމެ ރަނގަޅު ބީޗެއް ހޯދުމުގައި މިހައްލަށްވުރެ އިތުރު އެހެން ހައްލެއް ހޯދުން ފަސޭހަނުވާނެ ކަމަށް ބެލެވޭ ހިނދު، އެހެން ތަނެއް މިއަށްވުރެ ޕްރެކްޓިކަލް ވާނެކަމަކަށް ވެސް ނުބެލެވެއެވެ.

އެގޮތުން ކުރީގެ ބައްތި އާއި ގެންމިސްކިތް ފަންނާއި ދޭތެރެއިން ކަނޑައެޅޭ ސަރަހައްދަކީ އެންމެ އެކަށީގެންވާ ސަރަހައްދު ކަމުގައި ގަބޫލުކުރަމެވެ. ނަމަވެސް މިސަރަހައްދުގެ ބޯޑަރު ކޮންމެ ވެސް ވަރަކަށް ‘ފްލެކްސިބުލް’ ވާން ޖެހޭ ސަބަބެއް ވެސް އެބައޮތެވެ. އެއީ އަހަރުގެ ބައެއް ދުވަސްވަރުގައި ފާހަގަ މިކުރެވުނު ސަރަހައްދުގެ ދޮންވެލިގަނޑު އިރު-އުތުރަށާއި ހުޅަނގު-ދެކުނަށް ދެމިގެންދާ ކަމެވެ. ޚާއްސަކޮށް އިރު-އުތުރުކޮޅަށް (ހޯދަޑީ ވީކޮޅަށް) ދެމިގެން ގޮސް ބައެއް ދުވަސްވަރު މިސަރަހައްދުގައި ދޮންވެލި ބީޗެއް ނުލިބިދާނެތީ އެވެ. އެފަދަ ދުވަސްވަރު ބޯޑަރު އިރު-އުތުރުކޮޅުން އިތުރު ކުރެވޭ ގޮތަކަށް ހަމަޖެއްސިދާނެއެވެ. މިގޮތަށް އިތުރުކުރުން މައްސަލައަކަށް ނުވާނެ ސަބަބަކީ އެދުވަސްވަރު ތޫނޑުގެ ދޮންވެލިގަނޑުގެ ބޮޑުބައި އޮންނީ ބޮޑަށް ހޯދަޑާއި ވީފަޅީގައި ކަމަށް ވުމުން އާއްމުނަށް އެތަންތަން ބޭނުންކުރަން އޮންނާނެތީއެވެ.

ފަތުރުވެރިންގެ ބީޗަކަށް ތުނޑީ ސަރަހައްދުން ބައެއް ކަނޑައެޅުން މުހިންމު

ދެން އޮތީ ތޫނޑުގެ ދޮންވެލިގަނޑު ހުޅަނގު-ދެކުނު (ދަޑިމަގާއި ވީކޮޅަށް) ކޮޅަށް ދެމޭ ދުވަސްވަރު ވެސް އާއްމުންނަށް މެދުފަންނާއި ނެރަގަނޑާއި ދެމެދުން ދޮންވެލި ބީޗުން ޖާގަލިބެން އޮންނާނެެތީއެވެ. އަދި އެދުވަސްވަރު ފަތުރުވެރިންނަށް ޚާއްސަ ކުރެވޭ ސަރަހައްދުގެ ބީޗުންގައި ވެސް ދޮންވެލި ހުންނާނެ ކަމަށް ބެލެވޭތީއެވެ.

މިއީ ފުވައްމުލައް ސިޓީގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ކަނޑައަޅާއިރު އަޅުގަނޑުގެ ޚިޔާލެވެ. އަދި އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ތަނެވެ. އަޅުގަނޑަށް ފެންނަ ފެނުމުން ފަތުރުވެރިކަމަށް ޚާއްސަ ބީޗަކަށް ހަދަންވީ ގެންމިސްކިތް ފަންނާއި ކުރީގެބައްތި އާއި ދެމެދުގެ ސަރަހައްދެކެވެ. އަދި އެސަރަހައްދު ފަތުރުވެރިންނަށް ޚާއްސަ ކުރުމަށްފަހު އާއްމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރެވެން ވާނެކަމަށް ދެކެމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ބައްތިހއާއި ގެންމިސްކިތް ފަންނާދެމެދު ކިހހ ހާވަރަކަށް ވެލި ހުރޭތަ.

  • Anonymous

    ފާހަގަ ކޮއްފައިވަނީ އަޅުގަނޑައްވެސް އެންމެ ކަމުދާ ސަރަހައްދު ކަމުގައި ދެކެން. ހިޔާލަކީ ތަފާތު އެއްޗެއް، އެހެންނަމަވެސް މެޖޯރިޓީއައް ތަބާވާންޖެހޭނެކަމައް ގަބޫލްކުރަން. – އަހްމަދު ނާޒިމް