ފުވައްމުލައް ސިޓީ ކައުންސިލާއި ހުވަދުއަތޮޅު ދެކުނުބުރީ (ގދ.އަތޮޅު) ކައުންސިލުން މިއަދު ބައްދަލުކޮށްފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލިގައި ބޭއްވުނު މިބައްދަލުވުމުގައި ގދ.އަތޮޅު) ކައުންސިލުގެ މެމްބަރުންނާއި އެކު 15 މެމްބަރަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރުނާއެކު 8 މީހުން ބައިވެރިވެފައި ވެއެވެ.
މިއީ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ފުވައްމުލަކު ސިޓީއަށް ކުރައްވާ ތަޖުރިބާ ދަތުރެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ގދ.އަތޮޅު އަތޮޅު ކައުނސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ބައްދަލުވުން 2021 ނޮވެމްބަރު
މިއަދުގެ ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން، ދެކުނުގެ ހަތަރު އަތޮޅުގެ ތަރައްޤީއަށް ކުރިއަށް އޮތްތާގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ގދ. އަތޮޅު ކައުންސިލުން ވަނީ ފައިތުވި އޮކްޓޯބަރު މަހު 30 ގައި އައްޑޫ ސިޓީ ކައުންސިލާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ މިއީ ގުޅުން ބަދަހި ކުރުމާއި ދެކުނުގެ 4 އަތޮޅު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ގދ.އަތޮޅު ކައުންސިލުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން ދެކުނުގެ 4 އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމަށް ބާއްވަމުން އަންނަ މަހާސިންތާ އާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ދެކުނުގެ 4 އަތޮޅު ގުޅިގެން ބާއްވަމުން އަންނަ މަހާސިންތާ އަންނަ އަހަރު (2022ގެ) ކުރީކޮޅު ބޭއްވުމަށް ވެސް މަޝްވަރާ ކުރެވިފައިވާކަމަށް ވެސް ހާމަކުރެއްވިއެވެ. ނަމަވެސް އެމަހާސިންތާ ބާއްވާނެ ވަކިތަނެއް ހާމައެއް ނުކުރައްވައެވެ.

ގދ. އަތޮޅު ކައުންސިލްގެ މެމްބަރުން
ދެކުނުގެ 4 އަތޮޅުގެ ބައްދަލުވުން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު ޑިސެމްބަރު މަހު 21 ވަނަ ދުވަހު އައްޑޫ ގައެވެ. އެބައްދަލުވުމުގައި އަހަރަކު އެއްފަހަރު ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވެއެވެ. އެބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނޫގެ 78 ވަނަ މާއްދާގެ (ކުރިން އޮތް ގާނޫނުގެ) ދަށުން ކައުންސިލްތަކުން ދޭ އެކިއެކި ޚިދުމަތްތަކުން ނަގާ ފީއަކީ ކައުންސިލްގެ އާމްދަނީ ކަމަށާއި އެ ފައިސާއަކީ ކައުންސިލްތަކުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ ކަމަށް ނިންމައި، ހުރިހާ ކައުންސިލަރުން އެއްބަސްވެ، އިގުރާރެއް ވެސް ފާސް ކޮށްފައި ވެއެވެ. ވެރިކަން ބަދަލުވެ ލާމަރުކަޒީ ގާނޫނު އިސްލާހުވެގެން ދިޔައިރު މިފައިސާތައް ވަނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ ބަޖެޓަށް ލިބޭ ގޮތަށް ބަދަލުކޮށްފައެވެ.
އަދި އޭރުގެ ސަރުކާރުން “ވަރަ ކޮށާލަމުންދިޔަ” ލާމަރުކަޒީ ގާނޫނު ހިމާޔަތްކޮށް، ދަމަހައްޓައި އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ އެމްއޯޔޫ އެއްގައި ސޮއި ކުރުން 2015 ފެބްރުއަރީ 26 ދުވަހު ބޭއްވުމަށް ވެސް ނިމިއެވެ. އެއިގެ ދެވަނަ ބައްދަލުވުމެއް ވެސް 2015 ވަނަ އަހަރު ޖެނުއަރީ މަހު އައްޑޫ ސިޓީގައި ބާއްވާފައި ވެއެވެ.

ދެކުނު މަހާސިންތާ، ފުވައްމުލައް، 2015
އެއިގެ ފަހުން 2015 ވަނަ އަހަރު ފެބްރުއަރީ މަހު 26-27 އަށް ދުވަހު ފުވައްމުލައް ސިޓީގައި ފުރަތަމަ މަހާސިންތާ ބާއްވާފައި ވެއެވެ. އެބައްދަލުވުމަކީ ގާނޫނާއި ޚިލާފު ބައްދަލުވުންތަކެއް ކަމަށް ބުނެ އެކަން ހުއްޓުވަން އޭރު ސަރުކާރު (ރައީސް ޔާމީނުގެ) ބައެއް އިދާރާތަކުން އަންގައި ފިއްތުންތައް ކުރިމަތިކުރުވިއެވެ. ނަމަވެސް ފުރަތަމަ މަހާސިންތާގައި ކަނޑައެޅި އެމްއޯޔޫގައި ސޮއިކުރިަކން އެނގޭކަށް ނެތެވެ.
ނަމަވެސް އޭރު މަހާސިްނތާ ބޭއްވި ކައުންސިލްތަކުން ބުނެފައިވަނީ ދެކުނު މަހާސިންތާ އަކީ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކުން ނިންމާ ނިންމުންތައް އެގޮތްކުރުމާއި ތަރައްގީގެ ޕްލޭންތައް އެކުއެކީގައި ކުރިއަށް ގެންދިޔުމަށް މަޝްވަރާތައް ކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ބޭއްވި މަހާސިންތާގައި ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރިކަމަށް ހާމަކޮށްފައި ވެއެވެ.
ދެކުނުގެ 3 ވަނަ މަހާސިންތާ، 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ބާއްވާފައިވަނީ ގއ. ވިލިނގިލީގައެވެ. މި މަހާސިންތާއަށް ދެކުނުގެ 4 އަތޮޅުގެ އިތުރުން ލ.އަތޮޅުންވެސް ބައިވެރިވެ ދެކުންގެ 5 އަތޮޅުގެ މަހާސިންތާއަށް ވެގެން ދިޔައެވެ. އެ މަހާސިންތާގައި ދެކުނުގެ އަތޮޅުތައް ގުޅިގެން އުފައްދާ އެލަޔަންސާއެކު ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރުމަށް އެއްބަސްވުމާއި އަތޮޅުތަކުގެ ތަރައްގީގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީ ރިސޯސްތައް ޝެއާ ކުރުމުގައި އެއްބާރުލުން ދިނުމަށް މިފަދަ އެލަޔަންސެއް ގާއިމުކުރުމަކީ ހުރިހާ ފަރާތަކަށް ވެސް އޭގެ މަންފާ ލިބޭނެ ކަމަށް އެއްބަސްވިއެވެ.

ދެކުނު މަހާސިންތާ 3 ގއ. ވިލިނގިލި، 2019
މި މަހާސިންތާގައި ލ. އަތޮލުން ހުށަހެޅި ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުގެ ގޮތުން ގުޅުވާލުމާއި ގުޅޭ ކަރުދާހާއި، ގދ. ހުވަދު އަތޮޅު ދެކުނު ބުރިން ހުށަހެޅި ފަތުރުވެރިކަމާއި ގުޅޭ ކަރުދާހާއި، ސަދަން ރީޖަނަލް އެލަޔަންސް އުފައްދަން އައްޑޫ ސީޓީން ހުށަހެޅި ކަރުދާހާއެކު ހުށަހެޅުނު 3 ކަރުދާހުގެ މައްޗަށް “ކަޓެރެހޭ” އެއްބަސްވުމުގެ ނަމުގެ 5 އަތޮޅުން އެއްބަސްވުމެއް ގާއިމުކޮށްފައި ވެއެވެ.
ފާއިތުވި 2020 ވަނަ އަހަރު ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލް (ގއ.އަތޮޅު ކައުންސިލް) އާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުންތަކެއް ‘ސިސްޓާ އައިލެންޑް” ކޮންސެޕްޓްގެ ދަށުން ގއ.ގެމަނަފުށީގައި އާއި ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. އެ ބައްދަލުވުންތަކުގައި ދެ ކައުންސިލުގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ކައުންސިލް ހިންގުމުގެ ތަޖުރިބާ ހިއްސާ ކުރުމަށް މަޝްވަރާކުރިކަމަށް ހާމަކުރިއެވެ. އެބައްދަލުވުމުގައި ފުވައްމުލައް ސިޓީ އާއި ގއ. އަތޮޅާއި ދެމެދު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި ފުވައްމުލައް ސިޓީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި ދެ ކައުންސިލް ދެމެދުގައި އެއްބަސްވުމެއް ގާއިމު ކުރުމަށް ވެސް ވާހަކަ ދެކެވިފައި ވެއެވެ.

ދެކުނުގެ ސަރަހައްދީ އެއްބައިވަންތަކަން
ޚިޔާލުތައް