A wide advertisement which will be shown on all devices. (700 x 100)

‘ހޯމް ސްޓޭ’ އަކީ ދިވެހިންނަށް ވެސް އާކަމެއް ނޫން

ހޯމް ސްޓޭގެ މައްސަލައެއް ނެތް- އޮތީ މިންގަނޑުގައި ހިފެހެއްޓުން 1 ޖެނުއަރީ 2022

‘ހޯމް ސްޓޭ’ ނުވަތަ މީހުން ދިރިއުޅޭ ގޭގައި ފަތުރުވެރިން ތިބުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ކަމަކެވެ. އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ އިރު ކުރީގައި ގެސްޓް ހައުސްތަކާއި ‘ހޮޓެލް’ ތަކެއް ނުހުރެއެވެ. މުޅިންވެސް ތިބެންޖެހެނީ އެހެން މީހުން ދިރިއުޅޭ ގޭގޭގެ ކޮޓަރިތަކުގައެވެ. ނުވަތަ އެނދު ތަކުގައެވެ. ކައިބޮއެ ފެންވަރައި ނިދައި ހަދަނީ ވެސް އެގެއްގެ މީހުން ވެސް ބޭނުންކުރާ ވަސީލަތްތަކުންނެވެ.

ހަމަ އެގޮތަށް އިއްޔެ ތައާރަފުވެގެން ދިޔަ ‘ހޯމް ސްޓޭއަކީ’ ނިސްބަތުން ކުޑަ އަގެއްގައި ފަތުރުވެރިންނަށް ނުވަތަ ބީރައްޓެހިންނަށް ރަށްރަށަށް ދަތުރުކޮށް ފަސޭހައިން އުޅެވޭނެ މަގެއްވެސް މެއެވެ. ޔަގީންކަމާއެކު ‘ބުކު ކުރާ’ ކޮޓަރި ލިބޭނެ މަގެއް ފަހިވެގެން ދިޔައީއެވެ. ހަމަ އެގޮތަށް ގޭގޭގެ މީހުނަށް އަމްދަނީއެއް ލިބޭނެ މަގުވެސް ހުޅުވިގެން ދިޔައީއެވެ. ކުޑަ ދުވަސްކޮޅަކަށް އެކޮޓަރީގައި ތިބެލަން އަންނަ މީހުންނަކީ ހުރިހާ ފަހަރަކު ދިވެހިންގެ އާދަކާދަ އެނގޭ، އެގޮތަށް އުޅެން އަންނަ މީހުންނަށް ނުވެދާނެއެވެ. އަދި އެގެއެއްގެ ނުވަތަ އެހިސާބުގަޑުގެ މީހުންގެ ވިސްނުމާއި ދީން ބަދަލުކުރުމަށް އަންނަ މީހުންނަށް ވުން އަމުދުން ދުރެވެ. އެމީހުން އަންނަނީ އެހެން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ދެނެގަތުމަށާއި އަރާމުގައި ޗުއްޓީ ހޭދަކޮށްލުމަށް ތަފާތު މާހައުލެއް ހޯދުމުގެ ބޭނުމުގައެވެ. މިއީ ކަން އޮތްގޮތެވެ.

ހޯމް ސްޓޭ ލުއިފޮތް ނެރުން 7 ފެބްރުއަރި 2021

ނަމަވެސް ހޯމް ސްޓޭ އޭ ބުނުމުން ބައެއް މީހުންގެ ދީނީ އަގީދާ ބަލިކަށިވި ކަހަލައެވެ. އެފަދަ މީހުންނަށް ހީވަނީ ހޯމް ސްޓޭއަށް އަންނަނީ ދިވެހިންގެ ދީން ބަދަލުކުރުމަށް އަންނަ މީހުން ކަމަށް ތޯއްޗެކެވެ؟ އަދި ދިވެހިންގެ ދީން ހިމާޔަތް ކުރެވޭނީ އެހެން މީހުންނާއި އެކަހެރި ކޮށްގެން ކަމަށް ތޯޗެކެވެ؟ އެހެން މީހުންނާއި ގުޅުން ކެނޑޭނެ ގޮތަށް ގޭތެރެއިން ނުނިކުމެ ތިބެގެން ކަމަށް ބެލެވެނީ ތާއެވެ؟ އެކަމަކު އެއީ މިޒަމާނުގެ ކަންތައް ހިނގާ ގޮތެއް ނޫންކަން ދަންނަން ޖެހެއެވެ. މީހެއްގެ އަގީދާއަކީ އެހެން މީހަކަށް ހިފަހައްޓައިގެން ވަކިގޮތަކަށް ބެހެއްޓޭނޭ އެއްޗެއް ނޫނެވެ. ގުޅުން އެއްކޮށް ނުކެނޭނެ ކަމުގެ ހެއްކަކީ ޓީވީއާއި އިންޓަނެޓާއި ކަނޑާލައިގެން މިއަދު އުޅެވޭނީ ކިހާ ވަރަކަށް ބާވައެވެ؟

ކުރެވެން އޮތްކަމަކީ ހެޔޮ ނަސޭހަތްދީ އަގީދާ ވަރުގަދަ ކުރުމަށް މަސައްކަތްކުރުމެވެ. މީހުނާއި ބައްދަލުވިޔަނުދީ، އެހެން މީހުން އުޅޭގޮތް ނޭނގި މިއަދު ތިމާގެ ގޮތް ތިމާއަށް ކުރި އެރުވުމަކީ އަދި މާއުނދަގޫ ކަމެކެވެ. ނުވަތަ ނާދިރު ކަމެކެވެ. ކަންކަން ފޮރުވައިގެން ކުރިއެރުމެއް ނުލިބޭނެއެވެ. ދީނުގެ ރީތި ގޮތްތަކާއި މޮޅުކަންކަން ހާމަކޮށްދީގެން ނޫނީ ދީންވެސް ކުރި ނާރާނެއެވެ. އަދި އަގީދާ ވަރުގަދައެއް ވެސް ނުކުރެވޭނެއެވެ. މުޖުތަމިއުގައި ވާ ކަންކަން ކައިރިން ބަލައި އެނގެން ޖެހެއެވެ. ރަނގަޅުގޮތައި ރަގަޅުނޫން ގޮތް ސާފުވާނީ އެހެން މީހުނާއި ވެސް ވާހަކަ ދެކެވި ޚިޔާލު ބަދަލުކުރެވިގެން ކަން ގާބޫލުކުރަން ޖެހެއެވެ.

ހޯމް ސްޓޭއަށް ގޭގެއަށް ދިވެހިން އައިސްފިނަމަ، ހަމަ އެބުނާ މަގުން ދިވެހިންގެ ދީނަށާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެދާނެ ކަމަށް ގަބޫލު ކުރެވެނީ ބާއެވެ؟ ނުވަތަ އަރަބިންނާއި އިންޑިއާ މީހުންނާއި ޗައިނާ މީހުންގެ އިތުރުން ބަނގްލާދޭޝް މީހުން އައުމުން ވެސް ދީނަށް އެހާ ނުރައްކާ ބޮޑުވަނީ ބާވައެވެ؟ ހަމަ ޔަގީނުން ބަނގްލާދޭޝް މީހުން އައިސްގެން ވާނެކަމެއް ވިއްޔާ ދިވެހި މުޖުތަމިއަށް މިހާރު އޮންނާނީ ވެނިމިފައި ކަމަށް ގަބޫލުކުރަން ޖެހެއެވެ. ނޫނީ ޔޫރަޕުގެ މީހުން އައުމުން އެކަނި ބާ އެބުނާ ބަދަލުތައް ދިވެހިންނަށް އަންނާނީ؟ އެއީ ކީއްވެ ހެއްޔެވެ؟

ޗުއްޓީ ހޭދަ ކުރަން އަންނަ މީހުންވެސް ހެދުން އަޅާނީ އެތަނެއްގެ މާހައުލާއި އެކަމެއްގައި ބޭނުންވާ އެކަށީގެންވާ މިންވަރަކަށެވެ. އެއީ ގިނަ ދިވެހިން ގަބޫލުކުރާ ދިވެހި މުޖުތަމިއުގެ މިންގަޑެވެ. އެމިންގަނޑުގައި ހިފަހައްޓަން ދެވޭ އިރުޝާދާއި އެއްގޮތަށް ވަރަށް މަދު މީހަކު ނޫނީ އަމަލުކޮށް އޭގައި ހަފަހައްޓައެވެ. އަދި ހިފަހައްޓަން އުސޫލުހަދައި ތަންފީޒުކުރަނީ އެގެއެއްގެ ވެރިފަރާތުންނެވެ.

ދިވެހިން ވެސް އެހެން ގައުމުތަކަށް ގޮސް ހޯމްސްޓޭ ހަދަނީ މަދަކުން ނޫނެވެ. އެގޮތަށް ދިވެހިން އެހެން ގައުމުތަކަށް ގޮސް ހޯމްސްޓޭގައި މުސްލިމު ނޫން މީހުންގެ ގެގޭގައި ތިބެގެން އެމީހުންގެ އާދަކާދައާއި ދީނަށް އެވަރުގެ ބޮޑު ބަދަލެއް އައިސްގެން ކަންބޮޑުވުން ފާޅުކުރާތަން ފެންނާކަށް ނެތެވެ. ވީއިރު ދިވެހިންގެ ގޭގެއަށް އެފަދަ ބަޔަކު އައިސް ހަފުތާއެއްހާ ދުވަހު ތިބެގެން، ދިވެހިންގެ އާދަކާދަ އާއި ދީނަށް އެވަރުގެ އަސަރެއް ފޯރުވެނީ ދިވެހިންގެ ވިސްނުން ކޮށިކަމާއި ދީނީ ހޭލުންތެރިކަމާއި އަގީދާ ބަލިކަށިކަމުން ހެއްޔެވެ؟

ހޯމްސްޓޭ އަދި ގެސްޓްހައުސް ވިޔަފާރިގެ ވޯކްޝޮޕެއް

ދިވެހިންގެ ދީން ހިމާޔަތް ކުރެވެން އޮތް ގޮތް ކަމަށް ތިޔަ ވިދާޅުވާ އެކަހެރިކަމާއި ވަކިވެގަތުމުގެ އަސްލު ބޭނުން މާފުނަށް މޫލާފައިވާ ކަމަށް ބެލެވެއެވެ. އެއީ އެކަހެރި ކަމަކީ ނިކަމެތިކަމާއި ބަލިކަށިވުން ކަމަށް ވުމާއެކު އެކުވުމަކީ ނުވަތަ ގުޅިފައި ވުމަކީ ބާރުކަމުގައި ބެލެވޭތީއެވެ. ހޯމް ސްޓޭއާއި ދެކޮޅަށް ވާހަކަ ދައްކާ ގިނަ މީހުންގެ އަމިއްލަ ހާލަތަށް ބަލާލުމުން މުޖުތަމިއާއި އެކަހެރިކަން ފެންނަ އެތައް ކަމެއް ފެންނާނެއެވެ. އެއީ ދީނުގެ ނަމުގައި މުޖުތަމިއުން ބަޔަކު އެކަހެރިކޮށް، އެމީހުން ބޭނުންވާ ކަންކަން ހާސިލުކުރަން ގެންގުޅޭ އުކުޅެކޭ ވެސް ބުނެތެވެ! އެއީ ރަށުގެ މުޖުތަމިއުން އެއްބަޔަކު ބާކީކުރުން ނޫން ކޮންކަމެއްބާ ވައެވެ؟

މިއުޅެނީ ފައިސާފޮއްޗެއްގެ ދަހިވެތިކަމުގައި ހުރިހާކަމެއް ވިއްކާލާކަށެއް ނޫނެވެ. ބަޔާންތައް ނެރެ “ހޯމްސްޓޭގެ ސަބަަބުން، ރާއްޖޭގެ އިސްލާމީ، އިޖުތިމާޢީ ޝަޚްސު ފުނޑުފުނޑުވެގެން ގޮސްދާނެކަމުގެ ބިރުވެރިކަން ހާމަކުރުން” ކަމަށް ބުނެ ވާހަކަ ދައްކާ ގިނަ މީހުންނަށް އެއްވެސް މަސައްކަތެއް ނުކޮށް މަހުން މަހަށް ފައިސާ ލިބޭކަމަށް ބުނެވޭހިނދު ފައިސާއަށް ދަހިވެތިވީ ކޮންބައެއް ބާވައެވެ؟ ނިކަމެތި ރައްޔިތުމީހާއަށް ފައިސާފޮއްޗެއް ލިބޭނެކަމުގެ މަގެއް ފެނުމުން ބިރުހީވާންވީ ކީއްވެގެން ބާއެވެ؟ އޭރުން އެމީހުން ބުނިހާ ގޮތެއް ހަދަން ދަށުވެފައި ނުތިބެދާނެތީ ބާވައެވެ؟

ޒަމާނުއްސުރެ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި އެއްބަޔަކަށް އެބުނާ މީހުން ނުވޭ ބާވައެވެ؟ ޕާކިސްތާނުގެ ކުރުތާއާއި ޖުއްބާ ހަރުވާޅާއެކު ބޮލު ފޮށާ އެޅުން ނޫން ގޮތްގޮތަކީ ހުއްދަގޮތެއް ނޫންކަމަށް ދައްކަން އުޅެނީ ކޮން ބައެއްކަން ސާފުވާނެއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އިންތަކާއި މިންތަކުގައި ހިފަހައްޓާށެވެ. ކޮންމެ ކަމަކީ ވެސް ހައްދުން ނެއްޓިއްޖެނަމަ ރަގަނޅުކަމެއް ނޫންކަން އެންމެން އެއްބަސް ވެއެވެ. ނަފާވެރިަކން ހޯދުމުގައި ވެސް އޮތީ އެގޮތެވެ. ހިފަހައްޓަން ޖެހޭ އިންތަކާއި މިންތަކުގައި ދެމިހުރުމުން ނަފާވެރިކަން ވެސް ލިބި، މުޖުތަމިއު ވެސް ހެޔޮގޮތުގައި ބިނާވެގެންދާނެއެވެ. އައުކަންކަމަށް ބިރުގަންނަ މީހުން ވެސް އުޅެއެވެ. ރާއްޖޭގައި ފުރަތަމަ ފަތުރުވެރިކަން ފެށި އިރުވެސް ކީ ‘އެފަދަ ފަތިވަރެކެވެ’. އެކަމަކު އަދިވެސް ދިވެހިން ތިބީ ދިވެހިންގެ ގޮތުގައި އިސްލާމް ދީން މަތީގައެވެ. އެއީ މީގެ 50 އަހަރު ކުރިއެވެ. މިއަދުވެސް އަލުން ހަމަ އެއް ރައިވަރެއް ކިޔަން އުޅެނީއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ކަލޯ…ގާތުގައި ކުރިން ދޮންމީހުން ނިންދެވީ.

  • Anonymous

    Ehen meehakah ehcheh libidhaanethee dhaiy baaru vanee dho