ދޮންބެޒް ޕްރައިވެޓް ލިމެޓެޑް އިން ފުވައްމުލަކު ހޯދަޑު މަސްޖިދުލް ފަލާހު އަލުން އިމާރާތް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދޮންބެޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޯނަރު މުހައްމަދު ރަޝީދު (ދޮންބެ)އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މިސްކިތް އިމާރާތް ކުރަނީ މުޅިންވެސް ދޮންބެޒްގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް މިރޯދަމަސް ނިމުމުން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ދޮންބެޒްގެ އޮފިޝަލަކު މައުލޫމާތު ދީފައި ވެއެވެ.

އަމިއްލަ ޚަރަދުގައި ހޯދަޑު މަސްޖިދުލް ފަލާހު އިމާރާތް ކުރުމަށް ދޮންބެޒް އިން ސޮއކޮށްފި 2023
ޒަމާނީ ފެންވަރަށް ދެ ބުރިއަށް ހަދާ މި އިމާރާތަކީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިންމުމަށް ކަނޑައަޅާފައި ވަނީ 1 އަހަރު (365) ދުވަހެވެ. މިސްކިތް އިމާރާތް ކުރާނީ މެދުގައި ގުއްބަކާއި އެއްފަރާތުގައި މުންނާރެއް ހިމެނޭ ގޮތަށް މިހާރު އިމާރާތް ހުރި ބިމުން ނެގޭނެ އެންމެ ބޮޑު ޖާގައިގައެވެ. އަލަށް އިމާރާތް ކުރާ މިސްކިތުގެ ދެފަރާތުގައި ވުޟޫ ކުރާނެ ޖާގަ ހެދިފައި ހުންނާނެއެވެ.
ހޯދަޑު ނީލޯފަރު މަގުގައި ހުންނަ މަސްޖިދުލް ފަލާހު އިމާރާތަކީ ޖާގައިގެ ގޮތުން މިހާރު ކުޑަ، ހުކުރު ކުރާ މިސްކިތެކެވެ.

އަމިއްލަ ޚަރަދުގައި ހޯދަޑު މަސްޖިދުލް ފަލާހު އިމާރާތް ކުރުމަށް ދޮންބެޒް އިން ސޮއކޮށްފި 2023
އެ މިސްކިތަކީ އެ ހިސާބުގެ މީހުން ނަމާދު ކުރުމަށް ދުރަށް ހިނގާފައި ދާންޖެހޭތީ އެތަނުގައި އޮތް ހުސްބިން ކޮޅެއްގައި ހޯދަޑުގެ ރައްޔިތުން އަމިއްލައަށް ބިނާކުރި މިސްކިތެކެވެ. އެމިސްކިތް އިމާރާތް ކުރުމުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހޯދަޑު ސާދާމަންޒި އަނީސް (ކީރައްވަލި ބޭބެ) އެވެ. ބޭބެއާއެކު އެމިސްކިތް އިމާރާތް ކުރުމުގައި އެދުވަސްވަރު ހޯދަޑު އަވަށުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން ހިޔަލީގެ މުހައްމަދު ބެއަ އާއި ގޮމަތަނަގެ ތުއްތުބެއަ، އަދި ހިޔަލީގެ އަހުމަދު އާއި ރައުޟާ ފާރޫގު ހިމެނެއެވެ.

ފުވައްމުލައް ސިޓީ މަސްޖިދުލް ފާލާހު މިހާރު ހުރި ގޮތް. ފޮޓޯ ޝަހީދު
ފަހުން އެ މިސްކިތަށް ކުދި ކުދި ބަދަލުތައް ގެނެސްފައި ވީނަމަވެސް މިހާރު ހުރި މައި އިމާރާތަކީ އެންމެ ފުރަތަމަ ވެސް ހެދި އިމާރާތެވެ.
ފަލާހު މިސްކިތް އެޅުމަށް އެންމެ ފުރަތަމަ ހުރަހަކަށް ވީ އެބިމުގައި ކުރިން ހުރި ބޮޑު ބަނބުކެޔޮ ގަހެއް ނުލިބި ގިނަ ދުވަސްތަކެއް ހޭދަވުމެވެ. ފަހުން އެގަހުގެ މިލްކުވެރި ފަރާތަކަށްވި ބަހާރުގޭ އަހުމަދު ދީދީ އެގަސް ވިއްކާލީ ކީރައްވަލި ބޭބެ (އަނީސް)އަށެވެ. އެއާއެކު މިސްކިތް އެޅުމުގެ މަސައްކަތް ފަށައި ހޯދަޑު އަވަށުގެ މީހުންގެ އެހީ އާއި އެހެނިހެން ގޮތްގޮތުން އެހީ ހޯދައިގެން މިސްކިތް އެޅިއެވެ. މިސްކިތް ހުޅުވައި ދެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެވެ.
އެއިގެ ފަހުން މިސްކިތަށް ދެ ފެންޑާ އިތުރު ކުރުމައި، ވުޟޫކުރާ އިސްކުރު ބަރިއާއި ފާޚާނާ ހެދުމާއި، ސައުންޑް ސިސްޓަމް ބެހެއްޓުމާއި މިސްކިތުގައި ކާޕެޓް އެޅުމާއި މިސްކިތް އެއާކޯން ކުރުމުގެ މަސަކައްތް ވެސް ކޮށްފައި ވަނީ ވެސް ހޯދަޑު އަވަށުގެ މީހުންނެވެ.
ކުރިންވެސް މަސްޖިދުލް ފަލާހަކީ ހޯދަޑުގެ ރައްޔިތުން އަމިއްލައަށް އިމާރާތްކޮށްފައިވާ މިސްކިތެކެވެ. ދޮންބެޒް އަކީ ހޯދަޑު އަވަށަށް ނިސްބަތްވާ މިހާރު ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ (ހޯދަޑު އަވަށް ވެސް ހިމެނެ ދާއިރާ) މެމްބަރު ކަން ކުރައްވާމުން ގެންދަވާ މުހައްމަދު ރަޝީދު (ދޮންބެ) ގެ އަމިއްލަ ކުންފުންޏެވެ.
5
4
3
2
1