އިބްރާހީމް މުޙައްމަދު (އިބުރާ) އަކީ ޏ.ފުވައްމުލަކު، ދޫނޑިގަމު ގާކެނޑިގެ ދޫނޑިގަމަށް އުފަން ދޫނޑިގަން ދެކެ ލޯބިވާ ދަރިއެވެ. އިބުރާ ތަޢުލީމް ޙާޞިލް ކުރީ ފުވައްމުލަކު ސްކޫލުންނާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ޏ.އޭއީސީ އިން ޖީސީއީ އޯލެވެލް ނިންމުމަށްފަހު، 2001 ވަނަ އަހަރުން ފެށިގެން މަސައްކަތުގެ މައިދާނާ ގުޅުނު ހީވާގި މަސައކަތްތެރިއެކެވެ. އިބްރާހީމް މުޙައްމަދު (އިބުރާ) ވަނީ ދޫނޑިގަމު އަވަށު ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައި، ކުރިން އޮތް ދޫނޑިގަމު ކައުންސިލަށް އިންތިޚާބުވެ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކައުންސިލްގެ ރައީސްކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށް އަމިއްލަ އަވަށާއި ރަށަށް އަދި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް އަދާކޮށްދެއްވާފައެވެ. މީގެ އިތުރުން އިބުރާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ފަންނީ ތަމްރީނާއި ތަޖުރިބާގެ ހޯއްދަވައި އެދާއިރާއިން ވެސް ގިނަގުނަ ކާމިޔާބީތަކެއް ޙާޞިލް ކޮށްފައެވެ. އިބްރާހީމް މުޙައްމަދު (އިބުރާ) ގެ އެންމެ ޚާއްސަ އެއްކަމަކީ ހުރިހާ ޢުމުރެއްގެ އެންމެންނާގުޅޭ ޒުވާނުންގެ އެކުވެރިޔެއް ކަމަށް ވުމެވެ.
އިބުރާގެ މަދަރުސީ ދައުރު
އިބުރާއަކީ އުމުރުން އެންމެ ހަނގު ދުވަސްވަރުން ފެށިގެންވެސް ގިނަ އެކުވެރިން ނާއި އެކު އުލެން ދަން މީހނެކެވެ. މަދަރުސީ ދައުރުގައިވެސް އެކުވެރިންނާއި އެކު ގިނަ ވަގުތު ހޭދަ ކޮށް ކުޅިވަރާއި މަޖަލުގައި ހީނލުމާއި ސަމާސާ އަކީ އިބުރާޖެ މިޒާޖެވެ. އުނގެނުމާއި ދަސްކުރުމުގައި ވެސް އަދި އެހެނިހެން ކަންކަމުގައި ވެސް ޚިޔާލާއި މަޝްވަރާއަކީ އިބުރާގެ ދިރިއުޅުމުގެ އާދައެވެ. މަންމަޔާ ބައްޕަގެ ހުރި އެންމެ ދޮށީ ދަރިއެއްގެ ގޮތުން ސްކޫލްދައުރު ނިންމައި މަސައްކަތުގެ މައިދާނަށް ނިކުތީ ކެރިގެން އަމިއްލައަށް ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހިތްހަމަޖެހުން ލިބިގަނެ، އެއުމުރުގެ އެހެން ކުދީންނަށް ނަމޫނާ ދައްކަމުންނެވެ. އެއާއިއެކު ޢާއިލާގެ ޒިންމާ ކޮނޑު އަޅައިގެން ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން މިއަދުވަނީ އުފާވެރިކަން ގެސްދީފައެވެ.
ސްކޫލް ދައުރުގައި ކިޔެވުމުގެ އިތުރުން، ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އެގޮތުން އިބްރާހީމް މުޙައްމަދުގެ ނަން އެންމެ ވިދާލީ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކުގައެވެ. މި މުބާރާތްތަކުން އިބްރާހީމް މުޙައްމަދު (އިބުރާ) އަށް ޚާއްޞަ މަޤާމުތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، އިބްރާހީމް މުޙައްމަދަކީ، ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޓީމު ލީޑަރެކެވެ. މުބާރާތްތަކުން ވަނަވަނައިގެ ހާސިލުކުރީ ޓީމްތަކުގެ ކެޕްޓަންކަން ވެސް ކުރަމުންނެވެ. މަދްރަސީ ދައުރުން ފެށިގެން މިއަދާއި ހަމައަށް އިބްރާހީމް މުޙައްމަދަކީ، ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ އެކުވެރިޔެކެވެ. ހުރިހާ ޢުމުރެއްގެ އެންމެން ދަންނަ ރައްޓެއްސެކެވެ. އިޖުތިމާޢީ ޚިދުމަތްތެރިޔެކެވެ.
އިބުރާގެ ވަޒީފާގެ ތަޖުރިބާ
ޏ. އޭއީސީއިން 2001 ވަނަ އަހަރު ލަންޑަން ޖީސީއީ އޯލެވެލް ނިންމުމަށްފަހު، އެންމެ ދުވަހެއްވެސް ބޭކާރުނުކޮށް އިބްރާހީމް މުޙައްމަދު ނުކުތީ މަސައްކަތުގެ މައިދާނަށެވެ. ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ރިސޯރޓެއްގެ ރެސްޓޯރެންޓް ވޭޓަރުކަމުގެ މަޤާމާ ޙަވާލުވިއިރު، އިބްރާހީމް މުޙައްމަދުގެ ޢުމުރަކީ އެންމެ 19 އަހަރެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 13 އަހަރު ޚިދުމަތް އަދާކުރިއިރު، ވޭޓަރުކަމުން ފެށިގެން މެނޭޖީރިއަލް ލެވެލާ ހަމައަށް އެކިއެކި ވަޒީފާތަށް އަދާކޮށް ދާއިރާ ފުރިހަމަށް ދެނެގެންފައި ވެއެވެ.
މީގެ އިތުރުން، އިބްރާހީމް މުޙައްމަދު ވަނީ 2019 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު ވެމްކޯގެ ސުޕަވައިޒަރެއްގެ މަޤާމް އަދާކޮށްފައެވެ.
އިބުރާގެ ސިޔާސީ ދައުރު
2014 ވަނަ އަހަރުގެ ފެބުރުއަރީއިން ފެށިގެން 2017 ވަނަ އަހަރުގެ ފެބުރުއަރީގެ ނިޔަލަށް، ރައްޔިތުންގެ އިންތިޚާބީ 3 އަހަރުގެ ދައުރެއްގައި ދޫނޑިގަން ކައުންސިލްގެ ރައީސްކަމުގެ ބުރަ މަސްއޫލިއްޔަތާއި ޒިންމާ އިބްރާހީމް މުޙައްމަދު އަދާކޮށް ރައްޔިތުންގެ އިތުބާރު ވަނީ ހޯއްދަވާފައެވެ. މިހިދުގެ ސިޔާސީ މައިދާނުގައި ކާމިޔާބުކަމާއެކު ދޫނޑިގަމު ކައުންސިލް ހިންގުމުގައި ގާބިލިކަން އަމަލީގޮތުން ވަނީދައްކުވައި ދީފައެވެ.
އިބުރާހިމް މުހައްމަދުގެ ސިޔާސީ މައިދާނުގެ ތަޖުރިބާ އާއި ގާބިލުކަމާއެކު ފުވައްމުލައ ސިޓީ ކައުންސިލްގައި ދޫނޑިގަމު އަވަށް ތަމްސީލުކުރައްވަން ނުކުންނެވީ ވަރުގަދަ އަޒުމެއްގައި ސާބިތުކަމާއެކުއެވެ. މިޒަމާނުގެ ހިންގުމުގެ ދާއިރާއަށް މުހިންމު ޓެކްނޮލޮޖީއަށް އަހުލުވެރި، އެކިކަންކަމާއި ގުޅިގެން ދޫނޑިގަމު ރައްޔިތުންގެ ހުށަހެޅުންތައް ކަރުދާހަށް ތިލަކޮށް، އެންމެގެ ސަމާލުކަން ގެނެސް ކަންކަން ހާސިލުކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
އިބުރާގެ އިޖްތިމާޢީ ޚިދުމަތް
އަމިއްލަ އަވަށާއި، ރަށުގެ ތަރައްޤީ އާއި، ރައްޔިތުންގެ ޞިއްޙަތާއި، ކުޅިވަރުގެ ރޮނގުންނާއި އަދި، ތަޢުލީމީ ރޮނގުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުންނާއި، މުނިފޫހި ފިލުވައިދިނުމުގެ ގޮތުން، އިބްރާހީމް މުޙައްމަދުގެ ފަރާތުން ތަފާތު ގޮތްގޮތުން އެކިއެކި އެހީތަކާއި ގިނަގުނަ ޚިދުމަތްތަކެއް މާޒީގައި ކޮށްދީފައި ވާކަން ހާމަވެއެވެ. އަދި މިހާރުވެސް ގެންދަނީ މި ރޮނގުތަކުން ޚިދުމަތް ކޮށްދެމުންނެވެ.
ދޫނޑިގަން ކައުންސިލްގެ އިދާރާ އަވަށަށް ބަދަލުކޮށް ރައްޔިތުންނަށް ގާތުން އަވަހަށް ޚިދުމަތް ދޭންފެށީ އިބުރާގެ ހިތްވަރާއި މަސައްކަތުން ކަން ދެބަހެއް ނުވެ ގާބޫލުކުރެވެއެވެ. އަދި އެއިދާރާއިން ފުރަތަމަ ފަހަރަށް އައިޑެންޓިޓީ ކާރޑުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ފެށި ކަމީ އިބުރާގެ ހިންގުމާއި ލީޑަރޝިޕްގެ ކާމިޔާބުކަން ދައްކައިދޭ ވަރުގަދަ ހެއްކެކެވެ.
ޤައުމުގެ މުސްތަޤްބަލް ބިނާވެފައިވަނީ ތަޢުލީމުގެ މައްޗަށް ކަމުން، ސްކޫލްތަކާއި ބަދަހި ގުޅުންތަކެއް އަބަދުވެސް ޤާއިމު ކުރަމުން އާދެއެވެ. އިބުރާއަކި ސްކޫލްތަކުގެ އެކިއެކި މުނާސަބަތުތަކަށާއި ހަފްލާތަކާށައި އެހެނިހެން ކަންކަމަށް އެހީތެރިވާ މަދަދުގާރެކެވެ. މިކަންކަން ފުވައްމުލަކު ސްކޫލް (އެފް.އެސް) އާއި ހާފިޒް އަޙުމަދު ސްކޫލާއި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޔައުމިއްޔާ ތަކުން މިކަން ފެންނާން އެބަހުއްޓެވެ.
އަވަށުގައިވާ ކަނު އަނދިރިކަން ފިލުވައި ދިނުމަށް މަގުބައްތިތައް ޖެހުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، މިކަމުގައި ޢަމަލީގޮތުން ބައިވެރިވެ ރައްޔތުންނާއި ގާތުން އަބަދުވެސް ޚިދުމަތްކުރާކަން ސަބިތުކޮށްދެއެވެ.
ފުވައްމުލައް ސިޓީގައި ނިސްބަތުން ރަނގަޅު، ވަޞީލަތްތައް ގިނަ ކުޑަކުދިންގެ ޕާކެއް ދޫނޑިގަމު އަވަށުގައި ހެދުމުގެ މޭސްތިރިއަކީ އިބުރާނޫން ދެވަނަ މީހެއް ނޫނެވެ. އަދި މިޕާރކުގެ އެނެމްހައި ތަރައްގީތައް ތަރުތބުކޮށް، ފެންސްޖެހުމުގެ މަސައްކަތް ވެސް ތަރުތީބުކޮށްފައި ވެއެވެ.
ދޫނޑިގަން އަވަށުގައި އިންޑޯ ކުޅިވަރުތައް ކުޅުމަށް ޢިމާރާތެއް ފަރުމާކޮށް އެކަމާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ނިންމިއެވެ. މިދެންނެވި ޢިމާރާތް މިހާރު ވުޖޫދުވަމުން ދާތަން ފެނުމުން ދިއުމަކީ އިބުރާގެ ޚިދުމަތުގެ އަގު ދިރިގެންދާ އިތުރު ހެއްކެކެވެ.
ދޫނޑިގަން އަވަށުގެ ތާރީޚު ނުދެކޭފަދަ ކުޅިވަރުގެ ޢީދެއް، ފެސްޓިވަލެއް މިހާތަނަށް ބޭއްވީ އިބްރާހީމް މުޙައްމަދު (އިބުރާ) އަވަށުގެ ޒުވާނުންނާއި، ދޫނޑިގަން ސްޕޯރޓްސް ކުލަބާއި ގުޅިގެންނެވެ. މިފެސްޓިވަލް ފުރިހަމަވެގެން ދިޔައީ ކުޑަކުދީންގެ ހަވީރާއި ޒުވާނުންގެ ކުޅިވަރުތަކާއި، ބޮޑުބެރު ޝޯވތަކާއި އެކުގައި އަވަށުގެ ރޫހާއި ޖޯޝް އިތުރު ކުރުމުން ޒުވާނުންނާއި ގިނަބަޔަކު އިތުރަށް ގުޅުވައިދީ ހަރުދަނާ މުޖުތަމިއަކަށް ފަހި މަގެއް ދައްކަމުންނެވެ.
ދޫނޑިގަމުން އަވަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ގޯތިތައް ހޯދައި ދިނުމަށްޓަކައި ބިން ސާރވޭކޮށް ކުރަހައި، ސްލޮޓް ހަދައި، ޕްއިންޓް ދޭނޭ އުޞޫލާއި ފޯރމް ވެސް ވަނީ ތައްޔާރު ކުރެވިފައެވެ. މިކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީ އާއިއެކު ގިނަގުނަ މުޢާމަލާތްތަކެއް ކޮށް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
ފުވައްމުލަކުގެ މޫނުމަތިކަމުގައި ބެލެވޭ، ބަނދަރު ސަރަޙައްދުގައި އިސްލާމީ ހައިބަތު ދައްކައިދޭ ރީތި މިސްކިތެއް އެޅުމުގެ މަސައްކަތުގައި ކަމާއިބެހޭ ފަރާތްތަކާއިއެކު ކުރެވުނު މަޝްވަރާތައް އެވަނި ކާމިޔާބުގެ ކުލަ ފެންނަ ހިސާބުގައެވެ.
ދޫނޑިމަގުމު ކައުންސިލާއި ޢާންމުންގެ ފަރާތްތަކާއި ގުޅިގެން، އަވަށުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުން ޙާފިޒުން ގެނެސްގެން އަވަށުގެ 3 މިސްކިތެއްގައި ރަމަޟާންމަހު ޚަތިމަށް ތަރާވީސް ނަމާދު ކުރަން ފަށާފައި ވެއެވެ. އިބުރާހީމް މުޙައްމަދު ފާހަގަ ކުރެވިފައިވަނީ މީގެ ކުރިން ދުވަހަކުވެސް ދެވިފައި ނުވާ މިންވަރަށް އަވަށުގެ ދީނީ ކަންކަމަށް ސަމާލުކަން ދިން މީހެއްގެ ގޮތުގައެއެވެ. އެގޮތުން ދޫނޑިގަމު އަވަށުގައި ހުރި ހުކުރުކުރާ މިސްކިތްތަކުގައި ދުވަސްވެ ބާވެފައިވާ ސައުންޑް ސިސްޓަމްތައް ނަގައި އެންމެ ފަހުގެ ޒަމާނީ ވަރުގަދަ ސައުންޑް ސިސްޓަމްތައް ހަރުކޮށް، މިސްކިތްތަކުގެ ބޭރުގައި ޓަވަރުތައް ޖަހައި، ފެންވަރު ރަނގަޅު ލައުޑް ސްޕީކަރުތައް ވަނީ ހަރުކޮށްފައެވެ. އަދި ޚާއްޞަ ސަމާލުކަމެއް ދީގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި އަވަށުގެ 6 މިސްކިތެއްގައި އާބާތުރަ ފިލުވުމުގެ މަސައްކަތް، ކުރިންވެސް އަދި މިހާރުވެސް ނުކުރެވޭ މިންވަރަށް ފުރިހަމައަށް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން، މަސްޖިދުލް ޙަޟާރާ، މަގިމިސްކިތް އޭ.ސީ.ކޮށް ބައެއް ދޮރުތައް ހަރުކޮށް (އަރުވައި)، އަންހެނުން ނަމާދު ކުރާނޭ ޚާއްޞަ ބައެއް އޭ.ސީ. އާއި އެކު ނިންމައި ބޭނުން ކުރަން ވަނީ ފަށާފައެވެ. އެމިސްކިތުގައި މިހާރުވެސް މިދެންނެވި ތަންތަން ބޭނުން ކުރެވެމުން އެދަނީއެވެ.
ޒުވާނުންނާއި ކުޅިވަރުގެ ރޮނގުން އޭރު ދިވެހިރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ގެނެސް ވޮލީބޯޅަ ތަމްރީން ޕްރޮގްރާމެއް ހިންގީ ވޮޅި ބޯޅައަކީ ކުރީގައި ދޫނޑިގަމުގައި ޚާއްސަ ކުޅިވަރަކަށްވެ، ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަރުވުމުގެ އަމާޒުގައެވެ.
އަންހެނުންގެ ވޮލީބޯޅަޔަށް ގިނަގުނަ ހޭދަތަކެއް ކޮށްފައި ވެއެވެ. އެގޮތުން ވޮލީކޯޓުތަކުގައި ލައިޓްތައް ޖަހައި، ޓީމުތަކަށް ބޯޅައާއި، ނެޓާއި، ޖާރޒީ ތަކާއި، އަދި ކޫލްބޮކްސް ފަދަ އާލާތްތައް ހޯދައި ދީގެން މުބާރާތްތަކުގައި އަންހެނުން ބައިވެރިކުރުވައި، ކުޅިވަރުގެ ވަރުގަދަ ރޫޙެއް އަންހެނުންގެ މެދުގައި ވެސް ދިރުވައި އާލާކުރީ އިބުރާގެ މިންނެތް މަސައްކަތް ހިމެނޭގޮތުންނެވެ.
ކައުންސިލް ދައުރުގެ 3 އަހަރުގައި މުޅިރާއްޖޭގައި ކުރިޔަށްދިޔަ “މިނިވަން ފަންސާސް ޗެމްޕިޔަންޝިޕް” ފުޓުބޯޅަ މުބާރާތުގައި ދޫނޑިގަމު އަވަށުގެ ޓީމު ބައިވެރިކުރުވައި، އެކަމަށް ހޭދަތައް ކުރީ ޒުވާނުންނާއި ކުޅިވަރުގެ މަގުން ޒުވާނުންނަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމެގެ މަގުސަދުގައެވެ. ހެޔޮއެދޭ ފަރާތްތަކާއި ކައުންސިލާއި އަދި ޢަމަލީ ގޮތުން ޓީމުތަކަށް އެހީތައް ހޯދައިދީފައި ވެއެވެ. މީގެ އިތުރުން ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުން އިބުރާ އަމިއްލަޔަށް ކުޅިވަރުގައި 2 އަހަރު ބައިވެރިވެ އެހެން ބައިވެރިންނާއި ގާތުން މަސައްކަތްކޮށްފައި ވެއެވެ. އިބްރާހީމް މުޙައްމަދުގެ ދޫނދޑިގަމު ކައުންސިލް ދައުރުގެ 3 އަހަރަކީ، ކުޅިވަރުގެ ދާއިރާއިން ދޫނޑިގަމު އަވަށަށް އުފާވެރިކަން ގެނެސްދިން ދުވަސްތަކަކަށް ވަނީ ހަދާދީފައެވެ. ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގެ ދާއިރާއިން، ދޫނޑިގަން އަވަށް ދުށް އެންމެ އުފާވެރި ދުވަސްތައް ކަމުގައި އެދުވަސްތައް ވަނީ ވެގެން ގޮސްފައެވެ. މީގެ ހެއްކެއްގެ ގޮތުގައި 1994 ވަނަ އަހަރަށްފަހު 2015 ވަނަ އަހަރުގައި ދޫނޑިގަން އަވަށަށް އަތޮޅު މުބާރާތުގެ ޗެމްޕިޔަން ތަށި ކާމިޔާބު ކުރެވުނުކަން ފުދެއެވެ. މިކަމުގައި އިބުރާއާއިއެކު އަވަށުގެ ގިނަގުނަ ބައެއްގެ ހިތްމްތާއި މިންނަތަކި އިބުރާ މިއަދުވެސް ހަނދާން އައުކުރާ ވަރުގަދަ ގުޅުންތަކެކެވެ.
އަދި ހަމަ އެހެންމެ، ފުޓްބޯޅަ ދަނޑަކާއިއެކު “ދޫނޑިގަން ސްޕޯރޓްސް އެރީނާ”ގެ ބިން ހަމަޖައްސައި ދީފައިވަނީ މުސްތަގުބަލަށް އިބުރާގެ ދުރު ވިސްނުމުގެ ތެރެއިންނެވެ. ރައްޔިތުންގެ އެހީތެރިކަމާއިއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށް މި އެރީނާ ރަޖިސްޓަރީކޮށް ދީފައިވާއިރު، ދާދި އަވަހަށް ދޫނޑިގަމު ފުޓްބޮލަ ދަނޑު ވެސް ޓާފް އެޅި ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެއެވެ. އިބުރާގެ އުއްމީދަކީ މިފަދަ އެތައްކަމެއް ތަކުރާރުކޮށް ދޫނޑިގަމު އަވަށަށް ހުރިހާ ރޮނގަކުން ވެސް ކުރިއެރުން ހޯދާދިނުމެވެ.
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢު ތަކުގައި ފުރިހަމަ އެއްބަރުލުން ދީ މަސައްކަތް ހަލުއި ކުރުމާއި މަސައްކަތުގެ، ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރުމަށް ސަރުކާރާއި މަސައްކަތް ކުރާ ފަރާތްތަކާއި ވާހަކަ ދެކެވޭހިސާބުގައި ހުރި މީހެއްގެ ބޭނުންތެރިކަން ދޫނޑުގަމު އަވަށް މުހިންމު ކަމަށް އިބުރާ ދެކެއެވެ. އެގޮތުން ކުރިޔަށް ފުވައްމުލައް ސިޓީ ކައުންސިލަށް ދުނދިގަމު އަވަށުން އިބުރާ ނުކުންނަނީ މިކަންތައްތައް ފަހިކޮށް ދިމުނަށްވެސް މެއެވެ. އަދި އެގޮތުގައި އިބުރާ ނުކުމެ ހުރީ މި މަސައްކަތްތައް ހަލުއިކޮށް ދޫނޑިގަމު ޒުވާނުންނާއި އެންމެހާ ރައްޔިތުންނަށް އެކަންކަމުގެ ފަސޭހަތައް އަވަހަށް ލިއްބައިދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ވެސް ކުރުމަށެވެ.
އިބުރާ ރަނގަޅަސް ދަންނަ މީހުން ބުނަނީ ޝައްކެއްނެތް ގޮތުގައި އިބްރާހީމް މުޙައްމަދަކީ، ކަންކަމުގައި ކެރޭ، ހީވާގި، ތަޢުލީމީ، ޤާބިލުކަމުގެ ނަމޫނާ ޒުވާނެއް ކަމަށެވެ. އިޖުތިމާޢީ ޚިދުމަތް ތެރިޔެއްގެ އިތުރުން ދީނީ ކަންކަމަށް ލޯބި ކުރާ، އަޚުލާޤު ރަނގަޅު މީހެއް ކަމަށެވެ. ހިތްމަތާއެކު މަސައްކަތްކުރާ އެހެން މީހުންނަށް ނަމޫނާއެއް ކަމަށާއި ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ އެންމެންގެ އެކުވެރިޔެއް ކަމަށެވެ. އިބުރާއަކީ މިހުން ބިނާކުރުމަށް އަހައްމިއްޔަތުދޭ ފަންނީ މޭސްތިއެއް ކަމަށެވެ.
އިބްރާހީމް މުޙައްމަދު (އިބުރާ) އަކި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިރުދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރުމަށް އެމްޑީޕީ ގެ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ މިހާރުގެ ސަރުކާރު ޙިއްސާވާ ޕާރޓީގެ ކެންޑިޑޭޓެވެ.
އިބުރާހީމް މުޙައްމަދު މިއަދު އެވަނީ، ރައްޔިތުންގެ އިތުބާރުން ހިތްވަރު ލިބިގެން، ރައްޔިތުންނާއި އެކު އަތުކުރި އޮޅާލާފައެވެ. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ކޮށްދިނުމަށް ކެރިގެން ކުރިމަތިލައިގެން ޤައުމާ، ރަށާ އަދި އަވަށަށް ކުރިއަރައި ދިއުމަށް އިބުރާ އެހުރީ ހިންމަތުގެ ކަމަރު ބަނދެގެންނެވެ. މިކަމަށް އިބުރާހީމް މުޙައްމަދު (އިބުރާ) ބޭނުންވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ އާނ ބަހެވެ. އަދި ރައްޔިތުންގެ ހެޔޮދުޢާ އާއި ރައްޔިތުންގެ ނިންމުމެވެ.
ސަފުކޮށް ފެންނަން އޮތްހަގީގަތަކީ އިބުރާހީމް މުޙައްމަދު އަކީ ފަސްބައި ސާފު، ފާއިތުވި ތަނުގައި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީ، ރައްޔިތުންގެ އިތުބާރު ކަށަވަރު ކޮށްފައިވާ ފަރާތެއް ކަމެވެ. އިބްރާހީމް މުޙައްމަދަކީ ރައްޔިތުންގެ ބަހުންނަމަ، ރައްޔިތުންގެ “އިބުރާ” އެވެ. ފުވައްމުލަކު އިރުދެކުނު ދާއިރާގެ ކެންޑިޑޭޓް ނަމްބަރު 4 (ހަތަރެއް)، އިބްރާހީމް މުޙައްމަދު / ރައްޔިތުންގެ މީހާ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް މިކަލް ނޫހުން ހުޅުވާލި ފުރުސަތެއްގައި އިބްރާހިމް މުހަމަދު ހުށަހެޅުއްވި އޭނާގެ ތައާރަފެކެވެ.
ޚިޔާލުތައް