A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލުގެ ބާނީ، ހަމީދު ބޭބެ ނިޔާވެއްޖެ

ފުވައްމުލަކު ދަރިންނަށް ތައުލީމު އުގަނނަވައި ދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ލައިޓް، ހަމީދު ބޭބެ ނިޔާވުން

ފުވައްމުލަކު ސްކޫލުގެ ބާނީ، ހަމީދު ބޭބެ (އަބްދުލް ހަމީދު އަލީ ދީދީ، ލައިޓް/ފުވައްމުލައް) މިއަދު ނިޔާވެއްޖެއެވެ.

ފުވައްމުލަކުގެ ގިނަބަޔަކު އަދި ވަކިން ޚާއްސަކޮށް ދޫނޑިގަމު އަވަށު އެންމެން ހެން ‘ހަމީދު ބޭބޭ’ ގެނަމުން މުޚާތަބުކުރާ އަބްދުލް ހަމީދު އަލީ ދީދީ ނިޔާވީ މިއަދު، 6 މެއި 2023ގައި އުމުރުން 77 އަހަރުގައި މާލޭގައެއެވެ. ހަމީދު ބޭބެއަކީ ފުވައްމުލަކުގެ ވަރަށް ގިނަ ބައެއްގެ ގަދަރާއި އިހުތިރާމް ލިބިގެން ހުންނެވި ބޭފުޅެކެވެ. ދޫނޑިގަމު އަވަށުގެ ވަރަށް ގިނަ މީހުންގެ ދެވަނައެއް ނެތް އުސްތާޒެކެވެ. ނުވަތަ މުދައްރިސެވެ.

ހަމީދު ބޭބެގެ އާއިލާ ފުވައްމުލަކުގައި އެބައޮތެވެ. އާއިލާގައި އަންހެން އަދި ފިރިހެން ބޭފުޅުން އެބަތިއްބެވިއެވެ.

ހަމީދު ބޭބެ މުޅި ފުވައްމުލަކަށް މަޝްހޫރުވެފައި ވަނީ ‘ދޫނޑިގަމު މަކްތަބު’ (މަކްތަބުލް ނޫރާނިއްޔާ) ދުވަސްވަރުން ފެށިގެން ވެސް އެހިސާބުގެ ކުދިންނާއި މީހުންނަށް ތައުލީމު ދިނުމުގައި އިސް ނަންގަވައިގެން އުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ދޫނޑިގަމު މަކްތަބު ފަހުން ބަދަލުވެފައި ވަނީ ފުވައްމުލަކު ސްކޫލުގެ ނަމަށް މުޅިން އައު އިމާރާތަކާ އެކުގައެވެ. ފުވައްމުލކު ސްކޫލް އުފެދިގެން އެސްކޫލުގެ އެންމެ ފުރަތަމަ އިސް ވެރިއެއްގެ ގޮތުގައި، ނާޒިރެއްގެ ގޮތުގައި ހުންނެވީ ހަމީދު ބޭބެއެވެ.

މަކްތަބުލް ނޫރާނިއްޔާ ރަޖިސްޓްރީ ކުރެވިފައި ވަނީ 1969 ގައެވެ. އެއިގެ ފަހުން ފުވައްމުލަކު މަކްތަބު ގެ ނަމަށް ބަދަލުކުރެވިފައި ވެއެވެ.

އަދި އައު އިމާރާތަކާއެކު 1989 ގައި ނަން ފުވައްމުލަކު ސްކޭލަށް ބަދަލުކުރެވުނެވެ. އޭރުވެސް އެއީ ދުނޑިގަމު ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައި ހިންގަވަމުން ގެންދެވީ ހަމީދު ބޭބޭއެވެ.

1992 ވަނަ އަހަރު އެއީ ސަރުކަރުގެ ޕްރައިމަރީ ފެންވަރަށް ކިޔަވާ ސްކޫލެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

މިހާރު، (2023) އެސްކޫލަކީ ސަރުކާރުގެ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުން އޯލެވެލް އިމްތިހާނުހަދާ މިއީ ދެވަނަ އަހަރެވެ.

ފުވައްމުލަކު ސްކޫލް ސަރުކާރުގެ ސްކޫލަކަށް ބަދަލުވުމާއެކު ހަމީދު ބޭބެގެ ވަޒީފާ ވެސް ސަރުކާރުގެ ވަޒީފާއަށް ބަދަލުވެގެން ދިޔައެވެ. ވަޒީފާއިން މުސްކުޅި ކުރައްވަންދެން ވެސް އުޅުއްވީ ސްކޫލުގެ ނާޒިރުގެ މަގާމުގައެވެ. ނަމަވެސް ހަމީދު ބޭބޭގެ މަގާމު ފަހުން ވެގެންދިޔައީ ބޮޑަށް ރަމްޒީ މަގާމެއްގެ ގޮތުގައެވެ.

ހަމީދު ބޭބެއަކީ އެއްވެސް ގޮތަކުން އެހެން މީހުނާއި ދެބަސްވެ ވަޑައިގަންނާވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް އުފާވެރިކަމާއެކު ހިނިތުންވެ އެހެން މީހުނާއި ވަރަށް ގާތްކޮށް ވާހަކަ ދެއްކެވުމާއި ގުޅުންތައް ބޭއްވި ބޭފުޅެކެވެ.

ހަމީދު ބޭބޭ މުޅި ފުވައްމުލަކަށް މަޝްހުރުވެގެން ދިޔަ އެއް ކަމަކީ ބޮޑު އަކުރު އެޅުމުގައެވެ. އެއީ ކޮމްޕިއުޓަރުގެ ޒަމާނަކަށް ނުވުމުން އެ ދުވަސްވަރު ބެނާ ފަދަ ފޮތިގަނޑުތަކުގައި އިބާރާތްތައް ބޮޑުކޮށް ތައްގަޑު ޖެހުމަށް އަކުރުތައް އެޅުމަށް ފުވައްމުލަކުގެ ގިނަބަޔަކު ޚިޔާރުކުރީ ހަމީދު ބޭބޭ ކަމަށް ވެއެވެ. ޚާއްސަކޮށް ރަސްމީ ކަންކަމުގައި ހަމީދު ބޭބޭގެ ބޮޑު އަކުރުތައް ބޭނުންކުރަމުން ދިޔަކަން އެގެން އޮވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !