ޔުނައިޓެޑް ނޭޝަންސް (އދ.)ގެ ކުޑަކުދިންގެ ކަންކަމާއި ގުޅޭ އިދާރާ ޔުނިސެފްގެ ޓީމެއް މިއަދު ފުވައްމުލަކު ނޭޗާ ޕާކަށް ޒިޔާރަތް ކޮށްފިއެވެ.
މި ޒިޔާރަތުގައި ފުވައްމުލަކުގެ ތާރީޚާއި ފުވައްމުލަކުގެ ޗަސްބިންތަކާއި ޗަސްބިމުގައި ހުންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކާއި އަދި އެތަނުގައި އުޅޭ ބައެއް ދިރުންތަކުގެ މައުލޫމާތު ފުވައްމުލައް ނޭޗާ ޕާކުގެ ފަރާތުން ދީފައެވެ.
ފުވައްމުލަކުގެ ނޭޗާޕާކަކީ ފުވައްމުލަކުގެ ޗަސްބިމާއި ކުޅީ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ޕާކެކެވެ.ނޭޗާ މިޕާކްގެ އޮފީސް ހުންނަނީ ދަޑިމަގި ކިޅި ސަރަހައްދުގައެވެ. ދިވެހި ސަރުކާރުން ވަނީ ފުވައްމުލަކުގެ ޗަސްބިންތައް ހިމާޔަތްކޮށް ނޭޗާ ޕާކް އޮފީސް ގާއިމުކޮށްފައި ވަނީ 2012 ވަނަ އަހަރުގައެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ޔުނެސްކޯގެ ބައޯސްފެއާ ރިޒާވްއެއްގެ ގޮތުގައި އެސަރަހައްދުތައް ވަނީ ލިސްޓްކުރެވިފައެވެ.
ފުވައްމުލަކުގެ ނޭޗާ ޕާކަކީ މިހާތަނަށް ރާއްޖޭގައި ޗަސްބިމުގައި ހެދުނު ފުރަތަމަ ޕާކެވެ. އެސަރަހައްދު ހިމާޔާތްކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތަކީ އެއޮފީހެވެ. އާއްމުނަށް އެ ސަރަހައްދު ދެއްކުމާއި އެސަރަހައްދުގެ ދިރުންތަައް ހިމާޔަތްކޮށް ބެލެހެއްޓުމާއި އެ ސަރަހައްދަށް ގެއްލު ނުވާނެ ގޮތެއްގެ މަތިން އެތަން ބޭނުންކުރުމުގެ ފުރުސަތު އާމުންނަށް ދެނީ، މިހާރު ފުވައްމުލައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިނގާ ފުވައްމުލަކު ނޭޗާ ޕާކް އޮފީހުންނެވެ.
ފުވައްމުލަކު ބަންޑާރަ ކިޅި އާއި ދަޑިމަގު ކިޅި އަދި ޗަސްބިން
އެންވަޔާރޮމެޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެސަރަހައްދު އެންމެ ފުރަަތަމަ ކަނޑައެޅީ 2012 ވަނަ އަހަރުއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނެނީ ސާފު ފެނުގެ ބޮޑު ދެ ކުޅިއާއި އެ ދެ ކުޅި ވަށައިގެންވާ ޗަސްބިން ނުވަތަ ‘ހައޮއެޅެ’ ނުވަތަ ވީދަޑޮ އާއި ގުޅިފައިވާ އޮޅުތަކެވެ.
މި ޗަސްބިމަކީ ތިމާވެށިގެ ގޮތުންނާއި ސަގާފީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ތަފާތު މާހައުލުތަކެކެވެ.
ހިދްރިއާ އެކްއޭޓިކާއިން 2013 ވަނަ އަހަރު މިސަރައްދުގައި ކުރި ދިރާސާއިން އެނގުނު ގޮތުގައި އެ ޗަސްބިމުގެ ސަރަހައްދުގައި 9 ވައްތަރެއްގެ ގަހާއި 2 ވައްތަރެއްގެ ވިނަ ފާހަގަ ކޮށްފައި ވެއެވެ. އަދި އެމީހުންނަށް ބާވަތް ވަކިކުރަން ނޭނުގު ގިނަ ވައްތަރުތަކެއްގެ ވިނަތައް ހުރިކަމަށް ވެއެވެ. އެގޮތުން ތަފާތު ބާވައްތަކުގެ ކުދި ގަސްތަކާއި ވިނައިގެ ވައްތަރުތައް ހުރިކަމަށް ފާހަގަކޮށްފައި ވެއެވެ.
ހިދުރިއާ އެކްއޭޓިކާ (2013)ގެ ހޯދުންތަކުން ފުވައްމުލަކު ކުޅި އާއި އެސަރަހައްދުގައި 4 ބާވަތެއްގެ މަސް އުޅޭ ކަމަށް ހާމަކުރެއެވެ. އެއީ ފޫޓުމަހާއި (ޓިލާޕިއާ)، ބޭކި (ބޭންގް) އާއި، ‘ފެނަމަހަ’ (މޮސްކިޓޯ ފިޝް- (Gambusia affinis) ގެ އިތުރުން ބަންގާޅުމަސް (Bengal eel -Angilla bengalensis spp) އެވެ. މީގެ އިތުރުން ކޯވެމަކީ ވެސް އެސަރައްދުގައި އުޅޭ މަހެއް ކަމާއި އެމަސް ވެސް ފެންނަކަމަށް ފުވައްމުލަކު މީހުން ބުނެއެވެ. ނަމަވެސް ބަންގާޅުމަހާއި ކޯވެމައި ގުޅުމެއް އޮވެދާނެ ކަމަށްބެލެވެއެވެ.
މީގެ އިތުރުން ކަނބިއްޔާއި ރާބޮނދީގެ ވައްތަރުތައް، ވަލިކުޅާއި މާކަނާ، ރޭރު، އިރުވައިހުދު އަދި ހިޖުރަކުރާ ދޫނީގެ ބާވަތްތައް ވެސް އެ ދެ ކުޅި އާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދުން ފެނެއެވެ.
ވަރަށް ކުރީ ޒަމާނުއްސުރެ މި މާހައުލަށް ހޭނި އަށަގެންފައިވާ ދިރުންތަކުގެ ތެރޭގައި ވަލި ކުކުޅާއި އަދި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން ދަނބުގަހާއި، ކަނބިލިފެލާ – (ނިރިލް ނުވަތަ ފާން ގެ ވައްތަރެއް) އާއި ހައު އަދި ލޮންސީގެ ބާވަތްތައް މިހާރު ވަނީ ނެތިގެން ގޮސްދާނެކަމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.
ޚިޔާލުތައް