ރާއްޖެ ބޮޑީ ބޯޑިން އިން އިންތިޒާމުކޮށްގެން މި އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ބޮޑީބޯޑިން މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ވިއާމް ހޯދައިފިއެވެ. “އެލައިސް 2019” ގެ ނަމުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ވިއާމް ހޯދާފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން އަބްދުﷲ ޝިމާލު ޝަމީމު ބަލިކޮށްފައެވެ. މި މުބާރާތުގެ ތިންވަނަ ހޯދީ، މިދިޔަ އަހަރުގެ މުބާރާތުގެ ރީ ކޮލިފައިނުން ކެޓި ޝިނާޒް މުޙައްމަދެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިމުބާރާތަކީ 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ރާޅާއެޅުމަށް ކުދިންނަށް ތަމްރީން ޕްރޮގްރާމްތައް ވެސް ވަނީ ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި މުބާރާތުން ޒުވާން ހުނަރުވެރިން ފާހަގަވެގެންދިޔަ ކަމަށް ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރ އަލީ ހުޝްރުވާން (ކުޑަ އައްޔަ) ބުންޏެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެއްބާރުލުމާ އެކު ބޭއްވި “އެލައިސް 2019″ގެ މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސްއެވެ. ސީ ސްޕޯޓްސްގެ އެހީތެރިކަމާ އެކު ރާއްޖެ ބޮޑީބޯޑިންގެ މުބާރާތެއް މިދިޔަ އަހަރު ވެސް ފުވައްމުލަކުގައި ވަނީ ބާއްވާފައެވެ.
ރާއްޖެ ބޮޑީބޯޑިން އަކީ ރާއްޖޭގައި ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސީސްޕޯޓްސްގެ ސްޕޮންސާޝިޕްގެ ދަށުން މިއަހަރު، ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި، ބޮޑީބޯޑިން މުބާރާތް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ފުވައްމުލަކުން މި މުބާރާތަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއިއެކު، ފުވައްމުލައް ސިޓި ކައުންސިލާއި ގުޅިގެން، އަންނަ އަހަރު ފުވައްމުލަށް ސިޓީގެ ސްކޫލުތަކަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގުރާމެއް ހިންގުމަށްވެސް ރާއްޖެ ބޮޑީބޯޑިން އިން ވަނީ ނިންމާފައެވެ.
ޚިޔާލުތައް