A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ސާދަވަނަ ބައި)

ގުތޫޒު ޝަހީދުކޮށްލުން

ތަތާރުންނާއިއެކު ކުރެވުނު ހަގުރާމައިގެ ނަސްރާއި ކާމިޔާބަށްފަހު ޝާމުގެ އެތަށް ބިމެއް މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު ގުތޫޒު އަބުރާ މިސްރުގެ ގާހިރާ ދަތުރު ފެއްޓެވިއެވެ. މިދަތުރު މަތީގައި ގުތޫޒު ޝަހީދުކޮށްލިއެވެ. މިކަމުގެ އިސްދައުރެއް އަދާކޮށްފައިވަނީ ގުތޫޒުގެ ލަޝްކަރުގެ އިސްކޮމާންޑަރެއްކަމަށްވާ ބައިބަރެވެ. ގުތޫޒާއި ގުޅޭގޮތުން މިސްރުގެ އިމާމު އަލް އިއްޒު އިބުނު އަބްދުއްސަލާމް ވިދާޅުވީ އުމަރު ބުނު އަބުދުލް އަޒީޒަށްފަހު ގުތޫޒުވަރުގެ ލީޑަރަކު ނާދެއެވެ.

ގުތޫޒު ޝަހީދުކޮށްލުމަށްފަހު މަމްލޫކުންގެ ރަސްކަލަކަށް ބައިބަރު އައްޔަންވިއެވެ. ބައިބަރު އުފަންވެފައިވަނީ ކުރުމިއްޔާގައެވެ. އެ ޝަހަރު ތަތާރުން ހިފުމަށްފަހު ބައިބަރު އަޅެއްގޮތުގައި މަމްލޫކުންގެ އޮފިސަރަކަށް ވިއްކާލެވުނެވެ. ބައިވަރުގެ ހެވިކަމާއި ހަގުރާމައިގެ އުކުޅުތަކަށް ކުޅަދާނަކަމުން މިސްރުގެ ލަޝްކަރުގެ ކޮމާންޑަރަަކަށް އިސްކުރެވުނެވެ. އަދި ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރު ކަމަށް ގުތޫޒު ބައިބަރު އައްޔަންކުރިއެވެ. ތަތާރުންނާއި ކުރެވުނު ހަގުރާމަތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދިޔައީ ބައިބަރުގެ ވެރިކަމުގެ ދަށުގައި އޮންނަ ލަޝްކަރުންނެވެ.

ގުތޫޒު ޝަހީދުކުޅައުމަށްފަހު ބައިބަރަށް ބައިއަތު ހިފާފައިވަނީ ހިޖުރީ ސަނަތުން 658 ވަނަ އަހަރު ޒުލްގައިދާ މަހުގެ 16 ވަނަ ދުވަހުގައެވެ. ބައިބަރަށް ބައިއަތު ހިފަންފެށުމާއިއެކު ބައިބަރަކީ މިނިވަނެއްތޯ މިސްރުގެ އިމާމު އަބްދުލް އިއްޒު ސުވާލުކުރެއްވިއެވެ. އެއާއިއެކު އޭނާ މިނިވަންވެފައިވާ ކަމުގެ ލިއުންތައް ހެއްކެއްގެ ގޮތުގައި ދެއްކިއެވެ.

ގުތޫޒު ޝަހީދުވި ޚަބަރު ލިބުމާއިއެކު ދިމިޝްގު ވެރިޔައަކަށް އައްޔަންވެފައިވާ ސަންޖަރު ބައިބަރަށް ބައިއަތު ހިފުމާއި ދެކޮޅު ހެދިއެވެ. އެއާއިއެކު ބައިބަރު ދިމިޝްގާއި ދެކޮޅަށް ހަގުރާމަކުރަންޖެހުނެވެ. މިހަގުރާމަ ހިގާފައިވަނީ ހިޖުރީ ސަނަތުން 659 ވަނަ އަހަރު ސަފަރުމަހު 16 ވަނަ ދުވަހުގައެވެ.

ޚިލާފަތެއް ގާއިމުކުރުން

ބައިބަރަށް ވެރިކަން ލިބުމާއިއެކު އޭނާ ވެރިކަަމަށް ތާއީދު ހޯދުމުގެ ގޮތުން ޚިލާފަތެއް ގާއިމުކުރަން ނިންމިއެވެ. އެއާއިއެކު އައްބާސީ ޚާންދާނުގެ އެވަގުތު ދުނިޔޭގައި ތިބި ފަރާތްތަކަށް ގާހިރާއަށް އައުމަށް ދައުވަތު ދިނެވެ. މިދައުވަތާއިއެކު 3 އަހަރާއި ބައިގެ ފަހުން ހިޖުރީ ސަނަތުން 659 ވަނައަހަރު ރަޖަބުމަހު 13 ވަނަ ދުވަހުން އަނެއްކާވެސް އަލުން އައްބާސީ ޚިލާފަތް ގާއިމުކުރިއެވެ. ނަމަވެސް، އާ ޚަލީފާއަކަށް މާގިނަ ދުވަހު ވެރިއެއްގެ ގޮތުގައި ނުހުންނެވުނެވެ. ހިޖުރީ ސަނަތުން 660 ވަނަ އަހަރު މުހައްރަމް މަހު 3 ވަނަ ދުވަހު ޚަލީފާ ގަތުލުކޮށްލެވުނެވެ. ޚަލީފާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައިބަރު ނިންމީ އަލުން އައްޔަންކުރެވޭ ޚަލީފާ މިސްރުގައި ބެހެއްޓުމަށެވެ. އެގޮތުން، ހިޖުރީ ސަނަތުން 660 ވަނަ އަހަރު ރަބިލް އާޚިރާމަހު 27 ވަނަ ދުވަހު އާ ޚަލީފާ އައްޔަންކުރެވި މިސްރަށް ގެނެވި މިސްރުގައި ޚިލާފަތުގެ ވެރިކަން ކުރެވެން ފެށިއެވެ. ނަމަވެސް މި ޚިލާފަތެއް ކާމިޔާބެއް ނުވިއެވެ. ތިން ހަތަރު މީހަކު ޚަލީފާއަކަށް އައްޔަންކުރެވުމަށްފަހު ނިމުމަކަށް އައެވެ.

ތަތާރުން ބައިބައިވުމާއި ގަޑުބަޑުވުން

ތަތާރުންގެ ވެރިކަން ފުޅާވެ އިރުމަރިން ޕެސިފިކް ކަނޑުން ފެށިގެން ގޮސް ޔޫރަޕާއި މެދު އިރުމަށްޗަށް ފޯރާފައިވެއެވެ. ޔޫރަޕުގައި ވެރިކަން ކުރަމުންދިޔަ ބަތޫ ވަނީ ތަތާރުންނާއި ވަކިވެފައެވެ. ބަތޫއަށްފަހު ޔޫރަޕްގެ ގޯލްޑަން ހޯޖުގެ ވެރިކަމަށް އިސްވި ބަރަކާ އަކީ މުސްލިމެކެވެ. ބަރަކާ އާއި މެދުއިރުމަތީގެ ވެރިކަން ކުރަމުން ދިޔަ ހުލާގޯ އާއި ދެމެދު އޮތީ ރުޅިވެރިކަމެވެ. ހަމަ އެބީދައިން އިރުމަތީގައި ވެރިކަން ކުރަމުންދިޔަ ތަތާރުން ތަތާރުންގެ މައި ސަރުކާރު ގަބޫލެއް ނުކުރެއެވެ. ހިޖުރީ ސަނަތުން 680 ވަނަ އަހަރާއި ހަމައަށް އައިއިރު ތަތާރުން ވަނީ 3 ބަޔަކަށް ބެހިފައެވެ. އިރުމައްޗާއި ހުޅަގާއި މެދު އިރުމައްޗެވެ. މެދު އިރުމަތީގައި ކުރަމުން ދިޔަ ވެރިކަމުން ތަތާރުންގެ މައި ސަރުކާރު ގަބޫލުކުރި ނަމަވެސް އަނެއް ދެ ސަރަހައްދު ވަނީ ވަކިވެފައެވެ.

ހަތްވަނަ ގަރުނު ނިމެނިކޮށް، ތަތާރުންގެ މެދުއިރުމަތީ ވެރިކަންކުރި ހުލާގޯގެ ދަރި އިސްލާމްވެ އޭނާގެ ނަން އަހުމަށް ބަދަލުކުރިއެވެ. އަހުމަދުގެ ވެރިކަމުގެ ލަގަބެއްގެ ގޮތުގައި އިލީޚާން ބޭނުންކުރަން ފެށިއެވެ. އިލީޚާން އެންމެ ފުރަތަމަ ބޭނުންކުރީ ހުލާގޯއެވެ. މިބަހުގެ މާނައަކީ ކިޔަމަންތެރި ރަސްގެފާނެވެ. މާނައަކީ ތަތާރުންގެ ރަސްކަލުންގެ ރަސްގެފާނު (ޚާން) އަށް ކިޔަމަންތެރިވާ ރަސްގެފާނެވެ. ހުލާގޯގެ ދަރި އަހުމަދުގެ ވެރިކަމުގައި ހިޖުރީ ސަނަތުން 690 ވަނަ އަހަރު މިސްރުގެ ވެރިއަކަށްހުރި މަންސޫރު އިބުނު ގަލަވޫންއަށް ސުލްހައިގެ އެއްބަސްވުމަށް ހުށަހެޅުނެވެ. ނަމަވެސް، އަހުމަދުގެ ސިޓީގައި ކިބުރުވެރިކަމާއި ބޮޑާކަން އެކުލެވޭތީވެ މި ސުލްހައިގެ އެއްބަސްވުން އިބުނު ގަލަވޫން ގަބޫލެއްނުކުރިއެވެ.

އުސްމާނީން އުފެދުން

ހިޖުރީ ސަނަތުން ހަތްވަނަ ގަރުނު ނިމެމުން ދިޔައިރު ތުރުކީގެ ސަލްޖޫކު ގަބީލާއަކުން ވެރިކަމެއް ގާއިމުކުރިއެވެ. އެވެރިކަމަކީ ފަހުން މުޅި އިސްލާމީ އުއްމަތް އެކަތިގަޑަކަށް ގެނުވައި ދިގު މުއްދަތަކަށް ވެރިކަން ކުރި އުސްމާނީ ވެރިކަމެވެ. މިދުވަސްވަރު އުސްމާނީ ޚިލާފަތުގެ ބާނީ އުސްމާން އިބުނު އަރުތުޣުރުލް ގެ ބައްޕަ އަރުތުޣުރުލްގެ ވެރިކަން ފެށުނެވެ. ނަމަވެސް، ވަރުގަދަ ވެރިކަމެއްގެ ގޮތުގައެއްނޫނެވެ.

ތަތާރުންގެ ހަމަލާދިނުން

ހިޖުރީ ސަނަތުން 693 ވަނަ އަހަރު ޤަޒާން ތަތާރުންގެ އިލީޚާންގެ ގޮތުގައި އިސްކުރެވުނެވެ. އަދި ޖެހިގެން އައިއަހަރު އޭނާ އިސްލާމްވެ މަހުމޫދަށް ނަން ބަދަލުކުރިއެވެ. އަދި އޭނާގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ހެދިއެވެ. ނަމަވެސް އޭނާގެ އިސްލާމްކަމާއިމެދު ވަނީ ސުވާލު އުފެދިއެވެ. އެހެނީ އޭނާގެ ދީނަށް އޭނާވަނީ ޖެންކީޒް ޚާންގެ އަގީދާ އަލް ޔަސްގުގެ ބައިތައް ވަނީ ވައްދާފައެވެ. މަހުމޫދު ވެރިކަމަށް އިސްވިއިރު މުސްލިމުން ޝާމުކަރައާއި މިސްރުގައި ކުރަމުންއައި ވެރިކަން ވަނީ އަނެއްކާވެސް ބައިބައިވުން އުފެދިފައެވެ. މުސްލިމުންގެ ބިޔަ ޝަހަރުތައް ކަމަށްވާ ހަލަބާއި، ދިމިޝްގާއި، ހިމްސްފަދަ ޝަހަރުތައް ބޭނުންވަނީ އަމިއްލަ ވެރިކަމެކެވެ. މިސްރުގެ ވެރިކަމުން ވަކިވެގަތުމެވެ. އެގޮތުން، ޝާމުކަރަ ހިފުމަށް މަހުމޫދަށް ޚިޔާލުދީފައިވަނީ ދިމިޝްގުގެ ވެރިކަމުންނެވެ. އެއާއިއެކު ޝާމުކަރައަށް ހަމަލާދިނުމަށް މަހުމޫދު ތައްޔާރުވިއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !