ތާރީޚު: ދިވެހިރާއްޖޭގައި މައުލޫދު ކިޔުން 2

މިއަހަރުގެ އީދުމީލާދު ދުވަސް ފާހަގަކުރަނީ- މައުލޫދު ކިޔުން - މެލޭޝިއާ
Share on facebook
Share on twitter
Share on google

(ކުރީ ބަޔާއި ގުޅޭ)

މައުލޫދު ފަށަނީ ރޭގަޑު 8:00 ގައި ކަމަށާއި އަދި މުޅި އެރޭ މައުލޫދު ކިޔުން ކުރިޔަށްދާ ކަމަށް ޕިރާޑު ލިޔުއްވާފައި ވެއެވެ. މައުލޫދު ހަރުގެއަށް ގޮސް އެމީހެއްގެ ފެންވަރުން ގުރޫޕްތަކުގައި މީހުން އިށީންނަނީ ބިންމަތީގައި އަޅާފައިވާ ކުނަލެއްގެ މަތީގައެވެ. ނަމަވެސް ފަހުން މައުލޫދު އަށި ހަދައި، އަށި މަތީގައި މައުލޫދު ކިޔާ ގުރޫޕްތައް ތިބެގެން އެމީހެއްގެ ހުރި މޮޅުކަމެއް އަޑުވީއްލައި ބާރަށް، ރީއްޗަށް ކިޔައިގެން ހާމަކުރުމަށް މަސައްކަތް ކުރާމުން ދާކަމަށް ވެއެވެ. މައުލޫދު ކިޔުމުގައި ވެސް ގަވާއިދުތަކެއް ހުންނަ ކަމަށާއި ކިޔަން ނުދަންނަ ފިރިހެނުން، ކުރިއާލައި ދަންނަ މީހެއްގެ ކިބައިން ދަސްކޮށް، ތައްޔާރުވެ ހުންނަން ޖެހޭ ކަމަށް ވެއެވެ. މައުލޫދު ކިޔަނީ އަންބާ ކިޔާ ގޮތަށް ނަގާކިޔާ ގްރޫޕަކާއި ފަހުބައި ކިޔާ ގުރޫޕެއް އޮވެ ވަކި ރާގަކަށެއެވެ. ނަގާކިޔާ ގްރޫޕުގައި ތިބޭނީ މައުލޫދު ކިޔަން މޮޅު މީހުންނެވެ. މައުލޫދު ކިޔުމުގައި އާއްމުގޮތެއްގައި ރަސްގެފާނު ނުވަތަ ރަށުގެ އެންމެއިސް ވެރިޔާ ބައިވެރިއް ނުވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މައުލޫދު ހަރުގެއަށް ގޮސް އެކަން ހިގާގޮތް ބަލާ ހަދަމުން ދެއެވެ. މައުލޫދު ހަރުގެއަށް ނުދާ މީހަކީ އެދުވަސްވަރުގައި އެއްވެސް އަގެއް ހުރި މީހަކަށް ނުވެއެވެ.

މެލޭޝިއަގައި މިއަހަރުގެ އީދުމީލާދު ދުވަސް ފާހަގަކުރަނީ- މައުލޫދު ކިޔުން.

މައުލޫދު ކިޔަމުންދާ ގަޑީގައި ހަރުގޭގެ މެދުގައި ބަހައްޓާފައި ހުންނަ މޭޒެއްގައި ކެއުމަށް ތަފާތާ ބާވަތްތަކުގެ ހަނޑުލާއި މޭވާގެ ފޮނިކާތަކެތި ބަހައްޓާފައި ހުރެއެވެ. އަދި އެކިބާވަތް ބާވަތުގެ ޖޫހައި ބުއިންތައް އަދި ދުފުމާއި ފެން ހުރެއެވެ. އެއީ އަދި ރަސްމީ މައުލޫދު ކެއްމެއް ނޫނެވެ.

ދަންވަރު 12:00 ޖެހުމުން މައުލޫދު ގްރޫޕް އެންމެން އެކުގައި މުޅި ހަށިގަނޑު ދެމިލާފައި ބަންޑުން އޮށޯވެ އިރުގަނޑަކަށް ނިދައެވެ. ނުވަތަ ހަމަހިމޭނުން ތިބެއެވެ. އަދި އިރުގަޑެއް ފަހުން މައުލޫދުގެ އިސްމީހާ ކުއްލިއަކަށް ތެދުވެއެވެ. އެއާއެކު އެހެން މީހުން ވެސް ތެދުވެއެވެ. އެވަގުތު ތިބޭނީ ‘ނިދިބަރުކާފައި’، މަތިހަށިން ވާގިނެތިފައިވާ މޮޔައިން ހެންނެވެ. މިހެން ތިބެގެން އަޑުކޮޅަށް ބާރު ބާރަށް ތަކުރާރުކޮށް “އަލީ އަލާސް މުހައްމަދިން، އަލީ އާލާސް މުހައްމަދިން” އޭ ކިޔައި ކިޔަކިޔާ އިރުގަނޑެއް ވަންދެން ތިބޭ ކަމަށް ޕރާޑު ލިޔުއްވައެވެ. އެ ވަގުތުގައި އެމީހުން އެތިބެނީ ހަމަހޭގައި ނޫން ކަމަށް އެމީހުންނާއި ސުވާލު ކުރުމުން ބުނާ ކަމަށް ޕިރާޑް ބުނެފައި ވެއެވެ. އަދި އެވަގުތު އެމީހުން ތިބޭހާލު އެމީހުންނަށް ނޭގޭ ކަމަށް ވެސް ބުނި ކަމަށެވެ. އެގޮތަށް ތިބޭ ތިބުން އެމީހުން ގަބޫލުކުރަނީ، އެވަގުތު އެތިބެވެނީ ސުވަރުގޭގެ އަރާމާއި އުފަލުގެތެރޭގައި ކަމަށާއި ސުވަރުގެއަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. އަދި މިގޮތަށް ތިބޭއިރު ބައެއް ފަހަރު އެންމެ އިސް މީހާ ގަޑި ދެގަޑި އިރުވަންދެން އެއްވެސް ހަރަކާތެއް ނެތި މަރުވެފައިވާ މީހެއްހެން ހުންނަ ކަމަށެވެ. މިގޮތަށް އެންމެ އިސްމީހާ ހުރުމުން އެމީހުން ގަބޫލުކުރަނީ އެއީ އޭނާގެ މާތްކަން އިތުރުވެގެންވާ ކަމުގެ ހެއްކެއް ކަމަށެވެ. އެވަގުތު އޭނާގެ ފުރާނަ ވަނީ ސުވަރުގޭގައި ކަމަށް އެމީހުން ގަބޫލުކުރާ ކަމަށް، ޕިރާޑް(1937)ގައި ލިޔެފައިވާ ދަ ވޮޔޭޖަސް އޮފް ފްރެންސިސްކޯ ޕިރާޑް ޑި ލާވަލް 1570-1621 ފޮތުގައި ބަޔާންކޮށްފައި ވެއެވެ.

މެލޭޝިއަގައި މިއަހަރުގެ އީދުމީލާދު ދުވަސް ފާހަގަކުރަނީ- މައުލޫދު ކިޔުން.

މުޅި އެރޭ މައުލޫދު ކިޔުމަށްފަހު ނިންމާލަނީ ސަލަވާތް ފާތިޙާ ކައިޔުމާއި ދޫއާ ކުރުމުންނެވެ. ނިންމުމަށް އިސްމީހާ މައުލޫދު ހަރުގެ މެދުގައި ހުރެ ދުއާކުރާ އިރު އެންމެން ވެސް ދުއާގައި ބައިވެރިވެއެވެ. އެއަށްފަހު ހަރުގޭގެ މެދުގައިވާ މޭޒުމަތީގައި ފޮތިން މަތިއަޅާފައިވާ ކެއުމުގެ ބާވަތްތަކުގެ މަތި އިސްމީހާ ހުޅުވާލައެވެ. އަދި އިސްމީހާ ކާން ފެށުމުން އެންމެން އެންމެން މޭޒުވާށާ ތިބެގެން ކާންފަށެއެވެ. ކޮންމެ މީހަކަށް ވެސް ކެއުމުން މިންވަރެއް ލިބެއެވެ. އަދި އަލިވިލެން ކައިރިވުމުން ކާނާގެ ބާވަތުން އެތިކޮޅެއް ހިފައިގެން ގެޔަށް ގޮސް ގޭގެ މީހުނަށް މައުލޫދަށް ދިޔަކަން ޔަގީންކޮށް ދެއެވެ.

މައުލޫދު ކެއުމަށް މީހުން ޖަމާވުމުން މައުލޫދު ހަރުގޭގެ ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަޔަކު ބެހެއްޓިފައިވާ ފެން ވަށިތަކުން މީރުވަސްދުވާ ފެން މީހުންގެ ގަޔަށް ބުރުވަމުން، އުނގުޅަމުން ހިނގައެވެ. މިއީ މައުލޫދުގެ ބަރަކާތް ލިބިގަތުން ކަމުގައި ބަލައެވެ. އަދި މަލާފަތް ކެއުމަށް 9 ނޫނީ 10 މީހުންގެ ގްރޫޕްތަކުގައި ވަށްބުރަކަށް ކުނާ މަތީގައި އެންމެން އިށީދެގެން ތިބެއެވެ. ކޮންމެ މީހަކުވެސް އިށީންނާން ޖެހޭނީ އެމީހަކާއި އެއްފަންތިއެއް، ނުވަތަ އެއް ލެވެލެއްގެ މީހުންގެ ގްރޫޕެއްގައެވެ. އަދި ކާން ފެށުމުގެ ކުރިން އަތާއި ކޯ ދޮންނަން ފެންކުރާ އާއި އަތްދޮންނަ ފެންލޯގަނޑު ގެނެސް ދެއެވެ. އެރޭ އެންމެންހެން ތިބެނީ ދުފައި ދުފައި އަނގަ ބޯވެފައެވެ. އަދި ކޮންމެ ގްރޫޕަކަށް ވެސް ތިން މީހުންނަށް ކިރިޔާ އުފުލޭވަރުގެ ބޮޑު މަލާފަތެއް ގެނެސް ބެހެއްޓުމުން، އެ ގްރޫޕެއްގެ އިސް މީހަކު މަލާފަތް ހުޅުވައި ކާން ފެށުމުން އެންމެން ކާން ފަށާނީއެވެ. މަލާފަތުގައި ހުންނަނީ މަހުގެ އެކި ބާވަތްތަކާއި އެދުވަސްވަރެއްގައި ހުންނަ ޚާއްސަ ކެއުމުގެ ބާވަތްތަކެވެ. ބޮޑު މަލާފަތުގެ އެތެރޭގައި އެކިބާވަތްތަކުގެ ކުދި މަލާފަތްތަައް ހުރެއެވެ. މިކެއުން ނިމުމުން މައުލޫދު ނިމުނީ އެވެ. އެންމެ ވެސް ދެން ދާނީ ގެއަށެވެ. މިއާދަ ރާއްޖޭގައި 8 ގަރުނަށް (840 އަހަރު) ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ކަމަށް ވެއެވެ.

ނަމަވެސް ދައުލަތާއި ހަވާލުވެގެން ހުންނެވި އެތެރޭގެ ވަޒީރު (ހޯމް މިނިސްޓަރ) އަދި ރަސްކަމުގެ ވަލީވެރިޔާ ޕްރިންސް ހަސަން ފަރީދުގެ ބާރުވެރިމުގައި 1936 ހިސާބުގައި މައުލޫދު ކިޔުން އެއްކޮށް ހުއްޓުވި އެވެ. އެގޮތުގައި 8 އަހަރު ދުވަހު 1944 އާއި ހަމަޔަށް ވެސް މައުލޫދު ކިޔުން އޮތީ ހުއްޓުވާފައެވެ. އެކަމަކު މުހައްމަދު އަމީނުގެ ބާރުވެރިކަމުގައި އަލުން މައުލޫޫދު ކިޔަން ފެށިއެވެ. މުހަމައްދު އަމީނަށް އެދުވަސްވަރު ދައުލަތުގެ ބާރުތައް ދިޔައި 1944 ގައި (2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު) ހަސަން ފަރީދު ރާއްޖޭގެ އެތެރޭގެ ކަންތައްތަކާއި ދުރަށްޖެހި ކޮޅުބުގައި ހުންނަވަން ޖެހި، އޭނާ އައްޑޫ ގަމުން ކޮޅުބަށް ދަތުރުކުރެއްވި ބޯޓަށް ހަނގުރާމައިގެ ހަމަލާއެއް އަމާޒުވެ އޭނާ ގެއްލުވުމުން، ވެރިކަމުގެ ބާރުތައް ހިންގެވީ މުހައްމަދު އަމީން އާއި އަބްދުލް މަޖީދު ދީދީއެވެ. އެދުވަސްވަރު މުހައްމަދު އަމީނަށް ދައުލަތުގެ ބާރު ވެރިކަން ލިބުމާއެކު އަލުން މައުލޫދު ކިޔުމަށް ހުއްދަ ދެއްވީއެވެ. އެކާމާ ރާއްޖޭގެ ގިނަބަޔަކު އޭރު އުފާކޮށް އަލުން މައުލޫދު ކިޔަން ފަށައިގަތެވެ.

ހަސަން ފަރީދު 1936 ހިސާބުން 1944 އަށް ރާއްޖޭގައި މައުލޫދު ކިޔުން އެއްކޮށް ހުއްޓުވި

ނަމަވެސް ރާއްޖޭގެ އުތުރުގެ ގަޑުބަޑަށްފަހު 1943ގައި ކުޅުދުއްފުޓައި ހޯރަފުށިން މައުލޫދު ކިޔުމާއި ދެކޮޅުހަދައި، އެއީ ހަރާމް ކަމެއް ކަމަށް ގޮވައި މާލެ އަންނަން އުޅުނެވެ. އެކަން ހުއްޓުވީ އޭރު ރާއްޖޭގެ ބާރުވެރިކަން ހިންގަމުން އައި އިނގިރޭސިންގެ އިންޒާރަކާއެކު، އެތެރޭގައި ވެސް އެއްސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުުން މަނާކޮށްގެންނެވެ.

ކުރީގައި ކިޔާއުޅުނު އަސްލު މައުލުދެއް

މައުލޫދު ބަދަލުވެގެން ދިޔަގޮތް

ފަހުން މައުލޫދު ބަދަލުވެގެން ދިޔައީ އަދި މާ ހީނުކުރާ ކަހަލަ ގޮތަކަށެވެ. އެއީ މައުލޫދާއި ދެކޮޅު ދީނީ އިލްމުވެރިންގެ މައުލޫދަށް އޮތް ނުރުހުން ދެއްކުމުގެ ގޮތުން ކުރި އަދި ކުރުވި ކަމެއްކަމަށް ވެސް ބުނެވެއެވެ. އެގޮތުން މައުލޫދުގެ ތެރެއަށް ދިވެހި ބަހުން ބައިތައް އިތުރުކޮށްގެން ވެސް ކިޔައި އުޅުނެވެ. އެގޮތުން މައުލޫދުގެ ރާގަށް ‘ބެރެކި’ އާއި ‘ފަރިހި’ ކިޔައި އުޅުނު ކަމަށް ވެއެވެ.

މިކަންތައް ބޮޑަށް ހިނގީ މުހައްމަދު އިމާދުއްދީން (4) ގެ ރަސްކަމުގެ ދުވަސްވަރު (1835-1882މ.) ގައެވެ. އޭނާގެ 48 އަހަރާއި 5 މަހެއްހާ ދުވަހުގެ ރަސްކަމަކީ ދިވެހިރާއްޖޭގައި އެއް ރަސްކަލަކު އެންމެ ގިނަ ދުވަހު ކުރި ރަސްކަމެވެ. އޭނާގެ ރަސްކަމުގެ ދުވަސްވަރު ކިޔާ އުޅުނު ފަރިހި އާއި ބެރެކި އަކީ ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު މައުލޫދަށް ޖެއްސުންކޮށް މަލާމާތް ކުރުމުގެ ގޮތުން ހެދި އެއްޗެހިތަކެއް ކަމަށް ވެއެވެ. ނަމަވެސް އިމާދުއްދީން (4) ރަދުން އެ އަޑުއައްސަވައިގެން ހިތް އުފާކުރުއްވި ކަމަށް ވެއެވެ. އެދުވަސްވަރު ދީނީ އިލުވެރިން ވެސް މައުލޫދާއި އަދި މައުލޫދު ރާގަށް ބެރެކި އާއި ފަރިި ކިޔުމާއި ދެކޮޅު ނަހައްދަވާ ތިއްބެވިއެވެ. އެއީ އޭރުގެ ރަސްކަމުގެ ބާރުގަދަކަމުން ދެކޮޅުހައްދަވަން ނުކެރި ތިއްބެވީ ކަމަް ބެލެވެއެވެ.

އެ ދުވަސްވަރު، 19 ވަނަ ގަރުނުގައި އެގޮތުން ކިޔައި އުޅުނު ފަރިއްސެއް

މައުލޫދަށް ޖެއްސުން ކުރުމުގެ ގޮތުން އެރާގަށް ކިޔައި އުޅުނު ފަރިސެއް.

 

އެއިގެ ފަހުން 1970އައި 1980ގެ އަހަރުތަކުގައި މާލޭ ސްކޫލްތަކުގެ މަތީ ކްލާސްތަކުގެ ދަރިވަރުން ވެސް އެގޮތަށް މައުލޫދަށް ޖެއްސުން ކުރުމުގެ ގޮތުން ދިވެހި ބަހުން މައުލޫދުގެ ނަމުގައި ބެރެކި އާއި ފަރިހި ހަދައިގެން ކިޔައި އުޅުނެވެ.

އެގޮތުން ތިރީގައި މިވަނީ ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) މިހާރުގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުން އެގޮތުން ހަދައި ކިޔާ އުޅުނު މުއުލޫދު ބުރި އެކެވެ. މައުލުދު ބުރިއަކީ މައުލޫދުގެ އެއްބައެވެ.

ފަހުން 1970-1980 ގެ އަހަރުތަކުގައި އަމިއްލައަށް ހަދައިގެން މައުޅުދު ރާގަށް ކީ ފަރިއްސެއް

މައުލޫދު ކިޔުމަކީ މިހާރު ދިވެހިރާއްޖޭގައި އެއްގޮތަކަށް ވެސް ކޮށްއުޅޭ ކަމެއް ނޫނެވެ. ގިނަ މީހުން ގަބޫލުކުރަނީ އެއި ޚުރާފާތެއް ކަމަށެވެ. މައުލޫދު ކިޔުމާއި އެއްގޮތަކަށް ކުރިންކުރި ވަރަށް ގިނަ ކަންތައްތައް އެއީ މިހާރުގެ މުޖުތަމައިން ބަލައި ގަންނަ ކަންތައްތަކެއް ނޫނެވެ. އެގޮތުން ޒިޔާރަތްތަކުަގއި ދިދަ ނެގުމާއި ޒިޔާރަތްތަކަށް ނަދުރުބުނެ އެ ނަދުރު ފުއްދަން ކަންތައްތައް ކުރުމާއި އާޝޫރާ ދުވަހު ކަނދި ކައްކައި ކިރުމައި، ފެންފޮޅިން މީހުން ފޮރުވުމާއި ނަދުރު ބުނުން ފަދަ ކަންތަތައް ކޮށް އުޅުނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments