ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ ފުރަތަމަ ހެޑްމާސްޓަރކަން ކުރެއްވި އަހުމަދު މުޖުތަބާ ފާއިތުވި ބުދަ ދުވަހު ނިޔާވެއްޖެއެވެ. މުޖުތަބާ އަކީ ހއ. ވަށަފަރު އަލްމަރޫޙުމް ވަށަފަރު އާދަމް ކަލޭގެފާނުގެ ދަރިއެކެވެ. އުމުރުން 58 އަހަރުގައި ހެޑްމާސްޓަރ މުޖުތަބާ ނިޔާވީ ކިޑްނީ ފޭލްވުމުގެ ބަލީގައި ވަރަށް ގިނަ ދުވަސް ހޭދަކުރެއްވުމަށް ފަހު މާލޭގައެވެ.
މުޖުތާބާ ނިޔާވުމުގެ ޚަބާރާއި ގުޅިގެން އޭނާއަށް ހެޔޮރަހުމަތަށް އެދި ޏ.އޭއީސީން ހިތާމާގައި ބައިވެރިވާކަން ހާމަކޮށްފަިއވެއެވެ. ޏ.އޭއީސީން ހާމަކޮށްފައިވާ ގޮތުގައި މުޖުތަބާއަކީ ދަރިވަރުންގެ ލޯބި ލޯބިފައިވާ އަދި ޓީޗަރުންގެ އިހުތިރާމު ހޯއްދަވާފައިވާ ވެރިއެކެއެވެ.
މުޖުތަބާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮޅު ލަންޑަން ޖީސީއީ އޯލެވެލް އިމްތިޙާނު ހެދި ބޭފުޅެކެވެ. މުޖުތަބާ އޯލެވެލް ހައްދަވާފައި ވަނީ 1979 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މުޖުތަބާ އޯލެވެލް އިމްތިހާނު ނިމާލެއްވުމަށް ފަހު ރަށަށް، ހއ.ހޯރަފުއްޓަށް ވަޑައިގެ ޗުއްޓީގައި ހުންނަވަނިކޮށް އޭނާގެ ހަޔާތުން އަދި ދިވެހި ގައުމުގެ ހަޔާތުން ވެސް މުހިންމު ހާދިސާއަކާއި ކުރިމަތިލާން ޖެހުނެވެ. ހެޑްމާސްޓަރ މުޖުތަބާގެ ހަނދާން އާކުރުމުގެ ގޮތުން އެވާހަކަ ކޮޅު މިތަނުގައި ހިމަނާލަމެވެ.
1979 ވަނަ އަހަރުގެ ޖެނުއަރީ މަހު މުޖުތަބާ ރަށުގައި ހުންނަވަނިކޮށް ހއ.ތުރާކުނު ބޭރުން (ރާއްޖޭގެ އެންމެ އުތުރުން) ހޯރަފުށީގެ މަސްވެރިން އެމެރިކާގެ ބޯޓަކަށް އަރާ އެބޯޓު ހުއްޓުވިއެވެ. އެދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ބޯޓުފަހަރުތައް ހުއްޓުވައި އެކަން ސަރުކާރަށް ވީއެންމެ އަހވަހަކަށް އެންގުމަށް މަސްވެރިންނަށް އިރުޝާރު ދެވިފައި ވެއެވެ.
އެގޮތުން އެބޯޓަށް މަސްވެރިން އަރައި ބޯޓުގެ އިސް ފަރާތްތަކާއި އިނގިރޭސި ބަހުން މުއާމަލާތް ކުރުމަށް މެދުވެރިވީީ އޭރު އޯލެވެލް އިމްތިހާނު ނިންމާލާފައި ޗުއްޓީއަށް ރަށަށް ގޮސް ހުރި މުޖުތަބާ އާއެއެވެ. ބޯޓުގެ ކެޕްޓާނާއި ބައެއް ފަޅުވެރިން އެއްގަމަށް ބާލާފައި، މުޖުތަބާ ބޯޓުގައި މަޑުކޮށްގެން ހުއްޓާ ބޯޓުން ރަށުގެ މީހުން ބިރުގަންނަވަން ބަޑިޖަހާފައި ބޯޓު މަޑުމަޑުން ބޯޓު ބޭރަށް ދުއްވިއެވެ. އެދިޔަ ގޮތަށް މުޖުތަބާ ގޮވައިގެން ބޯޓު ދިޔައީ ޑިއޭގޯ ގާސިއާއަށެވެ. ޑިއޭގޯ ގާސިއާ އަކީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.
އެއިގެ ފަހުން އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރުން ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރިއެވެ. އަދި މުޖުތަބާ މާލެ ގެނެސް ދިނެވެ. އަދިއެއާއެކު ސަރުކާރުން އެމެރިކާ މީހުން ދޫކޮށްލިއެވެ.

ސްކޫލް ކުދިންގެ ފޮތް ކުރީގެ ފޮތް ދަބަސް ޏ.އޭއީސީ ދަރިވަރުން 1982 ހިސާބުގައި
ލަފާ ކުރެވޭ ގޮތުން މުޖުތަބާ ވާނީ ރާއްޖެއިން އެންމެ ފުރަތަމަ ތަމްރީނު ކުރި ހެޑްމާސްޓަރުންގެ ތެރެއިން ބޭފުޅަކަށެވެ. މުޖުތަބާ ޏ.އޭއީސީގެ ޕްރިންސިޕަލް ކަން ކުރެއްވީ 83-1982 ހިސާބުގައެވެ.
5
4
3
2
1