A wide advertisement which will be shown on all devices. (700 x 100)

ސިއްރުން މިހިތާ ކުޅެލީ… 6

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު

ހަވަނަ ބައި

ޝީލާ މަޑު މަޑުން ކުކުރަމުން ޙަމްދާންއާ ވީފަރާތަށް އެނބުރުނީ ބޮލުގައި ދެއަތުން ހިފަހައްޓަމުންނެވެ. ޙަމްދާންއާ ވީފަރާތަށް އެނބުރުނު ޝިލާގެ ހުދުވެ ލޭކަން ކެނޑިފައިވާ މޫނަށް ޙަމްދާންއަށް ބަލަން އޮވެވުނީ ކަޅި ޖަހާނުލައެވެ. ހީވަނީ ބަލިވެ އުޅޭތާ ދެތިން މަސްވެފައިވާ މީހެއް ހެންނެވެ.

ޝީލާގެ މޫނަށް ބަލަން އޮވެވުނު ޙަމްދާންއަށް ފުންމައިގެން ތެދުވެ އެނދުގައި އިށީދެވިއްޖެއެވެ. އަދި ދެއަތުން ޝީލާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލެވުނެވެ.

“ކީއްވެ މިހާވަރަށް ބަލިވިއިރު ނުބުނީ!….. ބޮލުގައި ރިއްސަނީތަ! ހުން އައީތަ! ”

ހަމްދާން ހީވަނީ ޝީލާގެ ފަރާތުން އެއްވެސް ގޯސްކަމެއް ދުވަހަކު ނުފެންނަ މީހަކު ހެންނެވެ.

ދެންވެސް ޝީލާ ޖަވާބެއް ނުދެއެވެ. އެ ދެލޮލުން ޙަމްދާންއާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. އެންމެ ފަހުން ޝީލާގެ ދެލޮލުން ކަރުނަ ނީރާލުމުން ދެލޯ މަރައިލިއެވެ.

“އައިމް ސޮރީ! ……  ސޮރީ ފޯރ އެވްރީތިންގ!”

ޝީލާގެ އަޑު ޙަމްދާންއަށް މިފަދަ ގޮތަކަށް އިވުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މުޅިން އަލަށް ޝީލާ މަޢާފަށް އެދުމުން ޙަމްދާން އުފަލުން ވަރެއް ނެތެވެ. ޝީލާ ކުރިން އުޅުނު ހުރިހާ ގޮތެއް ހިތުން ފިލާ ޙަމްދާންއާ މެދު ދެރަކޮށް ކަންތައް ވެފައިވާ ހުރިހާ ފަހަރެއްގެ މަތިން ވެސް ހަނދާން ނެތުނެވެ. އަހަރެން ޝީލާދެކެ އަދިވެސް ވަރަށް ލޯބިވެޔޭ އެތައް ފަހަރަކު ބުންޏެވެ.

ޙަމްދާންގެ ވާހަކަ އަޑުއަހަން އޮތް ޝީލާ މަޑުމަޑުން ޙަމްދާންގެ ގައިގާ ބައްދައިލިއެވެ.

ޝީލާގެ ބީހުމެއްގެ އިންތިޒާރުގައި ނެތް މިފަދަ ވަގުތެއްގައި އެ ބީހިލުން ވެގެން ދިޔައީ ޙަމްދާން ހިތުގައި އުފެދެމުން އައި ހުރިހާ ޝަކުވާއެއް ދޮވެވިގެން ދިޔަ ކަމަކަށެވެ. އިރުކޮޅެއް ކުރިއާ ހަމައަށް އެ ހިތަކީ ޝީލާއަށްޓަކައި ހިލަ ހިތެކެވެ. އެހެންނަނަމަވެސް މިހާރު ޝީލާއަށްޓަކައި އެ ހިތުގައި އޮތް ލޯބި އަލުން އެ މިންވަރަށް ބޯހިއްލާލައިފިއެވެ.

ޙަމްދާންގެ ގައިގާ ބައްދާލައިގެން އެ ހަށިގަނޑުން ހޫނު ލިބިގަންނަމުން ދިޔަ ޝީލާ ކުޑަކޮށް އޭނަގެ މޫނު ޙަމްދާންއާ ދުރުކޮށްލިއެވެ.

” އަހަރެން ޕްރެގް! ހަ ހަފުތާ!”

ހަ ހަފުތާ ކަމަށް ޝީލާ އެބުނީ ޙަމްދާންއަށް އެއްކަމެއް ޔަގީން ކޮށްދޭން ވެގެންނެވެ.

ޝީލާ ބުނި އެއްޗެއް ޔަގީން ނުވެގެން ދެވަނަ ފަހަރަކު ވެސް ޙަމްދާން އެހިއެވެ. މި ލިބުނު ޚަބަރަކީ އެ ޚަބަރެއް އަޑު އަހަން ޙަމްދާން އިންތިޒާރުކުރާތާ އެތައް ދުވަހެއް ވެފައިވާ ޚަބަރެކެވެ. ބައްޕައަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖެހިގެން އަންނަ ވަގުތަކީ ކިހާ ހިތްގައިމު ކިހާ އުފާވެރި އިޙުސާސްތަކެއް ކުރެވޭ ވަގުތެއްކަން އެނގޭނީ އެ ފަދަ ހުވަފެން ދެކޭ މީހުންނަށެވެ.

ޙަމްދާންއަށް ލިބުނު އުފަލުގެ މިންވަރު އެނގުނީ ޙަމްދާން ޝީލާ ގަޔާލާ ބޮނޑިކޮށްލަމުން ޝީލާގެ ހަށިގަނޑުގެ އެކި ތަންތާ ބޮސްދިން ގޮތުންނެވެ. އެމޫނުމަތިން މީން ދުވަހަކު ވެސް ނުފެންނަ އުޖާލާކަމާ ހިތްހަމަ ޖެހުމުގެ އަސަރު ފެނުނު ވަރުންނެވެ. އެތައްފަހަރަކު ހެއްދެވި ފަރާތަށާ ޝީލާއަށް ޝުކުރު އަދާކުރި ގޮތުންނެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި މިހަކީ ޙަމްދާން ފަދައެވެ. ކައިރި މާޒީގައި އެ ހިތުގައި ހިނގި ހަނގުރާމައިގެ އެއްވެސް ހިލަމެއް ވިޔަސް މިހާރަކު ނެތެވެ. ދުނިޔެއަކީ ހާދަ އެހެންކަހަލަ ތަނެކެވެ. އިންސާނުންނަކީ ހާދަ އަވަހަކަށް ހަނދާން ނެތޭ ބައެކެވެ. ހިތާމައެއް ލިބޭ ވަގުތު އުފަލެވެ. އުފަލެއް ލިބޭ ވަގުތު ހިތާމައެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ތާރީޚުން ގަނޑުތައް ފަހަށް އުކެމުން ދެއެވެ. ޝީލާގެ ބަނޑުގައި އުފެދެމުން ބޮޑުވަމުންދިޔަ ތުއްތު ފުރާނަ ދުނިޔެއަށް ޖެހޭ ވަޔަކަށް ކަނޑުގައި ހިނގާ އޮޔަކަށް ބެލުމެއް ނެތި އުފެދި ބޮޑުވަމުން ދިޔައެވެ. ތަޤުދީރު އެ ތުއްތު ފުރާނަ ދުނިޔެއަށް ނެވާލުމަށް މިންވަރު ކުރެއްވި ވަގުތު އައިސް ޖެހުމުން ލަހެއް ފަހެއް ނެތި މި ދުނިޔެއަށް ނޭވާ ލިއެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ޙަމްދާން ބޭނުންވީ ވެސް ފުރަތަމަ ފިރިހެން ކުއްޖެކެވެ.

ރޭވިފައިވާ ގޮތަށް ކަންތައް ދިޔަނަމަ ޝީލާ އާއި ޙަމްދާން ނިންމައިގެން ތިބީ ވިހަން މާލެ ދާގޮތަށެވެ. މަންމަޔާ ވާހަކަ ދައްކައިގެން ޙަމްދާން ހުރީ ހުރިހާ ތައްޔާރެއް ވެ ނިންމައިގެންނެވެ. އެހެންނަމަވެސް ދުވަސް ނުފުރާ ޝީލާ ވިހެއީއެވެ.

ދުވަސް ނުފުރާ ވިހެއި ކަމުގައި ވިޔަސް ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތުމުން މާލެ ނުގޮސް މަޑު ކުރީއެވެ.

ޝީލާގެ އުޅުމަށް އަނެއްކާ ވެސް ބަދަލުއަންނަކަން ޙަމްދާންއަށް ފާހަގަ ކުރެވުނީ ވިހެއުމުގެ ޗުއްޓީގެ ހަމަސް ވެސް ނުނިމެނީހެވެ.

ފުރަތަމަ ދިމާވި މައްސަލައަކީ ދަރިފުޅަށް ބުއް ދިނުމުގެ މައްސަލައެވެ. ދަރިފުޅަށް ފަސްމަސް ވުމުން ޝީލާ ބޭނުންވީ ދަރިފުޅަށް ބުއްފުޅި ދޭށެވެ. ގާތުން ދޭން ބޭނުންވީ ހަމައެކަނި ރޭގަނޑެވެ. އުޒުރަކީ ވަޒީފާއެވެ. މުސާރަ ނުލިބޭ ޗުއްޓީ ނަގަން ޙަމްދާން ޝީލާ ގާތު ބުނީ ދެއަހަރު ނުވަތަ އެންމެ މަދަސް ދޮޅުއަހަރު ދަރިފުޅަށް ގާތުން ދޭން ޙަމްދާން ބޭނުންވާތީއެވެ. އެހެންނަމަވެސް ޝީލާ އެކަމަކާ އެއްބަހެއް ނުވިއެވެ. އެ ހިސާބުން އަނެއްކާ ވެސް ޙަމްދާން ދޫކޮށްލީއެވެ. ޝީލާއަށް ވިސްނައިދޭނެ އެއްވެސް ގޮތެއް ޙަމްދާންގެ ސިކުނޑިއަކަށް ނައެވެ.

ދިރާސީ އަހަރު ނިމި ސްކޫލްތައް ބަންދުވުމުން ޙަމްދާން ބޭނުންވީ ޝީލާއާ ދަރިފުޅު ވެސް ގޮވައިގެން މާލެ ދިއުމަށެވެ. މަންމަމެން ދަރިފުޅު ދެކެން ބޭނުންވާތީ ޗުއްޓީ ނިމެންދެން މާލޭގައި މަޑުކުރާށެވެ. ޙަމްދާން ބޭނުންވާ ގޮތަށް ކަންތައްތައް ފަހި ވެއްޖެއްޔާ އެއްކޮށް މާލޭގައި މަޑު ކުރަން ނިންމާފައި އޮތަސް އެ ވާހަކަ ޝީލާއަކާ ޙިއްސާއެއް ނުކުރެއެވެ. ވަގުތު ޖެހުމުން ބުނަން މަޑުކުރީއެވެ.

“އެންމެނަށް ޓިކެޓް ނަގައިގެން މިއައީ! ބުދަ ދުވަހު ފްލައިޓް އޮތީ!”

ޙަމްދާން ބުނި އެއްޗަކުން ޝީލާއަށް ހުއްޓުން އެރިއެވެ.

“ކޮންތާކަށް ދާން!”

ޝީލާގެ ޖަވާބު އައި ގޮތުން ހީވީ އެއީ އެއްވެސް ވަރަކަށް ޝީލާއަށް އެނގިފައި ނެތް ކަމެއް ހެންނެވެ.

“މާލެ ދާކަށްނު! އަހަރެން ބުނީމެއްނު މަންމަމެން ބޭބީ ދެކޭހިތުން ގޮވައިގެން އަންނަން އެބަ ކިޔައޭ!”

ޙަމްދާން ވާހަކަ ދެއްކީ ޝީލާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ.

“އަހަރެން މަޑުކުރާނީ! ޗުއްޓީގައި އެއްވެސް ތާކަށް ދާހިތެއް ނެތް!”

ފަރުވާ ކުޑަ ރާގަކަށް ޝީލާ ނިންމި ގޮތް އިއްވިއެވެ.

“ޝީލާ!”

ލާމަށް ދަމާލަމުން ޙަމްދާން ގޮވައިލިއެވެ.

“ދާހިތް ނުވިއަސް ……. އެއީ އަހަރެން  ގެ މައިންބަފައިންނޭ! އަހަރެންގެ ޢާއިލާއޭ!”

އިރުކޮޅަކަށް ހުއްޓާލުމަށްފަހު އަނެއްކާ ވެސް ޝީލާ އަނގައިން ނުބުނުމުން ޙަމްދާން ކުރިއަށް ގެންދިއައެވެ.

“ދުރުހިލޭ ބައެއްގެ ގާތަކަށްނޫނޭ އަހަރެން ތި ދެމައިން ގޮވައިގެން ދާން މިއުޅެނީ! މަންމަމެން ވަރަށް ދެރަވާނެ ބޭބީއާ ނުލާ އަހަރެން ގޮއްސިއްޔާ! ހިނގާ ގޮސްލާފަ އަންނަން! ޝީލާ ބޭނުން ދުވަހަކުން ރަށަށް ފޮނުވައިދޭނަން ! އޯކޭނު! ވަރިހަމަ ކިތަންމެ އަވަހަކަށް ވިޔަސް!”

ޙަމްދާން ހިތްހަމަ ނުޖެހުނަސް އެކަން ފާޅު ނުކޮށް ބުއްދި އިސްކުރީ އެ ނޫން ގޮތެއް ނެތުމުންނެވެ. ބުނެވޭ އެންމެ ބަހަކުން ވެސް ޝީލާ ގަދަކޮށްލާނެއެވެ.

އެރޭވެސް ޖެހިގެން އައި ދުވަހުވެސް ޙަމްދާން ޝިލާއަށް އެތައް އާދޭހެއް ކުރަން ޖެހުނެވެ. ޙަމްދާންއަށް ނުވިސްނުނީ ޝީލާ މާލެ ދާން ނުލާހިކު ވަރު ހުންނަ މީހަކު ޙަމްދާން މިހާވަރަށް ކިޔާއިރު ވެސް މި ފަހަރު މާލެ ދާން އެއްބަސް ނުވާތީއެވެ. އެންމެ ފަހުން ޝީލާ އެއްބަސްވީ އެ ދޭތެރެއަށް ޝީލާގެ މަންމަ ވަދެގެންނެވެ.

ރަށުން ފުރައިގެން އަތޮޅުގެ އެއަރޕޯޓް އޮންނަ ރަށަށް ދާން ޖެހެނީ ލޯންޗުގައެވެ. ޙަމްދާންއާ ޝީލާ ދަރިފުޅު ގޮވައިގެން މާލެ ދިއުމަށްޓަކައި އެއަރޕޯޓަށް ދާން ރަށު ލޯންޗުގައި ފުރީ ރަށު ސްކޫލްގައި ވަޒީފާ އަދާ ކުރާ ބޭރު ޓީޗަރުންގެ ދެމީހުންނާ ވެސް އެކުގައެވެ. އެއީ ރަށުން ނުފުރާ ބާކީ ތިބި ދެމީހުންނެވެ. އޭގެ ދެ ދުވަސް ކުރިން ދެން ތިބި މީހުން ފުރައިގެން ހިނގައްޖެއެވެ.

ލޯންޗް އެއަރޕޯޓް އޮންނަ ރަށަށް ކައިރި ކުރީ ޗެކިންގ ފެށޭ ގަޑިއަށެވެ. ކަނޑު ގަދަ ދުވަހަކަށް ވާތީ އެމީހުންނަށް ރަށަށް ލެފުނު އިރު ޗެކިން ކުރިއަށް ދަނީއެވެ. ބައެއް މީހުން އޭރު ޗެކިން ނިމިގެން އެތެރެއަށް ވެސް ވަދެއްޖެއެވެ.

ޗެކިން ނިންމާލާފައި ޙަމްދާން އުޅުނީ ދަރިފުޅު ހޫދުއަށް ކާންދޭން ޝީލާ އުޅޭތީ ޝީލާއަށް އެހީވުމުގައެވެ. މާލެ ގޮސް ކާންދޭން މަޑުކޮށްފިއްޔާ މާލަސްވެދާނެތީއެވެ.

ކުއްލިއަކަށް ޝީލާގެ ފޯނަށް މެސެޖެއް އައި އަޑަށް ދަބަހުން ފޯނު ނަގަމުން ޝީލާ ހިނގައިގަތީ ދުރަށެވެ. ހޫދު ޙަމްދާންގެ އުނގުގައި ބައިންދާފައެވެ. ފާޚާނާއަކަށް ގޮސްލާފަ އެބައަންނަމޭ ބުނަމުން ޝީލާ ހިނގައިގަތީ އެ ދިމާއަށެވެ.

ފުރާގަޑި ޖެހުމުން އެންމެންތައް ބޯޓަށް އެރި އިރު އެންމެ ފަހުން އެރުނު ބަޔަކީ ޙަމްދާން މެންނެވެ. މިއީ އަށް މަހުގެ ހޫދު ފްލައިޓަކުން ދަތުރު ކުރާ ފުރަތަމަ ފަހަރު ކަމުން ފަހަރެއްގައި ބިރުން ރޮއެފާނެތީ ޙަމްދާން އިނީ ވަރަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް ޙޫދުއަށް ދަތުރުކުރުން ވީމަޖާ ކަމަކަށެވެ.

ފްލައިޓް ޖެއްސުމުން ހުރިހާ ދަތުރުވެރިން އަވަސްވެގަތީ ބޯޓުން ފައިބާ ފޮށިތަންމަތި އެއްކުރުމަށެވެ. ޝީލާ ދިޔައީ ހޫދު ގޮވައިގެން ފާޚާނާއަށެވެ.

ތަންކޮޅެއް ދުރުގައި ހުރި ފާޚާނާއާ ދިމާއަށް ޝީލާ ހިނގަމުން ދިޔައިރު ޝީލާގެ ފަހަތުން އެހެންމީހަކު ވެސް ދިޔައެވެ. ވައްތަރީ ޝީލާގެ ބޯކޮޅު ބަލަމުން ދިޔަ މީހަކާއެވެ. އެއީ ސޫރަޖުއެވެ. އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެއްފަހަރާ އެތައް ފްލައިޓެއްގެ ޙަރަކާތް ކުރިއަށް ދާނެއެވެ. އެހެންކަމުން ފާޚާނާގެ ދޮރުމަތީ ކިޔޫ ދެމިފައި އޮތެވެ. ކިޔު ދިގުކަމުން އަންހެން ފާޚާނާބަރީގެ ކިޔުއާ ތަންކޮޅެއް ދުރުގައި ޝީލާ މަޑުކުރުމުން ސޫރަޖު ވެސް ޝީލާ ގާތު މަޑުކޮށްލިއެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައީ ވަށައިގެންވާ މީހުންގެ މޫނުމައްޗަށް ބަލަމުންނެވެ. ނަސީބު ތަންދިންގޮތުން ޝީލާމެންނާ އެއް ފްލައިޓަކުން އައި އެއްވެސް މީހަކު އެ ވަގުތު އެއިން ހިސާބަކަށް ނާދެއެވެ.

ގެނައި ސާމާން ބެލްޓްމަތިން ނަގައިގެން ޝީލާގެ އިންތިޒާރުގައި ޙަމްދާން ގޮނޑިއެއްގައި ޖައްސައިލިއެވެ. ދެންވެސް ޝީލާ ނައިސްގެން އެންމެ ފަހުން ފޯނުނަގައި ގުޅަން ތައްޔަރުވިތަނާ ޝީލާ ދުރުން ދައްކައިލިއެވެ. ދަރިފުޅު އުރާލައިގެން ޝީލާ އަންނަތަން ފެނުމުން ޙަމްދާން ވެސް ޓްރޮލީ ދަމަމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

އަމިއްލަ ފަސްގަނޑަށް އާދެވުމުން ޙަމްދާންގެ އާއިލާ މީހުންނާ ވަރަށް ގިނަ ރައްޓެހިން ޙަމްދާންގެ ދަރިފުޅު ދެކެން އައެވެ. އެއިން އެއްވެސް މީހަކާ ބައްދަލު ކުރަން ޝީލާ ބޭނުމެއް ނުވެއެވެ. ވަރަށް ކިޔައިގެން ނޫނީ ޙަމްދާންގެ އެއްބަނޑު ކުއްޖަކާ ވެސް ވާހަކަ ދައްކާލާ ހަދާލަން ކޮޓަރިން ބޭރަށް ނުކުތުން ޝީލާއަށް އޮންނަނީ ނުވެފައެވެ. ރައްޓެއްސަކު ނުވަތަ ޢާއިލާ މީހެއްގެ ގެއަށް ދާން ދަޢުވަތެއް ލިބުނަސް އެތަނަކަށް ދާނީ ހޫދު ގޮވައިގެން ޙަމްދާންއެވެ. ޝީލާ އޮންނާނީ ކޮޓަރީގައެވެ. ޝީލާގެ މި އުޅުން ކިތަންމެ ކަމު ނުދިއަޔަސް ޙަމްދާންގެ މަންމަ ދުވަހަކުވެސް އެކަމާ އެއްވެސް އެއްޗެއް ޙަމްދާން ގާތަކު ނުބުނެއެވެ. ޚުދު ޙަމްދާން ހުންނަނީ އެކަމާ ލަދުންކަން ޙަމްދާން މަންމައަށް އެނގޭތީއެވެ.

މާލެ އައިތާ ދެ ހަފުތާއެއްހާ ދުވަސް ފަހެވެ. ހޫދު ގޮވައިގެން ޙަމްދާން ނިކުތީ ހަވީރުގަޑީގައި ދުއްވާލަން ދިއުމަށެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !