ފުލުހުންގެ ވަޒީރަކީ ކޮބާ!

Share on facebook
Share on twitter
Share on google

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުން، ފުލުހުންގެ ހިދުމަތް ދިނުމުގެ ހުރިހާ ކަމެއްގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. އަދި އެ ވަޒީރު ރައިސަށާއި މަޖިލީހަށް ޖަވާބުދާރީވާން ވާނެ ކަމަށް ގާނޫނުގައި ބުނެއެވެ. ފުލުހުންގެ ގާނޫނުގައި މިފަދައިން ބުނެފައިވަނިކޮށް އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވެފައިވަނީ ފުލުހުންގެ މުއައްސަސާ އާއި މަތިކޮށްފައިވާ ހޯމް މިނިސްޓްރީއިން އިން އެމުއައްސަސާ ވަކިކުރިކަމަށް ބުނާ ސިޓީއެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ސިޓީއެއް ކަމަށްބުނާ މިސިޓީއާއި ބެހޭ ގޮތުން އެއްވެސް ބަޔަކު ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބުސައިޓުގެ ކެބިނެޓް މިނިސްޓްރީގެ ލިސްޓުގައިވެސް މިނިސްޓްރީ އޮފް ހޯމް އެފެއާޒެއް ނެތެވެ. ނަމަވެސް، ކެބިނެޓް މިނިސްޓަރުންގެ ލިސްޓްގައި ހޯމް މިނިސްޓަރު ހިމެނިފައިވާކަން ވެސް މިކަލް ނޫހަށް ފާހަގަކުރެވުނެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަގާމަށް އައްޔަންކޮށްފައިވާ އަލީ ޒާހިރު ސޮއިކުރައްވައި ހަމައެޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓަރު ކަން ކުރައްވަމުންދާ އިމްރާން އަބްދުﷲ އަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވި ކަމަށް ބުނާ އެ ސިޓީގައި ވަނީ، އަލަށް އަމަލު ކުރަން ފެށި ފުލުހުންގެ ގާނޫނުގެ ދަށުން، މިދިޔަ މާޗު 27 އިން ފެށިގެން، ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކިކުރައްވާފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނުގައި އެއިދާރާ ހިންގަން ޖެހޭ ވުޒާރާއެއް ބަޔާންކޮށްފައި ނެތްނަމަވެސް ފުލުހުންގެ ޚިދުމަތް ދިނުމުގެ ހުރިހާ ކަމެއްގައި ސަރުކާރުގެ ފަރާތުން ޒިންމާ އުފުލާނީ ވަޒީރެއް ކަމަށް ބަޔާންވެފައިވެއެވެ. އަދި ރާއްޖޭގެ ގާނޫނު އަސީސީގެ 242 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަން ވާނީ ކެބިނެޓް ވަޒީރެއްގެ ބެލުމުގެ ދަށުން ނެވެ. އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސަށާއި މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާނީ ވެސް އެވަޒީރެކެވެ.

އެހެންކަމުން، މިހާރު އުފެދިގެން މިއުޅޭ ސުވާލަކީ ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީއިން ނެގުމަށްފަހު ހަވާލުކުރާނީ ކޮން ވުޒާރާއަކާއި ގުޅޭ ސުވާލެވެ. މިނިސްޓރީ އޮފް ޕަބްލިކް ސޭފުޓީ ނުވަތަ ކޮންމެވެސް އެހެން ނަމެއް ކިޔާފައި މިނިސްޓްރީއެއް އުފައްދާނީ ބާވައެވެ ނުވަތަ ކޮންމްވެސް އެހެން މިނިސްޓްރީ އަކާއި ހަވާލުކުރަން އުޅެނީ ބާވައެވެ.

މިމައްސަލަ މިހާރުވަނީ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށްވެސް އައިސްފައެވެ. ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި އެފަދަ ބަދަލެއް އައިސްފިނަމަ ލަސްނުކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ އެފަދަ ބަދަލެއް އައިކަން މަޖިލީހަށް އަންގައިފައެއް ނެތެވެ.

“މިނިސްޓްރީއެއްގެ މެންޑޭޓް ބަދަލު ވެއްޖާ މަޖިލީހަށް އަންގަން ޖެހޭނެ. އެކަން އަންގާފައި އޮތް ކަމެއް ނޭނގެ. އަނެއްކާ މިހާ ބޮޑު ބަދަލެއް ގެނައި އިރު ސަލާމަތީ ހިދުމަތެއްގެ ޒިންމާވާ ވަޒީރަކީ ކާކުކަން ހަމަ ގައިމު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަން ވާނީ އެނގިފައި،” މެންބަރަކާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މެންބަރުންގެ ވިސްނުން މިފަދައިން ހުރިއިރު ރާއްޖޭގެ ބަންޑާރަ ނާއިބު ވިދާޅުވިކަމަށް ވަގުތު ނޫހުން ރިޕޯޓްކޮށްފައިވަނީ ފުލުހުން އަދިވެސް ޖަވާބުދާރީ ވާންޖެހޭނީ ހޯމް މިނިސްޓަރަށް ކަަމަށެވެ. “ގާނޫނު އަސާސީގައި 140 ވަނަ މާއްދާ އަދި 242 ވަނަ މާއްދާގައި ސާފުކޮށް ބުނޭ ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންނޭ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އެބަ އޮވޭ ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް. މާނައަކީ އަދިވެސް ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު” ރިއްފަތު ވިދާޅުވި ކަމަށް ވަގުތު ނޫހުން ރިޕޯޓްކުރެއެވެ.

5.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments