ފުވައްމުލައް ސިޓީގައި ގާއިމުކުރާ އެގްރިކަލްޗާ ލެބޯރަޓަރީ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.
ދަނދުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ ލެބޯޓަރީ ގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްތަކައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސްސް އެންޑް އެގްރިކަލްޗާ، ޑރ. ހުސޭން ރަޝީދު އާއި ފުވައްމުލައް ސިޓިގެ މޭޔަރު އިސްމައީލު ރަފީގުގެ އިތުރުން ޔޫއެންޑީޕީގެ ރިޕްރެޒެންޓެޓިވް އެވެ.
މިއަދު ބިންގާ އެޅި ލެބޯރަޓަރީ މާރާތުގެ މަސައްކަތް ނިމެންވާއިރަށް ލެބޯޓަރީއަށް ބޭނުންވާ މުއައްޒަފުން ހޯދުމާ ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި، ލެބޯޓަރީއަށް ބޭނުންވާ ތަކެތީގެ ތެރެއިން ބައެއްތަކެތި މިހާރު ވެސް ލިބިފައިވާ ކަމަށާއި އިތުރުތަކެތި ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސޭން ރަޝީދު ވިދާޅުވިއެވެ.

ޕްރޮޖެކްފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ” މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ފެސިލިޓީ
މިލެބޯޓަރީ ފެސިލިޓީގައި ތަފާތު 4 ކަމަކަށް 4 ލެބްތައް ގާއިމުކުރެވިގެން ދާނެއެވެ. އެގޮތުން ސޮއިލް އެނެލިޓިކަލް، ބައިއޯ ކޮންޓްރޯލް، ޓީޝޫ ކަލްޗާ އާއި ޕެތޮލޮޖީ ލެބް ހިމެނިގެން ދާނެއެވެ. މި ލެބްތަކުގައި ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސަށް ޖެހޭ އެކިއެކި ބަލިތައް ދެނެގަނެ، އެބަލިތަކަށް ފަރުވާ ހޯދުމުގެ މަސައްކަތާއި، މުޑުވައްކުރުމުގެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީގެ އަނބުގަސްތަކާއި، އަލައޮޅުތަކަށް މިހާރު ޖެހެމުންދާ ބަލިތައް ދެނެގަނެ އެ ބަލިތަކަށް ބައޮލޮޖިކަލް ފަރުވާ ހޯދުމުގެ މސައްކަތަށް ވެސް މިލެބޯރަޓަރީ އިން މަގުފަހިވެގެންދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ ޑރ. ހުސޭން ރަޝީދު ވިދާޅުވީ މި ލެބޯރަޓާރީގެ މަސައްކަތް ފެށުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގަސްގަހާ ގެއްސަށް ޖެހޭ ބަލިތައް ދިރާސާކުރުމަށް ކުރިން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ތަހުލީލު ކުރަމުން ދިޔަ ދިޔުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތަކަށް ހޭދަކުރަމުން ދިޔަ ދިގުމުއްދަތު ކުރުވެ އަވަސްކަމާއި އެކު ބަލިތަކަށް ޙައްލުހޯދުމުގެ މަސައްކަތް މިލެބޯޓަރީ އިން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގް ވިދާޅުވީ މިލެބޯޓަރީ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ދަނޑުވެރިންނަށް ވަކިން ޚާއްޞަކޮށް ފުވައްމުލަކުގެ ދަނޑުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބި ދަނޑުތަކަށް ޖެހޭ ތަފާތު ބަލިތައް ނައްތާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ޕްރޮޖެކްފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ” މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ފެސިލިޓީ
މީގެ އިތުރުން ފުވައްމުލަކުގެ އަލައޮޅުތަކާއި އަނބުގަސްތަކަށް ޖެހެމުންދާ ބަލިތައް ދެނެގަނެވި އެއަށް ފަރުވާއެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ލެބޯރަޓަރީ ފެސިލިޓީ ޤާއިމުކުރެވިގެން ދާއިރު ފުވައްމުލައް ސިޓީގައި ތައްޔާރުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ބޮޓެނިކަލް ގާޑަންގެ މަސައްކަތަށް ވެސް އިތުރު އެހީތެރިކަން ލިބިގެންދާނެކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.
މިލެބޯރަޓަރީ ފެސިލިޓީ އަކީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހިސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ “ޕްރޮޖެކް ފޯ ޑިވެލޮޕިން ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ” މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ޤާއިމުކުރެވޭ ލެބް ފެސިލިޓީއެކެވެ.
ޚިޔާލުތައް