ހުސްވެފައިވާ އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސް ކަމަށް ކުރިމަތި ލުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ. މިމަގާމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކެއް ތިބިކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ.
އެމްޑީޕީއިން މި ފެބުރުއަރީ މަހު 12 ވަނަ ދުވަހު އާއްމުކޮށްފައިވާ ބައި-އެލެކްޝަނުގެ އިއުލާނުގައި ވާގޮތުން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާރިޗު މަހު 4 ވާ ހޮނިހިރު ދުވަހުއެވެ. އިންތިާޚބަށް ވާދަކުރުމުގެ ފަހު ވަގުތަކީ މިއަދު 16 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ

ފުވައްމުލައް ސިޓީ އެމްޑީޕީ ރައީސް ކަމަށް 2023
އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްގެ މަގާމު ހުސްވީ އެމަގާމުގައި ހުރި މުހައްމަދު ނިޒާމު މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ނިޒާމުގެ އިސްތިއުފާ އާއި ގުޅިފައިވަނީ ދާދި ފަހުން ބޭއްވުނު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ލޮޅުން ކަމަށް ވެއެވެ. ނިޒާމު ތާއިދުކުރައްވައި މަސައްކަތް ކުރެއްވި ރައީސް ނަޝީދުގެ ފެކްޝަނުގައެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބުގައި ފުވައްމުލައް ސިޓީއިން 5 މީހަކު ވާދަކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި އިންތިޚާބުގައި ވާދަކުރާ ކޮންމެ މީހަކު ވެސް އިންތިޚާބުގައި ވާދަކުރަން އެދޭ ކަމުގެ ފޯމާއެކު ދާއިރާގެ 200 މީހުންގެ ތާއިދު ސޮއި ހުށަހަޅަން ޖެހެއެވެ.
މިއިންތިޚާބުގައި ވާދަކުރާ އެއް ފަރާތަކީ މެދު ދާއިރާއިން ކުރީގެ މާދަޑު ކައުންސިލްގެ ރައީސް ކަމާއި ޏ.އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަހުމަދު މުޖުތަބާ (މުޖޭ) މަހިލަނބުމާގެ އެވެ. މުޖުތަބާގެ އިތުުރުން ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ޟިރާރު އާއި ކުރީގެ މިސްކިތްމަގު ކައުންސިލްގެ މެމްބަރު މުހައްމަދު ސުއާދު އާއި ދޫނޑިގަމު އަވަށު މުހައްމަދު ނޫރު އާއި ފުނާޑު ވާސިފު ހުސައިން ހިމެނެއެވެ. މި އިންތިޚާބުގައި ވޯޓުލުގެ ހައްގު ލިބިގެންވާ 2000އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. ނަމަވެސް އެތެރެގެ އިންތިޚާބުތަކުގައި ގިނަފަހަރަށް ވޯޓުލަނީ ވަރަށް މަދު ބައެކެވެ.
ޚިޔާލުތައް