ތާރީޚު: ދިވެހިރާއްޖޭގައި މައުލޫދު ކިޔުން 1

މެލޭޝިއަގައި މިއހަރުގެ އީދުމީލާދު ދުވަސް ފާހަގަކުރަނީ- ގުރުއާން ލިޔެވުމާއި ދިނީ ނަސޭހަތް ދިނުމާއި، މައުލޫދު ކިޔުން އޮވޭ.
Share on facebook
Share on twitter
Share on google

މައުލޫދު އަކީ ދިވެހިންގެ އިތުރުން ގިނަ މުސްލިމު މުޖުތަމިއުތަކުގައި ކޮށްއުޅުނު ނުވަތަ މިހާރު ވެސް ބައެއް ގައުމުތަކުގައި ކޮށްއުޅޭ ކަމެކެވެ. މައުލޫދު ކިޔައިއުޅުނީ ދީނަށް ނަސްރުދިނުމުގެ ގޮތުން  ޅެންބަހުރުވައި އަންބާއެއް ގޮތަށް ކުރާ ކަމެއްގެ ގޮތުގައެވެ. މިއީ ޒިކުރުކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ބުނެއެވެ. މިދުވަސް އީއްދެއް ގޮތަށް ފާހަގަކުރަނީ ކީރިތި ރަސޫލު ސއވ. ދުނިޔެއަށް ވަޑައިގަތުމާއި ސުވަރުގެ ވަޑައިގަތުން، މި ދެ ކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށް ވެއެވެ.

ދީނީ އަޅުކަމެއްގެ ގޮތުގައި ބެލެވިގެން ރާއްޖޭގައި މައުލޫދުތައް ކިޔާއުޅުނީ އަރަބި ބަހުންނެވެ. މައުލޫދުގެ ސަގާފަތް ރާއްޖެ އައިސްފައި ވަނީ ޝިޢާއިންނާއި ސޫފީންގެ ތެރެއިން ކަމަށްބެލެއެވެއެވެ. ޝިއާއީންނަކީ އަލީގެ ފާނުންގެ ދަރިކަލުން ހުސޭނުގެ ފާނަށް ނިސްބަތްވާ ދީނީ ދަރިކޮޅެއްގެ މީހުންނެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ވުމުގައި އީރާން ނުވަތަ ހުޅަނގު އެފްރިކާގެ ގައުމުތަކުގެ (މަޣުރިބު ކަރަ) ދަތުރުވެރިންގެ ރޯލް ބޮޑެވެ.

މައުލޫދަކީ އެދުވަސްވަރު ސިޔާގޮތުން ވަކިއުސޫލެއްގެ ތޭރޭގައި މީހުން ގެންގުޅުމަށާއި، ދުވަހުން ދުވަހަށް މީހުންގެ ވިސްނުން ބައްޓަން ކުރުމަށް ބެލެހެއްޓިގެން ކުރިޔަށް ގެންދެވުނު ހަރަކާތެއްގެ ގޮތުގައި ވެސް ބައެއް މީހުން ގަބޫލުކުރެއެވެ. އެހެނީ އެކަމުގައި ރަސްގެފާނު ނުވަތަ އަތޮޅުވެރިޔާއަށް އަމަލީގޮތުން ބައިވެރިވުމުގެ ބަދަލުގައި މޮނިޓަރިން ރޯލެއް ކުޅުމާއ،ި އޭނާގެ ދަށުން ތިބޭ މީހުން ލައްވައި އެކަންތައްތައް ކުރުވަމުން ގޮސްފައި ވާތީ އެވެ. އަދި މައުލޫދުގައި ވެސް މީހުން ތަފާތު ދަރަޖަކޮށްގެން ގެންގުޅެފައި ވާތީއެވެ. މައުލޫދު ފަދަ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވުމުން އެހެން ގައުމުތަކުގައި އޮތް އިސްލާމީ އަދި އެނޫން ވެސް ތަފާތު ދީންތަކުގެ ނުފޫޒުތަކުގެ އަސަރު ރާއްޖޭގެ މީހުންގެ އާއްމު ދިރިއުޅުމުގެ ތެރެއަށް ވަނަ ނުދީ ބެލެހެއްޓިގެންދާނެ ކަމަށް ރަސްކަމުގެ ވެރިންނަށް ބެލެވިފައިވާ ކަމަށް ވާތީ ކުރެވުނު ކަމެއްކަމަށް ވެސް ބެލެވެއެވެ.

މެލޭޝިއާގައި މިއަހަރު މައުލޫދު ކިޔުން.

ރާއްޖޭ އިސްލާމް ވީއްސުރެން (1153-1557) އަށް، 2 ގަރުނެއް ހާ ދުވަހު ދިވެހިރާއްޖޭގައި ރަސްމީކޮށް އޮތީ ސުންނީންގެ މާލިކީ މަޒުހަބީ އުސޫލުތައް ކަމަށް ތާރީޚީ ފަށްފުށްތަކުން އެނގެއެވެ.  ނަމަވެސް 1773 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަސްމީ މަޒުހަބަކީ ޝާފީޢީ މަޒުހަބު ކަމުގައި ކަނޑައެޅުނެވެ. ނަމަވެސް ކުރީގެ އާދަތަކާއެކު ރާއްޖޭގައި އެދުވަސްވަރު ވެސް ޝީޢީންގެ އާދަތައް އޮތެވެ. އަދި މިއާދަތައް 20 ވަނަ ގަރުނުގެ ފަހުކޮޅައި ހަމަޔަށް ވެސް އޮތްކަން މައުލޫދު ހަރަކާތްތަކުން ސާބިތުވެއެވެ.

ހަސަން ފަރީދަށް ވެރިކަމުގެ ބާރުތައް ލިބިލެއްވުމާއެކު (1936-1944މ.) މުޅި ރާއްޖޭއިން މައުލޫދު ކިޔުން މަނާކޮށް އެއްކޮށް ހުއްޓުވިއެވެ. އެގޮތުގައި 8 އަހަރު ވުމަށްފަހު މުހައްމަދު އަމީނުގެ ބާރުވެރިކަމުގައި އަލުން މައުލޫދު ކިޔުމަށް ހުއްދަ ދެއްވިއެވެ. އެއާއެކު ރާއްޖޭގެ ގިނަބަޔަކު އެކަމަށް މަރުހަބާ ކިޔައި އަލުން މައުލޫދު ކިޔަން ފެށި ކަމަށް އަބްދުލް ހަކީމު ހަސަން މަނިކު (1997)، އިއްޔެ މަޖައްލާ ގައި ހާމަކުރައްވާފައި ވެއެވެ. އެ އޮތްގޮތަށް މައުލޫދު ކިޔަމުން އައިސް މައުލޫދު ކިޔުން ހުއްޓުނީ 1990 ހިސާބުގައި ރާއްޖޭގައި ވައްހާބިން ނާއި ސަލަފީންގެ ފިކުރުތައް ފުޅާވެގެން ދިއުމުންނެވެ.

މައުލޫދު ކިޔުން އެކި ލެވެލްތަކުގައި އޮތެވެ. އެގޮތުން އަވަށު މައުލޫދާއި، ރަށު މައުލޫދު ފަދަ ފަންތިތައް އޮތެވެ. މައުލޫދު ކިޔުމަށް އަވަށުގެ ނުވަތަ ރަށުގެ ހުސްބިމެއްގައި ލަކުޑިން މުޑިޖަހައި، ފަނުން ހިޔާކޮށް ބޮޑު ހަރުގެއެއް އަޅައެވެ. އަދި ހަރުގެއަށް ދޮންވެލިލައި މަތީގައި ސަނދުވާ ދަމައި، ރީތި ކުރެއެވެ.

މިކަންތައްތަކުގެ ތައްޔާރީތައް ހިޖުރީ އައު އަހަރު ފެށުމާއެކު، މުހައްރަމް މަހު ފަށެވެ. ތަކެތި ހޯދަނީ އެ އަވަށެއްގެ/ރަށެއްގެ ގޭގެއިންނެވެ. މަސައްކަތް ކުރަނީ އަވަށުގެ ނުވަތަ ރަށުގެ ނެގޭ މައުލޫދު ކޮމެޓީއަކުން އިސްވެ ތިބެގެންނެވެ. މި ކޮމެޓީގައި ތިބެނީ، ރަށުގެ ކަތީބުންނާއި ނާއިބުންނާއި މުދިމުންނާއި ރަށުގެ ހަރުކުލައިގެން މީހުންނެވެ. މުޅިންވެސް ފިރިހެނުން ހިމެނޭ މިކޮމެޓީގެ އެންމެ އިސް މީހަކީ އިސް ފަނޑިޔާރެވެ. އަންހެނުނަށް އޮންނަނީ މައުލޫދަށް ކައްކައި ކާންހެދުމެވެ. ކޮމެޓީ މީހުން ރަށުގެ ކޮންމެ ގެއަކަށް ވަކިން ގޮސް އެގެއެއްގެ ފެންވަރުން ބައިވެރިވާން އެދެއެވެ. މިގޮތަށް ބައިވެރި ނުވާ މީހުންނަކީ މުޖުތަމިއުން ބާކީވާ ބައެއް ކަމަށް ވެއެވެ. އަދި އެކަކަށް ވުރެން ބޮޑަށް އަނެކަކު ބައިވެރިވުމުގެ ވާދަވެރިކަމެއް ވެސް އުފެދިފައި އޮންނަކަމަށް ވެއެވެ.

މެލޭޝިއަގައި މިއަހަރުގެ އީދުމީލާދު ދުވަސް ފާހަގަކުރަނީ- މައުލޫދު ކިޔުން.

ތާރީޚީ ލިޔުންތެރިއެއް ކަމަށްވާ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި ހިޖުރައިން 11 ވަނަ އަހަރުގެ ރަބީއުލް އައްވަލް މަހު 12 ވަނަ ދުވަހު ރަސޫލު ސއވ. ސުވަރުގެ ވަޑައިގަތުމާއި ގުޅުވައިގެން ދިވެހިރާއްޖޭގައި މައުލޫދު ކިޔުން، ރަބީއުލް އައްވަލް މަހު 1، 4، 8  އަދި 12 ގައި އޮވެއެވެ. އަދި ފްރެންސިސްކޯ ޕިރާޑު (1937) ރާއްޖޭގައި މައުލޫދު ކިޔާ ގޮތުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ލިޔުއްވާފައި ވެއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި މާލޭގައި 6 ތަނެއްގައި މައުލޫދު ކިޔާތަން އޭނާ ދެކެފައި ވެއެވެ. އޭގެ ތެރެއިން ރަސްކަމުގެ ގަނޑުވަރުގައި ކިޔާ މައުލޫދުގެ ހުރިހާ ޚަރަދެއް ކުރައްވަނީ ރަސްގެފާނު ކަމަށެވެ.

މާލޭގައި މައުލޫދު ކުރިޔަށް ދާއިރު ރަސްގެފާނު ދޭތެރެ ދޭތެރެއިން ވަޑައިގެން މަޑުކުރައްވާ ބައްލަވާން އިންނަވައެވެ. މިގޮތަށް ވަޑައިގެން އިންނެވުމުގެ ތެރެއިން މައުލޫދުގެގެ ކަންތަތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް 50 މީހުން ރަސްގެފާނު އައްޔަން ކުރައްވައެވެ. މިއީ މާބޮޑު ވަޒީފާއަކަށް ނުވިކަމުގައި ވިޔަސް އައްޔަންކުރެވޭ މީހުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އިއްޒަތާއި ގަދަރެކެވެ. އާއްމުކޮށް އައްޔަން ކުރެވެނީ މަތީފަންތީގެ އާއިލާތަކުގެ މީހުންނާއި ބޮޑެތި މީހުންގެ ދަރިންނެވެ. އަދި އެ ރޭ އެމީހުން އެކި ދަރަޖަތަކަށް ހަމަޖައްސަވައެވެ. އެއާއެކު އެމީހުން އިށީންނާނެ ތަނާއި ތަރުތީބުތަކާއި އެމީހުންގެ އަޑަފިކޮޅު ގެ މިންވަރު އާއްމުންނައި ތަފާތުކޮށް ތަރުތީބުވެގެން ދާނެގޮތް ކަނޑައެޅެއެވެ. އަދި މައުލޫދު ހަރުގޭގެ އިންތިޒާމުތައް އެމީހުން ބަލަހައްޓަމުން ގެންދާނެއެވެ. އެގޮތުން ހަރުގޭގެ މީހުންނަށް ބުއިންތައް ދަގަނޑު ކަދާގައި ގެންގޮސްދޭނެއެވެ. އަދި މައުލޫދު ކިޔާ މީހުން އަތްދޮންނަން ފެންކުރަ އާއި ތަށިގަނޑު ގެނެސްދީ ކަންތައް ބަލަހައްޓަމުން ދާނީ އެމީހުންނެެވެ.

(ނުނިމޭ)

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments