A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ސާދަވަނަ ބައި)

ތަތާރުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް މުސްލިމު ލީޑަރުން އެއްބައިވަންތަ ކުރުމަށް ގުތޫޒު މަސައްކަތްކުރެއްވިއެވެ. އެގޮތުން، ޝާމު ކަރައިގައި ވެރިކަން ކުރަމުންދިޔަ ނާސިރު ޔޫސުފަށް ސިޓީ ފޮނުއްވިއެވެ. އަދި ނާސިރުގެ ރަސްކަން ގަބޫލުކޮށް ނާސިރުގެ ނާއިބެއްގެ ގޮތުގައި ގުތޫޒު މިސްރުގައި ވެރިކަން ކުރާނެކަމަށާއި ގުތޫޒާއިއެކު ތަތާރުންނާއި ދެކޮޅަށް ނިކުތުމަށް ދައުވަތު ދިނެވެ. ނަމަވެސް މި ދައުވަތު ގަބޫލުނުކޮށް އުޅެނިކޮށް ތަތާރުން ޝާމާއި ދިމާލަށް އަންނަ ޚަބަރު ލިބި ފިލައިގެން ގޮސް ފަލަސްތީނުގެ ބިމުގައި އުޅެނިކޮށް ނާސިރު އަތުލައިގަނެގެން ތަތާރުންގެ މެދުއިރުމަތީ ކޮމާންޑަރު ހުލާގޯއާއި ނާސިރު ހަވާލުކުރިއެވެ.  ގުތޫޒާއިއެކު ތަތާރުންނާއި ދެކޮޅަށް ހަގުރާމައަށް ނުކުތުމަށް ނާސިރުގެ އިތުރުން ކަރަކުގެ ލީޑަރަށް ދައުވަތު ދިނެވެ. ނަމަވެސް، ކަރަކުގެ ލީޑަރު ނިންމީ ވަކިއަތަކަށް ނުޖެހި ހުރުމަށެވެ. މީގެއިތުރުން، މިހާރުގެ ސީރިއާގެ ހިމްސްގެ ލީޑަރު އަލް އަޝްރަފަށްވެސް ދައުވަތުދިނެވެ. ގުތޫޒުގެ ހުށަހެޅުން ބޮލާލާޖެހުމަށްފަހު އަލް އަޝްރަފު ތަތާރުންނަށް މަދަދުވެރިވިއެވެ. ގުތޫޒަށް އެހީއެއްވީ ހަމައެކަނި ހަމާއިންނެވެ.

ގުތޫޒުގެ ލަޝްކަރު އަައިނު ޖާލޫތަށް ވާސިލުވެ ހަގުރާމައަށް ތައްޔާރުވާން ފެށުމާއިއެކު ފަލަސްތީނުގެ ދަރުމަވެރިން ގުތޫޒުގެ ލަޝްކަރާއި ގުޅެންފެށިއެވެ.

ގުތޫޒުގެ ލަޝްކަރު ހަގުރާމައަށް ތައްޔާރުވަނިކޮށް ތަތާރުންގެ ލަޝްކަރުގެ ލީޑަރެއްގެ ސިޓީއެއް ލިބުނެވެ. އެއީ ތަތާރުން ޝާމުގެ ޝަހަރުތަކަށް ހަމަލާދީ އަތުލައިގަނެފައިވާ ސަރިމުއްދީން އައިބަކުގެ ސިޓީއެކެވެ. ސަރިމުއްދީނު ސިޓީގައި ބަޔާންކޮށްފައިވަނީ އޭނާ ތަތާރުންގެ ލަޝްކަރާއިއެކު ހަގުރާމައަށް ނިކުންނާނެ ކަމަށާއި ނަމަވެސް، އޭނާ ހަގުރާމަކުރާނީ ތަތާރުންނާއި ދެކޮޅަށް ތަތާރުންގެ ލަޝްކަރުގެ ތެރެއިންކަމަށެވެ. އަދި ތަތާރުންގެ ލަޝްކަރާއި ގުޅޭ މުހިންމު މައުލޫމާތުތަކެއްވެސް ހިއްސާކުރިއެވެ. އެގޮތުން، ތަތާރުންގެ ލަޝްކަރު ޝާމަށް ހަމަލާދިންއިރު އޮތްހާ ވަރުގަދަ ނޫންކަމަށާއި ތަތާރުންގެ ލަޝްކަރުގެ ކަނާތްފަރާތް ވަރުގަދަ ކަމަށާއި ނަމަވެސް ވާތްފަރާތް އެހާ ވަރުގަދަ ނޫންކަންވެސް ސަރިމުއްދީން އޭނާގެ ސިޓީގައި ފާޙަގަކޮށްފައިވެއެވެ.

އައިނު ޖާލޫތު ހަގުރާމަ

ތަތާރުންގެ ލަޝްކަރު އައިނު ޖާލޫތަށް ވަދެގެންއައިއިރު މުޅި ވާދީ ފުރާލިއެވެ. މުސްލިމުންގެ ލަޝްކަރުގެ ތަތާރުންނާއި ދެކޮޅަށް ނިކުތީ ބައިބަޔަށެވެ. ކޮންމެ ބަޔެއް ފެނުމާއިއެކު ތަތާރުންގެ ކޮމާންޑަރު ކަތުބޫޣާ ސާރިމުއްދީން ކުރެން އެލަޝްކަރުގެ މައުލޫމާތު އޮޅުންފިލުވައެވެ. ސާރިމުންދީން ކޮންމެ ފަހަރަކުވެސް އިތުރުކޮށްފައި ކަތުބޫޣާއަށް ކިޔައިދެއެވެ. މުސްލިމުންގެ ލަޝްކަރު ރުކުރުވާލިއިރު ކަތުބޫޣާއަށް ވަނީ ސާރިމުއްދީން ދެއްކި ވާހަކަތަކުން ބިރުވެރިކަން ހިތަށް ވަދެފައެވެ.

ހަގުރާމައިގެ ބެރުޖެހުމާއިއެކު ހަގުރާމަފެށުނެވެ. މުސްލިމުންގެ ލަޝްކަރު ހަގުރާމަކުރަމުންދިޔައީ ގުތޫޒުގެ އިރުޝާދު ދަށުން އޭނާ ދޭ ކޮމާންޑާއި އެއްގޮތަށެވެ. އެގޮތުން، ކުރިއަށް ޖެހިލުމަށާއި ފަހަތަށް ޖެހިލުމަށާއި އަދި އެހެނިހެން އުކުޅުތަކަށް ގުތޫޒު ބޭނުންކުރަމުން ދިޔައީ ކޯޑުތަކެކެވެެ. މުސްލިމުންގެ ލަޝްކަރަށްވުރެ ތަތާރުންގެ ލަޝްކަރުގެ ބައި ގިނަ ނަމަވެސް، މުސްލިމުންގެ ލަޝްކަރުން ދިޔައީ ތަފާތު ދައްކަމުންނެވެ. މުސްލިމުންގެ ލަޝްކަރުން ތަތާރުންނާއި ފުރަތަމަ ކުރިމަތިލާފައިވަނީ ބައިބަރުގެ ލަޝްކަރެވެ. ބަކީ ތިބި ހަގުރާމަވެރިންވަނީ ތަތާރުންނަށް ނުފެންނަ ހިސާބުތަކުގައި ގުތޫޒުގެ ކޮމާންޑަކަށް ބަލަބަލައެވެ. ތަތާރުންނަށް ހީވެފައިތިބީ ބައިބަރުގެ ލަޝްކަރަކީ މުސްލިމުންގެ މުޅި ލަޝްކަރުކަމަށެވެ.

ކަތުބޫޣާއަށް މުސްލިމުންގެ ލަޝްކަރު ފެނި އަވަހަށް މުސްލިމުންގެ ލަޝްކަރު ބަލިކުރުމަށް ނިންމާ ތަތާރުންގެ ލަޝްކަރު އެއްކޮށް ހަގުރާމައިގެ މައިދާނަށް ނެރުނެވެ. މިއީ ގުތޫޒު ރާވާފައިވާ ގޮތެވެ. އާންމުކޮށް ތަތާރުން ހަގުރާމައަށް ނިކުންނަނީ ވަކިވަކި ލަޝްކަރުތަކަކަށެވެ. އެއްލަޝްކަރުގެ ފަހުން އަނެއް ލަޝްކަރު ދަތުރުކުރަމުންދާނެއެވެ. ނަމަވެސް، މުސްލިމުންގެ ބައިމަދުކަން ފެނި އަވަހަށް ބަލިކުރުމުގެ ނިޔަތުގައި މުޅި ލަޝްކަރު މައިދާނަށް ނެރުމަށް ކަތުބޫޣާ އެންގިއެވެ.

ގުތޫޒު ހުރީ މަންޒަރު ބަލާށެވެ. ތަތާރުންގެ ލަޝްކަރު އެއްކޮށް މައިދާނަށް ނިކުމެވެންދެން ކެތްތެރިކަމާއިއެކު ގުތޫޒު މަޑުކޮށްލައިގެން ހުއްޓެވެ. ތަތާރުންގެ މުޅި ލަޝްކަރު އެއްކޮށް ހަގުރާމަތެރެއަށް ވަދެވުމާއިއެކު ގުތޫޒުގެ ޕްލޭނުގެ ދެވަނަ ފިޔަވަޅު އެޅިއެވެ. ބައިބަރު އޭނާގެ ލަޝްކަރު މަޑުމަޑުން ފަހަތަށް ޖެހުނެވެ. އަލުން ލަޝްކަރު ރުކުރުވާލުމަށް ފަހަތަށް ޖައްސަލަނީ ކަމަށް ދެއްކުމަށެވެ. މިއީ ތަތާރުންގެ ލަޝްކަަރަށް ޖައްސާ ދަންތުރައެއްކަން ނޭގޭގޮތަށެވެ. ބައިބަރުގެ ލަޝްކަރު މަޑުމަޑުން ފަހަތަށް ޖެހުމާއިއެކު ތަތާރުންގެ ލަޝްކަރު ކުރިއަށް ޖެހިލުމުން މުސްލިމުންގެ ފިލާތިބި ލަޝްކަރަށް ހަފަރާތުން ހަމަލާދިނުމަށް ފުރުސަތު ހުޅުވުނެވެ. އެއާއިއެކު ފަރުބަދަ މަތީ ފިލާތިބި ލަޝްކަރު ވާދީގެ ތެރެއަށް ނިކުމެ ތަތާރުންނާއި ކުރިމަތިލިއެވެ. ގުތޫޒު ހުރީ މަންޒަރު ބަލާށެވެ. ހަގުރާމައިގެ އުޑީ އެންމެ ބާރުމިނުގައި އެބުރެމުންދާންފެށިއެވެ. ގުތޫޒު ދިޔައީ ހަގުރާމަ ރަގަޅަށް މޮނިޓާކުރަމުންނެވެ. އެގޮތުން، ތަތާރުންގެ ލަޝްކަރުގެ ކަނާތްފަރާތް މުސްލިމުންގެ ލަޝްކަރަށްވުރެ ވަރުގަދަކަން ފާހަގަވާން ފެށިއެވެ. އެއާއިއެކު އެފަޅިއަށް އިތުރު އެހީ ފޮނުވިއެވެ. ނަމަވެސް ތަތާރުންގެ އެފަޅި ބަލިކުރެވޭ ގޮތެއްނުވިއެވެ. އެންމެފަހުން ގުތޫޒު ނިންމީ ހަގުރާމައިގެ މައިދާނަށް ނިކުމެ ތަތާރުންގެ ކަނާތްފަޅިއަށް ހަމަލާދިނުމަށެވެ.

ގުތޫޒު ހަގުރާމައިގެ މައިދާނަށް ނިކުމެ ހަގުރާމަ ފެށުމާއިއެކު މުސްލިމުންގެ ލަޝްކަަރަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އެބައިމީހުންގެ ލީޑަރު އެބައިމީހުންނާއިއެކު ހަގުރާމަކުރާ މަންޒަރު ފެނުނެވެ. ތަތާރުންގެ ލަޝްކަރަށް ގުތޫޒު ފެނުމާއިއެކު އޭނާއަށް އަމާޒުކޮށް ތީރުގެ ހަމަލާއެއް ދުރުން ދިނެވެ. ނަމަވެސް، މިހަމަލާ އަރާފައިވަނީ ގުތޫޒުގެ އަހަށެވެ.

ކަތުބޫޣާ މަރުވުން

ޝާމް ކަރައިގެ ލީޑަރު ނާސިރު މުސްލިމުންނާއިއެކު ހަގުރާމަކުރުމަށް ލަޝްކަރެއް ނުފޮނުވިއަށް ޝާމުންވެސް ދަރުމަވެރިން މިހަގުރާމައިގައި ބައިވެރިވިއެވެ. މިހަގުރާމައިގައި ޝާމުން ބައިވެރިވި ޖަމާލުއްދީން އަކޫޝްއާއި ތަތާރުންގެ ލީޑަރު ކަތުބޫޣާއާއި ހަގުރާމައިގެ މައިދާނުން ބައްދަލުވެ އޭނާ ގަތުލުކުރެވުނެވެ. ތަތާރުންނަށް އެބައިމީހުންގެ ލީޑަރު މަރުވެ އެބައިމީހުންގެ ފައިތިލަ ދަށުން ފެންނާންފެށުމާއިއެކު ހަގުރާމައިގެ މައިދާން ދޫކޮށްދާން ފެށިއެވެ.

ތަތާރުންގެ ލީޑަރު މަރުވެ ތަތާރުންގެ ލަޝްކަރު ބަލިވުމުން ތަތާރުންގެ ހަގުރާމައިގެ މައިދާން ދޫކޮށް ފިލަންދުވިއެވެ. ތަތާރުންގެ ލަޝްކަރުގެ ބަޔަކަށް ފިލުނު ނަމަވެސް، އެބައިމީހުންގެ ފަހަތުން މުސްލިމުން ގޮސް ފިލައިގެންދިޔަ މީހުންނާއި ކުރިމަތިލައެވެ. ތަތާރުންގެ ލަޝްކަރުގެ ތެރެއިން ފިލައިގެން ދިޔަ ލަޝްކަރާއި މުސްލިމުންގެ ލަޝްކަރާއި ބައްދަލުވެފައިވަނީ އައިނު ޖާލޫތުގެ 20 ކިލޯ މީޓަރު އުތުރުންނެވެ. ތަތާރުންގެ ލަޝްކަރަށް އެބައިމީހުންނަށް އިތުރު ސަލާމަތެއްނެތްކަން އެގި މަރުވަންދެން ހަގުރާމަކުރުމަށް ތައްޔާރުވިއެވެ. މިހަގުރާމަ ނިމުނީ ތަތާރުންގެ ލަޝްކަރުގެ އެއްކޮށްކަހަލަ ގޮތަކަށް ގަތުލުވެގެނެވެ. މުސްލިމުންނަށް މިނަސްރު ލިބުނީ މުސްލިމުންގެ އީދުގެ ދެ ދުވަސްކުރިންނެވެ.

މުސްލިމުންގެ މިނަސްރުގެ ޚަބަރު ދިމިޝްގަށް ލިބުނީ މުސްލިމުންގެ އީދުގެ ދެދުވަސްކުރިންނެވެ. ގުތޫޒު އޭނާގެ ލަޝްކަރާއިއެކު މިސްރާބު ޖެހީ ދިމިޝްގަށެވެ. ދިމިޝްގުވަނީ ތަތާރުންގެ އެހީގައި ސަލީބީން އަޅުވެތިކޮށްފައެވެ. ގުތޫޒަށް ދިމިޝްގަށް ފޯރާފައިވަނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހުއެވެ. ޖެހިގެން އައި އީދު ދުވަސް ވެގެންދިޔައީ މުސްލިމުންނަށް އުފާވެރިކަން ގެނުވި އީދެއްކަމުގައެވެ.

އެއަށްފަހު ގުތޫޒު ބައިބަރުގެ ވެރިކަމުގެ ދަށުން ލަޝްކަރެއް ތައްޔާރުކޮށް ޝާމުގެ ޝަހަރުތަކުން ތަތާރުން ބޭރުކުރުމަށް ފޮނުއްވިއެވެ. ބައިބަރުގެ ލަޝްކަރު ހިމްސްގައި ތިބި ތަތާރުންނާއި ހަމަލާދީ އެބައިމީހުން ބަލިކުރިއެވެ. އަދި ހިމްސްގައި ހައްޔަރުކޮށްފައިވާ މުސްލިމުންތައް ދޫކުރިއެވެ. އެއަށްފަހު ބައިބަރުގެ އަމާޒުހިފީ ހަލަބަށެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި މުޅި ސަރަހައްދުން ތަތާރުން ބޭރުކޮށް މުޅި ސަރަހައްދު އެބައިވަންތަކުރިއެވެ. މިއީ ހިޖުރީ ސަނަތުން 648 ފަހުން މިސަރަހައްދު އެބައިވަންތަވީ ފުރަތަމަ ފަހަރެވެ.

ގުތޫޒު ފަތަހަ ކުރި ބައެއް ޝަހަރުތައް އަބުރާ އައްޔޫބީންނާއި ހަވާލުކުރިއެވެ. އެގޮތުން، ހިމްސްގެ ވެރިއަކަށް ކުރިން ބޭވަފާތެރިވި އަލް އަޝްރަފު އައްޔަންކުރީ އޭޏާގެކުށަށް އިއުތިރާފުވެ އަލުން ތައުބާވުމުންނެވެ. މުސްލިމުން ތަތާރުންނާއި ދެކޮޅަށް ކުރި މިހަގުރާމަތަކުން މުސްލިމުންގެ މިއެއްބައިވަންތަކަމުގެ ވެރިކަން ފުރާތު ކޯރުން ފެށީގެން ލީބިޔާއާއި ހަމައަށް ފޯރާފައިވަނީ އެގާރަ މަސްދުވަހުގެ ތެރޭގައެވެ.

މުސްލިމުންގެ މިކާމިޔާބީއާއިއެކު ސަލީބީން ފަލަސްތީނާއި ލުބުނާނުގެ ރަށްތަކުން ބޭރުކުރެވުނެވެ. އެގޮތުން، 664 ވަނަ އަހަރު ފަލަސްތީނުގެ ހައިފާ މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ. އަދި 664 ވަނަ އަހަރު ސަފަދު އަދި 666 ވަނަ އަހަރު ޔާފާ އަދި 667 ވަނަ އަހަރު އަންޓާކިޔާ މުސްލިމުން ހިފިއެވެ. މިކާމިޔާބީތަކާއިއެކު ތަތާރުންގެ ލަޝްކަރުން ބައެއް މީހުން އިސްލާމްވާން ފެށިއެވެ. ކުރިންވެސް ބަޔާންކޮށްފައިވާނޭ ފަދައިން މި ހަގުރާމަތަކުގެ ކުރިން ތަތާރުންގެ ގޯލްޑަން ހޯޖުގެ ލީޑަރު ބާރަކާވަނީ އިސްލާމްވެފައެވެ. އަދި ބާރަކާއާއި ހުލާގޯ އާއި ވަނީ ސަރަހައްދީ އިމުގެ މަސައްލަވެސް ޖެހިފައެވެ. އެހެންކަމުން، ތަތާރުންގެ ލަޝްކަރު ބަލިވުމަށްފަހު ގިނަ ބަޔަކު އިސްލާމްވާން މަގުފަހިވެގެން ދިޔައީ ބާރަކާގެ އިސްލާމްވުންކަމަށް ބެލެވެއެވެ.

މިސްރަށް މިސްރާބުޖެހުން

ގުތޫޒުގެ މިކާމިޔާބީއަށްފަހު ޝައްވާލު މަހު 26 ވަނަ ދުވަހު އަބުރާ މިސްރަށް ދަތުރުކުރުމަށް ގުތޫޒު ނިންމެވިއެވެ. އެއީ މިސްރުގައި ނުނިމިހުރި ކޮންމެވެސް ކަމެއް ނިންމުގެ ބޭނުމުގައެވެ. (ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !