ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ކުރިން ދޫނުކުރެވި ހުރި 40 ފްލެޓަށް އެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސަރުކާރުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަ ކުރެވިގެން ކުރިން އިއުލާން ކޮށްފައި ވަނީ 120 ފްލެޓެވެ. މި 120 ފްލެޓް ލިބޭ 137 މީހުންގެ ލިސްޓް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށްފައެވެ. އަދި ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި 20 ފްލެޓް ލިބޭ ލިސްޓަގައި ވަނީ 15 ފަރާތެކެވެ.
ފުވައްމުލަކުގައި އިމާރާތްކުރެވިފައިވާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް
މި ފަހަރު އިއުލާން ކޮށްފައި ވަނީ ބާކީ ހުރި 40 ފްލެޓަށް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ. ބެލެވޭ ގޮތުން މީގެތެރޭގައި ހިމެނެނީ ހިޖުރަކުރަން ބޭނުންވާ މީހުންގެ ބައިން ބާކީ ހުރި 5 ފްލެޓާއި އަދި ކުރިން އިއުލާން ނުކޮށް ހުރި 60 ފްލެޓްގެ ތެރެއިން އިއުލާންކުރި 35 ފްލެޓާއެކު ޖުމްލަ 40 ފްލެޓަށެވެ.
މިފަހަރު އިއުލާންކުރި 40 ފްލެޓްގެ ތެރެއިން 35 ފްލެޓް ޚާއްސަކުރެވިފައި ވަނީ ފުވައްމުލަކުގެ ރައްޔިތުންނަށެވެ. އަދި ފުވައްމުލައް ސިޓީއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް 5 ފްލެޓް ކަނޑައަޅާފައި ވެއެވެ. މިއާއެކު ފުވައްމުލަކުގައި އިމާރާތްކޮފައިވާ 200 ފްލެޓްގެ ތެރެއިން އަދިވެސް އިއުލާން ނުކޮށް 25 ފްލެޓް ހުންނާނެ ކަމަށް ބެލެވެއެވެ.
މި ފަހަރު ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތަކީ އިއްޔެ، 24 ސެޕްޓެމްބަރ އިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފްލެޓް ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ކަމަށްވާ ކުރީގެ ރަށު އޮފީސް އިމާރާތުގައެވެ. އަދި ފުރިހަމަ ނުވާ ފޯމު ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮޖެކްޓަކީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފްލެޓް އެޅުމަށް ކަނޑައެޅި މަޝްރޫއުގެ ތެރެއިން ފުވައްމުލައް ސިޓީގައި އަޅަން ހަމަޖެހުނު ފްލެޓްތަކުގެ ތެރެއިން ބައެއް ރައީސް ޔާމީނު ސަރުކާރުގައި ހުޅުމާލެއަށް ބަދަލުކުރުމަށް ފަހު ބާކީ ހުރި 200 ފްލެޓެވެ. ފްލެޓް ތައް އިމާރާތް ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
އެމްޑީޕީގެ އައު ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.
ޚިޔާލުތައް