ފާއިތުވި އަހަރު އޮކްޓޯބަރ/ނޮވެމްބަރު މަހު ބޭއްވުނު ކެމްބްރިޖް އޯޑިނަރީ ލެވެލް އިމްތިޙާނުގައި ރާއްޖޭގެ ގަދަ 10 ގައި ޏ.އޭއީސީގެ 8 ދަރިވަރަކު ހިމެނިއްޖެއެވެ.
ރޭ މާލޭ ދަރުބާރުގޭގައި ބޭއްވުނު ޓޮޕް އެޗީވަރސް އެވޯރޑް ޖަލްސާއިން އިނާމު ހާސިލުކުރި ޏ.އޭއީސީގެ 8 ދަރިވަރުން ވަނީ ޓޮޕް ޓެން ގެ 5 ވަނަ އާއި 10 ވަނައާއި ދެމެދުގެ ވަނަތައް ހާސިލުކޮށްފައެވެ.
އެއީ ގަދަ ދިހައެއްގެ:
5 ވަނާގައި މުހައްމަދު އައްޒާމު އަފީފު – އަންސާމު / ފުވައްމުލައް؛
7 ވަނާގައި 2 ދަރިވަރުން، އާމިނަތު ރުވާއު / އީގަލް އާއި އާމިނަތު ޔުމްނު ހަސަން /ކަށިމާގ؛ެ
8 ވަނާގައި 1 ދަރިވަރު، އާއިޝަތު ޔޫޙާ އަބްދުﷲ ސައީދު / ނޫކޮކާގެ؛
9 ވަނާގައި 2 ދަރިވަރުން، އާމިނަތު އީޝާ އަހުމަދު / ވީރު އާއި މަރިޔަމް އިޝާކް ރާމް /ގެރަ؛
10 ވަނާގއި 2 ދަރިވަރުން، އަހުމަދު ޝުމައިސް އަބްދުﷲ ނައީމު /ހޭޅި، އާއި ރުވާ ހަސަން އަލީ /ނެރުޅު އެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ ވިދާޅުވީ ޏ.އޭއީސީއިން މިފަހަރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ އައްޒާމު ކަމަށެވެ. އިނގިރޭސި މާއްދާގައި ދުނިޔޭގެ ގަދަ 10ގެ 9 ވަނަ އޭނާ ހާސިލުކޮށްފައިވާ ކަމަށެވެ.
މުޅި ރާއްޖެއިން 404 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައި ވެއެވެ. މުޅި ރާއްޖެއިން 6 ދަރިވަރަކު ދުނިޔޭގެ 1 ވަނާގައި ހިމެނިފައި ވެއެވެ.
އަދި ވަކި މާއްދާތަކުން މުޅި ދުނިޔޭގެ ފެންވަރުގައި 53 ދަރިވަރަކު ހިމެނުނުއިރު ޏ.އޭއީސީގެ ދަރިވަރު އައްޒާމު ވަނީ އިނގިރޭސި މާއްދާގައި ދުނިޔޭގެ ގަދަ 10ގެ 9 ވަނަ ހާސިލުކޮށްފައެވެ.
ޏ.އޭއީސީގެ އާ ޕްރިންސިޕަލާއެކު މިހާސިލުކުރެވުނު ނަތީޖާއާއި އެކު އެސްކޫލާއި މެދު ފުވައްމުލަކުގެ ގިނަ ބައެއްގެ އުއްމީދު އާލާވަމުންދާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ބެލެނިވެރިއަކު ހާމަކުރިއެވެ.
ޚިޔާލުތައް
ޚަބަރު ލިޔުމުގައި މިއަށްވުރެ ޒިއްމާދާރު ވާން މިކަލްނިއުސްއިން ވެއްޖެ. މިނަތީޖާ އަކީ ޕްރިންސިޕަލް ސައުދުﷲ ހުންނަވައިގެން ހާޞިލްކުރެވުނު ނަތީޖާ އެއް ނޫން. މިއީ 2018 ގެ ނަތީޖާ، ޕްރިންސިޕަލްކަމާ ސައުދުﷲ ހަވާލުވީ 2019 ވަނަ އަހަރު މެދުތެރެއިން.