A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަކަށް ފިކުރީ ހޮވިއްޖެ

ފުވައްމުލައް ސިޓީ ކައުނސިލް 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ

މިއަދު ބޭއްވި ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ކައުންސިލް މެމްބަރުންގެ ވޯޓުން މުހައްމަދު ފިކުރީ ހޮވައިފިއެވެ. މުހައްމަދު ފިކުރީ އަކީ އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު މެދު-އުތުރު ދާއިރާގެ ގޮނޑި ކާމިޔާކު ކުރައްވައިގެން ކައުންސިލަށް އަލަށް ހޮވުނު ބޭފުޅެކެވެ.

މިއަދު ހެނދުނު ކުރިޔަށްދިޔަ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި މި ޖަލްސާގައި ކައުންސިލްގައި ހިމެނޭ 7 މެމްބަރުން (މޭޔަރާއެކު) ވޯޓްލާފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔާ އިސްމާއީލް ރަފީގު އަދި ޑެޕިއުޓީ މޭޔާ މުހައްމަދު ފިކުރީ- ފޮޓޯ؛ ޝައްފާފު

ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެމަގާމަށް އެމްޑީޕީއިން އިންތިޚާބުވެފައިވާ 4 މެމްބަރުން ވެސް ކުރިމަތިލިއެވެ. އެއާއެކު ފުރަތަމަ ބުރުގެ ވޯޓުގައި މުހައްމަދު ފިކުރީ އާއި އަބްދުﷲ ނާސިރަށް ލިބުނު އެއްވަރު ވިއެވެ.

ޑެޕިއުޓީ މޭޔަރު ވޯޓުގެ ފުތަމަބުރު

އަބްދުﷲ ނާސިރު – ފުވައްމުލަކު އިރު އުތުރު ދާއިރާ – 3 ވޯޓު

މުހައްމަދު ފިކުރީ – ފުވައްމުލަކު މެދު އުތުރު ދާއިރާ – 3 ވޯޓު

އާމިނަތު އިނާޔާ – ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ – 1 ވޯޓު

އިބްރާހިމް މުހައްމަދު – ފުވައްމުލަކު އިރު ދެކުނު ދާއިރާ  – 0 ވޯޓު

ޑެޕިއުޓީ މޭޔަރު ވޯޓުގެ 2 ވަނަ ބުރު

އަބްދުﷲ ނާސިރު – ފުވައްމުލަކު އިރު އުތުރު ދާއިރާ – 3 ވޯޓު

މުހައްމަދު ފިކުރީ – ފުވައްމުލަކު މެދު އުތުރު ދާއިރާ – 4 ވޯޓު

މިއަދުގެ ހުވާކުރުމުގެ ރަސްމިއްޔާތު

އެމްޑީޕީ-ފުވައްމުލަކުގެ ބައެއް އިސް ފަރާތްތަކުން މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދައުރަށް ސިޓީ ކައުންސިލަށް ހޮވިފައިވާ މެމްބަރުންގެ މެދުގައި ޑެޕިއުޓީ މޭޔަރުގެ ވޯޓުގައި އަމަލުކުރާނެ ގޮތަކާއި ގުޅިގެން ކުރިން 3 ފަހަރެއްގެ މަތިން ގޮތްތަކެއް ހުށަހެޅުނެވެ.

އެންމެ ފުރަތަމަ ފުރަސަތު ހުޅުވާލީ ހޮވިފައިވާ ކައުންސިލް މެމެބަރުންގެ މެދުގައި ވާހަކަ ދައްކައިގެން ގޮތެއް ޚިޔާރު ކުރުމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުނިމުނީ 4 މެމްބަރުން ވެސް ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިވެ ވަދަކުރުން ދޫކޮށްލުމުގެ ވިސްނުމެއް ނެތުމުންނެވެ. އެއާއެކު ދެން ނިންމީ އެމްޑީޕީގެ ފުވައްމުލަކުގެ ސީނިއާ މެމްބަރުން އެކުލެވޭގޮތަށް ވޯޓަކަށް ގޮސްގެން ވެސް ގޮތްތަކެއް ނިންމި ނިންމިކަމަށް ވެއެވެ. ގިނަ މެމްބަރުންތަކެއް އެގޮތަށް އެއްބަސްވި ނަމަވެސް ބައެއް މެމްބަރުން އެއްބަސް ނުވާމާއި، މޭޔަރު ޕާޓީ އެތެރޭގެ ކަމަކަށް ވާތީ ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވުމުން އެގޮތަށް ވެސް އެކަން ކާމިޔާބު ނުވިއެވެ.

ނަމަވެސް މިކަމުގެ ތެރޭގައި މަޖުލިސް މެމްބަރުންގެ ލޮބީ ކުރުންތައް ވެސް އޮތްކަމަށް ވެއެވެ. އެގޮތުން ވަކި ކެންޑިޑޭޓަކަށް ޑެޕިއުޓީ މޭޔަރުކަމަށް ހޮވުމަށް އެހެން މެމްބަރުންނަށް ގުޅައިގެން މަސައްކަތް ކުރިކަމަށް މައުލޫމާތު ލިބެއެވެ.

ޕާޓީ ލައިނުން ފަހު މަރުހަލާއެއްގެ ގޮތުގައި ރޭގައި ވަނީ ޕްރިފަރެންޝަލް ވޯޓަކަށް ގޮސްގެން ހޮވޭ މީހަކަށް ވޯޓު ދޭން ވިޕްލައިނެއް ނެރުމަށް ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެގޮތަށް މެމްބަރުން އެއްބަސްވެ ރޭގެ ބައްދަލުވުމުގައި ޕްރިފަރެންޝަލް ވޯޓުން ދެކުނު ދާއިރާގެ ދެ މެމްބަރުން ކުރި ހޯއްދެވިއެވެ. 3 ވޯޓް 3 ވޯޓުން އިނާއާއި އިބުރާ އެއްވަރު ވީއެވެ. ގުރުއަތަކަށް ދާން އެއްބަސް ނުވެވި ރޭގެ ބައްދަލުވުން ނިންމާލީ ވިޕްލައިނެއް ވެސް ނުނެރެވިއެވެ. ފަހުންވެސް އެދާއިރާގެ އެމްޕީ އެކަން ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިކަމަށް މައުލޫމާތު ލިބެއެވެ.

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން 17 މެއި 2021ގައި.

ނަމަވެސް، ބައްދަލުވުމުގައި އެ ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުމުން، ފަހުން އަނެއް ދެ މެމްބަރުން ނިންމީ ޕްރިފަރެންޝަލް ވޯޓުގެ ބެނ ްކެނޑިެއްޖެ ކަމަށާއި، މިއަދުގެ ޖާލްސާގައި އޯޕަން ވޯޓަކަށް ދިއުމަށް ކަމަށް ވެއެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ނެގި އޯޕަން ވޯޓުން ޕްރިފަރެންޝަލް ވޯޓުގައި ކުރި ހޯދި ދެ ކެންޑިޑޭޓުން ފަހަތަށް ޖެހުނީއެވެ.

މިއަދުގެ ޖަލްސާގެ ވޯޓަކީ ސިއްރު ވޯޓެއް ކަމުން ވަކި ވަކި މެމްބަރުން ވޯތުތައް ދިފައިވަނީ ކޮންގޮތަކަށް ޔަގީންކުރުމަކި އުނދަގޫކަމެކެވެ. ނަމަވެސް ބެލެވޭ ގޮތުގައި ޕީޕީއެމް ދެ މެމްބަރުންގެ ވޯޓު ދިޔައީ ބެހިގެން ދެކޮޅަށް ކަމަށް މިކަލް ނޫހަށް ވަރަށް އިތުބާރު ހުރިގޮތެއްގައި ވަނީ އެނގިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !