ދިވެހިރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ‘އިސްލާމިކް އާރޓް ކޮމްޕެޓިޝަނެއް’ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާއްމުކޮށް ހުޅުވައިލައިފިއެވެ.
މި މުބާރާތް ހުޅުވާލާފައި ވަނީ އުމުރުން 5 އަހަރާއި 13 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މުބާރާތަށް ކަނޑައެޅިފައިވާ މައުޟޫއު ތަކަކީ ނަމާދު، އަހަރެންގެ މަންމަ ބައްޕަ އަދި ގެފުޅު، މި 3 މައުޟޫއު އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރަބީއުލް އާޚިރާ މަހު 2 ވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވިތާ މިއަހަރަށް މީލާދީ ގޮތުން 867 ފުރެއެވެ.
މިމުބާރާތުގެ މަގުސަދަކީ ދިވެހި ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚުލާގު އަށަގަންނުވައި އިސްލާމީ އަޤީދާގެ މަތީގައި ޖީލެއް ބިނާކުރުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއޭޒުން ހާމަކުރެއެވެ.

އިސްލާމިކް ކުރެހުމުގެ މުބާރާތް 2020
އިސްލާމިކް އާރޓް ކޮމްޕެޓިޝަނަށް ހުށަހެޅޭ ކުރެހުންތައް ކަމުގެ ފަންނީ ބޭފުޅުންގެ ޓީމަކުން ވަޒަންކުރުމަށް ފަހު އެންމެ މޮޅު 5 ކުރެހުމަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 1 ވަނައަށް 1500 ރުފިޔާ، ދެވަނައަށް 1000 ރުފިޔާ، 3 ވަނައަށް 700 ރުފިޔާ، 4 ވަނައަށް 500 ރުފިޔާ، 5 ވަނައަށް 300 ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީގެއިތުރުން އެންމެ މޮޅު 5 ކުރެހުމަށް ހަނދާނީ ލިޔުން ދިނުމާއި ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބާތުގައި ބައްވާ ލައިވް ކަވަރޭޖްގައި މި ކުރެހުންތައް ދައްކާލުމަށް ބެހެއްޓޭނެ ކަމަށް އިސްލާމިކް އެފެއޭޒުން ހާމަކުރެއެވެ.
މިމުބާރާތަށް ކުރެހުން ހުށަހަޅަން ޖެހެނީ މި ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުގެ ހަވީ 4:00 ގެ ކުރިން، އިމެއިލް މެދުވެރިކޮށެވެ. ކުރެހުމާއެކު ކުރެހުންތެރިޔާ ކުރަހާ ވަގުތު ނަގާފައިވާ ފޮޓޯއަކާއި ކުރެހުންތެރިޔާގެ ސްޓޭމްޕްސައިޒުގެ ފޮޓޯއެއް އަދި އައިޑިކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.

ރާއްޖޭގެ ކުރެހުމުގެ މައުރަޒު ތަކުން – ދީނީ މިންގަނޑަށް ފެތޭކަމަށް ބައެއް މީހުން ގަބޫލުކުރާ ކުރެހުން ތަކެއް
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރުގައި ނަމަވެސް ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން އެދުވަސް ފާހަގަކުރުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2000 ވަނަ އަހަރު އެވެ.
ދިރޭ ތަކެތީގެ ސޫރަ ކުރެހުމަކި އިސްލާމްމީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ނަމަވެސް މީހާގެ ލޮލާއި މޫނުގެ ސިފަނޭނގޭ ގޮތަށް ކުރެހުމަކީ މައްސަލައެއް ނޫންކަމަށް ގިނަ އިލްމުވެރިން ބާޔާން ކުރެއެވެ.
އިސްލާމިކް ޚިޔާލީ ކުރެހުމުގެ ގޮތުން އެންމެ ފާހަގަ ކުރެވޭ ދެ ކުރެހުމަކީ ‘ބުރާގު’ ގެ ކުރެހުމާއި ‘ހައިޒުމް’ ގެ ކުރެހުމެވެ. މި ދެ ކުރެހުމުގެ ވެސް އަސްލު ގުޅިފައިވަނީ ޕާޝިއަން ނުވަތަ އީރާނާއެވެ.

އިސްލާމީ ތާރީޚާއި ގުޅިފައިވާ ޚިޔާލީ ދެކުރެހުމެއް. ބުރާގު އަދި ހައިޒަމް
ބުރާގު ގެމާނައަކީ ވިދުވަރެވެ. ބުރާގު ސިފަކޮށްފައި ވަނީ ބޮޑު ދެފިޔަލީ އުދުހޭ އަހެއްގައި އަންހެނެއްގެ މޫނު ސިފަވާގޮތަށެވެ. ޚިޔާލީގޮތުން މިކުރެހުން ރަމްޒުކޮށް ދެނީ ރަސޫލު މުހައްމަދު (ސއވ) އިސްރާއާއި މިއުރާޖަށް ދަތުރުކުރެއްވި ސަވާރީގެ ގޮތުގައެވެ. ބުރާގުގެ ކުރެހުން ގެނެސްފައި ވަނީ މައިގަނޑުގޮތެއްގައި ހަދީޘް ތަކަށް ބަލައިގެންކަމަށް ވެއެވެ.
ހައިޒުމް ސިފަކޮށްފައި ވަނީ ދެފިޔަލީ ހުދު އަހެއްގެ ގޮތުގައެވެ. މިއަހަށް އައްޔަށް ވުރެ ބާރަށް ދަތުރުކުރެވޭކަމަށް ބުނެއެވެ. އެގޮތުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި 7 އުޑުން ދަތުރުކުރެވޭ ކަމަށެވެ. ހައިޒަމްގެ ޚިޔާލީ ކުރެހުން ގުޅުވާފައިވަނީ ޠާހާ ސޫރަތުގެ 96 ވަނަ އާޔަތާއެވެ.
5
4
3
2
1