A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (އެގާރަވަނަ ބައި)

ދިމިޝްގާއި ދިމާލަށް މިސްރާބު ޖެހުން

އަންޓާކިޔާގައި ބޭއްވި ބައްދަލުވުމަށްފަހު ހުލާގޯގެ އެންމެ މުހިންމު އަމާޒަކަށްވީ ދިމިޝްގު ހިފުމެވެ. އެެހެންކަމުން، އޭނާގެ ލަޝްކަރުތައް ދިމިޝްގާއި ދިމާލަށް އަމާޒުހިފިއެވެ. ހަލަބާއި ދިމިޝްގާއި ދޭތެރޭ ހިމްސްގެ އުތުރުން ހަމާ ޝަހަރުގެ ތަޅުދަޑި ތަތާރުންނާއި ހިސާހިތަކު ހަވާލުކުރެވުނެވެ. ތަތާރުންގެ ލަޝްކަރު އޭރު އަމާޒު ހިފާފައިހުރީ ދިމިޝްގާއި ދިމާލަށެވެ. އެހެންކަމުން، ހުލާގޯގެ ލަޝްކަރު ފުރިހަމަ އަމާންކަމެއް ހަމާގެ ރައްޔިތުންނަށް ދިނެވެ. ހަމާ ޝަހަރު ހުޅުވާލެވުމާއިއެކު ތަތާރުން ދިމިޝްގަށް ދަތުރުކުރާ މަގު މުޅިންކަހަލަގޮތަކަށް އަމާންވީއެވެ. ދަތުރު ފަސޭހަވީއެވެ.

ތަތާރުން ދިމިޝްގަށް އަންނަ ޚަބަރާއިއެކު ދިމިޝްގެ ވެރިކަން ކުރަމުންއައި އައްނާސިރު ޔޫސުފު އަރިސް ފަރާތްތަކާއިއެކު މަޝްވަރާ ކުރިއެވެ. ހުރިހާ ފަރާތްތަކަށް އިއްތިފާގުވެވުނީ ފިލުމަށެވެ. އެއާއިއެކު ނާސިރު އޭނާގެ ބައިވެރިންނާއިއެކު ދިމިޝްގު ދޫކޮށް ދިޔައެވެ. އެއާއިއެކު ދިމިޝްގުގައި ވެރިއަކުނެތި ހުސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ދިމިޝްގެ ބާކީތިބި ގިނަ މީހުންނަށް ފެނުނީ ހަމާ ޝަހަރުގެ އަހުލުވެރިން ކަންތައް ކުރި ފަދައިން ތަތާރުންނަށް ދިމިޝްގު ހުޅުވާލުމަށެވެ. ނަމަވެސް، ހިތްވަރުގަދަ ބައެއް ފަހުލަވާނުން މިޚިޔާލާއި ދެކޮޅެވެ. އެފަރާތްތަކުން ދިމިޝްގުގެ ކިއްޔާއަށް ވަދެ ކިއްލާ ބަންދުކުރިއެވެ.

 

ހުލާގޯގެ މިސްރާބު ބަދަލުވުން

ހުލާގޯގެ ލަޝްކަރު ދިމިޝްގަށް ވަދެވުމުގެ ކުރިން ތަތާރުންގެ ލީޑަރު މެންކޯ ޚާން މަރުވި ޚަބަރު ލިބުނެވެ. މިޚަބަރާއިއެކު ހުލާގޯއަށް ވެރިކަން ލިބިދާނެ ކަމަށް ވިސްނައި އަވަސްވެގަތީ ތަތާރުން ވެރިކަން ކުރަމުން އައި ޝަހަރަށް މިސްރާބު ޖެހުމަށެވެ. ހުލާގޯއަށް ތަތާރުންގެ ވެރިޝަހަރު ކުއްރަކޫމް އަށް ދެވުމުގެ ކުރިން އާ ވެރިއަކަށް ކުބިލައި ހަމަޖައްސި ޚަބަރު ލިބުނެވެ. މިޚަބަރު ލިބުނުއިރު ކުބިލައިއަށް ވާސިލުވެވިފައިވަނީ (މިހާރުގެ އިރާނުގެ) ތިބުރީޒާއި ހަމައަށެވެ. އެއާއިއެކު ހުލާގޯ ކުރިއަށް ދާން ބޭނުމެއްނުވިއެވެ. އަދި އަބުރާ އަލުން ދިމިޝްގަށް އަމާޒު ހިފާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން، ތިބުރީޒުގައި މަޑުކުރިއެވެ.

 

ތަތާރުން ބައިވުން

ތަތާރުންގެ އަމާޒަކީ މުޅި ދުނިޔެ ފަތަހަކުރުމެވެ. އެގޮތުން، ތަތާރުންގެ މައި ލީޑަރެއް ހުރިނަމަވެސް އެކި ސަރަހައްދުތަކަށް ވަކި ލީޑަރުން އައްޔަންކޮށްފައިވެއެވެ. އެގޮތުން، މުސްލިމުންގެ ބިންތަކަށް މިހާރުގެ ސައުތު އޭޝިއާއިން ފެށިން މެދުއިރުމައްޗާއި އުތުރު އެފުރިކާ ހިފުމަށް ހުލާގޯ އައްޔަން ވެފައިވާ ފަދައިން ޔޫރަޕު ހިފުމަށް ހަވާލުވެފައި ވަނީ ބަތޫއާއިއެވެ. މީގެކުރިން ގެނެސް ދީފައިވާނޭފަދައިން ބަތޫ އިރުމަތީ ޔޫރަޕު ހިފާފައިވަނިކޮށް އޭރުގެ ލީޑަރު އޮކިތައި މަރުވުމާއިއެކު ވެރިކަން ލިބޭނެކަމުގެ އުއްމީދުގައި ހަގުރާމަ ހުއްޓާލާ ތަތާރުންގެ ވެރިރަށަށް މިސްރާބުޖެހިއެވެ.

ނަމަވެސް، ކަންތައްތައް ވެގެންދިޔައީ ބަތޫ ހީކުރި ގޮތަކަށްނޫނެވެ. ވެރިކަމާއި ހަވާލުވީ އޮކިތައިގެ ދަރި ގިއުކެވެ. ގިއުކަކީ ބަތޫގެ ދަށުން މަސައްކަތްކުރި ކޮމާންޑަރެކެވެ. ބަތޫއަކީ ޖެންކީޒު ޚާނުގެ ދޮށީ ދަރި ޖިއުޖީގެ ދަރިއެކެވެ. ޖެންކީޒް ޚާން މަރުވުމުގެ ކުރިން ޖިއުޖީ މަރުވުމާއި ގުޅިގެން ޖިއުޖީއަކަށް ވެރިކަމަކަށް ނާދެވުނެވެ.

އޮކިއިއަށްފަހު ގިއުކަށް ވެރިކަން ހޯދުމަށް ގިއުކުގެ މަންމަ އިސްދައުރެއް އަދާކުރުން ވެގެންދިޔައީ ބަތޫގެ ކޮންމެވެސް ވަރަށްގެ ހިތް ނުތަނަވަސްކަން ލިބުނު ކަމަކަށެވެ. ގިއުކުގެ ވެރިކަމަށްފަހު މެންކޯ އަށް ވެރިކަން ލިބުނެވެ. އެއަށްފަހު ކުބިލައިއަށް ވެރިކަން ބަދަލު ވެގެންދިޔައެވެ. ގިއުކު، މެންކޯ އަދި ކުބިލައިއަކީ ބަތޫގެ ދަށުން އިރުމަތީ ޔޫރަޕު ހިފުމަށް މަސައްކަތްކުރި ތިން ކޮމާންޑަރުންނެވެ. އެހެންކަމުން، ކޮމާންޑަރަކަށްފަހު ކޮމާންޑަރަކަށް ވެރިކަން ލިބެމުން ދިޔައިރުވެސް ބަތޫ އަށް އަދި ބަތޫ އަނެއް ދެބެއިން ކަމަށްވާ ބިޖޫ އާއި ބައިޖާރު ބާކީވެގެން ދިޔައެވެ. މިއާއިއެކު ބަތޫ އަށް އިހުސާސް ކުރެވެންފެށީ އޭނާއަށް ލިބެންޖެހޭ ވެރިކަމެއް އޭނާގެ އަތުން ފޭރިގެންފައިވާކަމުގެ އިހުސާސެވެ.

އެއާއިއެކު ބަތޫ ތަތާރުންގެ ވެރިކަމާއި ވަކިވެގެންފިއެވެ. އަދި ބަތޫއަށް ބައިއަތު ހިފާބަތޫގެ ލަޝްކަރު ގޯލްޑެން ހޯޑުގެ ނަމުން މަޝްހޫރުވެގެންދިޔައެވެ. މިކަން ހިގާފައިވަނީ ހިޖުރީ ސަނަތުން ގާތްގަޑަކަށް 650 ވަނައަހަރުގައެވެ. ގޯލްޑަނެ ހޯޑުގެ ވެރިކަން އޮތީ އިރުމަތީ ޔޫރަޕުގައެވެ. މިލަޝްކަރަށް ގޯލްޑެން ހޯޑު ކިއުނީ ބަތޫގެ ޓެންޓް ރަނުން ގިރިޓީ ކުރެވިފައިވާތީއެވެ.

ގޯލްޑެން ހޯޑުގެ ވަކިވުމަށްފަހު މިދުވަސްވަރު އަނެއްކާވެސް މުހިންމު ކަމެއް ހިގިއެވެ. ތަތާރުންގެ ބޮޑުންގެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު އިސްލާމްވުމެވެ. އެއީ ބަރަކާއެވެ. ބަރަކާގެ އަސްލުނަމަކީ ބެރުކެއި އެވެ. އިސްލާމްވުމަށްފަހު ނަން ބަރަކާއަށް ބަދަލުކުރީއެވެ.

ބަރަކާ އިސްލާމްވުމަށް މެދުވެރިވީ ސަބަބެއްކަމަށް ބުނެވެނީ އޭނާއާއި އޭނާގެ މުސްލިމު ދޮންމަންމަ އާއި އޮންނަ ގާތްގުޅުމެވެ. އޭނާގެ ދޮންމަންމައަކީ ތަތާރުން ހިފި މުސްލިމު ބިންތަކުން ބަރަކާގެ ބައްޕަ ކާވެނިކުރި މުސްލިމު އަންހެން ކަނބަލެކެވެ. މުސްލިމު ބިންތައް ސުންނާފަތިކޮށް މުސްލިމުން ޝަހީދުކުރަމުން ގެންދިޔަ ނަމަވެސް، ދީނާއި މާބޮޑު އަދާވާތްތެރިކަމެއް ތަތާރުން ބާއްވާފައެއްނުވެއެވެ.

ބަރަކާ އިސްލާމްވުން ވެގެން ދިޔައީ ތަތާރުންގެ ވެރިކަމަށް އައިބޮޑު ލޮޅުމަކަށެވެ. ބަރަކާ އިސްލާމްވުމަށްފަހު ތަތާރުންގެ ވެރިންނާއި ވަކިވިއެވެ. ބަރަކާ ތަތާރުންނާއި ވަކިވުން ވެގެންދިޔައީ ގޯލްޑަން ހޯޑް ލަޝްކަރުން ބަރަކާ އެލަޝްކަރާއި ގުޅުމަށް ބާރުއެޅުމުގެ އަސްލަށެވެ. ބަރަކާ ގޯލްޑަން ހޯޑް އާއި ގުޅުމަށްފަހު މާގިނަ ދުވަހެއްނުވެ ބަތޫ މަރުވިއެވެ. އެއަށްފަހު ބަރަކާއަށް ގޯލްޑަން ހޯޑުގެ ވެރިއަކަށް އައްޔަންވިއެވެ. ފަހުން އައިނު ޖާލޫތަށްފަހު ގިނަ ތަތާރުންތަކެއް އިސްލާމްވުން ވެގެންދިޔައީ ބަރަކާ އިސްލާމްވުމުގެ ނަތީޖާއަށެވެ. ބަރަކާ އާއި ގޯލްޑެން ހޯޑު އިން އިމަތީ ޔޫރަޕުގައި ވެރިކަން ކުރަމުން ދިޔައިރު ތަތާރުންގެ މައި ލަޝްކަރުން ދިޔައީ މުސްލިމުންގެ ބިންތަކުގައި ވެރިކަން ކުރަމުންނެވެ.

 

ދިމިޝްގަށް ހަމަލާދިނުން

ހުލާގޯ އޭނާގެ އަރިސް ލަޝްކަރާއިއެކު ތިބުރީޒުގައި މަޑުކުރިނަމަވެސް، މުސްލިމުންގެ ބިންތައް ހިފާފައިވާ ތަތާރުން ދިޔައީ ވެރިކަމާއި އާރާއި ބާރު ފަތުރަމުންނެވެ. ސަލީބީންގެ މަދަދާއި އެހީތެރިކަމާއިއެކުގައެވެ. އެގޮތުން، ތަތާރުންގ ކަދުބޫޣާ ސަލީބީ ދެ ކޮމާންޑަރުން ކަމަށްވާ ހެތުމާއި ބޫމާންދުގެ އެހީތެރިކަމާއިއެކު ދިމިޝްގު ހިފިއެވެ. އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު (ރއ)ގެ ވެރިކަމަށް ފަހު 600 އެތަށް އަހަރަކަށްފަހު ދިމިޝްގުގެ ވެރިކަން މުސްލިމުންގެ އަތުން ބީވެގެންދިޔަ ފުރަތަމަ ފަހަރެވެ. ދިމިޝްގެ ހިފާފައިވަނީ ހިޖުރީ ސަނަތުން 658 ވަނަ އަހަރުގެ ސަފަރު މަސްތެރޭގައެވެ. އެއާއިއެކު ދިމިޝްގު ނަސާރާއިންގެ ބާރުގެ ދަށަށްދިޔައެވެ.

ނަސާރާއިންގެ ބާރުގެ ދަށަށް ދިމިޝްގު ދިއުމާއިއެކު މިސްކިތްތައް ރަލުން ފުރާލިއެވެ. ސަލީބުތައް ރަށުތެރެއަށް ގެންނަންފެށިއެވެ. ސަލީބުތަކަށް ގަދަކަމުން މުސްލިމުން ލައްވާ ކުރުނީސްކުރުވަން ފެށިއެވެ.

 

ފަލަސްތީނަށް އަމާޒު ހިފުން

ހުލާގޯ ތިބުރީޒުގައި ގާއިމުހުރިނަމަވެސް ތަތާރުން ދިޔައީ އިސްލާމީ ހުރިހާ ސަރަހައްދެއް އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. ނަސާރާއިން ބައެއް ސަރަހައްދުތަކުގައި ވެރިކަން ކުރަމުންދިޔަ ނަމަވެސް، އެބައިމީހުން ވެރިކަން ކުރަމުން ދިޔައީ ތަތާރުންގެ ހުއްދައާއިއެކުގައެވެ. ނަސާރާއިން އެއްވެސް ޝަހަރަކަށް ހަމަލާދޭނީވެސް ތަތާރުންގެ ހުއްދައާއިއެކުގައެވެ.

ތަތާރުންގެ އާރާއި ބާރު މިހާހިސާބަށް ގޮސްފައިވަނިކޮށް ލުބުނާނުގެ ނަސާރާވެރިކަމެއް ކުރި ސާއިދާގެ ޖޫލިއަން ތަތާރުންގެ ހުއްދައާއިނުލާ ލުބުނާނުގެ ބީގާއަށް ހަމަލާދިނެއެވެ. މިކަމާއި ގުޅިގެން ތަތާރުން އިންޒާރު ދިނުމަށްފަހު ސާއިދާ ހިފިއެވެ. އެއަށްފަހު ފަލަސްތީނަށް މިސްރާބު ޖެހިއެވެ. ދިމިޝްގުން ފެށިގެން ފަލަސްތީނާއި ދޭތެރޭ މުޅީންހެން ތަތާރުން އޭރުވަނީ އަމާންވެފައެވެ.

ފަލަސްތީނާއި ހަމައަށް ތަތާރުން ފޯރުމަކީ އޭރު މިސްރުގައި އޮތް ވެރިކަމަށް މަޑުން އޮވެވޭވަރު ކަމަކަށްނުވާނެއެވެ. އެހެނީ، ތަތާރުންގެ ހަރަކާތްތަކަށް ބަލާއިރު އެއްޝަހަރަކަށްފަހު އަނެއް ޝަހަރަކަށް ދަނީ ހަމަލާދެމުންނެވެ. ފަލަސްތީނަށްފަހު މިސްރަށް އަރާނެކަން ޔަގީންވާނެއެވެ.

އޭރު މިސްރުގައި އޮތީ ވަރުގަދަ ވެރިކަމެކެވެ. މަމްލޫކުންގެ ވެރިކަމެވެ. މަމްލޫކުންގެ ވެރިއަކަށްހުރީ ގުތޫޒެވެ. އޭރުގެ މިސްރުގެ ހާލަތަށް ބަލާލުމުގެ ކުރިން މަމްލޫކުން ވެރިކަމަށް އައިގޮތާއި އެހާހިސާބަށް މަމްލޫކުން ވާސިލުވެފައިވާ ގޮތަށް ބަލާލުން މުހިންމެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !