އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ރައީސް ނަޝީދު މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަން ވަނީ ތައްޔާރުވެފައެވެ.
މިއީ ކުރިޔަށްް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭތަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭނެވެ. މި އިންތިޚާބަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ރައީސް ރައީސް ނަޝީދުއާއި އެމްޑީޕީ ހިމެނޭ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅަށް ފުވައްމުލައް ސިޓީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ވަރަށް ފޯރިއާއެކު ތައްޔަރުވަމުންނެވެ. އަންނި2023 ރިޔާސީ ކެމްޕޭނުގެ ޝިއާރަކީ “ފިކުރެއްގެ ދިރުން” އެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ، 3 ޖެނުއަރީ 2023 ހެނދުނު 9:40 ގައެވެ. އެއިގެ ފަހުން ސަޕޯޓަރުންނާއި އެކު ބާއްވާ ބައްދަލުވުން އޮތީ ހެނދުނު 10:00ގައި ދޫނޑިގަމު އެމްޑީޕީ ހަރުގޭއެވެ.
އެންމެ ފަހުން ބޭއްވުނު ޗެއާޕާސަން އިންތިޚާބުގައި، ދޫނޑިގަން ހިމެނޭ ފުވައްމުލަކު ދެކުނު ދާއިރާގެ މެޖޯރިޓީ ވޯޓު ހޯދާފައި ވަނީ އަންނި ތާއިދުކުރެއްވި ކެންޑިޑޭޓް އިމްތިޔާޒު ފަހުމީއެވެ. ވުމާއެކު އެއީ މިވަގުތަށް ބަލާނަމަ ރައީސް ނަޝީދަށް ފުވައްމުލަކުން އެންމެ ތާއިދު ބޮޑު ސަރަހައްދު ކަމުގައި ބަލަން ޖެހެއެވެ.

ފިކުރެއްގެ ދިރުން ކެމްޕެއިން – ޖަލްސާއަށް ތައްޔާރުވަނީ – ފުވައްމުލައް ސިޓީ
މިކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިދަތުރުފުޅުގައި ބޮޑަށް ބަލަނީ ވީހާވެސް ގިނަ ބަޔަކާއި ވަކިވަކިން ޑޯޓުޑޯގެ ތެރެއިން ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ. އެގޮތުން ސަޕޯޓަރުންގެ ޖަލްސާ އެހާ ބޮޑުކޮށް ގެންދަން ރާވާފައި ނުވާކަމަށް ހާމަކުރިއެވެ.
ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ 8 އަވަށުގައި ޑޯޓުޑޯ ކެމްޕޭން ކުރެއްވުމާއި އެއިގެ އިތުރުން ކެމްޕެއިން ޓީމާއިއެކު ވަކި ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.
ޑޯޓުޑޯ ކެމްޕެއިން
ހެނދުނު 11:00 އިން – ދޫނޑިގަން
މެންދުރު 1:30 އިން – މާލެގަން
މެންދުރު 2:15 އިން – ފުނާޑު
މެންދުރު ފަހު 3:00 އިން – މިސްކިތްމަގު
ހަވީރު 3:35 އިން – ދިގުވާނޑު
ހަވީރު 4:00 އިން – ހޯދަޑު
ހަވީރު 5:00 އިން -ދަޑިމަގު
ހަވީރު 6:00 އިން – މާދަޑު
މިދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު ފުވައްމުލަކުން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ނޫން އަނެއް ދުވަހު، 4 ޖެނުއަރީގެ ހެނދުނު އެވެ.
ޚިޔާލުތައް