މިއަދަކީ ކީރިތި ރަސޫލާގެ އީދުމީލާދުގެ ކަމުގައި ދިވެހި ސަރުކާރުން ހަމަޖައްސަވާފައިވާ ދުވަހެވެ. ދުވަހާއި ގުޅިގެން ރަސްމީ ބަންދު ދުވަހެއް ކަމުގައިވެސް މިވަނީ ހަމަޖައްސަވާފައެވެ. މިދުވަހަކީ އާދެ! ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހަކީ މާތް ދުވަހެއް ކަމަށް ދެކިގެން އެދުވަހާއި ގުޅުވައިގެން ތަފާތު އަޅުކަމުގެ ކަންތައްތައް ދިވެހި ކާބަފައި ކުރަމުން ގެންގޮސްފައިވެއެވެ. ނަމަވެސް، އެންމެ ހެޔޮ ތިން ޖީލުގައިވެސް މިދުވަސް ފާހަގކޮށްފައިނުވާ ކަމާއި މިދުވަހަކީ ކަނޑައެޅިގެން އެގެން އޮތް ދުވަހެއް ނޫން ކަން މިހާރުގެ ގިނަ ދަންނަ ބޭކަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެހެންކަމުން އެދުވަހާއި ގުޅޭ ގޮތުން ތާރީޚީ ނަޒަރަކުން ބަލާލުން މުހިންމު ކަމަށްފެނެއެވެ. ޔާސިރު ގާޟީ ވިދާޅުވާ ގޮތުން ސުންނަތް ޖަމާއުގެ އަހުލުވެރިންގެ ތެރޭގައި މަޝްހޫރު ” 6 ފޮތް ” ގައިވެސް ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް ތާރީޚު އެގޭކަށް ނެތެވެ. އެގެން އޮތްހާވެސް އެއްޗަކީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ ހޯމަ (ސަހީހް މުސްލިމް) ދުވަހެއްގައި ކަމެވެ. ކޮން އަހަރެއްގެ ކޮން މަހެއްގެ ހޯމަ ދުވަސް ކަމެއް ނޭގެއެވެ. އެހެންކަމުން، އިތުރު ތަފްސީލު ހޯދުމަށް އެހެނިހެން މަސްދަރުތައް ފުރޮޅާލަން ޖެހެއެވެ. އެގޮތުން، ބައިހަގީގެ ސުނަނުގެ (ވޮލިއުން 1، ސަފްހާ 79) ގައި ސުވައިދު ބިން ޚަފްލާގެ އަރިހުން ރިވާކޮށްފައިވާ ގޮތުން އެކަލޭގެފާނާއި ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އާމުލް ފީލު ނުވަތަ ފީލުބާގައިގެ މީހުން ގެފުޅު ތަޅާލަން އައި އަހަރު ނުވަތަ މަޝްހޫރި އެތުގެ އަހަރުގައެވެ. ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރު ގައި ކަމަށް އިތުރު ހެކިތައް ހުރި ކަމަށް ޔާސިރު ގާޟީ ފަހަގަކުރައްވައެވެ.
މިހާހިސާބަށް އެގެނީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގެ ހޯމަ ދުވަހެއްގައި ކަމެވެ. ތާރީޚީ ފޮތްތަކަށް ބަލާއިރު ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް ދުވަސް ކަމަށް އެކިއެކި ދުވަސްތައް ފެންނާން ހުރި ކަމަށްވެސް ޔާސިރު ގާޟީ ފަހަގަކުރައްވައެވެ. ކީރިތި ރަސޫލާގެ ވަނަވަރު ދިރާސާ ކުރި ކުރީގެ ބޭފުޅުންގެ ތެރެއިން އިބުނު އިސްހާގް (150ހ) ހާމަ ކުރައްވާ ގޮތުން ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގެ ރަބީއުލް އައްވަލް މަހުގެ 12 ވީ ހޯމަ ދުވަހުއެވެ. ނަމަވެސް އިބުނު އިސްހާގާއި ކީރިތި ރަސޫލާ އާއި ދޭތެރޭ ގާތްގަޑަކަށް ދެގަރުނު ފާއިތުވެ ގޮސްފައިވުމާއި އިބުނު އިސްހާގު އެތާރީޚް ހާމަކުރެއްވި އިރު އޭގެ ރިފަރެންސެއް ނުވަތަ އިސްނަދެއް ހާމަ ކުރައްވާފައި ނުވާތީ އެހެނިހެން ހެކިތައް ހޯދުން މުހިންމެވެ. އިބުނު ކަސީރު އޭނާގެ “އަލް ބިދާޔާ ވަލް ނިހާޔާ” ގައި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތް ދުވަހާއި ބެހޭ ގޮތުން ލިއުއްވާފައިވާ ގޮތުން، ކީރިތި ރަސޫލާ ދުނިއަށް ވަޑައިގަތީ ރަބީއުލް އައްވަލް މަހުގައި ކަމަށް ގިނަ އިލްމުވެރިން ދެކިލައްވާފައިވާ އިރު ރަބީއުލް އައްވަލް މަހުގެ ކޮން ދުވަހެއް ކަމާއި މެދު ތަފާތުތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި:
1- ރަބީއުލް އައްވަލް މަހުގެ 2 ވަނަ ދުވަސް – މިއީ ސީރަތު ދާއިރާގައި މަޝްހޫރު އަބޫ މައުޝަރުލް ސިންދީ (171ހ) އާއި އިބުނު އަބްދުލް ބައްރު ދެކިލައްވާ ގޮތެވެ.
2- ރަބީއުލް އައްވަލް މަހުގެ 8 ވަނަ ދުވަސް – މިއީ އަންދަލުސް ގެ އިލްވެރިއެއް ކަމަށްވާ އިބުނު ހަޒްމް (456ހ) ގެ ރައުޔެކެވެ. މީގެ އިތުރުން އިމާމް މާލިކް (179ހ)، އައްޒުހުރީ (128ހ) އާއި މުހައްމަދު ބިން ޖުބައިރު ބިން މުތުއިމް ގެއަރިހުން މިދުވަސް ރިވާކޮށްފައިވެއެވެ.
3- ރަބީއުލް އައްވަލް 10 ވަނަ ދުވަސް – އިބުނު އަސާކިރު (571ހ) އަބޫ ޖައުފަރުލް ބާގިރު (114ހ) އަރިހުން ރިވާ ކުރައްވައެވެ. މީގެ އިތުރުން އައްޝައުބީ (100ހ) ގެ ރައުޔަކީވެސް މިއެވެ.
4- ރަބީއުލް އައްވަލް 12 ވަނަދުވަސް – އިބުނު އިސްހާގު ރައުޔަކީ މިއެވެ. ބައެއް އެހެނިހެން މަސްދަރުތަކުން އެގޭ ގޮތުގައި މިއީ އިބުނު އިސްހާގާއި އިބުނު އައްބާސް ގެ ރައުޔެވެ.
5- ރަބީއުލް އައްވަލް 17 ވަނަ ދުވަސް – މިއީ ގިނަ ޝިއައީ ދަންނަބޭކަލުން ގަބޫލު ކުރާގޮތެވެ.
6- ރަބީއުލް އައްވަލް 22 ވަނަ ދުވަސް – މިދުވަސް ނިސްބަތް ވަނީ އިބުނު ހަޒްމް ގެ ރައުޔަކަށެވެ.
7- އެތުގެ އަހަރުގެ ރަމަޟާން މަހުގެ ކޮންމެވެސް ދުވަހެއް ކަމަށާއި އަދި ރަމަޟާން މަހުގެ ބާރަ ވަނަ ދުވަސް ކަމަށްވެސް ބައެއް ދަންނަ ބޭކަލުން ވިދާޅުވެލައްވައެވެ.
ޚިޔާލުތައް