ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހެއް ފުވައްމުލަކުގައި ކުރިޔަށް ގެންދަން އިއުލާން ކޮށްފިއެވެ. މިއީ ފުވައްމުލަކުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ނޫސްވެރިކަން ދަސްކޮށްދޭ ކުރު މުއްދަތުގެ ކޯހެކެވެ.
މިކޯސް އިންތިޒާމުކޮށްފައި ވަނީ ޝަހީބު މީޑިއާ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. މިކޯހުގެ ކިޔެވުން އޮންނާނީ މި މާރިޗު (2023) މަހު 9 އިން 13 އަށް ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައެވެ. ކޯހުގެ ކިޔެވުން ކުރިޔަށްގެންދަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 7:00އިން 9:00އަށެވެ. މިކޯހުގެ މުއްދަތަކީ އެއް ހަފުތާއެވެ.
މި ކުރު ކޯހުގައި ކިޔަވައިދޭ ބައިތަކަށް ބަލާއިރު، ޚަބަރު ލިޔުން، ފީޗާ ލިޔުމާއި، އިންޓަވިއުކުރުން ހިމެނެއެވެ.
ކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ ޝަހީބު މީޑިއާގެ ރައީސް އަދި ‘އަދިވެސް’ އޮންލައިން ނޫހުގެ ސީއީއޯ، އެޑިޓަރު މުހައްމަދު ޝަހީބު އާއި ވަން އޮންލައިންގެ ސީއީއޯ/އެޑިޓަރު ސިނާނު އަލީ އެވެ.
ކުރިން މީޑިއާ ކައުންސިލްގެ ރައީސް ކަން ކުރައްވާފައިވާ ޝަހީބު ވަނީ 2002 ހިސާބުގައި ވެސް ފުވައްމުލަކުގައި ޏ.އޭއީސީގެ ދަރިވަރުންނަށް ނޫސްވެރިކަން ދަސްކޮށްދޭ ކޯހެއް ހިންގާފައެވެ.
މުޅިން ހިލޭ ކުރިޔަށްގެންދާ މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އައިޑީ ކާޑު އާއި ގުޅޭނެ ފޯނު ނަމްބަރު ވައިބާ ކުރުމަށް ހަމަޖެހިފައި ވަނީ 9934333 އަށެވެ. ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 8 މާރިޗު 2023 ގެ މެންދުރު ފަހު 2:00އެވެ. ކޯހަށް ބައިވެރިން ހޮވާނީ އިންޓަވިއުކޮށްގެން ކަމަށް ވެއެވެ.
މިކޯހުގެ މަގުސަދަކީ ދިރިއުޅުމުގެ މަސައްކަތެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނާއި އެންމެހާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމެވެ. މިކޯސް ފުރިހަމަ ކުރުމުން ރަށުގައި ތިބެގެންވެސް މީޑިއާގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަންވެސްވެގެން ދާނެ ކަމަށް ހާމަކޮށްފައި ވެއެވެ. މިއީ ނޫސްވެރިކަމުގެ ދާއިރާ ތަޖުރިބާ ކޮށްލުމަށް ވެސް ލިބިގެންދާ ފަހި ފުރުސަތަކަށް ވެގެން ދާނެއެވެ.
5
4
3
2
1