ފުވައްމުލަކުގެ ފަޚުރު ކޮށާލަނީ!

ޑައިވަރުންތަކެއް ފުވައްމުލަކުގައި މިޔަރާއި އެކު
Share on facebook
Share on twitter
Share on google

ރިނބިދޫގެ ތިލޭރުކަމާއި ފަންނުވެރިކަމެވެ. މާފުށީގެ ފެންވަރު ރަނގަޅު އަގުހެޔޮ ހޮޓާތަކެވެ. އައްޑޫގައި ހުންނަ އިނގިރޭސިންގެ ހަނދާނީ ބިނާތަކެވެ. ވާވު އަތޮޅުގެ ހިތްގައިމު ސްނޯކެލިން ސަރަހައްދުތަކެވެ. މިއީ މީހުންގެ މެދުގައި އެތަނެއް މަޝްހޫރު ވެފައިވާ ގޮތެވެ.

ފަތުރުވެރިންގެ ލޮލުގައި މަންޒިލެއްގެ ގޮތުގައި އަޅައިގަނެ ‘ބަކެޓް ލިސްޓަށް’ އަރާ ސަބަބެވެ. އެމީހުން އެކަންކަމާއި ފަޚުރުވެރި ކަމާއި އެކު ވާހަކަ ދައްކާ ތަންތަނެވެ. ފުވައްމުލަކުގެ ފަޚުރަކީ ކޮބާކަން އެނގޭ ހެއްޔެވެ؟ އަދުގެ ދުނިޔޭގައި އަހަރެމެން ކަންކަން ހޯދައި ބަލަން ބޭނުންކުރާ ގޫގަލް ސާޗުން ފުވައްމުލައް ހާވާލުމުން ފެންނަނީ ރަށުގެ އިގްތިސާދު ބިނާވެފައިވާ މައިގަނޑު އެއް ކަމެވެ. ރަށަށް ބޭރު ފައިސާ ވައްދައިދޭ ވަސީލަތެވެ. މިޔަރު ބަލަން ކުރާ ޑައިވިން ފަތުރުވެރިކަމެވެ. ފުވައްމުލައް މުޅި ދުނިޔެއަށް މަޝްހޫރު ވަމުން ދަނީ ‘ޝާރކް އައިލެންޑް’ ޔައުނީ މިޔަރުތަކުގެ ރަށުގެ ގޮތުގައެވެ.

ޑައިވަރުންތަކެއް ފުވައްމުލަކުގައި މިޔަރާއި އެކު

ޓްވީޓަރާއި ފޭސްބުކްގައި ފުވައްމުލަކު ސަރަހައްދުގެ މިޔަރުތަކުގެ ހިތްގައިމު އެތައް ވީޑިއޯއެއް އަހަރެމެން ދެކެފީމުއެވެ. ޑައިވިން ނުކުރެވުނަސް އެ ވީޑިއޯތަކާއި ފޮޓޯތަކުން ހިތްހަމަޖައްސާލައިގެން ތިއްބާ މި ޖަނަވަރީ މަހު 6 ވަނަ ދުވަހު މީހަކުު ޓްވީޓަރަށް ދޫކޮށްލި ވީޑިއޯ އަކުން އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ. ފެނުނީ ވަރަށް ހިތްދަތި މަންޒަރެކެވެ.

 

ފުވައްމުލަކުގައި މިޔަރުގެ މަސްވެރިކަން ކުރާ ކަމުގެ ތުހުމަތު

 

ޓްވިޓަރުގައި އިން ވީޑިއޯއެއްގެ ސްކްރީންޝޮޓް

އެވީޑިއޯއިން ފެންނަނީ މިޔަރެއް އެއްގަމަށް އެރުވުމަށް ބަޔަކު ކުރާ މަސައްކަތެވެ. މިވީޑިއޯ އާއި އޭގެ ފަހުން ތިލަވި ފޮޓޯތަކުގެ ހަގީގަތް ހޯދަން ކުރި މަސައްކަތުން މިއީ ބަޔަކު ބާނާފައިވާ މިޔަރެއް ކަމަށް މައުލޫމާތު ލިބުނެވެ. އަދި މިޔަރު ބާނައި އެއްގަމަށްވެސް އަރުވާކަމުގެ މައުލޫމާތު ލިބުނެވެ. މީގެ އިތުރުން ސޯޝަލްމީޑިއާގައި ފުވައްމުލަކުން އެއް ދުވަސް ތެރޭގައި ހަ މިޔަރުގެ އުރަހަ ކެނޑިކަމުގެ ވާހަކަވެސް ފެތުރިގެން ދިޔައެވެ.

ފުވައްމުލަކުގައި މިޔަރު ބޭނުމާއި، މިޔަރު މަސް ކެއުން ވަނީ އާންމު ކަމަކަށް ވެފައެވެ. ނަން ހާމަނުކުރާ ގޮތަށް މި ރިޕޯޓަށް މައުލޫމާތުން ދިން ފަރާތަކުން ބުނި ގޮތުގައި މަހަށް ގޮސް ނަނުގައި ގަންނަ މިޔަރު ކަނޑަށް ދޫކޮށްލުމެއް ނެތި ބޭނޭ މިޔަރު ދޯންޏަށް ނަގައި ރަށަށް ލަފަނީ ކޮށައި ކުދި ކުރުމަށްފަހު ކަމަށެވެ. މިހެން ހެދުމުން މިކަން އޮންނަނީ އެމީހުންގެ މެދުގައި ސިއްރުވެފައެވެ. އެކަމަކު އެއީ މިހާރު އެންމެން ދަންނަ ބޮޑު ސިއްރަކަށް މިވަނީ ވެފައެވެ. ބައެއް މީހުން ސިއްރުން ކުރިޔަސް ފާޅުގައި މިކަންކުރާ މީހުން ވެސް މަދުމަދުން ފެންނަމުން އެބަދެއެވެ. މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުން މަނާކޮށްފައިވާ ކަމަކަށްވާއިރު ތުހުމަތު ކުރެވޭ މިފަދަ މައްސަލަތައް ބެލެންޖެހެއެވެ. އަމުދުން ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވަކަށް ވުމާއިއެކު އަދި ފުވައްމުލަކުގައި ފަރިކެޑެ ފަދަ ހިމާޔަތްކުރެވިފައިވާ ސަރަހައްދު ހިމެނޭތީ މިޔަރު ފަދަ ހިމާޔަތްކުރެވިފައިވާ މަހެއް ބާނައި އޭގެ ވިޔަފާރި ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ރަނގަޅަށް ބަލައި ތަހުގީގު ކުރަންޖެހެއެވެ.

މިޔަރުގެ މަސްވެރިކަމާއި ވިޔަފާރިކުރުމަކީ ގާނޫނީ ކުށެއް!

މިޔަރުގެ މަސްވެރިކަން ކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ރާއްޖޭގައި މަނަލެވެ. ރާއްޖޭގެ ފަރުތަކުން މިޔަރު ބޭނުން މަނާކޮށްފައި ވަނީ 2009 ވަނަ އަހަރެވެ. އޭގެ އެއް އަހަރު ފަހުން ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެއްވެސް ހިސާބަކުން މިޔަރު ބޭނުން ވަނީ މަނާކޮށްފަ އެވެ. މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ރާއްޖޭގެ ކަނޑުފަޅުގެ ދިރުން ދިރާސާ ކުރާ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި މިޔަރަކީ ވަރަށް ލަހުން އޭގެ އާބާދީ ބޮޑުވާ ބާވަތުގެ މަހަކަށް ވާތީ އަދިވެސް އެ މަސް ހިމާޔަތް ކުރަން ޖެހެއެވެ.

މިޔަރު ބޭނުމާއި މިޔަރުގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާ ކަމަކަށް ވިޔަސް އެއި ނުހިނގާ، ނުކުރާ ކަމެއް ނޫނެވެ. މި ޖެނުއަރީ މަހު (2021) ކުރީކޮޅު ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ‘ބަސްޓުވި’ ހާދިސާއިން ވެސް އެނގެނީ މިޔަރު ބޭނުމާއި އޭގެ ވަގު ވިޔަފާރި ގޮސްފައިވާ ހިސާބެވެ.

މިޔަރު މަސްވެރިކަން ހުއްދަކުރުވަން ކުރާ ކެމްޕޭނު

ނެތިދާނެ ކަމުގެ ބިރު ހީވެގެން ހިމާޔަތްކުރި މިޔަރު ބޭނުމަށާއި މެރުމަށް ގޮވާލައި ހިތްވަރުދޭ މީހުންވެސް ވަރަށް ގިނައެވެ. އެއް ބަޔަކު ފާޅުގައި ގޮވާލަނީ މިޔަރު އުރަހަ ފަދަ ތަކެތި ވިއްކުން ހުއްދަ ކުރުމަށެވެ. ކުރީގެ ތިމަރަފުށި ދާއިރާ މަޖިލިސް މަޖުލިސްމެމްބަރު އަދި މަހުގެ ވިޔަފާރިކުރާ މުހައްމަދު މުސްތަފާ މީގެ ކުރިން ވަނީ ފާޅުގައި މިޔަރު އުރަހަ ފަދަ ވިޔާފަރިކުރުން މަނާ ތަކެތި ގަންނާނެ ކަމަށް ބުނެ ގަންނަ އަގާއި އެކު ޓްވީޓުވެސް ކޮށްފައެވެ.

މިއާއި ގުޅިގެން އެތައް ބަޔަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ އަކުންވެސް ވަނީ މުސްތަފާއަށް ފާޑު ކިޔާފައެވެ. އެއާއި ގުޅިގެން ރައްދުގައި ‘މިހާރު’ ނޫހަށް ދިން އިންޓަވިއުއެއްގައި މުސްތަފާ ވިދާޅުވީ މިޔަރުގެ މަސްވެރިކަން ހުއްދަކުރަން ގޮވަނީ މަސްވެރިން އެދޭތީ ކަމަށާއި ސަބަބަކީ އެއީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކަށް ވާތީ ކަމަށެވެ. މިއާއި ގުޅިގެން އުފެދޭ ސުވާލަކީ މިޔަރުގެ މަސްވެރިކަން ހުއްދަ ނުވެގެން މިއުޅެނީ މިޔަރުގެ އުނދަގުލާއި ހެދިތޯ ނުވަތަ މިޔަރުގެ މަސްވެރިކަމާއި އޭގެ ބައިތަކުން ކުރާ ވިޔަފާރިން ލިބޭނެ ނަފާ އަކާއި ހެދިތޯއެވެ؟

ރާއްޖޭގެ ކަނޑުގައި – މިޔަރާއި މަސްވެރިކަން

ރާއްޖޭގައި މިޔަރު މާ ގިނަވެއްޖެ ކަމަށް ބުނެ ގަރާރެއް ވެސް މަޖިލީހަށް މިފަހުން ހުށައެޅިއެވެ. ނަމަވެސް މިޔަރު ގިނަވެއްޖެ ކަމަށް ބުނާ ބަހަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުންނާއި ކަނޑުފަޅުގެ ދިރުންތައް ދިރާސާކުރާ ތަޖުރިބާކާރުން އެއްބަހެއް ނުވެއެވެ.

ސުވާލަކީ އެބުނާހާ މިޔަރު ގިނަވެއްޖެ ހެއްޔެވެ؟

2010 ވަނަ އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާ ކުރީ އިންތިހާއަށް މިޔަރު މަދުވެ ރާއްޖެއިން އެދިރުން ނެތިދާނެ ކަމުގެ ބިރު ހީވުމުންނެވެ. މިޔަރަކީ ލަހުން ހެދިބޮޑުވާ މަހެކެވެ. މިޔަރެއް ބޮޑު މިޔަރަކަށް ވާން 20 އަހަރު ވެއެވެ. އެހެންކަމުން ދަރިމައިވާ އުމުރަށް އަޅައި މިޔަރެއް ވިހެއުމަށް 20 އަހަރު ނަގާނެއެވެ. ރާއްޖޭގައި މިޔަރު މަސްވެރިކަން މަަނާ ކުރިތާ އަދި މިވީ އެންމެ 10 އަހަރެވެ. މިޔަރު ހިމާޔަތްކުރުމަށް ގޮވާލާ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި މިޔަރުގެ އާ ޖީލެއް ވިހައި ބޮޑުވެ ގިނަވާހާ ދުވަހެއް އަދި ނުވެއެވެ.

މަސްވެރިކަން ރަނގަޅު ކަމަށް ބަލަނީ ބޭނޭ މަހުގެ އަދަދުންނެވެ. ގިނަ މަސް ބޭނޭނީ މަސްއައިނެއް އަތުޖެހުމުންނެވެ. ދިވެހި މަސްވެރިން އެންމެ ގިނައިން މަސް ބާނަނީ ވެސް އައިނުންނެވެ. ކަނޑު އަޑީގައި ދިރިއުޅޭ މިފަދަ މަސްއައިނުތައް މައްޗަށް އަރަނީ މިޔަރާއި ކޯމަހުގެ ސަބަބުންނެވެ. އެހެންކަމުން މިޔަރުގެ ސަބަބުން މަސްވެރިންނަށް ވަނީ މުޅިން އުނދަގުލާއި ތުރާލޭ ބުނެވޭކަށް ނެތެވެ.

އދ(ޔޫއެން)ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ މަސްވެރިކަން ދަށަކަށް ނުދެއެވެ. ކަށަވަރުންވެސް މިޔަރާއި ހެދި މަސްވެރިކަން ދަށެއް ނުވެއެވެ. އެހެނީ މިޔަރުގެ މަސްވެރިކަން މަނާކުރި 2009 ވަނަ އަހަރު ރާއްޖެއަށް ބޭނުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ 117000 ޓަނުގެ މަހެވެ. 2017 ވަނަ އަހަރުގެ ރެކޯޑުން ދައްކަނީ 143300 ޓަނުގެ މަސް ބޭނުނު ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އަހަރުން އަހަރަށް ބަލާ ނަމަ ރާއްޖޭގެ މަސްވަރިކަން ދަނީ ކުރިއަށެވެ. އެހެން ކަމުން މިޔަރާއި ހެދި މަސްވެރިކަން ދަށަށްދާ ވާހަކަ އަކީ ތަފާސްހިސާބާއި ސައިންސުގެ އަލީގައި ސާބިތުވާ ކަމެއް ނޫނެވެ.

މަސްވެރިކަމުގެ ތަފާސްހިސާބު

މިޔަރުގެ ސަބަބުން ލިބޭ ނަފާ ބޮޑު

މިޔަރުގެ ފަތުރުވެރިކަމަކީ ދުނިޔޭގައި ފުޅާވަމުންދާ ވިޔަފާރިއެކެވެ. ދިވެހިރާއްޖެ އަކީ މިޔަރު ބަލައިލަން ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. މީގެ ތެރެއިންވެސް ފުވައްމުލައް ހިމެނެނީ މިޔަރު ޑައިވިންގެ ޝައުގުވެރި ޚާއްސަ ޕޮއިންޓަކަށެވެ. 2019 ވަނަ އަހަރު ކަނޑުފަޅުގެ ދިރާސާ އާއި ތަފާސްހިސާބު ހާމަކުރާ ދުނިޔޭގެ ފެންވަރުގެ ޖާނަލްއެއް ކަމުގައިވާ މެރިން ޕޮލިސީގެ 100 ވަނަ އަދަދުގައި ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިޔަރުގެ ފަތުރުވެރިކަމުގެ ވިޔަފާރި ވަނީ ފާއިތުވި 24 އަހަރު ތެރޭގައި ދެގުނައަށް އިތުރުވެފައެވެ. މިޔަރު ޑައިވިންގެ ފަތުރުވެރިކަމުގެ ސެގްމެންޓުން އެކަނިވެސް އަހަރެއްގެ މައްޗަށް ލިބޭ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިގްތިސާދަށް ހޯދެއެވެ. މިޔަރާއި ގުޅުންހުރި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ބިލިއަނަކާއި ގާތް ކުރާނެއެވެ.

ފުވައްމުލަކަށް ބެލި ކަމުގައި ވިޔަސް މިޔަރު ޑައިވިންގެ ފަތުރުވެރިކަން ވަނީ މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ވަރަށްބޮޑަށް ފުޅާވެ ރަށުގައި ތިބެގެން ރަށު ރައްޔިތުންނަށް އާމްދަނީ ހޯދަން ކުރާނެ ރަނގަޅު ވިޔަފާރިއަކަށް ވެފައެވެ.

މަސްވެރިންގެ ޝަކުވާ ބޮޑު

މި ރިޕޯޓާއި ގުޅިގެން މިޔަރުގެ އުނދަގުލާއި ބެހޭ ގޮތުން މަސްވެރިންގެ ބަހެއް ހޯދަންވެގެން ފުރަތަމަ ވާހަކަދެއްކި މަސްވެރިޔާ މިޔަރުގެ ނަން ކިޔާ އިރަށް ފާޑަކަށް ބަވައިގަތީއެވެ. ގިނަ އަދަދެއްގެ މަސްވެރިން މިޔަރާއި ދެކޮޅަށް ބާރު ލާފައި ވާހަކަ ދެއްކިއެވެ. އެމީހުން ބުނާ ގޮތުގައި މިޔަރު ގިނަވުމުގެ ސަބަބުން މަސްވެރިކަމަށް އެތައް ދައްޗެއް މިހާރު ކުރިމަތިވެއެވެ. ނަނުގައި ގަންނަ މަސް ދޯންޏަށް އެރުވޭ އިރު އޭގެ އެއްބައި ކާލުމާއި، އެންކޮޅު ކާލުމާއި އަދި އެން ހިފުމަށް ބޭނުންކުރާ ދަލާއި ދޮށި ހަލާކުވުން ހިމެނެއެވެ. މަސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް މި އުދަނގޫތަކާއި ތުރާތަކުގެ ވާހަކަދައްކައެވެ. މިއަށް ބާރުދޭ މިޔަރުގެ ފަރާތުން ކުރިމަތިވާ ތުރާތަކުގެ ފޮޓޯ އާއި ވީޑިއޯވެސް ސޯޝަލްމީޑިއާއިން ފެނެއެވެ.

ދިރާސާތަކުން ދައްކަނީ މިޔަރު ގިނަނުވާ ކަމަށެވެ. ސައިންސާއި ބުއްދީގެ ހަމަތަކުން ވިސްނާލުމުން ވެސް އެނގެނީ މިޔަރުގެ އާބާދީ ގިނަވެ އެސޮރުމެން ބޮޑުވެ ވިހައި ގިނަވާހާ ދުވަސް ނުވާ ކަމެވެ. ނަމަވެސް މަސްވެރިކަމާއި މަސްވެރިކަމުގެ ހަރަކާތްތައް އިންތިހާ އަށް އިތުރުވެއްޖެއެވެ. ފަރުމަހަށް ދިޔުމާއި ފަތުރުވެރިން ގޮވައިގެން ކުރާ ސްޕޯޓްސް ފިޝިންގެ އިތުރުން އާއިލާ އާއި ރައްޓެހިން އެކީގައި މުނިފޫހިފިލުވަން މަހަށް ދިޔުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިޔަރުގެ އުނދަގުލާއި ތުރާޖެހޭ ކަމަށް ގިނައިން ބުނަނީ ވެސް މިދެންނެވި ބާވަތުގެ މަސްވެރިކަން ކުރާ މީހުންނެވެ. އެވެސް ބައެއް ފަހަރުއެވެ.

މިޔަރުގެ އާބާދީ ގިނަވެއްޖެކަމަށް ދިރާސާތަކުން ދައްކައި މިޔަރާއި ހެދި މަސްވެރިކަން ދަށްވާ ކަން ސާބިތުވެއްޖެނަމަ އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އެޅިދާނެއެވެ.

މެދުމިނުގެ ހައްލެއް ހޯދަންޖެހޭ!

ފުވައްމުލަކަށް ނިސްބަތްވާ ތަޖުރިބާކާރު ޑައިވަރެއް ކަމުގައިވާ ހުސައިން ނަބީހު (ބޮބޯ) ދެކޭ ގޮތުގައި އެއްވެސް އެއްޗެއް އޭގެ ޒާތުގައި މާ ގިނަ ވެއްޖެނަމަ ކުރިމަތިވާނެ ގެއްލުންތައް ހުންނާނެއެވެ. ތެދެކެވެ. ދިރުންތަކުގެ އާބާދީ ކޮންޓްރޯލްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ބޮބޯ ދެކޭ ގޮތުގައި އެންމެ ފުރަތަމަ ކުރަންވީ މިޔަރުގެ އާބާދީ މޮނިޓަރ ކުރުމުގެ މަަސައްކަތެވެ. ރާއްޖެއިން ފެންނަ މިޔަރުގެ ބާވަތްތަކާއި ސަރަހައްދުތައް ފުރިހަމަ ދިރާސާތަކުން ދެނެގަންނަންޖެހެއެވެ.

ހުސައިން ނަބީހު (ބޮބޯ): ފުވައްމުލަކަށް ނިސްބަތްވާ އިންޓަރނޭޝަނަލް ޑައިވަރެއް

“މަސްވެރިކަމުގެ ހަރަކާތްތައް ގިނަވާ ވަރަކަށް އެއާއި ގުޅިގެން ހިނގާނެ ހާދިސާތައް ވެސް ގިނަވާނެ، މިސާލަކަށް މިޔަރު އައިސް ގަނެފައި އޮންނަ މަހުގެ ބައެއް ކާލުން. އޭގެ މާނައެއް ނޫން މިޔަރު ގިނަވީއެކޭ، އެކަމަކު އެކަހަލަ ކަންކަން ކޮންސިޑަރ ކުރަން (ބަލައިގަންނަން) ވާނެ މިޔަރުގެ ސަބަބުން ކުރިމަތިވާ އުނދަގުލެއްގެ ގޮތުގައި” – ހުސައިން ނަބީހު (ބޮބޯ)

ބޮބޯގެ ނަޒަރުގައި މިޔަރުގެ އާބާދީ ގިނަވެއްޖެ ކަމަށް ދިރާސާތަކުން ދައްކައި އަދި މިޔަރުގެ ސަބަބުން މަސްވެރިންނަށް އުނދަގުލާއި ތުރާ ޖެހޭނަމަ މިޔަރުގެ މަސްވެރިކަން ކުރެވިދާނެއެވެ. އެކަން ކުރަންވާނީ ‘އިމާއި، ހައްދުން’ ބޭރު ނުވާނެކަން ކަށަވަރު ކުރާނެ ގާނޫނާއި ގަވާއިދުތަކާއި ސިޔާސަތުތަކެއް ކަނޑައެޅި، އެކަން ތަންފީޒުވާނެކަން ކަށަވަރުކޮށްގެންނެވެ. ބޮބޯގެ ހައްލަކީ ތަންފީޒުކުރެވޭނެ ހަރުކަށި ގާނޫނެއްގެ ދަށުން އެކަން ކުރުމަށެވެ. ރާއްޖޭގައި އުޅޭ މިޔަރު ބާވަތްތައް ދެނެގަނެ، އޭގެ ތެރެއިން ބޭނުމުގެ ހުއްދަދޭންވީ ކޮން ބާވަތަކަށް ކަމާއި، ބާނަން ވަކި މުއްދަތަކާއި ސަރަހައްދުތަކެއް ކަނޑައެޅުން މުހިންމެވެ.

ދިރުންތަކުގެ ދިފާއުގައި ވަކާލާތުކުރާ މީހުންނެކޭ އެއްފަދައިން ބޮބޯ ވެސް މިޔަރު އުރަހައިގެ ވިޔަފާރި އާއި ދެކޮޅެވެ. ހަމަ އެބީދައިން މިޔަރު އޮޅުކުރުމާއި އެހެނިހެން ބޭނުންތަކުގައި މިޔަރަށް ކާން ދިނުން ފަދަ ކަންތައް ވަގުތުން ހުއްޓާލުމަށްވެސް ބޮބޯ އިލްތިމާސްކުރެއެވެ. ބޮބޯގެ ބަހުން ނަމަ މިޔަރަށް އޭގެ ހަގީގީ ދިރިއުޅުމުގައި އުޅުމުގެ ފުރުސަތު ލިބި ކަނޑުގެ ދިރުންތައް ބެލެންސް ކުރުމުގެ ފުރުސަތު ލިބޭނީ އޭރުންނެވެ.

ރާއްޖޭގެ ޑައިވިންގ ލެޖެންޑު ހުސައިން ރަޝީދު (ސެންޑީ) މިފަހުން ‘އަވަސް’ ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ‘މިޔަރުގެ އާބާދީ ގިނަވެ އޭގެ އުނދަގޫ ގިނަވާނަމަ’ ކޮންމެވެސް ވަރަކަށް މިޔަރުގެ މަސްވެރިކަން ހުއްދަކުރަން ތާއީދުކުރާ މޭރުމުން ވަނީ ވާހަކަދައްކާފައެވެ. އެބަސްދީގަތުމުގައި ސެންޑީ ވެސް އެދިފައިވަނީ ހިމާޔަތްކުރުމުގައި ‘އުސޫލުތަކަށް’ ބެލުމަށެވެ.

އެހެނީ ‘ހައްދެއް، އިމެއް’ ނެތި އަދި ‘އުސޫލަކަށް’ ބެލުމެއްނެތި މިޔަރުގެ މަސްވެރިކަން ކުރަން ފަށައިފިނަމަ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކަށް އެކަމުގެ އަސަރުކުރާނެއެވެ. މުރަކަ އާއި ފަރުތަކަށް އަދި ކަނޑުގެ ދިރުމަށް ކަށިބޯ މުހިންމުކަން ރޭކާލީ ކަށިބޯ އާއި ހެދި ވަނީ ގެއްލުން ކަމަށް ބުނެ ފެނުނު ތަނަކުން ކަށިބޯ ނަގައި މަރައި އޭގެ އާބާދީ ތިރިކޮށްލި ފަހުންނެވެ. ދުނިޔޭގައި ލައްވާފައިވާ ދިރުންތަކަކީ މާތް ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ރިޒުގޭ ބުނެ މަރައި އޭގެ އާބާދީ ހަފުސްކޮށްލުމުގެ ކުރިން މާތް ރަސްކަލާނގެ ފުވައްމުލަކު ތުނޑީގައި ލެއްވި ވެލި މަތިން ހަނދާންކޮށް، ތިމާމެން ހައްދެއް ނެތް މިންވަރަށް ގުދުރަތީ ވަސީލަތް ބޭނުންކުރުމުގެ ހިތި ނަތީޖާ އިން ދަރުސް ލިބިގަންނަންޖެހެއެވެ. ރަށުން ކާޅު މަރައި ހުސްކުރުމުން ފުވައްމުލަކުގެ ބަނބުކެޔޮ ގަސްތަކަށް ދިމާވި ހާދިސާއިން ދިރޭ ތަކެތި މަރައި ހުސްކުރުމުން އަހަރެމެންގެ ދިރިއުޅުމާއި ވެއްޓަށް މިއަންނަ ބަދަލުތަކުން އިބުރަތް ހާސިލްކުރަންޖެހެއެވެ.

ދިވެހިރާއްޖޭގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނާއި ގަވާއިދުތައް ތަންފީޒުނުވުމެވެ. މިޔަރުގެ މަސްވެރިކަމަށް ހުއްދަކޮށްފިނަމަ އޭގެ މަސްވެރިކަމާއި ވިޔަފާރި މޮނިޓަރ ކުރެވޭނެ ހެއްޔެވެ؟ ކަނޑައެޅޭ ‘ހައްދަކާއި، އިމެއްގެ’ ތެރެއިން ‘އުސޫލުތަކަށް’ ތަބާވެގެން މަސްވެރިކަން ކުރެވޭނެ ހެއްޔެވެ؟ ގަވާއިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅޭނެ ހެއްޔެވެ؟

ބޭނުންވަނީ ދެމެހެއްޓެނިވި ކުރިއެރުން

އިއްޔެ އަކީ މާޒީއެވެ. ތަޖުރިބާ އާއި ފިލާވަޅު އިންސާނުން ހޯދަނީ މާޒީއިންނެވެ. މިއަދާއި މާދަމާގެ ފިޔަވަޅުތައް ބައްޓަންވެގެން އަންނަނީ މި އުސޫލުންނެވެ. 21 ވަނަ ގަރުނުގައި މުޅި ދުނިޔެ މިސްރާބު ޖަހާފައިވަނީ ކުރާ ކޮންމެ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށެވެ. އެހެނީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ މައިގަނޑު އެއް އަސާސަކީ ހުރިހާ އެންމެންގެ މަސްލަހަތު ރައްކާތެރިކޮށް އެންމެންނަށް އެކަމެއްގެ ފަސޭހަ އާއި ފައިދާ ލިބޭ ގޮތަށް އޮންނަ އޮތުމެވެ. އެއް ސިނާއަތުގެ ކުރިއެރުމަށް އަނެއް ސިނާއަތް ގުރުބާން ނުކުރުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިއްޖެނަމަ މިޔަރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި މިޔަރު މަދުކުރުމަށް މިޔަރުގެ މަސްވެރިކަން ވެސް ކުރެވިދާނެއެވެ. އެކަން ކުރެވޭނީ ގާނޫނާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރެވިގެންނެވެ. ހުރިހާ އެންމެންގެ ހިއްސާ އާއި ބައިވެރިވުން ލިބިގެންނެވެ.

ހިތަށްއެރި އުސޫލަކުން އެއްވެސް ބެލުމެއް ނެތި ސިއްރުން ކުރަމުންދާ މިޔަރުގެ މަސްވެރިކަން އެބީދައިން ދާނަމަ ކަނޑުގެ ދިރުންތަކުގެ އީކޯސިސްޓަމަށް ބަދަލު އަންނާނެ ކަމީ ޔަގީން ކަމެކެވެ. މަސްވެރިކަމަށް ނުރަނގަޅު އަސަރުކުރާނެއެވެ. ރާއްޖޭގައި ފުޅާވަމުންދާ މިޔަރުގެ ފަތުރުވެރިކަން ފުނޑިގެންދާނެއެވެ. އަދި ޖުމްލަކޮށް ފަތުރުވެރިކަމަށް އަސަރުކުރާނެއެވެ. ފުވައްމުލަކަށް ވަންނަމުންދާ ލާރި ހުއްޓި ރަށުގެ އިގްތިސާދު އަޑިއަޅާލާނެއެވެ. ފުވައްމުލަކުގެ ފަހުރު ނެތިދާނެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
ހުސޭނު
ހުސޭނު
8 months ago

މައޮލޫމަތު މުއްސަދި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ