ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް، ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ނައިންޓީ ޕްލަސް އިން މުޅިން އަލަށް ބާއްވާ ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފުވައްމުލަކު ޓީމުން ކާމިޔާބުކޮށްފިއެވެ. ރޭ ގަލޮޅު ދަޑުގައި ކުޅެވުނު ގޯލްޑްކަޕްގެ ފުރަތަމަ މެޗުން ފުވައްމުލަކު ޓީމު ކާމިޔާބު ހޯދީ ކޫޑަހުވަދޫ ގެ ޓީމު 3-1 ލަޑުން ބަލިކޮށްގެނެވެ.
ފުވައްމުލަކު ނިސްބަތް ކުރާ ފުވައްމުލަކު ހޯދަޑު ސްޕޯޓްސް ޓީމު މިމުބާރާތަށް ތައްޔާރުވެފައިވަނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް އަށް ވެސް ކުޅުނު މޫސާ އަޒީމް ހަސަން އާއި ޓީސީގެ މުހައްމަދު ސާދު (ނިޒާރު) އިތުރުން ކުރިން ނިއު ރޭޑިއަންޓަށް ވެސް ކުޅުނު ގާނާގެ ފޯވާޑް އޮއުސޫ ކޯފީ ޓީމުގައި ހިމަނައިގެނެވެ.
ފުވައްމުލަކާއި ކޫޑަހުވަދޫ ބައްދަލު ކުރި މެޗު ފެށިގެން ފުރަތަމަ ހާފުގައި މެޗުގެ ލީޑު ފުވައްމުލަކު ޓީމަށްކުޅޭ ކުޅޭ ގާނާ ފޯވާޑް އޮއުސޫ ކޯފީ ނަގައިދިނެވެ. މިނަތީޖާ އާއިއެކު ފުރަތަމަ ހާފު ނިންމާލިނަމަވެސް، ޓީސީގެ ކުރީގެ ކެޕްޓަން އަހްމަދު ރިލްވާން (ބެން) އާއި ކުރިން ގްރީން ސްޓްރީޓްސް އަށް ވެސް ކުޅުނު މުހައްމަދު ސާއިފް، ހިމެނޭ ކުޑަހުވަދޫ ޓީމުން ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަތީޖާ ހަމަހަމަ ކުރި ލަނޑު ކުޑަ ހުވަދޫގެ ޓީމަށް ޖަހައިދިނީ އަހްމަދު މުއާދު އެވެ.
މެޗުގެ 78 ވަނަ މިނެޓްގައި ބެން، ފުވައްމުލަކުގެ ކީޕަރަށް ކުރި ފައުލުގައި އޭނަ އަށް ދެވަނަ ރީނދޫކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. އޭގެ މިނެޓެއް ނުވަނީސް ރެފްރީ ވަނީ ސާއިފް އަށް ވެސް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭގެ ކުރިން އޭނާ އަށް ވެސް ރީނދޫ ކާޑެއް ދައްކާފައި ވެ އެވެ.
ފުވައްމުލަކު ޓީމަށް އަލުން ލީޑް ލިބުނީ އަލީ ޝަމާލް އަބްދުﷲ 89 ވަނަ މިނެޓް ޖެހިލަޑުންނެވެ. އަލީ ޝަމާލް މިލަޑު ޖެހީ އޭރިއާގެ ބޭރުން އޭނާ ލިބުނު ބޯޅަ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވައިލައިގެނެވެ. ފުވައްމުލަކު ޓީމުން ލީޑު ފުޅާ ކުރީ އިތުރު ވަގުތުގައި ދުރުން ގޯލްގެ ކަނަށް އަޒީމް ފޮނުވާލި ހިތްގައިމު ގޯލުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ފުވައްމުލަކު ޓީމުގެ 22 ނަންބަރު މޫސާ އަޒީމު ހަސަން އެވެ.
ޚިޔާލުތައް