A wide advertisement which will be shown on all devices. (700 x 100)

މާސް ކޮލަމް: މިވަގުތަށް މުހިންމީ ފވމ ސިޓީއަށް އަރާ މީހުން މޮނިޓަރ ކުރުން

އައިލޭންޑް ސަފާރީ 1، ފުވައްމުލައް ސިޓީ ބޭރުގައި އޮއްވައި ނެގި 2 ސާމަލް ކޮވިޑް19 އަށް ޕޮޒިޓިވްވި

ފާއިތުވި ދެތިން ދުވަަކީ ފުވައްމުލައް ސިޓީގައި ތަފާތު ގިނަ ގޮތްގޮތަށް ވާހަކަތައް ދެކެވި އެއްބަޔަކު އަނެއްބަޔަކު ކުށްވެރި ކުރުމުން ދިޔަ 3 ދުވަސްކަން ސޯޝަލް މީޑިއާއިން ފާހަގަ ވިއެވެ. އެގޮތުން ރަށުން ބޭރުން މީހުން ރަށަށް އެރުން ހުއްޓުވަން ޖެހޭ ކަމާއި ޚާއްސަކޮށް ޓުއަރިސްޓުން ރަށަށް އެރުން މަނާ ކުރަން ޖެހޭ ކަމުގެ ވާހަކަތަކެވެ. ސިޓީ ކައުންސިލުން ކުކުރަންޏާ ރައްޔިތުން ނުކުމެ އަމިއްލައަށް ވެސް ކުރަން ޖެހޭ ކަމަށްބުނެ ދެއްކި ވާހަކަތަކެވެ.

މީޑިއާތަކުން ފާހަގަ ކުރެވުނު ގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށުން އައީ އަމިއްލަ އަމިއްލައަށް އެރަށްރަށަށް މީހުން/ފަތުރުވެރިން އެރުން މާނާ ކުރަމުންނެވެ. އެގޮތުން ފުވައްލައް ސިޓީ ކައުންސިލުން ވެސް 13 މާރިޗުގައި ވަނީ ފުވައްމުލައް ސިޓީ ބަނދަރަށް ފަތުރުވެރިން ގޮވައިގެން އަންނަ އުޅަނދުތައް ވަނުން މަނާކޮށްފައި ވެއެވެ.

ނަމަވެސް ގާނުނާއި އެއްގޮތަށް މިވަގުތު އިއުލާން ކުރެވިފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ދުވަސްވަރު އެފަދަ ބާރުތައް ލިބިގެންދަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެކަންޏެވެ. އެއާއެކު 14 މާރިޗު 2020 ގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ޓްވަރިސްޓުން އެރުމާއި ރަށްރަށުން ރިޒޯޓުތަކަށް މީހުން ދިއުން 14 ދުވަހަށް މަނާ ކޮށްފައި ވެއެވެ.

އެކަމަކު މި ނިންމެވުމުގައި ސަފާރީތަކުން މީހުން ރަށްރަށަށް އަރާ ފޭބުން މަނާކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން ހުއްޓުވުމަށް ރަށްރަށު ކައުންސިލްތަކުން ނެރެފައިވާ އަމުރުތައް ލޯކަލްގަވަރމެންޓް އޮތޯރިޓިން ވަނީ ބާތިލުކޮށް އެގޮތަށް އަމުރު ނެރުމުގެ ބާރު ގާނޫން ނުލިބޭކަން ވަނީ އާއްމުކޮށް ހާމަކޮށްފައެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ 41 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގޮސް އައިސް ވުން ނުވަތަ ދަތުރުކުރުމާއި، ހުރުމަކީ ރާއްޖޭގައި އެވަގުތަކު ހުރި ކޮންމެ މީހަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. އެފަދަ އަސާސީ ހައްގެއް ހަނިކުރެވޭނީ ގާނޫނު އަސާސީއާއި ޚިލާފުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖުލީހުން ފާސްކުރާ ގާނޫނަކުން ކަނޑައެޅޭ މިންވަރަކަށް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން މިހާރު އިއުލާން ކުރެވިފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރު ކުރުން ހިފަހައްޓަންވީ މިންވަރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ ކަނޑައަޅުއްވާ ފައެވެ. އެބާރެއް ފުވައްމުލަކު ސިޓީ ކައުންސިލަށް އަދި ފުވައްމުލަކުގެ އެއްވެސް ރައްޔިތަކަށް ވެސް ގާނޫނީ ގޮތުން ލިބިގެނެއް ނުވެއެވެ. އަދި ފުވައްމުލަކު ސިޓީ ކޯވިޑް19 ޓާސްކް ފޯހަށް ވެސް ލިބިގެނެއް ނުވެއެވެ.

ކްރޯނާވައިރަސްގެ ކަންބޮޑުވުމުގެ ހާލަތުގައި ވެސް ގާނޫނާއި ޚިލާފަށް އެއްވެސް ބަޔަކަށް ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. ކަންކުރުމުގައި ވިސްނަން ޖެހެނީ އަމިއްލަ ފައިދާއަށް އަކަނި ނޫން ކަމަށާއި މުޅި މުޖުތަމިއުގެ ފައިދާއަށް ކަމަށް ގަބޫލުކުރަން ޖެހެއެވެ.

މިސާލެއްގެ ގޮތުން ބަލަމާ ހިނގާށެވެ. އައިލެންޑް ސަފާރީ 1 ރާއްޖެ އަައިސްފައި ވަނީ އުސޫލުތަކާއި އެއްގޮތަށް ކަމަށްވެފައި އެސަފާރީއަށް ވެސް ބޭނުވާ އަސާސީ ޚިދުމަތްތައް ވެސް އެހުރި ހިސާބަކުން ލިބޭނެ މަގުފަހިވެފައި އޮންނަން ޖެހެއެވެ. އެއަށް ބޭނުންވާ ކާބޯތަކެތި ހޯދޭނެ އިންތިޒާމެއް ވެސް ހަމަޖެހިފައި އޮންނަން ޖެހެއެވެ. އެއިގެތިބި މީހުންނަށް ބޭސްފަރުވާގެ ކަމަކަށް ބޭނުންވެއްޖެ ނަމަ އެކަންވެސް ކުރެވޭނެ މަގު ފަހިވެފައި އޮންނަންޖެހެއެވެ. މިފަދަ ކަންކަމަކީ އާއްމު ރައްޔިތުމީހާގެ ވިސްނުމުގައި ނުހުރެދާނެ ކަންތައްތަކެކެވެ.

ވުމާއެކު ފުވައްމުލައް ސިޓީގެ ބަނދަރުގައި ނުވަތަ ރަށު ބޭރުގައި އޮންނަ ސަފާރީއަކުން މީހުން ރަށް އަރާފޭބުން މަނާކުރުމުގެ ބާރު މިހާލަތުގައި އޮތް ފަރާތުން މަނާ ނުކުރާހާ ހިނދަކު ސިޓީ ކައުންސިލަށް އެކަން ހުއްޓުވުމުގައިި ކުރެވޭނެ ކަމެއް ނެތެވެ. އާއްމު ރައްޔިތުމީހާއަކަށް ވެސް ނުކުރެވޭނެއެވެ. ނަމަވެސް އެފަދަ އުޅަނދަކަށް ބޭނުންވާ ބޯފެނާއި ޚާބޯތެކެތި ފަދަ އަސާސީ ޚިދުމަތްތައް ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމުމުގެ އިޚުތިޔާރު ކޯވިޑް19 ޓާސްކް ފޯހަށް ނުވަތަ ފުވައްމުލައް ސިޓީ ކައުންސިލަށް އެބަ އޮތްކަމަށް ދެކެމެވެ.

އެކަމަކު ފުވައްމުލަކަށް އަރާފައިބާ މީހުން މޮނިޓަރކޮށް ބައްޔަށް ޝައްކުވާ އަދި ބަލީގެ ކޮންޓެކްޓް ޓްރޭސިން އަށްބަލައި ކަނޑައެޅިަފައިވާ ގޮތަށް، އެފަދަ މީހުން އެހެން މީހުނާއި ވަކިކުރުން ނުވަތަ އައިސޮލޭޝަން އަދި ކަރަންޓީނު ކުމުރުގެ އިޚުތިޔާރު ފުވައްމުލަކު ސިޓީ ކޯވިޑް19 ޓާސްކް ފޯހަށް ނުވަތަ ފުވައްމުލައް ސިޓީ ކައުންސިލަށް އެބަ އޮތްކަމަށް ދެކެމެވެ.

އައިލެންޑް ސަފާރީ ފުވައްމުލައް ސިޓީއަށް އައުމާއި އަދި ފުރައިގެން ދިއުމަށްފަހު 14 މާރިޗުގައި އަނބުރާ އައިސް ރަށުގެ ބޭރުގައި މަޑުކުރި ކުރުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ތަފުސީލީ ބަޔާނެއް ނެރެ ކަމުގެ ހަގީގީ މައުލޫމާތު އާއްމު ރައްޔިތުންނަށް އިއްޔެ ހިއްސާކޮށްފައި ވެއެވެ.

ޚިޔާލުތަފާތުވާ ކަމްކަމުގައި ކޮންމެ މީހަކުވެސް ގަދަބަސް ބުނުމަށްވުރެ ކަމުގެ ހުރިހާ ދިމާލަކުން ވިސްނައި އެކަމެއްގައި އެމީހަކު ދެކޭ އެންމެ ރަނގަޅު ގޮތް ހާމަކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެހާމަކުރާ ހާމަކުރުމަކުން އެމީހެއްގެ ފިކުރާއި ވިސްނުން އެހެން މީހުންނަށް މިނެކިރާ ވަޒަންކުރަން ފުރުސަތު ލިބެއެވެ.

ކްރޯނާބަލި އެއްވެސް މީހަކަށް ޖެހެން އަނެކަކު ނޭދޭނެއެވެ. އަދި އެކަމަށް މަގުފަހިވާ ގޮތަށްވެސް ކަންތައް ހިނގާކަށް ބޭނުމެއް ނުވާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅެން އޮތް މިންވަރަކަށް އަޅަން ވެސް ބޭނުންވާނެއެވެ. އެކަމަކު ވެސް ބަލިޖެހޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ނުދީ ދޫކޮށެއް ވެސް ނުލެވޭނެއެވެ. އެގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ބައްޔަށް ޝައްކުވި މީހުންގެ ސާމްޕަލް ނެގީވެސް ވެސް ފުވައްމުލައް ސިޓީގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންކަން އެނގެއެވެ. އެކަމަށް ޝުކުރުވެރިވާން ޖެހެއެވެ. ލިބިފަިއވާ މަދު ވަސީލަތްތަކާއެކު ވެސް ކުރަން ދިމާވާ މިފަދަ ކަންކަމާއި ކުރިމަތިލާން ޖެހުމުގެ ހިތްވަރުހުރިކަން ފުވައްމުލައް ސިޓީ އިން އެވަނީ ދައްކުވައި ދީފައެވެ. އެކަމަށް ފާޑުކިޔުމަށް ވުރެ ތައުރީފު ކުރުން ހައްގު ކަމަށް ދެކެމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !