މާސް ކޮލަމް: ލޯމަތިން ގެއްލިގެން ދިއުމުގެކުރިން ހާނދާން އާކޮށްލާ – ޏ.އޭއީސީ ވޯކްވޭ

ޏ.އޭއީސީގެ ވޯކްވޭތައް ނަގައި ފެންބޮޑު ބޮޑުވުން ހުއްޓުވޭނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް 2022
Share on facebook
Share on twitter
Share on google

ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ އަހަރެން ކިޔެވި އަދި ވަޒީފާ އަދާކުރި ވެސް ތަނެކެވެ. މިއީ ޏ.އޭއީސީ އަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތަތައް ކުރިޔަށްގެންދާ އަހަރުކަން ވެސް ހަނދާން ކޮށްލަމެވެ. ރާއްޖެއިން ބޭރުގައި ހުރުމުން އިހުތިފާލުތަކުގައި ބައިވެރި ނުވެވޭތީ ދެރަވެސް ވެއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި (ޏ.އޭއީސީ) އަހަރެން ކިޔެވީ ޚާއްސަ ކްލާހުން ފެށިގެން ގްރޭޑް 6 އަށް ބަދަލުވެ ގްރޭޑް 7 ނިމެމްދެނެވެ. މުޅި ރާއްޖޭގައި އޭރު ބާއްވަމުން ދިޔަ ޖޫނިއާ ސްކޫލް ސެޓްފިކެޓް(ޖޭއެސްސީ) އިމްތިހާނު ނިންމާފައި ދިޔައީ މާލެއެވެ. އެއީ ރާއްޖޭގައި އެ އިމްތިހާނު ބޭއްވި އެންމެފަހު ފަހަރެވެ. އެފަހަރު މުޅި ރާއްޖެއިން އެއްވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒަށް ގެނެސްދިނީ އަހަރެމެންގެ ބެޗުން 1988 ގައެވެ. އެއީ ގައުމީ ފެންވަރެއްގައި އެހާ ހިސާބަށް ތައުލީމީ ގޮތުން ޏ.އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު އެންނެ މަތީ ކާމިޔާބީއެވެ.

ޏ.އޭއީސީގެ 1988ގެ ގްރޭޑް 7ގެ ބެޗުގެ ދަރިވަރުން ސްކޫލް ގޯތިތެރޭގައި ފޮޓޯއަކަށް – ޖޭއެސްސީ އިން މުޅިރާއްޖެއިން 1 ވަނަ ހޯދި.

އެއިގެ އިތުރުންވެސް ސްކޫލުގައި ހައުސްތަކުގެ މެދުގައި ބޭއްވެމުން ދިޔަ މުބާރާތްތަކުގައި ‘ނެތް’ ފެންވަރުން ކުރިޔަށްނިކުމެ އުޅުނީމެވެ. އަދި ފުޓުބޯޅާގައި މުޟައްފަރު ހައުސްއިން ވިދާލައި ސުކޫލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދުނެވެ. ކިޔެވުމުގައި ވެސް އެއްފަހަރަކު ގްރޭޑުން އުއްމީދުނުކުރާ 2 ވަނައެއް ލިބުނެއެވެ.

އެެއިގެ ދުވަސްތަކެއް ފަހުން އަނބުރާ ރަށަށް އައީ މިޑްލްސްކޫލް ޓީޗަރެއްގެ ގޮތުގައި ހިސާބާއި ސައިންސް ޓީޗަރެއްގެ ގޮތުގައި ކިޔަވައިދޭށެވެ. ޏ.އޭއީސީއަށް ދާން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ކަން ދިމާކުރި ގޮތުން ކިޔަވައިދޭން ދާން ޖެހުނީ ފުވައްމުލަކު ސްކޫލުގެ ގްރޭޑް 6-7ގެ ދަރިވަރުންނަށެވެ. ނަމަވެސް ޏ.އޭއީސީ އާއިއެކު ގިނަ ކަންކަމުގައި އޭރުވެސް ބައިވެރިވެ އުޅުނީމެވެ. އެގޮތުން ކުޅިވަރުގެ ކަންތައްތައް ބޮޑަށް ފާހަގަ ވެއެވެ. އެތުލެޓިކްސް އާއި ފުޓުބޯޅައެވެ.

އެއީ (1998 ހިސާބު) ޏ، އޭއީސީއަށް އަލަށް ކޮމްޕިއުޓަރު ސިސްޓަމެއް ލިބުނު ދުވަސްވަރު ކަމަށްވުމުން އެ ކޮމްޕިއުޓަރު ސިޓަމް ބޭނުންކުރަން އޭރު އެނގޭ މީހަކު އޭއީސީގައި ނެތުމުން އެ ބޭނުން ކުރުމުގެ ފުރުސަތު ވެސް އޭއީސީއިން ލިބިގެން ދިޔައެވެ. އަދި ޕްލިންސިޕަލަށް އެކްސެލް އަދި މައިކްރޯސޮފްޓް ވޯޑް ބޭނުންކޮށްގެން ޗާޓުތަކާއި ޑޮކިއުމަންޓްތަކާއި ނޯޓުސްތައް ހަދައިދީ އެކަން ދަސްކޮށް ދިނީމެވެ. ވަކިން ޚާއްސަކޮށް ގްރީންޓިން ކާޑް ހަދާ ކުޑަ އެޕްލިކޭޝަނަކުން އެކި މުނާސަބުތަކަށް ކާޑުހަދައި ކުލަކޮށް ޕްރިންޓް ކުރީމެވެ. އެއީ ސްކޫލުގައި ކުލަ ޕްރިންޓްގެ ފެށުމެވެ. އެ މަސައްކަތް ކުރީ ކޮމްޕިއުޓަރު ބަހައްޓާފައި ހުރި ޕްރިންސިޕަލްގެ ރޫމުގައެވެ. އެއްވެސް ހުރަހެއް ނެތި ކޮންމެ ވަގުތަކުވެސް އަހަރެންނަށް އޭރު އެރޫމަށް ވަދެ ނިކުމެވޭ ގޮތަށް އޮތީ ހުއްދަދީފައެވެ. އެދުވަސްވަރު ޏ.އޭއީސީގައި ވެސް ޕްރިންޓްކުރަނީ އަތުން ސްޓެންސިލް ކަނޑައި ލިޔެގެން އާދައިގެ، އަތުން އަނބުރާ ޕްރިންޓަރަކުން ކަޅާއި ހުދުގައެވެ. ރިސޯގްރާފާ (އެވެސް ކަޅާއިހުދުގެ) ޕްރިންޓަރެއް ލިބުނީ އެއިގެ ދުވަސްކޮޅެއް ފަހުންނެވެ.

ޏ.އެއީސީގެ ކުރީގެ މެދު އިމާރާތް

ސެކަންޑަރީ ޓީޗަން ހެދުމަށްފަހު އަލުން އައިސް ޏ.އޭއީސީއާއި ގުޅުނީ ސެކަންޑަރީ ހިސާބު ޓީޗަރެއްގެ ގޮތުގައެވެ. އޭރުވެސް ކިޔަވައިދިނުމާއި ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ވަރަށް އިސްދައުރެއް އަދާކުރަމުން ދިޔައީމެވެ. މަތީގައިވާ ކުރު ވާހަކަ ކޮޅުން ކޮންމެވެސް ވަރެއްގެ ބެކްގްރައުންޑެއް ލިބޭނެ ކަމަށް ބަލައި، ސްކޫލުގެ އެހެން ހުރިހާ ހަރަކާތްތަކުގެ ވާހަކަތައް އެއްފަރާތް ކޮށްލުމަށްފަހު މި ލިޔުމުގައި އަލިއަޅުވާލާނީ ސްކޫލް ގޯތިތެރޭގައި ފުރަތަމަ “ޕޭވްޑް ވޯކްވޭ” ހެދުމުގެ މަސަައްކަތަށެވެ.

ޏ.އޭއީސީގެ ޕޭވް ވޯކްވޭގެ ބުރަ މަސައްކަތް

އެ ދުވަސްވަރު (2000ގެ އަހަރުތަކުގެ ކުރީކޮޅު) އަދި އެއިގެ ކުރިންވެސް ވާރޭ ވެހި ސްކޫލުގެ ތެރޭގައި ގިނަގިނައިން ފެންބޮޑުވާތީ މުދައްރިސުންނާއި ދަރިވަރުންނަށް ވެސް ހިނގާބިގާވެ އުޅެން، އެއްކްލާހުން އަނެއް ކްލާހަށް ދާން ވަރަށް ބޮޑަށް ދަތިވިއެވެ. ޚާއްސަކޮށް ބޫޓަށް އަރައިގެން ތިބެ ސްކޫލްތެރޭގައި ހިނގުމަށެވެ. އަދި އެއްދުވަހު އަރައިގެން އައިސް ތެމިފައި ހުންނަ ބޫޓު ޖެހިގެން އަންނަ ދުވަހު އަރައިގެން ސްކޫލަށް އަންނަން އުނދަގޫވެ ކަންބޮޑުވިއެވެ.

އެއާއެކު އެކި ލެވެލްތަކުގައި އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވުނެވެ. މުޅި ސްކޫލުގެ ގޯތިތެރެ ފަސްއަޅާ ބަރާލަން ރަށުން ފަސް (ވެލި) ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ވުމާއެކު ނިންމުނީ އޭރު ލިބެން ހުރި ފަސްތައް ބޭނުންކޮށްގެން މުހިންމު ވޯކްވޭތައް ފަސްއަޅައި އުސްކުރުމަށްފަހު ‘ޕޭމެންޓް ގާ’ އެތުރުމަށެވެ. އެއީ ހަނދާންވާ ގޮތުން ބަނދަރުގެ ކައިރީމަގު ހަދަން ގެނައި ގާތަކުގެ ބާކީ ގިނަ އަދަދަކަށް ގާ ހުރުމުން، އޭރުގެ އަތޮޅު އޮފީހުން (މިހާރުގެ ސިޓީ ކައުންސިލް)، އޭރު އެކަމާއި ބެހޭ މިނިސްޓަރު އުމަރު ޒާހިރު މެދުވެރިކޮށް ލިބޭގޮތް ވުމުންނެވެ. ވޯކްވޭތައް އުސްކުރުމަށް ބޭނުންވާ ފަސް ހަމަޖެހުނީ އޭރު ރަށުގައި ހުރި ޕަބްލިކް ވާކްސް ސައިޓް އޮފީހުގެ ވެރިޔާ މެދުވެރިކޮށެވެ. ބެލެނިވެރިންގެ އެހީތެރިކަމާއެކު މަސައްކަތަށް ބޭނުންވާ ސިމެންތި ހޯދުނެވެ.

ނަމަވެސް އެ މަސައްކަތަކީ ބޮޑު ބުރަ މަސައްކަތެއް ކަމުން އެކަމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ބޮޑެތި ދަރިވަރުން އަމަލީ ގޮތުން މަސައްކަތް ކުރަން ނިންމައި މަސައްކަތް ތާވަލް ކުރެވުނީ ބަންދު ދުވަހު ކުރާ ގޮތަށެވެ. އެގޮތުން ކުޑަވަރެއްގެ ބައެއްގައި މަސައްކަތް ކުރެވުނު ނަމަވެސް މާއެދެވޭ މިނެއްގައި މަސައްކަތް ކުރިޔަކަށް ނުދިޔައެވެ. އަދި ފަހުން ބެލެނިވެރިންގެ ތަރުހީބު ކުޑަވެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކޮށް މަސައްކަތް ކުރިޔަށް ގެންދިޔައީ މުދައްރިސުންނާއި މުވައްޒަފުންނެވެ. މި މަސައްކަތުގައި އިސް މޭސްތިރިއަކަށް ހުރީ އޭރުގެ ހިސާބު ޓީޗަރު އަހުމަދު ސައީދު – ދަޑިމަގު އުދައެވެ. އޭނާގެ ލަފަޔާއި އެއްގޮތަށް އަހަރެންވެސް ހުރީ އެ މަސައްކަތް އެއްކޮށް ނިމެންދެން އެކަމުގައި ވާން އޮތް ކޮންމެ ގުރުބާނީއެއް ވާން ނުކުމެއެވެ.

ޏ.އޭއީސީގައި ޕޭވްޑް ވޯކްވޭ ހެދުމުގެ ކުރިން

އޭރު ސްކޫލުގައި ހިމެނޭ މައި އިމާރާތްތަކަށް ދެވޭ ގޮތަށް ވޯކްވޭތައް ޑިޒައިންކޮށް އަމަލީ މަސައްކަތް ފަހުން ފެށީ ކިޔަވައިދިނުން ނިންމައި ހަވީރުގެ ކުޑަ ރެސްޓަކަށް ފަހު އިރު އޮއްސުމުންނެވެ. ޓީޗަރުންގެ ތެރެއިން ކަންކަމުގައި އަބަދުވެސް ހަރަކާތްތެރިވާ އެންމެން ހެން ބައިވެރިވެގެން މަސައްކަތް އަލުން ފެށީ ވަރަށް ވަރުގަދަ ޖޯޝާއި އަޒުމެއްގައި މަސައކަތް ނިމެންދެން ހިތްވަރު ކުރުމަށެވެ.

އެއްބަޔަކު ވޯކްވޭގެ މިންތައް ޖަހައި ދެފަރާތުން ފަތިގަނޑު ޖައްސައި ފަސްއަޅައި ފަސްގަނޑު ބާރުކޮށް، އެއްވަރު ކުރަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ދެފަރާތުގައި ގާތައް ޖައްސައި މަތީގެ ގާތައް އަތުރަމުންނެވެ. އެގޮތުން މަސައްކަތް ކުރިޔަށް ދާ ސްޕީޑް ލަސްކަމުން ފަހުން ގެނައި ބަދަލަކީ ކައިރީގައި ގާ ޖެއްސުން، ފަހުން ކުރާ ގޮތަށް ދޫކޮށްލައި މަތީގެ ބައިތައް ފުރަތަމަ ނިންމާށެވެ. އެގޮތުގައި ކޮންމެ ރެއަކުވެސް 10، 11 ޖަހަންދެން މަސައްކަތް ކޮށް ނިންމާލައި އަނެއް ދުވަހު މަސައްކަތް ފަށަނީ ކުރީ ދުވަހު ނިންމި ހިސާބުންނެވެ.

މި މަސައްކަތުގެ ކަންކަމަށް ސިމެންތި ގަށާ މެޝިނުގައި ހުންނަ މީހާއަށް ބުރަ ބޮޑުވާތީ އެކަމާއި ގިނަ މީހުން ދުރުވާން ފެށުމުން އަހަރެން އެކަމަށް ނުކުތީ އަލަށް އެފަދަ މެޝިނެއްގައި މަސައްކަތް ކުރަން ޖެހުނަސް ކުރެވޭނެކަމަށް ގަބޫލުކޮށްގެނެވެ. އަތަށްލައްވާ އަންގި ބޭނުންކުރި ނަމަވެސް ފުރަތަމަ ރެއަށްފަހު އަތުގައި ކޮންމެވެސް ވަރަކަށް ފޮޅުވެސް ނެގިއެވެ. ނަމަވެސް ދެވަނަ ދުވަހުވެސް މަސައްކަތުގައި ދުލެއް ނުދީ ދިޔައީ ކުރިއަށެވެ. އެގޮތުގައި އަހަރެންނެކޭ އެއްފަދައިން އެތައް ޓީޗަރުނަކާއި މުވައްޒަފުންގެ ހަކަތަ ހޭދަކުރިއެވެ.

ވޯކްވޭގެ މަސައްކަތަށް އެއްކޮށް ނިންމާލުމަށް މަހަކަށް ވުރެ ގިނަ ދުވަސް ނެގިއެވެ. އަދި އެ މަސައްކަތާއި ގުޅުވައިގެން، ފަހުން ޏ.އޭއީސީގެ ފުރަތަމަ ފެންއަރުވާ ވަޑާމެއް ވެސް ހެދިއެވެ. ފެންއަރުވާ ވަޑަމުގެ މަސައްކަތާއެކު 2 މަސް ދުވަސް ވަރު ހޭދަވެގެން ދިޔައެވެ. ވޯކްވޭގެ މަސަކަތްތައް އަހަރެމެން ކުރީ 2001 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ.

ޏޭއެއީސީގެ ގޯތިތެރެގައި ދަރިވަރުން – އެސެމްބްލީގަޑި- ވޯކްވޭތައް ދުރުން

އެއިގެ ފަހުން އެ ވޯކްވޭތަކަށް ބަދަލު އައިސްފައި ވެސް ހުރެދާނެއެވެ. އަދި ބައިތައް އިތުރުކުރެވިފައި ވެސް ހުރެދާނެއެވެ.

މިއަދު މީ އެއިގެ 21 އަހަރު ފަހެވެ. ޒަމާން ބަދަލުވެއްޖެއެވެ. އިތުރު އެއްވެސް ފައިސާގެ އިނާޔަތެއް ނެތި ހިލޭ ސާބަހަށް އެތައްބަޔަކަށް ކޮށްދެވުނު ބުރަ މަސައްކަތެކެވެ. މިއަދު އެފަދަ މަސައްކަތެއް ކުރާން ނުކުންނާނީ ކިތައް މުވައްޒަފުން ހެއްޔެވެ؟

އެމަސައްކަތުން ޏ.އޭއީސީ ގޯތިތެރޭގައި ބޮޑުވާ ފެންގަޑަކަށް ހައްލެއް ނުހޯދައެވެ. އެވޯކްވޭތަކުން އަހައްލު ހޯދީ ކްލާސްތަކަކަށް ދިއުމަށް މެދުވެރިވި ހުރަސް ތަކަކަށެވެ. އޭރުއްސުރެން އަދި އެއިގެ ކުރިންވެސް، ބޯކޮށް ވާރޭވެހޭ އިރަށް ޏ.އޭއިީސީ ގޯތިތެރޭގައި އަބަދުވެސް ފެން ބޮޑުވެއެވެ.

ޏ.އޭއީސީގެ ގޯތިތެރެއިން ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައކްތް 2022

މިއަދު (2022 ޑިސެމްބަރު) ގައި ފެނިގެން ދަނީ އެ ފެންބޮދުވުމަށް ހައްލު ހޯދުމުގެ ގޮތުން އެއްކަލަ ބުރަމަސައްކަތުން ހެދި ވޯކްވޭތައް ނަގާ އެއްލާލާ މަންޒަރެވެ. އެކަމާ ދެރަވާންވީ ސަބަބެއް ނެތެވެ. އެއަށްވުރެ ފުރިހަމަ ހައްލެއް ގެނެސްދޭން ކުރެވޭ މަސައްކަތެއް ކަމުގައި ދެކެމެވެ. ނަމަވެސް ދެރަވަނީ އަމިއްލަ އަތުން ކުރި ބުރަމަސަކަތް ލޯމަތިން އެއްކޮށް ގެއްލިގެންދާ ތަން ފެނުމުންނެވެ. ހިތްބަރު ނުކުރަމެވެ. އެއީ ދުނިޔޭގެ އާދަކަމުގައި ބަލައިގަންނަމެވެ.

ނޯޓް:އަޅުގަނޑުގެ މިލިޔުމަކީ މީގެ 21 އހަރު ކުރީގައި ކުރި މަސައްކަތްތައް ހަނދާނަށް ގެނެސްގެން ލިޔުނު ލިއުމަކަށްވާތީ މީއީ އެންމެ ފުރިހަމަ ލިޔުމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް މިލިމުގައި ކުށްހިމެނޭނަމަ އަންގައި ދިނުން އެދެމެވެ. މިލިޔުމަށް މައުލޫމާތު ދެއްވީތީ މި މަސައްކަތުގައި އިސްކޮށް އުޅުއްވި އަހުމަދު ސައީދު -އުދަ އަށް ޝުކުރު ދަންނަވަމެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments