A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ނުވަވަނަ ބައި)

ބަޣުދާދަށް ހަމަލާދިނުން
ބަޣުދާދަށް ހަމަލާދިނުމަށް ހުލާގޯ އޭނާގެ ލަޝްކަރު ތިންބަޔަކަށް ބަހާލިއެވެ. އޭގެތެރެއިން ފުރަތަމަ ލަޝްކަރު ސީދާ ހުލާގޯގެ ބެލުމުގެ ދަށުން ބަޣުދާދުގެ އިރުން ހަމަލާދިނުމަށް ތައްޔާރުވިއެވެ. މިއީ ތަތާރުންގެ ލަޝްކަރުގެ ހިތެވެ.

ދެވަނަ ލަޝްކަރު ހަމަލާދިނުމަށް ތައްޔާރުކުރީ ބަޣުދާދުގެ ދެކުނުންނެވެ. އަދި ތިންވަނަ ލަޝްކަރު ހަމަލާދިނުމަށް ނިންމީ ބަޣުދާދުގެ ހުޅަނގު އުތުރުންނެވެ.

ތަތާރުން ބަޣުދާދު ހަމަލާދޭން ތައްޔާރުވެފައިވާ ޚަބަރު ޚަލީފާއަށް ލިބުމާއިއެކު ލިބުނީ ކުއްލި ސިހުމެކެވެ. އަދި ހާސްވެގޮތް ހުސްވިއެވެ. އެއާއިއެކު ކުއްލި ބައްދަލުވުމަކަށް ހުރިހާ ބޮޑުންނަށް ގޮވާލިއެވެ. ކުއްލި ބައްދަލުވުމުގައި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ހުންނެވި ބޮޑު ވަޒީރު އިބުނު އަލްގަމީ ހުށަހެޅީ ތަތާރުންނާއި ވާހަކަ ދެއްކެމަށެވެ. ނަމަވެސް، ހިތްވަރާއި ސާބިތުކަމާއިއެކު ދެވަޒީރަކު ޖިހާދަށް ނިކުތުމަށް ކުރުނުކޮށް ހުށަހަޅާންފެށިއެވެ. އަދި މިއީ ޖިހާދަށް ނިކުތުމަށް ލިބޭ އެންމެފަހު ފުރުސަތުކަމަށްވެސް ދެންނެވިއެވެ. ޚަލީފާއަށްވެސް މިދެވަޒީރުންގެ ހުށަހެޅުމަކީ އެންމެ ރަގަޅު ހުށަހެޅުންކަމަށް ގަބޫލުކުރެވެއެވެ. މިހާތަނަށް އެއްވެސް ވަރަކަށް ޖިހާދަށް އެއްވެސް ލަޝްކަރެއް ނެރެފައިނުވާތީ ޚަލީފާއަށް މިއީ މުޅިންއާ ކަމެކެވެ. ނަމަވެސް، އެ ވަޒީރުންގެ އެދިލެއްވުމަށް ޖިހާދަށް ނިކުތުމުގެ އިޒުނު ޚަލީފާދެއްވިއެވެ.

ތަތާރުންނާއި ކުރިމަތިލުން
ތަތާރުންނާއި ކުރިމަތިލުމަށް 3 މިލިއަން މީހުން އާބާދުވެފައިވާ މުސްލިމުންގެ ވެރިރަށް ބަޣުދާދުން ނެރެވުނީ އެންމެ 10 ހާހެއްހާ މީހުންގެ ލަޝްކަރެކެވެ. މި ލަޝްކަރުގެ ވެރިންނަކީ މުޖާހިދުއްދީން އައިބަކު އާއި ފަތުހުއްދީން ދާއޫދެވެ. ހަގުރާމަތައް ކުރުމުގެ ތަޖުރިބާމަދު މުސްލިމުންގެ މިލަޝްކަރުގެ އެއްލީޑަރު ކަމަށްވާ ފަތުހުއްދީން ދާއޫދު ފަދަ ހަގުރާމައިގެ ތަޖުރިބާހުރި ހިތްވަރުގަދަ ފަހުލަވާނުން މިލަޝްކަރުގައި މަދެވެ. މުސްލިމުންގެ ލަޝްކަރާއި ތަތާރުންގެ ލަޝްކަރު ބައްދަލުވެ ހަގުރާމަފެށި ފަސޭހަކަމާއިއެކު ތަތާރުންގެ ލަޝްކަރު ބަލިވިއެވެ. ތަތާރުންގެ ލަޝްކަރު އެހާ ފަސޭހައިން ބަލިވެގެން ދިއުމުގެ ސަބަބުން ތަތާރުންގެ ލަޝްކަރުގެ ފަހަތުން ނުދިއުމަށް ފަތުހުއްދީން ހުށަހެޅި ނަމަވެސް ތަޖުރިބާ މަދު މުޖާހިދުއްދީން ނިންމެވީ ތަތާރުންގެ ފަހަތުން ކުރިއަށް ދިއުމަށެވެ. މުސްލިމުންގެ ލަޝްކަރު ތަތާރުންގެ ފަހަތުން ހަމަލާދިނުމަށް ކުރިއަރާއިގެން ދިއުމުގެ ނަތީޖާއަކަށްވީ ތަތާރުން ފަހަތަށް ޖެހި މުސްލިމުންގެ ލަޝްކަރު ވަށާލުމެވެ. އެއާއިއެކު ބައިމަދު މުސްލިމުންގެ ލަޝްކަރަށް ތަތާރުންގެ ބިޔަ ލަޝްކަރުގެ ޝިކާރައަކަށްވިއެވެ. ފަތުހުއްދީން ޝަހީދުވެ މުސްލިމުންގެ ލަޝްކަރުގެ ބޮޑުބައެއް ޝަހީދުވިއެވެ. އެއާއިއެކު މުޖާހިދުއްދީން އަބުރާ ބަޣުދާދަށް ވަޑައިގަތެވެ. މިހަގުރާމަ ހިގާފައިވަނީ ހިޖުރީ ސަނަތުން 656 ވަނަ އަހަރު މުހައްރަމް މަސްތެރޭގައެވެ.

ދެފަރާތުގެ ވާހަކަތައް ފެށުން
މުސްލިމުންގެ ލަޝްކަރު ބަލިވުމާއިއެކު ޚަލީފާއަށް ގޮތްހުސްވިއެވެ. އަދި އިބުނު އަލްގަމީގެ ލަފާގެ މަތިން ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް ޚަލީފާ އެއްބަސްވެވަޑައިގަތެވެ. އެއާއިއެކު ޚަލީފާގެ ފަރާތުން ވާހަކަދެއްކުމަށް އިބުނު އަލްގަމީ އާއިއެކު ދެވަނަ ފަރާތެއްގެ ގޮތުގައި ނަސާރާ ފާދިރީއެއް އައްޔަންކޮށް ވާހަކަތައް ފެށުނެވެ.

ވިސްނާލުން މުހިންމެވެ. މުސްލިމުންގެ ޚަލީފާ މުސްލިމުންގެ ފަރާތުން ވާހަކަދެއްކުމަށް ފޮނުއްވާފައިވަނީ ހައްދުފަހަނަޅާފައިވާ ޝިއައީ އަކާއި ނަސާރާ ފާދިރީއެކެވެ. މުސްލިމުންގެ ހައްގުގައި މިދެފަރާތުން ދެއްކޭނީ ކޮން ވާހަކައެއްތޯއެވެ.
ތަތާރުންގެ ލީޑަރު ހުލާގޯ އާއި ކުރެވުނު މަޝްވަރާގައި ހުލާގޯ ހުށަހެޅީ މުސްލިމުންގެ ތެރެއިން މަސްލަހަތު ނަގާލުމަށް މަސައްކަތްކުރާ މީހުން ހަވާލުކުރުމަށާއި ދިފާއީ ހުރިހާ ކިއްލާތައް ސުންނާފަތިކޮށް ބިމާއި ހަމަކުރުމާއި ހުރިހާ ހަތިޔާރުތަކެއް ތަތާރުންނާއި ހަވާލުކުރުމަށެވެ. އަދި ބަޣުދާދު ވެރިކަން ކުރިއަށް ގެންދެވޭނީ ތަތާރުންގެ ބެލުމުގެ ދަށުންނެވެ. މިކަމަށް އެއްބަސްވާނަމަ ބަޣުދާދުގެ ވެރިއަކަށް ޚަލީފާ ބެހެއްޓުމާއި، ބަޣުދާދުގެ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ދިނުމާއި ޚަލީފާގެ ފިރިހެން ދަރިއަކާއި ހުލާގޯގެ އަންހެން ދަރިއަކު ކާވެނިކޮށްދޭން ހުލާގޯ އެއްބަސްވިއެވެ.

ތަތާރުން މަސްލަހަތު ނަގާލާމީހުންގެ ގޮތުގައި ސިފަކޮށްފައިވަނީ ޖިހާދަށް ނިކުތް މީހުންނަށެވެ. އަދި ތަތާރުންނާއި ދެކޮޅަށް ޖިހާދުކުރުމަށް ގޮވާލި ހުރިހާ ފަރާތްތަކަކީ މަސްލަހަތު ނަގާލާމީހުންގެ ގޮތުގައި ސިފަކުރިއެވެ. ތަތާރުން ސިފަކުރި ގޮތުގައި ގައުމުގެ ދިފާއުގައި ތެދުވާ ކޮންމެ މީހަކީ މަސްލަހަތު ނަގާލާ ނުރައްކާތެރި މީހެކެވެ. މިހާރު ޓެރަރިޒަމް ސިފަކުރާ ގޮތާއި އެއްވެސް ތަފާތެއް އެބަހުރިތޯއެވެ. އެމެރިކާއަށް ނުވަތަ އިޒުރޭލުގެ ލާއިންސާނީ ވާހަކަދައްކަން ކެރިގެން ނިކުންނަ ކޮންމެ މީހަކީ، ޖަމާއަތަކީ ޓެރަރިސްޓުންނެވެ. އެބައިމީހުންގެ ވަސްދުނިޔެއިން ދުއްވާލަންޖެހެއެވެ. އެއީ މިއަދުވެސް އަދިއޭރުގެވެސް ހަގީގަތެވެ.

ދެވަނަ ކަމަށް ހުލާގޯ ހުށަހެޅީ ހުރިހާ ހަތިޔާރުތައް ހަވާލުކޮށް ދިފާއީ ކިއްލާތައް ތަޅާލުމަށެވެ. ހުރިހާ ހަތިޔާރެއް ހަވާލުކޮށް ދިފާއީ ކިއްލާތައް ތަޅާލުމުން މުސްލިމުންގެ ހުރިހާ ބާރެއް ކެނޑުނީއެވެ. ތަތާރުން ބޭނުންގޮތަކަށް ހެދިދާނެއެވެ. މިހާރުގެ ހާލަތާއިމެދުވެސް ވިސްނާލުން ބުއްދިވެރިއެވެ. ހުޅަނގުން ހިތްނުރުހޭ ގައުމެއްނަމަ ހަތިޔާރު ވިއްކުން މަނާކުރާނެއެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ. އެގައުމެއް ނިކަމެތި ކުރާނެއެވެ. ހުޅަނގުގެ ބާރުތަކަށް ފަސޭހައިން ބަލިކުރެވޭ މިންވަރަށް ބާރުތައް ކަނޑުވާލާނެއެވެ.

ހުލާގޯގެ މިހުށަހެޅުން ބަލައިގަތުމަށް ޚަލީފާއަށް ވަގުތެއް ދޭކަށް ހުލާގޯ ބޭނުމެއްނުވިއެވެ. ސަބަބަކީ ފިނި މޫސުމުގެ ފިނި ގަދަވާން ފެށިފައިވުމުން އިތުރަށް ފިނިގަދަވެއްޖެނަމަ ހަގުރާމަކުރަން އުދަގޫވާނެތީއެވެ. އެހެންކަމުން، ޖަވާބެއްވެސް ނާންނަނީސް ހަމަލާ ދިނުމަށް ދުނިދަނޑިވެރިންނަށް ހުލާގޯ އިރުޝާދުދިނެވެ.

ދުނިދަނޑިވެރިންގެ ދުންޏެއް ދިފާއީ ފާރު ހުރަސްކޮށް ޚަލީފާގެ މުނިފޫހިފިލުވުމުގައި ހަރަކާތްތެރިވަމުން ދިޔަ ބާންދީއެއްގެ ކަަރަށް ހެރުނެވެ. އެކަމާ ޚަލީފާ ކޯފާއިސްކުރައްވާ ހަމަލާ ދިނުމަށް އިރުޝާދުދިނެވެ. ނަމަވެސް، މުސްލިމުންނަށް ތަތާރުންނާއި ކުރިމަތިލެވޭ ގާބިލުކަމެއް ހިތްވަރެއް ނެތެވެ. އޭގެ ހަތަރު ދުވަސް ފަހުން ހުލާގޯގެ ހުށަހެޅުމަށް ޚަލީފާ އެއްބަސްވެލެއްވިއެވެ. އެއީ ހިޖުރީ ސަނަތުން 656 ވަނަ އަހަރުގެ ސަފަރު މަހުގެ 1 އިން 4 ކަމަށް ޝެއިޚް އިސްލާމް ރަޖަބު ހާމަކުރައްވައެވެ.

ހުލާގޯ އާއި ވާހަކަ ދެއްކުމަށް ޚަލީފާ ދާން ނިންމުމާއިއެކު ހުލާގޯ ހުށަހެޅީ ޚަލީފާ އާއިއެކު ހުރިހާ ވަޒީރުންނާއި ބޮޑުންނާއި އިލްމުވެރިންނާއި ވިޔަފާރިވެރިންވެސް އައުމަށެވެ. ހުލާގޯގެ މިހުށަހެޅުމަށް ޚަލީފާއާއިއެކު ގާތްގަޑަކަށް 700 އެއްހާ މީހުން ހުލާގޯ އާއި ބައްދަލުކުރުމަށް ދިޔައެވެ. ނަމަވެސް، މި 700 އެއްވާ މީހުންގެ ތެރެއިން ހުލާގޯގެ ދަރުބާރަށް ވަނުމުގެ އަމުރު ދިނީ އެންމެ 17 މީހުންނަށެވެ. ބާކީ ތިބި އެންމެން މި 17 މީހުން އެތެރެއަށް ވަނުމާއިއެކު އެކިގޮތްގޮތުން ޝަހީދުކޮށްލިއެވެ. އަދި މި 17 މީހުން އެތެރެއަށް ވަނުމާއިއެކު ވަކިވަކިކޮށްލިއެވެ. އަދި ހުލާގޯ އަރިހަށް ފޮނުވީ ހަމައެކަނި ޚަލީފާއެވެ. ބާކީ ތިބި 16 މީހުން އަނެއްކާވެސް ޝަހީދުކޮށްލިއެވެ. ޚަލީފާއަށް މިއެންމެން ޝަހީދުވެއްޖެކަމުގެ މައުލޫމާތު ލިބުނުއިރު ވަގުތު އޮތީ ފާއިތުވެފައެވެ.

ޚަލީފާ ހާޒިރުވުމާއިއެކު ހުލާގޯ އޭނާގެ އަމުރު ބަޣުދާދަށް ހިންގަންފެށިއެވެ. އެގޮތުން، ހުރިހާ ހަތިޔާރެއް ބެހެއްޓުމުގެ އަމުރުނެރުނެވެ. އަދި ޚަލީފާ ބަދެގެން ބަޣުދާދަށްވެއްދިއެވެ. ޚަލީފާގެ ދެދަރިން ކަމަށްވާ އަހުމަދާއި އަބްދުއްރަހުމާން ޚަލީފާގެ ކުރިމަތީ ޝަހީދުކުޅައެވެ. ރަސްމަތިފުށުގެ އަންހެން ކަނބަލުން ހުރަގެއަށް ވެއްދިއެވެ. އަދި އިބުނު އަލްގަމީ ތައްޔާރުކޮށްފައިވާ ލިސްޓެއްގައިވާ މުހިންމު މީސްމީހުން ހާޒިރުވުމުގެ އަމުރު ނެރުނެވެ. އެއަމުރުގައި އިބުނު ޖައުޒީގެ ދަރިކަލުންވެސް ހިމެނިވަޑައިގަންނަވައެވެ.

ގަތުލުއާންމުގެ ފެށުން
މިހިސާބަށްކަންތައް ހިގާދިޔައިރު ބަޣުދާދުގައި އެއްވެސް ލީޑަރެއް ހަރުމީހެއް ނުވަތަ ނުފޫޒެއް ހުރި މީހެއްނެތެވެ. ހުރިހާ އެންމެން މިވަނީ ޝަހީދުވެފައެވެ. ނޫނީ ހުލާގޯގެ ބެލުމުގެ ދަށުގައެވެ. އެއަށްފަހު ހުލާގޯ ސިފައިން ބޭނުންކަމެއް ކުރުމުގެ ހުއްދަ ސިފައިނަށް ދިނެވެ. އެއާއިއެކު ލާއިންސާނީއެތަކެއް ކަންތައްތަކެއް ފެށިގެންދިޔައެވެ. މުސްލިމުންތައް ޝަހީދުކުރަންފެށިއެވެ. ލޭގެ ކޯރުތައް ބަޣުދާގުގައި ދެމެންފެށުނެވެ. މިއަމަލުތައް ހިންގަމުން ގެންގޮސްފައިވަނީ ޚަލީފާގެ ކުރިފުޅުމަތީގައެވެ. އަދި ބަޣުދާދުގެ ހުރިހާ ޚަޒާނާއެއް ޚަޒާނާއަަކަށްފަހު ޚަޒާނާއެއް ޚަލީފާގެ އަތުން ފޭރެމުންދިޔައެވެ. އެންމެފަހުން ޚަލީފާގެ ބޭނުން ކެނޑުމުން ފޮތިގަނޑަކުން ޚަލީފާ އޮޅާލުމަށްފަހު ބިންމައްޗަށްވައްޓާ ތަޅަންފެށިއެވެ. ޚަލީފާ އަވަހާރަވީ މިއަނިޔާތަކުގައެވެ. އޭރު ތަތާރުންގެ ގަތުލުއާންމު މެދުނުކެނޑި ކުރިއަށްދާތާ 10 ދުވަސްވެއްޖެއެވެ. އެއީ ހިޖުރީ ސަނަތުން 14 ސަފަރު 656 އެވެ.

ދުނިޔޭގައި އެވަގުތު ހުރި އެންމެ ބޮޑު އެންމެ ފޮތްތަކުން މުއްސަދި ލައިބުރަރީ ކަމަށްވާ ބަޣުދާދުގެ ލައިބުރަރީ ތަޅާ ސުންނާފަތިކުރިއެވެ. އަދި ފޮތްތައް ތިގުރީސް ކޯރަށް އުކާލިއެވެ. ބުނެވޭ ގޮތުގައި ތިގުރީތު ކޯރަށް އުކާލެވިފައިވާ ފޮތްތަކުގެ ގިނަ ކަމުން އެފޮތްތަކުގެ މަތިން ތަތާރުންގެ އަސްތައް އެކޯރު ހުރަސްކުރިއެވެ. ބަޣުދާދުގެ ލައިބުރަރީ 656 ވަނަ އަހަރު ސުންނާފަތިކުރުމުގެ ބަރާބަރު 20 އަހަރުކުރިން 636 ވަނަ އަހަރު ގުރުތުބާގެ މަޝްހޫރު ލައިބުރަރީ ސުންނާފަތި ކުރެވުނެވެ.
ތަތާރުންގެ ލާއިންސާނީ ގަތުލު އާންމު 40 ދުވަސްވަންދެން މެދުނުކެޑި ކުރިއަށް ގެންދިޔައެވެ. މުސްލިމުންނަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. ތަތާރުންގެ ގަތުލު އާންމުސިފަކުރަމުން ރަޖަބު ވިދާޅުވަނީ އެއްފަހަރަކު ތަތާރުންގެ އަންހެނަކަށް މުސްލިމު ފިރިހެނުންތަކަކާއި ދިމާވިއެވެ. އެހިނދު އެމީހުންކައިރީ އެމީހުން ތިބިތަނުން ނުދިއުމަށް އެއްގުމަށްފަހު ޚަންޖަރެއް ގެނެސް އެހުރިހާ އެންމެން ޝަހީދުކުޅައެވެ.

ޝަހީދުވެފައިވާ މުސްލިމުންގެ ގިނަކަމުން އެބައިމީހުން ވަޅުލުމަކީ ތަތާރުންނަށް ފަސޭހަކަމަކަށް ނުވާނެތީއާއި ޝަހީދުވެފައިވާ ފަރާތްތައް ވަޅުނުލެވި ގިނަ ދުވަސްވެއްޖެނަމަ އާންމު ބައްޔެއް ފެތުރިދާނެ ކަމުގެ ބިރަށް އަމާންކަން މުސްލިމުންނަށް ދިނެވެ. އޭރު މިލިއަނަކަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ. ޝަހީދުވީ މުސްލިމުންގެ އަދަދު ކަމަށް ބައެއް ރިވާތަކުގައި 1 މިލިއަން އަނެއްބައި ރިވާތަކުގައި 1.5 މިލިއަންކަމަށްވެސް ބުނެވެއެވެ. މިކަމާއި ގުޅިގެން ތަފާތު ބަލިތައް ބަޣުދާދުގައި ފެތުރުނެވެ.
(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !