ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހަކީ!

Share on facebook
Share on twitter
Share on google

ކީރިތި ރަސޫލާ (ސއވ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސްކަމަށް ގިނަ ބަޔަކު މިހާރު ފާހަގަކުރާ އެއްދުވަހަކީ ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ. ނަމަވެސް ތާރީޚީ ނަޒަރަކުން ބަލާއިރު މިއުއްމަތުގެ ތާރީޚީ އިލްމުވެރިންގެ މެދުގައި އެދުވަހާއި މެދު ޚިލާފުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެދުވަހާއި މެދު ޚިލާފުތަކެއް ހުރި ނަމަވެސް ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތީ އާމުލް ފީލު ނުވަތަ ފީލުބާގައިގެ މީހުން ގެފުޅު ތަޅާލަން އައި އަހަރުގެ ގޮތުގައި މައްކާގައި ފާހަގަކުރަމުން ދިޔަ އަހަރުގެ ހޯމަ ދުވަހެއްގައި ކަމަށް ސާބިތުވެއެވެ.

ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް ދުވަސްކަމަށް އެންމެ ސައްހަކަން ބޮޑު ގޮތެއްގައި އެގެން އޮތް މިންވަރަކީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހޯމަ ދުވަހެއްގައިކަމެވެ. ސަހީހު މުސްލިމުގައި އަބޫ ޤަތާދާގެ އަރިހުން ރިވާކުރައްވާފައިވާ ހަދީސުން (ސަހީހު މުސްލިމް، ހަދީސް ނަމްބަރު 1162) އެގެނީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތީ ހޯމަ ދުވަހެއްގައި ކަމެވެ. އިތުރު ތަފުސީލަށް ބަލާއިރު ބައިހަގީގެ ސުނަނުގެ (ވޮލިއުން 1، ސަފްހާ 79) ގައި ބަޔާންކޮށްފައިވާ ގޮތުން ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އާމުލް ފީލު ނުވަތަ ފީލުބާގައިގެ މީހުން ގެފުޅު ތަޅާލަން އައި އަހަރު ނުވަތަ މަޝްހޫރު އެތުގެ އަހަރުގައެވެ.

މިދުވަހާއިގުޅޭ އިތުރު ތަފުސީލެއް ސުންނަތް ޖަމާއުގެ އަހުލުވެރިންގެ ތެރޭގައި މަޝްހޫރު 6 ފޮތުން ވެސް އެގޭކަށް ނެތެވެ. އެހެންކަމުން، މިދުވަހާއި ގުޅޭ އިތުރު ތަފުސީލުތަކަށް ބަލާލަން ޖެހެނީ ތާރީޚީ އިލްމުވެރިންގެ ރައުޔަށެވެ. މިދުވަހަކީ ހެޔޮ ތިން ޖީލުގައިވެސް ފާހަގަކުރި ދުވަހަކަށް ނުވާތީ އާއި ތާރީޚު ލިއުއްވުމުގައި ބަލާ މިންގަޑު ލުއިވުމުގެ ސަބަބުން މިދުވަހާއި މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްވަނީ އުފެދިފައެވެ. ނަމަވެސް، ގިނަ ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ އެދުވަހަކީ ރަބީއުލް އައްވަލް މަހުގެ ކޮންމެވެސް ދުވަހެއްކަމަށެވެ. އިބުނު ކަސީރު އޭނާގެ “އަލް ބިދާޔާ ވަލް ނިހާޔާ” ގައި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތް ދުވަހާއި ބެހޭ ގޮތުން ލިއުއްވާފައިވާ ގޮތުން، ކީރިތި ރަސޫލާ ދުނިއަށް ވަޑައިގަތީ ރަބީއުލް އައްވަލް މަހުގައި ކަމަށް ގިނަ އިލްމުވެރިން ދެކިލައްވާފައިވާ އިރު ރަބީއުލް އައްވަލް މަހުގެ ކޮން ދުވަހެއް ކަމާއި މެދު ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން، ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީއުލްއައްވަލް މަހުގައި ކަމަށް ދެކިލައްވާ ބައެއް ބޭކަލުންނާއި އެދުވަސްތަކަކީ؛

1- ރަބީއުލް އައްވަލް މަހުގެ 2 ވަނަ ދުވަސް – މިއީ ސީރަތު ދާއިރާގައި މަޝްހޫރު އަބޫ މައުޝަރުލް ސިންދީ (171ހ) އާއި އިބުނު އަބްދުލް ބައްރު ދެކިލައްވާ ގޮތެވެ.

2- ރަބީއުލް އައްވަލް މަހުގެ 8 ވަނަ ދުވަސް – މިއީ އަންދަލުސް ގެ އިލްވެރިއެއް ކަމަށްވާ އިބުނު ހަޒްމް (456ހ) ގެ ރައުޔެކެވެ. މީގެ އިތުރުން އިމާމް މާލިކް (179ހ)، އައްޒުހުރީ (128ހ) އާއި މުހައްމަދު ބިން ޖުބައިރު ބިން މުތުއިމް ގެއަރިހުން މިދުވަސް ރިވާކޮށްފައިވެއެވެ.

3- ރަބީއުލް އައްވަލް މަހުގެ 9 ވަނަ ދުވަސް – މިސްރުގެ މަޝްހޫރު ފަލަކީ އިލްމުވެރިއެއްކަމަށްވާ މަހުމޫދު ޕާޝާ ފަލަކީ ހިސާބު ޖެއްސެވުމަށްފަހު ނެރުއްވާ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ 9 ވަނަ ދުވަހެވެ. ރަބީއުލް އައްވަލް މަހުގެ 8 އާއި 12 ވަނަ ދުވަހާއި ދޭތެރޭ ހުރި ދުވަސްތައް ބެއްލެވުމަށްފަހު ހޯމަ ދުވަހަކަށް ނިސްބަތް ކުރެވޭނެ ދުވަހެއް ކަމަށް މަހުމޫދުގެ ހިސާބުތަކުން ދައްކަނީ ރަބީއުލް އައްވަލް މަހުގެ 9 ވަނަ ދުވަހެވެ. ތާރީޚީ އިލްމަށް އަރާހުރި މަދީނާ ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ ސައިފުއް ރަހުމާނު އަލްމުބާރަކު ޕޫރީ އޭނާ ލިއުއްވި މަޝްހޫރު ސިޔަރަތު ފޮތް ކަމަށްވާ އަލް ރަހީޤުލް މަޚްތޫމުގައި ކީރިތި ރަސޫލާ މިދުނިޔެއަށް ވަޑައިގަތް ދުވަސްކަމަށް ބަޔާން ކުރައްވާފައިވަނީ ވެސް ރަބީއުލް އައްވަލްމަހުގެ 9 ވަނަ ދުވަސްކަމަށެވެ.

4- ރަބީއުލް އައްވަލް 10 ވަނަ ދުވަސް – އިބުނު އަސާކިރު (571ހ) އަބޫ ޖައުފަރުލް ބާގިރު (114ހ) އަރިހުން ރިވާ ކުރައްވައެވެ. މީގެ އިތުރުން އައްޝައުބީ (100ހ) ގެ ރައުޔަކީވެސް މިއެވެ.

5- ރަބީއުލް އައްވަލް 12 ވަނަދުވަސް – އިބުނު އިސްހާގު ރައުޔަކީ މިއެވެ.

6- ރަބީއުލް އައްވަލް 17 ވަނަ ދުވަސް – މިއީ ގިނަ ޝިއައީ ދަންނަބޭކަލުން ގަބޫލު ކުރާގޮތެވެ.

7- ރަބީއުލް އައްވަލް 22 ވަނަ ދުވަސް – މިދުވަސް ނިސްބަތް ވަނީ އިބުނު ހަޒްމް ގެ ރައުޔަކަށެވެ.

5.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments