A wide advertisement which will be shown on all devices. (700 x 100)

80*80 ގެ މުންޑެކޭ ބުނީމަ ހިތައް އަރަނީ ކީކޭ ބާ؟

ކުރީގައި ދިވެހި ފިރިހެންުން އަނދެ އުޅުނު މުންޑު

80*80 ގެ މުންޑެކޭ ބުނީމަ ހިތައް އަރަނީ ކީކޭ ބާ؟، މިސުވާލަށް ޖަވަބު ދޭން ވިސްނާއިރު އެންމެ ފުރަތަމަ ވެސް ހިތައް އަރަނީ އެއީ އެންމެ މޮޅު މުންޑު ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ މޮޅު މުންޑު ނޫންކަން އެނގުނީ ދާދި ފަހުންނެވެ. މުންޑު ލަނީއެއް ނޫނެވެ. މުުންޑު އަންނަނީ އެވެ.

މުންޑަކީ ކުރީގައި ރާއްޖޭގައި ފިރިހެނުން އުނަގަނޑުން ތިރީގައި އަނދެ އުޅުނު ފޭރާމެވެ. ނުވަތަ ހެދުމުގެ ތިރީބައެވެ. އެދުވަސްވަރު ގައިގެ މެދު ހަށީގައި ނުވަތަ މަތީބައިގައި އާއްމުކޮށް އެއްޗެހި ލައި ނުއުޅޭ ކަމަށް ވެއެވެ. ވުމާއެކު އުނު އޮރިޔާން ހިޔާކުރުމަށް އެއް ދުވަސްވަރެއްގައި ދިވެހި ފިރިހެނުން ބޭނުންކުރީ ހަމައެކަނި މުންޑު ކަމުގައިވެސް ބުނެވިދާނެއެވެ. އެއީ ގައިގައި އިތުރަށް ލާނެ ފޮތިކޮޅެއް ނުލިބޭތީ ނުވަތަ ލިބުމަށް ދަތިވާތީ ކަމަށް ވެއެވެ. އެއިގެ ފަހުން މުންޑާއި އެކު ގައިގެ މަތީބައިގައި ‘ގަންޖުފަރާސް’ އާއި ކޮނޑުކެނޑި އާއި ޓީޝާޓު އަދި ގަމީސް  ބޭނުން ކުރަން ފެށިއެވެ. ނަމަވެސް މިލިޔުމުގައި ބަލާލަން މިއުޅޭނީ ދިވެހި މުންޑާއި ބެހޭ ގޮތުންނެވެ.

ކުރީގައި ދިވެހިން އަނދެއުޅުނު މުންޑު

އެއީ 1970ގެ ފަހު ކޮޅާއި 1980ގެ ކުރީ ކޮޅުގެ ދުވަސްވަރެވެ. އަހަރެމެން ކުޑައިރު ފުވައްމުލަކުގައި މުންޑު އަނދެފައި މަތިން އިތުރު އެއްޗެއް ނުލާ އުޅުނު ފިރިހެނުން ވަރަށް މަދެވެ. އެގޮތުން ހޯދަޑު އަވަށުގެ “ގަމީސް ނުލާ މުހައްމަދު” ފާހަގަ ކުރެވެއެވެ. އޭނާ ވެސް ފަހުން ޓީޝާޓާއި ގަމީސް ވެސް ލިއެވެ. އެކަމަކު ފައިވާނަށް އެރިކަމެއް އެނގިފައެއް ނުވެއެވެ.

މީހުން ބުނާ އަޑު އިވިފައި ވަނީ 80*80ގެ މުންޑޭ ބުނީމަ އެދުވަސްވަރު އެއީ އެންމެ މޮޅު މުންޑު ކަމަށް ގަބޫލުކުރެވޭ ކަމަށް ވެއެވެ. އަދި އެއިގެ ތެރެއިން ވެސް ޑިޒައިނުން ގޮޅި ބޮޑުކޮށް ހުންނަ ހުދު މުންޑަކީ ދެން މާ މަޝްހޫރު މޮޅު މުންޑެކެވެ. އެދުވަސްވަރު ފުޓުބޯޅަ ކުޅޭއިރު މޮޅު މީހަކަށް ބަލާ އެއްކަމަކީ ބާރަށް މައްޗަށް ބޯޅަ ޖެހުމެވެ. އަދި އެގޮތަށް މައްޗަށް މީހަކު ބާރު ބޯޅައެއް ޖަހައިފިއްޔާ އިނާމަކަށް 80*80ގެ ގޮޅި ބޮޑު ހުދު މުންޑެއް ދޭ ކަމަށް ބުނާ އަޑު ވެސް އިވިފައި ވެއެވެ. ނަމަވެސް އެގޮތުން އިނާމު ދިންތަން ނުއެއް ދެކެމެވެ. އެކަމަކު ދަނޑުގައި ކުޅެން ތިބޭ މީހުން “ބޮޑު ބޯޅަ” އެއް ނުވަތަ ބާރަށް މައްޗަށް ބޯޅައެއް ޖަހައިފިއްޔާ ދަނޑުގެ ބޭރުން ކުޅިބަލަން ތިބޭ މީހުން އޭނާއަށް ގޮޅި ބޮޑު 80*80ގެ މުންޑެއް ލިބޭ ވަރު ވާކަމަށް ބުނާ އަޑުއިވިފައި ވެއެވެ. އަދި ފަހުން އެގޮތަށް ބޯޅަ ޖަހާ މީހުންނަށް މަލާމާތެއްގެ ގޮތުން ވެސް 80*80ގެ މުންޑެއް ލިބޭނެޔޭ ވެސް ކިޔައި އުޅުނެވެ.

80*80ގެ މާނަ

80*80ގެ މާނަ އަކީ މުންޑު ފޮތިގަނޑުގެ 1 އިންޗި 1 އިންޗީގެ ގޮޅިއެއް (އަކައެއް)ގައި މަތިން ތިރިއަށް އަދި އަރި ހުރަހަށް އުއި ފުރާފާއި ހުންނަ އަދަދެވެ. 80*80 ގެ މާނަައަކީ މަތިން ތިރައިއަށް އަށާއި އަރި ހުރަހަށް، ފަރާތަކުން 80 އުއިފަށް އެއް އިންޗީގެ ގޮޅީގައި ހުރުމެވެ. އިގިރޭސިން މިއަށް ކިޔަނީ ‘ތްރެޑްކައުންޓް’ އެވެ. އެގޮތަށް އުއި ގިނައިން ހުރުމުން އެ ފޮތިގަނޑެއްގައި ރޮދިފަށްތައް ކައިރިވެ އޮމާންކޮށް ހުރެއެވެ. އެދުވަސްވަރުގައި ފޮތީގެ ކޮލިޓީ ކިޔުމުގައި މިއީ ބޭނުންކޮށް އުޅުނު މިންގަޑެކެވެ. ވުމާއެކު 80*80 އެއީ މޮޅު މުންޑެކޭ ބުނުމަށް ބުނެ އުޅެ ބަހެކެވެ.

އެ އުސޫލުން މުންޑުގެ ކޮލިޓީ ލިޔެފައިވާ ކަމަށް އެނގިފައި ވަނީ:

100*100

80*80

60*60

60*40

40*40 އެވެ.

ނަމަވެސް ފޮތީގެ އަސްލު ކޮލީޓީ ބިނާވާ އެންމެ މުހިންމު އެއްބަޔަކީ ފޮތިވިޔެފައި ހުންނަ އުއިގެ ކޮލީޓީއަށެވެ. އުއި މޮޅުވެ ތްރެޑްކައުންޓް ގިނަވުމުން އަދި ކޮލިޓީ މާ މޮޅުވާނެއެވެ.

ކުރީގައި ދިވެހި ފިރިހެންުން އަނދެ އުޅުނު މުންޑު-

މީގެ އިތުރުން ވެސް މުންޑު އުފައްދާ ގައުމު ނުވަތަ ފަރާތަކީ ވެސް މަޝްހޫރުވެފައިވާ އެއްބައެވެ. އެގޮތުން ‘މައުލާނާ’ މަރުކާ އަކީ ރާއްޖެގައި އެންމެ މަޝްހޫރު މުންޑުގެ ބްރޭންޑެވެ. އެންމެ ދެރަ ބްރޭންޑަކީ ‘ބަރުމާ ޕީސް’ މުންޑު ކަމަށް ވެއެވެ. ބަރުމާ ޕީސް މުންޑު ފޮތި ހުންނަނީ ވަރަށް ރާޅުކޮށް ގިނަފަހަރާ އެއް ކުލައަކުން އުއި މަދުކޮށެވެ. އެގޮތުން ހުދުކުލަ އާއި، ފެހި ކުލަ އާއި ކަޑިކުލައި (މުށިރަތް)ގެ މުންޑު ހުރެއެވެ. ޑިޒައިން އިން ގޮޅި ނަގާފައެއް ނުހުރެއެވެ. ނަމަވެސް މައުލާނާ މުންޑުތަކުގައި ހުންނަނީ ޑިޒައިނުން އެކި މިނަށް ގޮޅި ހަދާފައެވެ.

މުންޑު އަނދެއުޅުނީ އެއިގެ ‘ކޮޅުމަތި’ (މުންޑުގެ މެދުތެރޭ އެހެން ކުލައެއްގެ އުއިން މަތިން ތިރިތަށް ހަދާފައި ހުންނަ ބައި) ފަހަތުން މެދަށް ނުވަތަ ކުރިމަތިން މެދަށް ވާގޮތަށެވެ. ނަމަވެސް ބައެއް މީހުން މުންޑުއަނދެފައި ހުންނައިރު ކޮޅުމަތި އަރިމައްޗަށް ވެސް ހުރެއެވެ.

އުނަގަނޑުގައި މުންޑު ހަރުކުރުމަށް ކިރޭލިގަނޑަކުން އައްސައިގެން ހިފަހައްޓައެވެ. ކިރޭލިގަނޑަށް ރަސްމީބަހުން ކިޔަނީ ‘ސޯރު ފޮތިކޮޅު’ އެވެ. މުންޑުގެ މަތީ ކޮޅު އޮންނަނީ ކިރޭލިގަނޑު ނިވާވާ ގޮތަށް ތިރިއަށް އޮޅާލާފައ ނުވަތަ ދޫކޮށްލާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !