A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ތޭރަވަނަ ބައި)

އަލްއިއްޒު އިބުނު އަބްދުއްސަލާމު

ހަތްވަނަ ގަރުނުގެ މަޝްހޫރު އިލްމުވެރިޔާ އަލް އިއްޒު އިބުނު އަބްދިއްސަލާމް ދުނިޔޭގެ އަލިކަންދެކިވަޑައިގަތީ ހިޖުރީ ސަނަތުން 577 ވަނަ އަހަރު ޝާމުކަރައިގެ ދިމިޝްގަށެވެ. އަލް އިއްޒުގެ ތޫނުފިލިކަން އިލްމު އުގެނެން ފެށުމާއިއެކު ފެންނަންފެށިއެވެ. އަދި ދިމިޝްގުގެ އެންމެބޮޑު މިސްކިތުގެ ޚާތިބުކަމަށް އަލްއިއްޒު އައްޔަންވިއެވެ. އެދުވަސްވަރު ދިމިޝްގުގެ ވެރިއަކަށް ހުންނެވި އައްޔޫބީ ޚާންދާނުގެ އިސްމާއީލު ތައްޔާރުވަމުން ދިޔައީ މިސްރުގައި ވެރިކަން ކުރަމުންދިޔަ އައްޔޫބީ ޚާންދާނުގެ ނަޖުމުއްދީނު އައްޔޫބީ އާއި ހަގުރާމަކުރުމަށެވެ. ނަޖުމުއްދީނު އައްޔޫބީ އާއި ހަގުރާމަކުރުމަށް އިސްމާއީލު އެހީތެރިކަން ހޯދީ ސަލީބީންގެއެވެ. ދިމިޝްގާއި ސަލީބީންނާއި އޮތް ގުޅުމުގެ ސަބަބުން ސަލީބީންނަށް ފަސޭހައިން ހަގުރާމަވެރި ހަތިޔާރު ގަތުމަށް ވަނީ ދިމިޝްގު ހުޅުވިފައެވެ. މިކަމާއި ގުޅިގެން އައްއިއްޒުގެ މަޝްހޫރު ފަތުވާ ނެރުއްވިއެވެ. އާދެ! ސަލީބީންނަށް ހަތިޔާރު ވިއްކުން ހުއްދަނޫންކަމުގެ ފަތުވާ ނެރުއްވިއެވެ. އެއަށްފަހު ހުކުރު ނަމާދުގައި ރަސްގެފާނަށް ދުއާކުރުންވެސް ހުއްޓާލެއްވިއެވެ. މިކަންތަކާއި ގުޅިގެން އައްއިއްޒު ޖަލަށްވެސް ލެވުނެވެ. އަދި ޖަލުން  ދޫކޮށްލެއްވުމުން ދިމިޝްގު ދޫކޮށް މިސްރަށް ހިޖުރަކުރެއްވިއެވެ.

އައްއިއްޒު ދިމިޝްގު ދޫކޮށް މިސްރަށް ހިޖުރަކުރެއްވީ ހިޖުރީ ސަނަތުން 639 ވަނަ އަހަރުގައެވެ. އައްއިއްޒު މިސްރަށް ވަޑައިގަތުމާއިއެކު އަލްއިއްޒަށް މަރުހަބާ ދެންނެވުމަށްފަހު އިސް ފަޑިޔާރުކަމަށް ރަސްގެފާނު އައްޔޫބީ އަލްއިއްޒު އިސްކުރެއްވިއެވެ. މިސްރުގައި ވެސް އަލްއިއްޒުގެ އިލްމުވެރިކަމުގެ ގޮތުން މަގުބޫލުކަން އިތުރުވެގެންދިޔައެވެ. އެދުވަސްވަރު މިސްރުގެ މަމުލޫކުންނަކީ އަޅުންކަމުގައި އަލްއިއްޒަށް ފެނިވަޑައިގަތެވެ. އަދި އެބައިމީހުންނަށް މިނިވަންކަމާއިއެކު ވެރިކަމާއި ވިޔަފާރި ނުކުރެވޭނެކަމަށް ނިންމަވާ މަމްލޫކުންގެ ނިންމުންތައް ސައްހަނޫންކަމަށް އެންގެވުމާއިއެކު ރަސްގެފާނު އައްޔޫބީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެން އެކަންތަކާއި ބެހިވަޑައިނުތުމަށް އެންގެވިއެވެ. އެހެންކަމަވެސް، އަލްއިއްޒު ރަސްގެފާނުގެ މިއެންގެވުން ދެކޮޅު ހެއްދެވިއެވެ. ހުރިހާ ކަމަކަށް ހުކުމް ނުކުރެވޭކަމުގައި ވާނަމަ އެއްވެސް ކަމަކަށް ހުކުމް ކުރަން ބޭނުންނޫން ކަމަށް ވިދާޅުވިއެވެ. މިމައްސަލާގައި ރަސްގެފާނާއި އަލްއިއްޒާއި ޚިޔާލުތަފާތުވެ އައްއިއްޒު މިސްރުދޫކޮށް ވަޑައިގަތުމަށް ތައްޔާރުވެ ދަތުރު ފެށުމާއި މިސްރުގެ ގިނަ ބަޔަކު އަލްއިއްޒާއި ތަބާވެ އެބައިމީހުންވެސް އަލްއިއްޒާއިއެކު މިސްރު ދޫކޮށްލެއްވުމަށް ނިކުތެވެ. އަލްއިއްޒު މިސްރު ދޫކޮށް ވަޑައިގެންފިނަމަ ރަސްގެފާނަށް މިސްރުގެ ރައްޔިތުންކުރާ އިހުތިރާމާއި ގަދަރު ކުޑަވެގެންދާނެކަން ރަސްގެފާނަށް އެގިވަޑައިގެން އަލުން އަލް އިއްޒާއި ވާހަކަ ދެއްކަވާ އެއްމައްސަލަ ހައްލުކުރެއްވެވިއެވެ. އަދި އަލުން އަލްއިއްޒުއަށް ހުކުމް ކުރުމުގެ ފުރިހަމަ އާރާއި ބާރު ދެއްވިއެވެ.

މަމުލޫކުންގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ރަސްގެފާނު އެދި ވަޑައިގަތުމުން މަމުލޫކުން ވިއްކާލެއްވުމަށް އަލްއިއްޒު ދެންނެވިއެވެ. އެއަށްފަހު މަމުލޫކުން ވިއްކާލެއްވި ފައިސާ ބައިތުލްމާލަށް ލެވުނެވެ. މިކަމާއި ގުޅިގެން އަލްއިއްޒު މަޝްހޫރުވެގެން ގޮސްފައިވަނީ “ރަސްކަލުން ވިއްކާމީހާ” ގެ ގޮތުގައެވެ.

ގުތޫޒު ޖިހާދު އިއުލާން ކުރެއްވުމަށްފަހު، ޖިހާދަށް ފައިސާ ހޯދުމަށް ވަރުވާ (ޓެކްސް) ނަންގަވަން ނިންމެވުމާއި ގުޅިގެން އެކަމާއި ދެކޮޅު ހެއްދެވިއެވެ. އަދި ވަރުވާ ނެގުމުގެކުރިން ބައިތުލްމާލުން ޚަރަދު ކުރުމަށާއި އެވަރުން ނުފުދިއްޖެނަމަ ދައުލަތުންގެ ބޮޑުންގެ ހަރުމުދަލާއި ފައިސާއިން ޚަރަދުކުރުމަށް ފަހު ނޫނީ ވަރުވާ ނުނެގުމަށް ފަތުވާ ދިނެވެ. މިފަތުވާ އަށް އަމަލުކުރަން ފެށުމާއިއެކު އިތުރު ވަރުވާ އެއްނުނަގާ ހަގުރާމައަށް ތައްޔާރުވުމަށް ބޭނުންވާ އާލާތްތަކާއި ފައިސާލިބުނެވެ.

ހަގުރާމައަށް ތައްޔާރުވުން

ތަތާރުން ހަގުރާމަތަކުން ހޯދާފައިވާ ކާމިޔާބާއި ގުޅިގެން، ތަތާރުންނާއި ދެކޮޅަށް ކުރާ ހަގުރާމަ އެހާ ފަސޭހަކޮށް ނަގާކަށް ގުތޫޒު ބޭނުމެއްނުވިއެވެ. އެހެންކަމުން، ހުރިހާ ގޮތަކުންވެސް ތައްޔާރުވުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން އެގޮތުން މަސައްކަތްކުރިއެވެ. އިމާމު އިބުނު އަބްދުއްސަލާމާއި އަދި އެހެން އިލްމުވެރިންގެ އެހީގައި ޖިހާދުގެ މަތިވެރިކަމާއި ﷲ އަށް ބިރުވެތިވުމާއި އަދި ރޫހާނީ ގޮތުން މުޖުތައު ތައްޔާރުކުރުވިއެވެ.

މީގެ އިތުރުން، މިހަގުރާމައަށް ނިކުތުމަށް އިޖާބަދީފައިވާ އާންމުންނަށް ހެވިކަމުގެ ތަމްރީނުތައް ދިނެވެ. އެގޮތުން، 5 މަސްދުވަސްވަންދެން ހެވިކަމުގެ ތަމްރީނުތައް ކުރިއަށް ގެންދިއެވެ.

ތަތާރުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް ގުތޫޒަށް ވިސްނުނީ މިސްރުން ނިކުމެ ޝާމުކަރައިގެ ރަގަޅު މައިދާނެއްގައި ހަގުރާމަ ފަށާށެވެ. ނަމަވެސް މިސްރުގެ ބައެއް ވެރިން ދެކުނު ގޮތުގައި ޝާމު ކަރައަކީ ގުތޫޒުގެ ވެރިކަމުގެ ދަށުގައިވާ ސަރަހައްދަކަށް ނުވާތީ ހަގުރާމަކުރަން އެންމެ ރަގަޅީ މިސްރުގެ ބިމުގައެވެ. ނަމަވެސް، ގުތޫޒު ނިންމެވީ ހަގުރާމައަށް ފަލަސްތީނުގެ ބިމަށް ދަތުުރުކުރާށެވެ. ގުތޫޒު ހަގުރާމައިގެ މައިދާނެއްގެ ގޮތުގައި ނިންމެވި ބިމާއި އަވަށްޓެރި ޝަހަރެއްކަމަށްވާ އައްކާ އަކީ ސަލީބީންގެ ބާރުގެ ދަށުގައިވާ ޝަހަރެކެވެ. އެޝަހަރަކީ މަޝްހޫރު ފާތިހު ސަލާހުއްދީން އައްޔޫބީ ޝާމުގެ ޝަހަރުތައް ފަތަހަކުރެއްވިއިރުވެސް ފަތަހަވެފައިވާ ނުވާ ޝަހަރަަކަށްވުމާއިއެކު އައްކާއިން ނުރައްކާތެރި ހަމަލާއެއްނާންނާނެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމުގައި ގުތޫޒު ދެކިލެއްވިއެވެ.

އެގޮތުން، ގުތޫޒު ނިންމެވީ އައްކާގެ ސަލީބީންނާއިއެކު ވާހަކަދައްކައިގެން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށެވެ. ގުތޫޒުގެ މިހުށަހެޅުމަށް ސަލީބީން އުފާކުރިއެވެ. އެހެނީ މިސްރާއި ދެކޮޅަށް އެންމެފަހުން ކުރެވުނު ދެހަގުރާމައިންވެސް ސަލީބީންވަނީ ބަލިވެފައެވެ. ގުތޫޒުގެ މިހުށަހެޅުމާއިއެކު ސަލީބީން ގުތޫޒުގެ ލަޝްކަރަށް ހަގުރާމައިގެ އެހީތެރިކަން ފޯރުކޮށްދޭންވެސް އެދުނެވެ. ނަމަވެސް، ހަގުރާމަވެރި އެހީތެރިކަމުގެ ބަދަލުގައި މުސްލިމުންގެ ލަޝްކަރަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ގުތޫޒު ހުށަހެޅުއްވިއެވެ. މިކަމާއި ސަލީބީން އެއްބަސްވުމާއިއެކު ގުތޫޒުގެ ލަޝްކަރު ހަގުރާމައަށް މިސްރުން ނިކުތެވެ. ގުތޫޒު ތަތާރުންނާއި ދެކޮޅަށް ހަގުރާމައަށް މިސްރުން ނިކުތީ ހިޖުރީ ސަނަތުން 658 ވަނަ އަހަރު ޝައުބާން މަހުގައެވެ. އެއީ މީލާދީ ސަނަތުން 1260 ވަނަ އަހަރު ޖުލައި މަސްތެރެއެވެ.

ގުތޫޒުގެ ލަޝްކަރުގެ އިސްކޮމާންޑަރަކަށް ހަގުރާމައި އިސްލީޑަރެއް ކަމަށްވާ ބައިބަރު އައްޔަންކުރިއެވެ. އަދި ބައިބަރުގެ ކޮމާންޑަރުކަމުގައި ދަތުރުކުރާ ލަޝްކަރު މައިލަޝްކަރުގެ ކުރިން ދަތުރުކުރުމަށް އިރުޝާދު ދިނެވެ. ތަތާރުންގެ ލަޝްކަރުތައްވެސް ދަތުރުކުރަނީ ބައިބަޔަށެވެ. ތަތާރުންގެ މައިލަޝްކަރު އަބަދުވެސް ގާއިމުވެފައިވާނީ ފަހަތުގައެވެ.

މުސްލިމުންގެ ލަޝްކަރުގެ ފުރަތަމަ ފައުޖުގެ ލީޑަރު ބައިބަރު މުސްލިމުންގެ ލަޝްކަރުގެ ކުރިން ދަތުރުފެށިއެވެ. އަދި މިލަޝްކަރުން އެންމެ ފުރަތަމަ ބައްދަލުވި ތަތާރުންގެ ފައުޖާއި ބައްދަލުވީ ޣައްޒާ އިންނެވެ. އެކުރިމަތިލުމުގައި ތަތާރުން އިސާހިތަކު ބަލިވެއްޖެއެވެ. މުސްލިމުންގެ ލަޝްކަރަށް ލިބުނު މުހިންމު ކާމިޔާބީގެ ޚަބަރުން، ލުބުނާނުގައި ތިބި ތަތާރުންގެ މައިލަޝްކަރުގެ ލީޑަރު ކަތުބޫޣާއަށް ސިހުންގެނުވިއެވެ.

މުސްލިމުންގެ ލަޝްކަރު މިކާމިޔާބީއަށްފަހު އުތުރަށް ދަތުރުކޮށް ޔަފާ، ތުލްކަރަމް ފަސްދީ އައްކާގެ ރަށްބޭރަށް ވާސިލުވިއެވެ. އަދި އައްކާގެ ރަށްބޭރުގައި އައްކާގެ ސަލީބީން އަމަލުކުރާގޮތެއް ބެލުމަށް މަޑުކުރިއެވެ. ގުތޫޒުގެ ލަޝްކަރު އައްކާގެ ރަށްބޭރުގައި މަޑުކޮށްގެން ތިބި ދަޑިވަޅުގައި އައްކާއަށް ހަމަލާދިނުމަށް ބައެއް ލީޑަރުން ހުށަހެޅުއްވިއެވެ. ނަމަވެސް، ގުތޫޒު ޖަވާބުދެއްވީ މުސްލިމުންނަކީ އަހުދު އުވާލާބައެއް ނޫންކަމަށެވެ. އައްކާގެ ރަށްބޭރުގައި މަޑުކުރެއްވުމަށްފަހު ގުތޫޒުގެ ލަޝްކަރު ދަތުރުކުރެއްވީ މަޝްހޫރު އައިނު ޖާލޫތުގެ ވާދީ އަށެވެ. އެއީ ހިއްތީނުގެ 65 ކީލޯމީޓަރު ދެކުނެވެ. އަދި މަޝްހޫރު ޔަރުމޫކު ހަގުރާމަ ހިގި މައިދާނާއި 60 ކިލޯމީޓަރު ހުޅަގެވެ.

އައިނު ޖާލޫތު

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !