މިދުވަސްކޮޅު ފުވައްމުލައް ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ބޯކޮށް ވާރޭވެހި ފެން ބޮޑުވާން ފެށުމާއެކު ފެން ބޭރުކުރުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރަން ފެށީ ޕަމްޕް ބޭނުންކޮށްގެންނެވެ.
މިއަދު ހެނދުނުއްސުރެން ފެށިގެން ހަވީރާ ހަމަޔަށް ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. ރަށުތެރޭގައި ފެންގަނޑު ބޮޑުވިޔަ ނުދިނުމަށް ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކުގައި މިހާރު ބޭނުންކުރާ 3 އާރުގެ ތެރެއިން ބޮޑު ޕަމްޕާއި ހޮޅި ބޭނުންކޮށްގެން ފެން ބޭރުކުރަން ފަށާފައެވެ. އަދި ރަށުގެ 3 އާރުގައި ބޭނުންކުރި ޕަމްޕުތަކުގެ އިތުރުން ރަށުތެރޭގެ އެކި ސަރހައްދުތަކުގައި އިތުރު 4 ޕަމްޕް ބޭނުންކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކަނީ. ފޮޓޯ: އަލީ ދީދީ
މީގެ ކުރިން ރަށުގައި ފެންބޮޑުވުމުން ފެން ހިންދަނީ އާރުތަކުން ފެން ބޭރުކޮށްގެންނެވެ. އެގޮތޮން ފެން ހިންދުމަށް 2-3 ދުވަސް ވަރު ހޭދަވެއެވެ. ނަމަވެސް މިފަހަރު ފުވައްމުލައް ސިޓީ ކައުންސިލުން އާރުތައް ހުޅުވުމުގެ ބަދަލުގައި ފެން ބޭރުކުރުމަށް ބޭނުންކުރަމުން ދަނީ ބޮދެތި ޕަމްޕުތަކެކެވެ. މިއީ ރަށުން ފެން ހިންދުމަށް ޚާއްސަކޮށްގެން ހޯދާފައިވާ ޕަމްޕު ތަކެއް ކަމަށް މައުލޫތު ލިބެއެވެ.
މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ޑެޕީއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ ރަށުން ފެން ބޭރުކުރުމަށް އާރު (ކާނު) ތަކަށްވުރެ ޕަމްޕު ސިސްޓަމް މާ ކާމިޔާބު ކަމަށެވެ. އެކަން މިއަދު ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެ ކަމަށެވެ. މިއަދު ފެން ބޮޑުވުމުގެ ސަބަބުން މަގުތަކުން އެއްޗެހި ދުއްވުމަށާއި މީހުން ހިނގާބިގާވެ އުޅުމަށް، މީގެ ކުރިން ފެންބޮޑުވާއި އިރު ވާ އުނދަގުލެއް ނުވާނެ ކަމަށެވެ. އެއީ މިހާރު ބޭނުން ކުރަމުން ދާ ޕަމްމުތަކުން ފެން ގަނޑު މާ އަވަހަށް ބޭރުކޮށް ދޭތީ ކަމަށެވެ. އެގޮތުން މިހާރުވެސް އޮޅުތަކާއި ވީކޮޅުން ޕަމްޕަށް ފެންނަގަން ބަހައްޓާފައިވާ ވަޅުތަކުން ބައެއް ފަހަރު ފެން ހިނދި ޕަމްޕުގެ ފުލް ކެޕޭސިޓީގައި ފެން ބޭރު ނުވެދާ ކަމަށެވެ.
ޕަމްޕް ބޭނުންކުރުމުގެ އަނެއް ފަސޭހައަކީ އިރުއިރުކޮޅާ އާރުގެ މޫދާއިވީ ކޮޅުން ރަށުތެރެއަށް ލޮނު ވަދެދާނެތީ އާރު ބަންދުކުރަން ނުޖެހުމާއި ލޮނުވަދޭތޯ ބަލަހައްޓަން ޑިއުޓީގައި މީހުން ތިބެން ނުޖެހުމުން މަސައްކަތަށް ފަސޭހަވެގެން ދާކަމަށެވެ.

ޕަމްޕުން ފެން ބޭރުކުރަނީ…
އާރުތައް މިފަހަރު ބޭނުން ނުކުރެވުނު އެއްސަބަބަކީ އާރުތަކުން ފެން ބޭރުކުރަން ހަދާފައިވާ ކޮޅުތައް މިހާރު ހުރީ، ރަށުން ބޮޑުބައެއް ގިރާފައިވުމުގެ ސަބަބުން، ރަށުގެ ގޮޑުދޮށުން މެދު-ދޮންވެލިގަނޑު ހިސާބުގައި ކަމުން ރާޅުޖަހާ ތަނުން ވަރަށް ފަސޭހައިން ރަށުތެރެއަށް ލޮނު ވެދެދާނެތީ ކަމަށެވެ. މިގޮތަށް ލޮނުގަނޑު ރަށުތެރެއަށް ވަދެއްޖެ ނަމަ އޮޅުތައް މަރުވެ ދަނޑު ގޮވާންތަކަށް ބޮޑެތި ގެއްލުން ވެއެވެ. ވުމާއެކު އާރުން ރަށުތެރެއަށް ލޮނު ވަނަނުދިނުމަކީ ޒަމާނުއްސުރެ ވަރަށް ބޮޑަށް ބަލާ އިސްކަމެއް ދޭކަމެކެވެ.
ޑެޕިއުޓީ މޭޔާރު ޟިރާރު ފާހަގަ ކުރެއްވި ގޮތުގައި ފުވައްމުލަކުގެ ފެން ހިންދާ އާރުތަކުގެ ނިޒާމަކީ މީގެ 40 އަހަރު ކުރިން ހަދާފައިވާ ތަންތަނަށް ވުމުން މިހާރު މިވަނީ އެނިޒާމު ވަރަށް ބޮޑަށް ޒަމާނީ ކުރަން ޖެހިފައިކަމަށެވެ. އާރު ނިޒާމު ބޭނުންކުރުމުގައި ފުވައްމުލަކުގެ ކާބަފައިން ދައްކަވާފައިވާ ހިތްވަރާއި ޖޯޝު ސަބިތުވަނީ މިއަދު އާރުތައް ކެނޑުމަށް ހެވީ ވެހިކަލް ބޭނުކުރަމުންދާ ކަން ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ފާހަގަ ކުރެއްވިއެވެ.

ދަޑިމަގު އާރުން ފެން ބޭރުކުރުމަށް ހުޅުވަނީ، 2019ގައި. ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް
ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި މިއަދުގެ ވިއްސާރާގައި ގެތަކަށް ފެެން ވަދެ ބޮޑެތި ގެއްލުންތަކެއް ނުވެ މިދަނީ ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމަށް ތައްޔާރުވެ ފެންގަނޑު ބޮޑުވުމުގެ ކުރިން ފެން ބޭރުކުރުމަށް ފެށުމުން ކަމަށެވެ.
ފާއިތުވި ޖުލައި މަހުގެ ތެރެގައި ވެސް ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ އާއްމުގެ 38 ގެއަކަށް ގެއްލުން ލިބިފައި ވެއެވެ. އެފެންގަދު ކޮންޓްރޯލް ކުރުމަށް ގެގޭގައި ވެލި ބަސްތަތައް ޖަހަން ޖެހިފައި ވެއެވެ. ޖުމްލަ 132 މިލިލީޓާރުގެ ވާރޭ ކަމަށް ހާމަކޮށްފައި ވެއެވެ.
ގަދަ ވިއްސާރައާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެއިން ފެށިގެން މިއަދު ހެނދުނާއި ހަމަޔަށް 38 ގެއަކަށް ފެންވަދެގެން ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފައިވެއެވެ. ގޭގެއަށް ފެންވަނުން ހުއްޓުވުމައްޓަކައި ވެލި ބަސްތާ ޖެހުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ގޮސްފައި ވެއެވެ.
ފުވައްމުލައް ސިޓީ މަގުތަކުގައި، ފާއިތުވި 2020 ޖުލައި ގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކަނީ. ފޮޓޯ: ފސކކޮންމެ އަހަރަކު އެތައްފަހަރަކު ފުވައްމުލައް ސިޓީގައި ފެން ބޮޑުވާކަން ކުރީގެ ރެކޯޑުތަކުން އެނގެއެވެ. އެގޮތުން ފާއިތުވި 3 އަހަރުގައި ޖެނުއަރީ، ފެބްރުއަރީ، ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު، ފުވައްމުލަކުގެ މޫސުން ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެފައި ވެއެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ސިޓީ ކައުންސިލުގެ އެދިފައި ވެއެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ހޮޓްލައިން 7315001 އަށް ގުޅުއްވުން އެދިފައި ވެއެވެ.
ޚިޔާލުތައް