A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި 2,470 މެމްބަރުންނާއެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފުވައްމުލަކުގައި އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީއަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. މި ޕާޓީގައި 2,470 މެމްބަރުން ތިބިކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ފުވައްމުލަކުގައި ޖުމްލަ 7,187 މީހުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. މި ޕާޓީގައި 1,620 މެމްބަރުން ތިބިކަމަށް އިލެކްޝަން ކޮމިޝަނުގައި ވަނީ ދަފްތަރު ކުރެވިފައެވެ. ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ކަމަށްވާއިރު، މި ޕާޓީގައި 872 މެމްބަރުން ތިބިކަމަށް ވަނީ ދައްކާފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީ (އޭޕީ) 544،މެމްބަރުން،ޖުމްހޫރީ ޕާޓީ (ޖޭޕީ) 534 މެމްބަރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) 405 މެމްބަރުން،ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) 196 މެމްބަރުން، ދަ ޑިމޮކްރެޓްސް 185 މެމްބަރުން، މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)149،މެމްބަރުން،މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ): 149 މެމްބަރުންއަދި މޯލްޑިވިއަން ރިފޯމް މޫވްމަންޓް (އެމްއާރްއެމް): 63 މެމްބަރުން އެބަތިއްބެވެ.

ނަމަވެސް، ސިޔާސީ ޕާޓިތަކުގެ ދަފްތަރާގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުން ތަކެއް މިދުވަސްކޮޅު ދަނީ ފާޅުކުރެވެމުންނެވެ. ޚާއްޞަކޮށް، ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕީއެންސީއިން، ވަގަށް މީހުން އެ ޕަޓީއަށް ވައްދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ މިކަމާ ގުޅިގެން، އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، އެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ޝަކުވާ ހުށަހެޅުމަށް، އިލެކްޝަން ކޮމިޝަނުގެ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅިދާނެއެވެ. ޝަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި، ޕޯޓަލްގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންޖެހޭނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅައި، ޕާޓީތަކުގެ މެމްބަރޝިޕްގެ ޞައްޙަކަން ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !