A wide advertisement which will be shown on all devices. (700 x 100)

ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި ތަލްހާ ބިން އުބައިދުﷲ (ދެވަނަ ބައި)

ހެޔޮ ޚަބަރު ލިބިވަޑައިގަތް 10 ބޭކަލުން

ހަގުރާމައިގެ މައިދާނުގައި

ކީރިތި ރަސޫލާ (ސއވ) ބައިވެރިވެވަޑައިގަތް ހުރިހާ ހަގުރާމައެއްގައިވެސް ތަލްހާ އިބުނު އުބައިދުﷲ ބައިވެރިވެވަޑައިގަތެވެ.

ތަލްހާ (ރއ) ހިމެނިވަޑައިގަންނަވަނީ ބަދުރު ހަގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންނެވުނު  ނަމަވެސް ބަދަރު ހަގުރާމައިގެ ބައިވެރިންގެ ދަރަޖަ ލިބިވަޑައިގަތް ބޭކަލެއްގެ ގޮތުގައެވެ. އުރުވާ، ސައީދުގެ ބުނު ޒައިދުގެ ކިބައިން ރިވާ ކުރައްވާ ގޮތުގައި އެދެބޭކަލުންނަށް ބަދުރު ހަގުރާމައިގެ ޣަނީމާ މުދަލުން ބައި އެޅުއްވިއެވެ. އަދި ބަދުރު ހަގުރާމައިގައި ބައިވެރިވެވަޑައިގަތް ބޭކަލުންނަށް ލިބުނު ދަރުމައާއި ސަވާބު ލިބޭނެ ކަމަށް ކީރިތި ރަސޫލާ (ސއވ) ހަދީޘް ކުރެއެވިއެވެ.

ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކަށް އެގިވަޑައިގަންނަވާނޭފަދައިން ކިރިތި ރަސޫލުﷲ (ސއވ) ބަދުރުގެ މައިދާނަށް ވަޑައިގަތީ އެއްވެސް ހާލެއްގައި ހަގުރާމައަކަށް ތައްޔާރުވެގެނެއްނޫނެވެ. އެކަލޭގެފާނު ވަޑައިގަތީ މައްކާގެ މުޝްރިކުންގެ ވިޔަފާރި ގާފިލާއަކަށް އަތުލެއްވުމަށެވެ. މިވިޔަފާރި ގާފިލާ މައްކާއިން ޝާމްކަރައަށް ދަތުރުފެށި ޚަބަރު ލިބިވަޑައިގަތުމާއިއެކު އެގާފިލާގެ ޚަބަރު ހޯއްދެވުމަށް އިތުރު އެކަލޭގެފާނު އަރިސް ސަހާބީންގެ ތެރެއިން ދެބޭކަލަކު އިސްކުރައްވާ ފޮނުއްވިއެވެ. މިދެބޭކަލުންނަކީ ތަލްހާ (ރއ) އާއި ސައީދު ބުނު ޒައިދު (ރއ) އެވެ.

މިދެބޭކަލުން މައްކާގެ ވިޔަފާރި ގާފިލާގެ ޚަބަރު ބައްލަވަމުން ދަނިކޮށް އެގިވަޑައިގަތީ އެގާފިލާއަށް މުސްލިމުން ފާރަވެރިވާ ޚަބަރުލިބިގެން އާންމުކޮށް ދަތުރުނުކުރާ މަގަކުން މައްކާއަށް ދަތުރުކުރާކަމެވެ. މިޚަބަރާއިއެކު މިދެބޭކަލުން އަވަސްވެވަޑައިގަތީ މިޚަބަރު ކީރިތި ރަސޫލުﷲ (ސއވ) އަށް ދެއްވުމަށް މަދީނާއަށް ވަޑައިގަތުމަށެވެ. ނަމަވެސް މިޚަބަރާއިއެކު މިދެބޭކަލުންނަށް މަދީނާއަށް ވަޑައިގެންނެވުނީ ބަދުރު ހަގުރާމައިން ފުރިހަމަ ނަސްރާއިއެކު މުސްލިމުންގެ ލަޝްކަރު އެބުރި މަދީނާއަށް ވަޑައިގެނެވުނު ދުވަހުގައެވެ.

އަހުދު ހަގުރާމައިގައި ތަލްހާ (ރއ) ގެ ނަންފުޅު ފެވިގެންދިޔައެވެ.  އުހުދު ހަގުރާމައިގެ މައިދާނުގައި އެކަލޭގެފާނު ދެއްކެވި ހިތްވަރުފުޅާއި ކީރިތި ރަސޫލުﷲ (ސއވ) ހިމާޔަތްކުރެއްވުމުގައި ވެވަޑައިގެންނެވި ގުރުބާނީއަށްޓަކައި އުހުދު ގެ ދުވަހަކީ ތަލްހާ ބިން އުބައިދުﷲ ގެ ދުވަސް ކަމުގައި އަބޫބަކުރު (ރއ) ވިދާޅުވެލައްވައެވެ.

އުހުދު ހަގުރާމައިގައި މައްކާގެ މުޝްރިކުން ދެވަނަ ފަހަރަށް ހަމަލާދެއްވުމާއި ގުޅިގެން މުސްލިމުންގެ ސަފުތައް ރޫޅި ވިއްސި ވިހާލިވެގެން ދިޔަ ދަޑިވަޅުގައި މުސްލިމުން ލަޝްކަރުގެ ގިނަ ބަޔަކު ކީރިތި ރަސޫލުﷲ (ސއވ) އާއި ވަކިވެވަޑައިގަތެވެ. ގިނަ ބޭކަލުންނަށް ކީރިތި ރަސޫލުﷲ (ސއވ) ވީ ހިސާބެއް އެގިވަޑައިގައިނުގަތެވެ. އެދަޑިވަޅުގައި ކީރިތި ރަސޫލުﷲ (ސއވ) އަވަހާރަވެއްޖެ ކަމުގެ ދޮގު ޚަބަރުވެސް ފެތުރިގެންދިޔައެވެ.

އުހުދު ހަގުރާމައިގެ މައިދާނުގައި ކީރިތި ރަސޫލުﷲ (ސއވ) އާއިއެކު މުޅި ދުވަހު ސާބިތުވެ ހުންނެވި މަދު މީސްކޮޅުގެ ތެރޭގައި ހުންނެވި އެންމެ އިސް ސަހާބީއަކީ ތަލްހާ (ރއ) އެވެ. އެދުވަހު ލިބިވަޑައިގަތް ބޮޑެތި ޒަޚަމްތަކާއިއެކު އެއްއަތުގެ ވާގިމުޅިންނެތުނެވެ. އެކަލޭގެފާނުގެ އުމުރުގެ ބާކީބައި ހޭދަކުރެއްވީ އެގޮތުގައެވެ.

އުހުދު ހަގުރާމައިގެ އެންމެ ނުރައްކާތެރި ދަޑިވަޅުގައި އިތުރު ރަސޫލުﷲ (ސއވ) އާއިއެކު މަދު ސަހާބީންކޮޅަކާއި އެކު އެކަލޭގެފާނު އުހުދު ފަރުބަދައަށް އަރާވަޑަގަތެވެ. އެހިނދު މުޝްރިކުންގެ ޖަމާއަތެއް އިތުރު އެކަލޭގެފާނާއި ދެކޮޅަށް ހަމަލާ ދިނުމަށް އައެވެ. އެނާޒުކު ދަނޑިވަޅުގައި އިތުރު އެކަލޭގެފާނުގެ ދިފާއުގައި މައިދާނަށް ނުކުމެވަޑައިގަންނަވާނީ ކޮންބޭފުޅެއްތޯ ސުވާލުކުރެއްވި ހިނދު އެންމެ ފުރަތަމަ ނުކުމެ ވަޑައިގަތުމަށް އިސްނެންގެވީ ތަލްހާ (ރއ) އެވެ. އެހެންނަމަވެސް އިތުރު އެކަލޭގެފާނުގެ އިރުޝާދުގެދަށުން ތަލްހާ އިތުރު ރަސޫލުﷲ (ސއވ) އަރިހުގައި މަޑުކުރެއްވިއެވެ. އަދި މުޝްރިކުންނާއި ދެކޮޅަށް ނިކުންނެތި އަންސާރީ ޝަހީދުވެވަޑައިގަތެވެ. އެއާއިއެކު ދެވަނަ ފަހަރަށްވެސް މުޝްރިކުނާއި ކުރިމަތިލުމަށް ނުކުންނެވުމަށް ތަލްހާ (ރއ) އިސްނެންގެވިއެވެ. ނަމަވެސް އިތުރު ރަސޫލު ﷲ (ސއވ) އިރުޝާދަށް ދެވަނަ ފަހަރަށް މަޑުކުރެއްވުމާއިއެކު އަނެއްކާވެސް އަންސާރިއްޔަ ބޭކަލަކު  ނިކުމެ ވަޑައިގަތެވެ. ކީރިތި ރަސޫލު ﷲ (ސއވ) އާއިއެކު އެނާޒުކު ދަނޑީވަޅުގައި ތިއްބެވި މަދުބޭކަލުންގެ މަދު ބޭކަލުންގެ ތެރެއިން ފަހަރަކު ބޭކަލަކު ޝަހީދުވެވަޑައިގަންނަވަމުންގޮސް 11 ބޭކަލުން ޝަހީދުވެވަޑައިގަތެވެ. އެއާއިއެކު ތަލްހާ (ރއ) އާއި ކީރިތި ރަސޫލުﷲ (ސއވ) އާއި ދެބޭކަލުން ގިނިކަންޏާވި ހިނދު ހިއްވަރުފުޅާއި އެކު ކީރިތި ރަސޫލުﷲ (ސއވ) ގެ ދިފާއުގައި ނިކުންނަވާ އެތަކެއް ޒަޚަމްތަކެއް ލިބިވަޑައިގަތެވެ. އެކަލޭގެފާނުގެ އެތަކެއް އިގިލިތަކެއް އެހަމަލާގައި ބުރިވިއެވެ. އަދި އެއެއްއަތް މުޅިން ވާގިނެތުނެވެ.

އަބޫބަކުރުގެ(ރއ) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. އުހުދުގެ ދުވަހު އެބޭކަލުނާއި ކީރިތި ރަސޫލު ﷲ (ސއވ) ވަކިވެވަޑައިގަތުމަށްފަހު އިތުރު އެކަލޭގެފާނު ހޯއްދެވުމަށްފަހު އެންމެ ފުރަތަމަ އެކަލޭގެފާނާއި ބައްދަލުކުރެއްވީ ތިމަންކަލޭގެފާނެވެ. ތިމަން ކަލޭގެފާނާއި އިތުރު ރަސޫލުﷲ (ސއވ) ބައްދަލުވެވަޑައިގަތް ހިނދު އެކަލޭގެފާނު ފުރަތަމަވެސް އިރުޝާދުދެއްވީ ތަލްހާގ (ރއ) ގެ ހާލުބެއްލެވުމަށެވެ. ތަލްހާގެ ހަށިގަނޑުގެ އެކިތަންތަނުގައި 70 ޒަޚަމް އެދުވަހު ލިބުނުކަމަށް ވެއެވެ.

އަބޫބަކުރު(ރއ) އާއި އުމަރު (ރއ) ގެ ޚިލާފަތުގައި ތަލްހާ (ރއ) އިސްދައުރެއް އަދާކުރެއްވިއެވެ.

އަމީރުލް މުއުމިން އުމަރު (ރއ) މިދުނިޔެ ދޫކުރެއްވުމުގެ ކުރިން ޚަލީފާއެއް އައްޔަން ކުރުމަށް އެކުލަވާލި ޝޫރާ ކޮމިޓީގެ 6 ބޭފުޅުންގެ ތެރޭގައި ތަލްހާ (ރއ) ހިމެނިވަޑައިގަންނަވައެވެ. މިޝޫރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި އަބްދުއްރަހުމާނު ބުނު އައުފުގެ ހުށަހެޅުމަށް ޚަލީފާކަމުން ދުރުވެ އުސްމާނު(ރއ) އައްޔަންކުރުމަށް ހުށަހުއްވީ ތަލްހާ (ރއ) އެވެ.

އުސްމާނު (ރއ) ޝަހީދުވުމާއި ޚިޔާލު ތަފާތުވުން

އުސްމާނު (ރއ) ޚަލީފާއަކަށް އައްޔަންކުރުމަށް ތަލްހާ (ރއ) ހުށަހެޅުއްވި ނަމަވެސް، އުސްމާނު (ރއ) ގެ ބައެއް އުސޫލުތަކާއި ތަލްހާ (ރއ) އާއި ޚިޔާލު ތަފާތުވެވަޑައިގަތެވެ. އެހެންކަމާއިއެކު، އުސްމާނު (ރއ) ގެ ޚިލާފަތުގެ ފަހުކޮޅު އެކަލޭގެފާނުގެ ސިޔާސަތުތަކާއި ޚިޔާލު ތަފާތުވީ ބައެއް އެހެން އަސްހާބު ބޭކަލުން ފަދައިން އެކަލޭގެފާނާއި މަޝްވަރާކުރެއްވުމުގެ ބޭނުމުގައި އުސްމާނު (ރއ)ގެ ގެކޮޅު ކުރިމައްޗަށް އެއްވި ބޭކަލުންގެ ތެރޭގައި ތަލްހާ (ރއ) ހިމެނިވަޑައިގަތެވެ. ނަމަވެސް، ފަހުން އެކަލޭގެފާނު އެސަރަހައްދު ދޫކޮށް ވަޑައިގަތެވެ. އުސްމާނު (ރއ)ގެ ގެކޮޅު ހިސާރުކުރި ލަޝްކަރުގައި ތަލްހާ (ރއ) ހިމެނިވަޑައިނުގަންނަވާ ކަމަށް ތާރީޚް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

އުސްމާނު (ރއ) ޝަހީދުވެވަޑައިގަތުން، ވެގެންދިޔައީ ތަލްހާ (ރއ) އަށް ލިބިވަޑައިގަތް މާޔޫސްކަމަކަށެވެ. އުސްމާނު (ރއ) ހިމާޔަތް ނުދެވުނުކަމުގެ މާޔޫސް ކަމާއިއެކު އުސްމާނު (ރއ)ގެ ލޭގެ ބަދަލު ހޯއްދެވުން އަވަސްކުރުމަށް ތަލްހާ ނިކުތްނެވިއެވެ.

އުސްމާނު (ރއ) އަށްފަހު އަލީ (ރއ) އަށް ތަލްހާ (ރއ) ބައިއަތު ހިތްޕެވިއެވެ. ނަމަވެސް، އުސްމާނު (ރއ)ގެ ޝަހީދުކުޅަ ފަރާތްތަކަށް އެކަމުގެ އަދަބު ނުދެވިލަސްވަމުން ދިއުމަކީ ތަލްހާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އެހެންކަމުން، އެކަލޭގެފާނު ޒުބައިރު (ރއ) އާއިއެކު މައްކާއަށް ވަޑައިގެން މިކަމާއިގުޅޭ ގޮތުން އައިޝާ (ރއހ) އާއި މަޝްވަރާކުރެއްވިއެވެ. މިބޭކަލުންނަށް ފެނިވަޑައިގަތީ އުސްމާނު (ރއ) ގެ ޝަހީދުކުރި ފަރާތްތަކަށް އެކަމުގެ އަދަބު ދިނުން އަވަސްކުރުމަށް ކުރެވުން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. އެގޮތުން، އަލީ (ރއ) މަދަދުވެރިވުމަށާއި އެމައްސަލަ ނިންމެވުމަށް ލަޝްކަރަކާއިއެކު ބަސަރާއަށް ވަޑައިގަތެވެ. ލަޝްކަރަކާއިއެކު ވަޑައިގަތުމުގެ ބޭނުމެއް ކަމަށް ބެލެވެނީ އަލީ(ރއ) ގެ ލަޝްކަރުގައި ތެރޭގައި އުސްމާނު (ރއ) ޝަހީދުކުރުމުގައި އެކިގޮތްގޮތަށް ބައިވެރިވެވުނު ބޭކަލުން ތިއްބެވުމާއި އެބޭކަލުން އެކަމާއި ދެކޮޅު ހައްދަވާ އަލީ (ރއ) އަށް އެއްބާރުލުން ދިނުން ހުއްޓަވާ ލައްވައިފިނަމަ އެފަދަ އެއްބާރުލެއްވުމެއް ދެއްވުމެވެ. އަލީ(ރއ) އަށް ހިތްހަމަޖެހުމެއް ލިބޭނީ އަދި އެބޭފުޅުންގެ ލަފާފުޅަށް އަމަލުކުރެވޭނީ އެކަން ތަންފީޒު ކުރެވޭވަރުގެ ލަޝްކަރެއް އޮވެގެން ކަމަށް ގަބޫލުކުރެވުމަކީވެސް ދުރުކަމެއް ނޫނެވެ. އެހެނީ، މިފަދަ ގޮތަކަށް ނިންމަވައިފިނަމަ އަލީ (ރއ) ލަޝްކަރުން ބޮޑުބައެއް ގެއްލިގެންދާނެއެވެ.

ޝަހީދުވެވަޑައިގަތުން

އަލީ (ރއ) އާއިއެކު ގިނަ ހަގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ ތަލްހާ (ރއ)، ޒުބައިރު (ރއ) އާއި އާއިޝާ (ރއހ) އާއިއެކު ބަސަރާއަށް ވަޑައިގަތެވެ. ނަމަވެސް، ބަސަރާ އަށް ވަޑައިގަތުން ވެގެންދިޔައީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. މިލަޝްކަރަކާއިއެކު ވަޑައިގަންނަވާ ޚަބަރާއިއެކު އަލީ (ރއ) ވެސް ލަޝްކަރަކާއިއެކު ބަސަރާއަށް ވަޑައިގަތެވެ.

ތަލްހާ (ރއ) އާއި ޒުބައިރު (ރއ) ލަޝްކަރަކާއިއެކު ވަޑައިގަތުމާއިއެކު އަލީ (ރއ) އެކަލޭގެފާނުގެ ޚާއްސަ މެސެޖެއް މިދެބޭކަލުންނަށް ފޮނުއްވިއެވެ. މިމެސެޖާއިއެކު މިދެބޭކަލުންނަށް ހަގުރާމައެއް ހިގިޔަނުދީ ނިންމުމަށް މަސައްކަތްފެށިއެވެ. ނަމަވެސް، އެކިއެކި ސިފަސިފާއިގައި އުސްމާނު (ރއ) ޝަހީދު ކުރުމުގައި ބައިވެވިފައި ތިބި ފަރާތްތަކަށް މިކަންތައް ބަލައެއް ނުގަނެވެއެވެ. މިބައިމީހުން ތިބީ މަސްރަހު ކުރިއަށްދާގޮތް ބަލަމުންނެވެ.

މިދެލަޝްކަރު ހަގުރާމައަކަށް ނުގޮސް ނިމިދާނެކަމަށް ފެނުމާއިއެކު މިބައިމީހުން ނުރައްކާތެރި ރޭވުމެއް ރޭވިއެވެ. އެއީ ރޭގަނޑުގެ ކަނު އަދިރިކަމުގެ ތެރޭގައި ދެލަޝްކަރަށް އެއްފަހަރާ ހަލަމާދިނެވެ. އަދި އެއް ލަޝްކަރުން އަނެއް ލަޝްކަރަށް ހަމަލާދިނީ ކަމަށް ދެއްމުމަށް ދެލަޝްކަރަށްވެސް ސިއްރިޔާތުގައި މިބައިމީހުންގެ މީހުން ފޮނުވާ ހަގުރާމައި ފޯރި ލަޝްކަރުގެ ތެރޭގައި ނެގިއެވެ.

މިބައިމީހުން މިނުބަިއ ރޭވުމާއި އެއްގޮތަށް ހަގުރާމަ ފެށިއްޖެއެވެ. މިއީ އެއްގޮތަކަށް ތަލްހާ (ރއ) ބޭނުންފުޅުވި ގޮތެއްނޫނެވެ. އެކަލޭގެފާނަށް މިމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. މައިދާނަށް ނިކުމެ ވަޑައިގެން ހަގުރާމަ ހުއްޓުވުމަށް ބާރުއަޅާ ތަލްހާ އެލަޝްކަރަށް އިރުޝާދު ދޭން ފެށިއެވެ. ހަގުރާމައިގެ މައިދާނުގައި އެކަލޭގެފާނު ވަނިކޮށް ދެވުނު ތީރުގެ ހަމަލާއެއް އެކަލޭގެފާނުގެ މޭފުޅަށް ހެރި އެކަލޭގެފާނު ޝަހީދުވެވަޑައިގަތެވެ. މިހަގުރާމައަކީ މަޝްހޫރު ޖަމަލު ހަގުރާމައެވެ.

ހަގުރާމަ ނިމުމަށްފަހު ހަގުރާމައިގައި ޝަހީދުވި ފަރާތްތަކުގެ ކަށުނަމާދު އިމާމުވެ ކުރެއްވީ އަލީ (ރއ) އެވެ. ތަލްހާ (ރއ) ޝަހީދު ވެވަޑައިގަތް އިރު އުމުރުފުޅަކީ ގާތްގަޑަކަށް 62-64 އާއި ދެމެދުގެ އުމުރެކެވެ. އެކަލޭގެފާނު ވަޅުފުޅުލެއްވުނީ ޝަހީދުވެވަޑައިގަތް ސަރަހައްދުގައެވެ. އެއީ މިހާރުގެ ބަސަރާގެ ބައެކެވެ. އެތަނުގައި އިރާގު ސަރުކާރުން މިސްކިތެއް ބިނާކުރިއެވެ. ނަމަވެސް، އައިއެސް ޖަމާއަތުން އެމިސްކިތް މިހާރުވަނީ ތަޅާލާފައެވެ.

ތަލްހާ (ރއ) ޝަހީދުވެވަޑައިގަތްފަހުން އެކަލޭގެފާނުގެ ދަރިކަލުން އަލީ (ރއ) އަރިހަށް ވަޑައިގަތުމުން އެކަލޭގެފާނަށް ހެޔޮކޮށް ހިތްތަވައި އަލީ (ރއ) ވިދާޅުވިއެވެ. ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ  “އެއުރެންގެ ހިތްތަކުގައިވާ ހަސަދަވެރިކަން ތިމަން ރަސްކަލާގެ ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.” (އަލް ހިޖުރު ސޫރަތުގެ 47 ވަނަ އާޔަތް) އަޚުންގެ ތެރޭގައި  ތަލްހާ (ރއ) އާއި ޒުބައިރު (ރއ) އާއި އުސްމާނު (ރއ) އާއި ތިމަންކަލޭގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ. ތަލްހާ (ރއ) ގެ ފަރާތުން މާކަގިނަ ހަދީސެއް ރިވާކުރައްވާފައެއްނުވެއެވެ.

ކުރެއްވި ކައިވެނިފުޅުތަކާއި ދަރިން

އެކަލޭގެފާނު ގިނަ ކައިވެނިތަކެއް ކުރައްވައި ގިނަ ދަރިން ލިބިވަޑަިގަތެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ކީރިތި ރަސޫލުﷲ (ސއވ) ގެ އަބިއަބި ކަނބަލުންގެ ކޮއްކޮއިންނާއި ދައްތައިން ހިމެނެއެވެ. އެބޭކަނބަލުންނަކީ އައިޝާ (ރއހ)ގެ ކޮއްކޮ އުއްމި ކުލްސޫމު ބިންތި އަބީބަކުރާއި، ޒައިނަބު ބިންތި ޖަހުޝްގެ އުޚުތު ހަމަދާ ބިންތި ޖަހުޝާއި އުއްމި ހަބީބާގެ އުޚުތު ފާރިހާ ބިންތި އަބީ ސުފިޔާނާއި އުއްމި ސަލަމާގެ އުޚުތު ރުގިއްޔާއެވެ.

ތަލްހާ (ރއ) ގެ 11 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭކަނބަލުން ތާރީޚުން އެގޭކަމަށް ތާޜީޚީ އިލްމުވެރިން ވިދާޅުވެލައްވައެވެ. ތަލްހާ އެކަލޭގެފާނުގެ ފިރިހެން ބޭފުޅުންނަށް ނަން ދެއްވާފައިވަނީ ރަސޫލު ބޭކަލުންގެ ނަންތަކުންނެވެ.

މަދީނާގެ އެއްމެ މުއްސަދި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތަލްހާ (ރއ) އަކީ އެހާމެ ދީލަތި ބޭކަލެކެވެ. އެކަލޭގެފާނު އެންމެ ރެއަކުންވެސް 4 ލައްކަ ދީނާރު ހޭދަކުރެެއްވި ކަމަށް އިބުނު ސައުދުގެ ތަބަގާގައި ބަޔާންކުރައްވާފައިވެއެވެ. މަދީނާގައި ކާބޯތަކެތީގެ ދަތިކަން ދިމާވުމާއި ގުޅިގެން ތަލްހާ (ރއ) މަދީނާއަށް އަމިއްލަ ޚަރަދުގައި ކާބޯތަކެތި ފޯރުކޮށްދެއްވިއެވެ.

ތަލްހާ (ރއ) ޝަހީދުވެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ މިލްކިއްޔާތުގައި ގިނަ އަދަދެއްގެ ފައިސާއާއި ދަނޑުބިންތައް ހުރިކަމަށް ވެއެވެ.

(ނުނިމޭ)

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !