ފާތިމަތު ރަޝީދުގެ ބީއެމްއެލް ޕްރޮޖެކްޓުންނާއި އަމިއްލަ ޚަރަދުން ހޯއްދާވާފައިވާ 600 އެއްހާ ފޮތް ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް ހަދިޔާކުރައްވައިފިއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓަށް ހުށަހަޅުވި ޕްރޮޕޯސަލް ކާމިޔާބު ކުރައްވައިގެން، މާދަޑު މެދެގެދަރު ފާތިމަތު ރަޝީދު ވަނީ 50،000 (ފަންސާސް ހާސް) ރުފިޔާގެ ފަންޑިއެއް ހޯއްދަވާފައެވެ. އެ ޕްރޮޖެކްޓް ޕްރޮޕޮސަލްގައި ހިމަނުއްވާފައި ވަނީ ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެއްވުމަށެވެ.
ފާއިތުވި 2020 ވަނަ އަހަރު އޮކްޓޯބަރު މަހުގައި ފާތިމަތު ރަޝީދު އެޕްރޮޖެޓް ކާމިޔާބު ކުރެއްވުމާއި ގުޅިގެން މިކަލް ނޫހުން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްގެ މައުލޫމާތު ނޫހަށް ދޭން ބޭނުންފުޅު ވަނީ ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ.

ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު. 16 އޭޕްރީލް 2021
އެގޮތުން އިއްޔެ ފާތިމަތު ރަޝީދު ވަނީ ޕްރޮޖެޓްގެ މައުލޫމާތު މިކަލް ނޫހާއި ހިއްސާ ކުރައްވާފައެވެ. ކުރިން ބީއެމްއެލް ފުވައްމުލަކު ބްރާންޗްގައި މަސަކްތް ކުރައްވާފައިވާ ފާތިމަތު ރަޝީދު ހާމަކުރެއްވި ގޮތުގައި ޕްރޮޖެޓްގެ ފައިސާއިން ހޯދާފައިވާ 427 ފޮތާއި އަމިއްލައަށް ޚަރަދު ކުރައްވައިގެން ހޯދާފައިވާ 150 ފޮތާއެކު ޖުމްލަ 577 ފޮތް ފުވައްމުލަކު ލައިބްރަރީއަށް މިހާރު ހަދިޔާކޮށްފައި ވާކަމަށެވެ. ފާތިމަތު ބީއެމްއެލްގެ ވަޒީފާ އަދާކުރައްވާފައި ވަނީ 2019 ގެ ކުރީގެ ދުވަސްތަކުގައެވެ.
“އެންމެ ފުރަތަމަ މަސައްކަތްކުރީ ރާއްޖެއިން ބޭރުން ފޮތް ގެނައުމަށް. ނަމަވެސް ކޮވިޑް-19 ގެ ދަތުރުފަތުރުގެ ހުރަސްތަކާހުރެ ފަހުން ފޮތް ގަތީ މާލެއިން” ފޮތް ގަތުމުގެ މަސައްކަތާއި ގުޅޭގޮތުން ފާތިމަތު ރަޝީދު ހާމަކުރެއްވިއެވެ.
ފާތިމަތު ހަދިޔާ ކުރެއްވި ފޮތްތަކުގެ ތެރޭގައި އެކި އުމުރުފުރާތަކުގެ ދިވެހި، އިނގިރޭސި ވާހަކަ ފޮތާއި އިސްލާމް ދީނުގެ މައުލޫމާތުގެ ފޮތްތަކާއި، އޭލެވެލް އަދި މަތީ ތައުލީމުގެ ޓެކްސްޓް ފޮތްތައް ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރައްވާފައިވާ ގޮތުގައި ފާތިމަތު ރަޝީދަކީ އަބަދުވެސް ފަހުގެ ފޮތް ކިޔުމަށް ލޯބިކުރައްވާ ކަނބަލެކެވެ. އަދި ފާތިމަތުގެ އަމާޒަކީ ފުވައްމުލަކުގެ ކޮމިއުނިޓީއަކީ ފޮތް ކިޔުމަށާއި މައުލޫމާތު ހޯދުމަށް ހިތްވަރުދޭ މުޖުތަމިއަކަށް ވެގެން ދިއުމެވެ. އަދި އޭނާގެ މި އަމާޒަށް ވާސިލުވުމަށް ބީއެމްއެލްގެ ކޮމިއުނީޓި ފަންޑުން އެހީތެރިވެދެވޭތީ އުފާކުރާ ކަމަށެވެ.

އިއްޔެ ބޭއްވުނުން ފުވައްމުލަކު ޕަބް؛ިކް ލައިބްރަރީގެ ކުޑަކުދިންގެ ސެކްޝަން
ފާތިމަތު ރަޝީދު މީޑިއާއަށް ބުނެފައި ވަނީ ފުވައްމުލައް ސިޓީގައި ސްކޫލު ކުދިންނާއި ކޮލެޖް ދަރިވަރުން ވެސް ތައުލީމު ހާސިލް ކުރަމުން އަންނައިރު ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުން ދަތިތަކާއި ދިމާވާ ކަމަށެވެ. އެއާއެކު ފޮތްކިޔުމުގެ ފުރުސަތު ކުދިންނަށް ނުލިބޭ ކަމަށާއި މިޕްރޮޖެކްޓްގެ ބޭނުމަކީ އެފުރުސަތު ފުވައްމުލަކުގެ މީހުނަށް ހޯދައި ދިނުން ކަމަށެވެ.
ފާތިމަތު ރަޝީދު ހަދިޔާ ކުރެއްވި ފޮތްކާއެކު ފުވައްމުލަކު ޕަބްލިކް ލައިބްރަރީ ވަނީ މީގެ ދެ ދުވަސް ކުރިން އަލުން އާއްމުންނަށް ހުޅުވާފައެވެ.
ޚިޔާލުތައް