A wide advertisement which will be shown on all devices. (700 x 100)

ތަތާރުން އެރުމާއި ވެއްޓުން (ފަނަރަވަނަ ބައި)

ތަތާރުން ޝާމަށް ހަމަލާދިނުމާއި ދިމިޝްގަށް ވަނުން
ޝާމްކަރަ ހިފުމުގެ ޚިޔާލާއިއެކު ތަތާރުން ވަރުގަދަ ލަޝްކަރެއް ޝާމްކަރައަށް ހަމަލާދިނުމަށް ރުކުރުވާލިއެވެ. މިޚަބަރާއިއެކު މުސްލިމުންވެސް ލަޝްކަރެއް ތައްޔާރުވެ ދެލަޝްކަރު ހިމްސް ޝަހަރުކައިރިން ބައްދަލުވިއެވެ. މި ހަގުރާމައަށް ތަތާރުން ވަނީ މުސްލިމުންގެ ލަޝްކަރަށްވުރެ ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި އަދަދުގެ ގޮތުންވެސް ތަތާރުންގެ ލަޝްކަރު ބިޔައެވެ. އެހެންކަމުން، މިހަގުރާމައިން މުސްލިމުންގެ ލަޝްކަރު ބަލިވިއެވެ.

ތަތާރުންގެ ލަޝްކަރަށް މިލިބުނު ކާމިޔާބީއާއިއެކު އެބައިމީހުން ދިމިޝްގަށް މިސްރާބު ޖެހިއެވެ. މިޚަބަރު ދިމިޝްގަށް ލިބުމާއިއެކު އެތަނުގެ ރަށްވެހީސް ހާސްވެ ބައެއް މީހުން ފިލަންވެސް ދުވިއެވެ. ދިމިޝްގުގެ ހާލަތު މިހިސާބަށް ގޮސްފައިވަނިކޮށް ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ މުސްލިމް އިލްމުވެރިން ކޮޅަކާއިއެކު ތަތާރުންގެ ލީޑަރު ގަޒާން ދިމިޝްގަށް ވަނުުމުގެ ކުރިން ގަޒާން އާއި ބައްދަލުކުރިއެވެ. މިބައްދަލުކުރުމުގެ ދިމިޝްގުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ބާރުއެޅުއްވިއެވެ.

އިބުނު ތައިމިއްޔާގެ ވަފުދުން ބާރު އެޅުއްވި ފަދައިން، ތަތާރުން ދިމިޝްގަށް ވަނުމަށްފަހު އެތަނުގެ ރަށްވެހީންނަށް އަމާންކަން ދިނެވެ. އަދި ދިމިޝްގުގެ ވެރިއަކަށް، ތަތާރުންނަށް ޝާމުކަރަ ހިފުމަށް ލަފާދިން ގަބްޖަކަށް ދިމިޝްގާއި ހިމްސް އާއި ހަލަބުގެ ވެރިކަން ދިނެވެ. އެއަށްފަހު ގަޒާން އަބުރާ ފާރިސްކަރައަށް މިސްރާބުޖެހީ އަދި މިސްރު ހިފުމަށް އަންނާނެކަމަށް ބުނުމަށްފަހުގައެވެ. ތަތާރުން ދިމިޝްގަށް އެރުމުގެ ކުރިން ދިމިޝްގުގެ މުޖާހިދުންގެ ތެރެއިން ބަޔަކު ދިމިޝްގުގެ ކިއްލާއަށް ވަދެ ރައްކާތެރިކަން ހޯދިއެވެ. ދިމިޝްގުގެ ވެރިކަމަށް ތަތާރުން އައްޔަންކުރި ޤަބުޖަކް އެ ކިއްލާ ހުޅުވޭތޯ މަސައްކަތްކުރި ނަމަވެސް މުޖާހިދުން އެކިއްލާ ހުޅުވާލަނުދިނެއެވެ.

ހިމްސްގައި ކުރެވުނު ހަގުރާމައިން ބަލިވި މިސްރުގެ ލަޝްކަރު އަބުރާ މިސްރަށް އައިސް އަނެއްކާވެސް ހަގުރާމައަށް ތައްޔާރުވާން ފެށިއެވެ. އަނެއްކާވެސް އަލުން ތަތާރުންނާއި ހަމަލާ ދިނުމަށް މިސްރުން މިފަހަރުވެސް ތައްޔާރުވާން ފެށީ އައިނު ޖާލޫތަށް ތައްޔާރުވި ބީދައިންނެވެ. މުސްލިމުން ހަގުރާމައަށް ތައްޔާރުވާ ޚަބަރު ގަޒާންއަށް ލިބުމާއިއެކު މުސްލިމުންނާއި ކުރިމަތިލުމަށް އޭނާ ނިންމިއެވެ. މިހަގުރާމައަށް ތައްޔާރުވުމަށް ވަގުތު ހޯދުމަށާއި މުސްލިމުންގެ ތައްޔާރީތައް ހުއްޓުމުގެ ބޭނުގައި ސުލްހައިގެ ނަމުގައި ވަފުދެއް ފޮނުވިއެވެ. ނަމަވެސް، މިސްރުގެ ރަސްގެފާނު މިކަމަށް އިޖާބައެއް ނުދީ ހަގުރާމައަށް ތައްޔާރުވިއެވެ.

ތަތާރުންނާއި ކުރިމަތިލުމަށް މިސްރުން ތައްޔާރުވާ ޚަބަރު ލިބުމާއިއެކު ދިމިޝްގެ ރަށްވެހީންނަށް އަނެއްކާވެސް ހާސްކަމަކާއި ކުރިމަތިވިއެވެ. އަދި ބައެއް މީހުން ފިލަން ބޭނުންވިއެވެ. މިޚަބަރު ލިބިވަޑައިގަތުމާއިއެކު އިބުނު ތައިމިއްޔާ އެބައިމީހުންނަށް ވިސްނައި ދެއްވަން މަސައްކަތްކުރެއްވިއެވެ އަދި ހެވިކަން ދަސްކުރުމަށް ބާޅުއެޅުއްވިއެވެ. އަދި ޝަހަރުދޫކޮށް ދިއުން މަނާކުރައްވާ ފަތުވާ ނެރުއްވިއެވެ. އިބުނު ތައިމިއްޔާގެ މަސައްކަތާއިއެކު ދިމިޝްގުންވެސް އެތަށް ބަޔަކު ހަގުރާމައަށް ތައްޔާރުވިއެވެ.

މަރުޖު އައްސުފުރު ހަގުރާމަ
މުސްލިމުންގެ ލަޝްކަރާއި ތަތާރުން ލަޝްކަރު ބައްދަލުކުރީ ހިޖުރީ ސަނަތުން 702 ވަނަ އަހަރު ރަމަޟާން މަހު 2 ވަނަ ދުވަހުގައެވެ. މިހަގުރާމައަށް މިސްރުގެ އިތުރުން ދިމިޝްގުންވެސް ލަޝްކަރެއް އައެވެ. މިލަޝްކަރުގައި އިބުނު ތައިމިއްޔާ ހުންނެވިތަން ފެނިފައި މަމްލޫކުންގެ ރަސްގެފާނުގެ ލަޝްކަރާއި ގުޅިވަޑައިގަތުމަށް އިބުނު ތައިމިއްޔާ އަށް ދައުވަތު ދެއްވިއެވެ. ނަމަވެސް އިބުނު ތައިމިއްޔާ ވިދާޅުވީ ސުންނަތް ގޮތަކީ އެމީހަކު ނިސްބަތްވާ ބައެއްގެ ބެނާ ދަށުން ހަގުރާމަކުރުމެވެ. އިބުނު ތައިމިއްޔާ މިހަގުރާމައިގައި މުސްލިމުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަގުރާމަވެރިން ރޯދަ ދޫކޮށްލެވިދާނެކަމަށް ވެސް އިރުޝާދު ދެއްވިއެވެ. މިހަގުރާމައިން މުސްލިމުންގެ ލަޝްކަރަށް ފުރިހަމަ ނަސްރާއި ކާމިޔާބީ ލިބުނެވެ. އަދި މި ކާމިޔާބީއާއިއެކު މުސްލިމުންގެ ބިންތައް ހިފުމަށް ތަތާރުން ދެކެމުން ދިޔަ ހުވަފެން ވިއްސި ވިހާލިވިއެވެ. އަދި މިނާކާމިޔާބީއަށް އަހަރެއްހާ ދުވަސްތެރޭ ތަތާރުންގެ ލީޑަރު ގަޒާން މަރުވިއެވެ.

ގަޒާން އަށްފަހު ތަތާރުން
ގަޒާން އަށްފަހު ތަތާރުންގެ ވެރިކަމަށް އައްޔަންވީ ގަޒާންގެ އަޚެކެވެ. އޭނާ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން މުހައްމަދި އިބުނު އެރަގަން އަށް ބަދަލުކުރިއެވެ. އަދި ކުރިން ހިގިކަންތައްތައް ހަނދާން ނައްތާލުމަށްފަހު މިސްރުގެ ރަސްކަމާއިއެކު ސުލްހައިގެ ވާހަކަތައް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މިސްރުގެ ރަސްކަމުންވެސް އޭނާ އާއިއެކު ސުލްހަ ގާއިމުކުރިއެވެ.

މީނާގެ ވެރިކަމަށް މާގިނަ ދުވަހެއް ނުވެ މީނާ ހަރުކަށި ޝިއާ ފިގުރާގެ މީހަކަށް ބަދަލުވިއެވެ. އަދި މިސްރަށް ހަމަލާދިނުމަށް ނަސާރާއިންގެ އެހީ ހޯދާއި ހިޖުރީ ސަނަރުން 712 ވަނަ އަހަރު މިސްރުގެ މަމްލޫކުންގެ ވެރިކަމަށް ހަމަލާދިނެވެ. ނަމަވެސް، އެހަމަލާއިން ވެސް އޭނާއަަކަށް ކާމިޔާބެއް ނުލިބުނެވެ.
(ނިމުނީ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !