A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ އެނެސްތޭޓިސްޓް ފުރުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަނީ

ފުވައްމުލަކުން މަޖުލިޙަށް އިންތިޚާބުވެފައިވާ 3 މެމްބަރުންނާއި ފވމ ހޮސްޕިތަލުގެ މުވައްޒަފުން މއިަދު ބައްދަލުކުރެއްވި.

ނިމުނު ހަފުތާ ބަންދުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އެނެސްތޭޓިސްޓް ރަށުން ފުރުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން އެބައެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވާތީއެވެ.

އެނެސްތޭޓިސްޓުން ނުވަތަ އެނެސްތޭސިއޮލޮޖިސްޓުންނަކީ އެކިކަންކަމާއި ގުޅިގެ ސާޖަރީތައް ހަދަން ޖެހޭއިރު ބަލިމީހާގެ ހާލަތު ބަލައި އޭނާއަށް ތަދު އިހުސާސުނުވާނެ ބޭސް ކަނޑައަޅާ މީހުންނެވެ. އެމީހުންނަށް ވުރެ ފުޅާދާއިރާއިއެއްގައި މިކަމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރަނީ ފިޒިޝަނުންނެވެ. ފުވައްމުލައްކު ހޮސްޕިޓަލުގައި ފިޒިޝަނެއް ނުހުރެއެވެ. ހުންނަނީ އެންމެ އެނެސްތޭޓިސްޓެކެވެ. އޭނާ ނެތުމުން ވިހެއުމުގެތެރެގައި ހަދަންޖެހެ ސާޖަރީތައް ވެސް ދެން ފުވައްމުލަކު ހޮސްޕިޓަލުން ނެހެދި ހުއްޓޭނެއެވެ. ދެން އެފަދަ ކަންކަމަށް ޖެހޭނީ މާލެ ނުވަތަ އައްޑޫއަށް ދަތުރުކުރާށެވެ. ކޮވިޑް-19ގެ މިދުވަސްވަރަކީ ބޭރު ރަށުކަށް ބަޔަކު ގޮސްތިބެގެން އާއްމު ޚިދުމަތް ހޯދުމަށް ވެސް ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ދުވަސް ވަރަކަށް ވުމުން، ފުވައްމުލަކުގެ ގިނަބަޔަކަށް މިކަން މިވަނީ އިންތިހާއަށް ބޮޑު ކަންބުޑުވުމަކަށް ވެފައެވެ.

އެޑޮކްޓަރު ފުރުމުގެ މާކުރިން ވެސް ފުވައްމުލަކު ހޮސްޕިޓަލުން އޭނާގެ ބަދަލުގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން މި އަހަރު (2021) ގެ ޖެނުއަރީ މަހުން ފެށިގެން ހެލްތު މިނިސްޓްރީއާއި އެކު އެވާހަކަ ދެކެވެމުން ގޮސްފައިވާކަން މިކަލް ނޫހަށް އެނގިފައި ވެއެވެ. ނަމަވެސް އެކަމަށް ހައްލެއް ނުހޯދި އެޑޮކްޓަރު ފުރައިގެން ދާން ޖެހުނީއެވެ. މިއީ ރަށްރަށުގެ ހޮސްޕިޓަލް ތަކުގައި އާއްމުކޮށް ދިމާވަމުން އަންނަ ކަންބޮޑުވުން އިތުރުވާ މައްސަލައެކެވެ.

ޑޮކްޓަރަކު ޗުއްޓީއަށް ދާންވާއިރަށް އެތަން ފޫބައްދާނެ އިތުރު މީހަކު ނުގެނެވި އެތައް ތަކުލީފަކާއި ރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހުމަކީ މިއަދު ރައްޔިތުންނަށް ބަލައިގަނވެވަރުގެ ކަމެއް ނޫނެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ރައްޔިތުން ވެސް މިވަނީ އަނެއްކާވެސް އެފަދަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ވަޒީފާއަށް މީހަކު ނެރޭއިރު އެ އަހަރުގައި އޭނާގެ ޗުއްޓީ ދުވަހަކީ ކޮބައިކަން، ނުވަތަ އޭނާ ފުރާއިގެން ދާންޖެހޭ އެހެން ސަބަބެއް އެނގެން އޮންނައިރު އޭނާ ފުރާއިގެންދާ ވަގުތަށް އެތަނަށް މީހަކު ނުހޯދުމަކީ އެކަން ކުރިން ތިބޭ މީހުންގެ މަސައްކަތާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ.

މިފަހަރުގެ ހާލަތުގައި ފުވައްމުލަކު ހޮސްޕިޓަލަށް އެކަނި އެކަން ކުރެވެން އޮތްނަމަ އެޒިންމާ އެހޮސްޕިޓަލުގެ އިސްފަރާތްތަކުން ފުރިހަމައަށް އުފުލަން ޖެހޭނެއެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް މިއޮތީ މާރުކަޒީ ސަރުކާރުގައި، މާލޭގައި ހުންނަ ހެލްތު މިނިސްޓްރީއިން މީހަކު ހަމަޖައްސައި ފޮނުވަން ދެން ފުވައްމުލަކު ހޮސްޕިޓަލުން ދުވާލަކު އެއްފަހަރު ހެން އަހާލަ އަހާލާ ތިބޭ ފަދަ ނިޒާމެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ރޭޑިއޯގްރާފީ ރޫމް

ރަށުގެ ރައްޔިތުން ހޮސްޕިޓަލުގެ އިސްވެރިން ފާހަ ކިތަންމެ ވަރަކަށް ދުވިއަސް އޭނާއަށް ކުރެވެން އޮތްކަމަކީ ހެލްތު މިނިސްޓރީގައި އެކަމަށް އެދި މަސައްކަތް ކުރުމެވެ. ހެލްތު މިނިސްޓްރީގައި އެކަން ކުރަން ތިބޭ މީހުންނަކީ ފުވައްމުލައް ސިޓީގެ ރައްޔިތުން ކޮންމެ ހާލެއްގެއައި އުޅުނަސް އެތަން ފެނި ކަންބޮޑުވާން ޖެހޭ ބައެއް ނޫންކަހަލައެވެ. އެމީހުން ފާހަތުން ‘އިސްއިއުފާ’އަށް ގޮވަމުން ދިރިއުޅޭ ގޭދޮށަށް ދާނެ ބަޔަކު ނުތިބޭނެތާއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ފުވައްމުލަކުގެ ޒުވާނަކު ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި އެންމެ އެނެސްތޭސިއޮލޮޖިސްޓަކު ހުންނަ އިރުއޭމީހާ ރަށުން ފޮނުވާލުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިލާން ޖެހެނީ ކިހާބޮޑު ބޮޑުތަކުލީފުތަކަކާއި ކަން ކަމާއި ބެހޭ ފަރާތްތަކަށް އެގޭބާއެވެ؟

“އަހަރެމެން މިސަރުކާރު (އެމްޑީޕީ) ގެނައީ ރަށުގެ ރައްޔިތުންނަށް މިފަދަ ކަންތައްތަކުން ފަސޭހަ ހޯދައި ދިނުމަށް. އެކަމަކު ފެނިގެން މިދަނީ އެކަމުގެ އިދިކޮޅު! ވެރިކަމަށް 3 އަހަރު ފާއިތުވާއިރު މިކަންކަން ރަނގަޅުނުވުމަކީ ބޮޑު ފެއިލް އެއް. މިފަދަ ކަންތައްތައް އަދި މިދަނީ އެއްގޮތަކަށް ވެސް ރަނގަޅަކަށް ނޫން.” އޭނާ ލިޔެފައިވެއެވެ.

ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންތައްތައް ރަނގަޅަށް ކުރަން ޖެހެނީ ކޮންމެ ފަހަރަކު ރައްޔިތުން ނިކުމެ އަޑުގަދަކޮށް “ހަޅޭފަޅޭ ޖަހައިގެން” ނޫންކަމަށެވެ. ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލިބޭ ވަރަށް އަދި މާކްސް ހޯދިފައި ނުވާ ކަމަށްބުނެ އޭނާ ސަރުކާރު ފާޑުކިޔުން އަމާޒުކުރިއެވެ.

ވެރިކަން ނުލިބެނީ ކޮންމެ މީހަކުވެސް މޮޅު ވާހަކަތައް ދައްކާފައި ވެރިކަން ލިބި، މަތީ މަގާމުތަކަސް ދެވުނީމާ މިއިން އެއްވެސް ކަމެއް ލޮލަށް ފެންނަކަމަށް ވެސް އެއިން މީހަކަށް ނުވާކަމަށް ބުނެ ނާއިބު ރައީސް ފައިސަލް ނަސީމް ޓެގްކޮށްފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު – 11 ޑިސެމްބަރު 2019

ބައެއް މީހުން މިކަމަށް ޖޯކު ޖަހައި ސޯޝަލް މީޑިއާގައި މިކަމަށް ފަންޑްރެއިޒް ކުރަން ވެސް ޚިޔާލު ދީފައިވެއެވެ.

އެހެން މީހަކު ބުނެފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ކުދަކުދިންގެ ޑޮކްޓަރުވެސް ވަރަށް އަވަހަށް ފުރަން ހަމަޖެހިފައި ވާކަމަށެވެ.

ގާނޫނު އަސާސިގައި ބުނާ ޔުނިޓަރީ ދައުލަތުގައި ތާށިވެފެވައިވާ ތާށކަން ފިލުވާލައިގެން ނޫނީ މިފަދަ ކަންކަމަށް ގާތުން ހައްލެއް ނުހޯދޭނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ފުވައްމުލަކު ހޮސްޕިޓަލަކީ ހިންގުން ދޯހަޅިކަމުގެ އިންތިހާ، އެހާ ސުލޯ ބައެއް، ނާގާބިލު މީހަކާ ހޮސްޕިޓަލް ހިންގަން ހަވާލުކުރީމަ ވާނެ ގޮތް ތިޔައީ، މިހާރުގެ މެނޭޖަރ ތިތާ ހުރެގެން ތިހޮސްޕިޓަލް ރަގަޅެއް ނުވާނެ،