A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އިސް އެއްކަމަކީ އަވަހަށް ޓެސްޓް ހެދުން

ޕީސީއާރު ޓެސްޓް ލެބެއް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސިއްޙީ ގޮތުން ކުރުން އެންމެ އިސް އެއްކަމަކީ އަވަހަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓް ކުރުން ކަމަށް ބަލީގެ ކުރީކޮޅުގައި ފަންނީ ގިނަބަޔަކު ބުނަމުން ދިޔައެވެ. އަދި ބަލި ޖެހިފައިވާ މީހުން އެހެން މީހުނާއި އެކަހެރި ކުރުމަށް އަވަހަށް ޓެސްޓް ގެ ނަތީޖާގެ މުހިންމުކަން ވެސް ފާހަގަ ކުރެވުނެވެ. ކޮވިޑް-19 ފުރަތމަ ފެތުރިގެން އައި ދުވަސްވަރު ވަރަށް ބާރަށް އެއަޑު ގުގުމާލައި، ކަންކަމުގެ ތަރުތީބު ލިސްޓްގެ ކުރީގައި އޮތެވެ. އެގޮތުން ޓެސްޓުގެ ނަތީޖާއަށް ބަލައި މީހުން އެކަހެރި ކުރުމާއި ކަރަންޓީނު ކުރުން އޮތީ އެންމެ އިސްސަފުގެ މަސައްކަތެއްގެ ގޮތުގައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 ސާމްޕަލް ހިސްޓްރީ ފާއިތުވި 10 ދުވަސް

ނަމަވެސް ކޮވިޑް-19ގެ ދެވަނަ ރާޅާއެކު މި މޭ މަހު 5 ގެ ފަހުން ފުވައްމުލައް ސިޓީއިން ބަލީގެ ޓެސްޓްކުރެވި ނަތީޖާ ލިބޭލެއް ވަރަށް ބޮޑުތަން ލަސްވެގެން ދިޔަކަމުގެ ކަންބޮޑުވުން ގިނަބަޔަކު އަންނަނީ ހާމަކުރަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި އެމީހުންގެ ސާމްޕަލް ނަގައިގެން 7 ދުވަސް ވާއިރުވެސް ނަތީޖާ ނުލިބެވެ.  އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ތިމަންނާމެން އައިސޮލޭޝަންގައި ނުވަތަ ކަރަންޓީނުގައި ތިބެންވީތޯ ނޫންތޯ އަމިއްލައަށް ގޮތް ނިންމައި އަމަލުކުރަމުންދާ ތަން އަންނަނީ ފެންނަމުންނެވެ. އެކަމުގައި ޚާއްސަކޮށް ރޭންޑަމް ސާމްޕަލިންގައި ސާމްޕަލް ދޭ މީހުން ގޭގައި މަޑުކުރުން ވަކިން ކުޑައެވެ. އަދި އެކަމުގެ ނަތީޖާވެސް ފެންނަމުން ދަނީ ހިތިކޮށެވެ. ބަލި ފެތުރުން އިތުރުވެގެން ދިއުމެވެ.

“ފުވައްމުލަކި ކޮވިޑް-19 ޓެސްޓް ވެންނަ ނެތުމަކީ މިހިދެ މިއޮއު ހާލަތަހަ ބަލާކަލް ބަލި ކޮންޓްރޯލް ކެރަންނަ އޮއު އެންމެ ބޮނޑޮ އެއު ހެރަހަ ކަމުގައި ގަބޫލްވޭ. ޓެސްޓެއި ނަތީޖާ މިލިބެނޭ ޓެސްޓް ސާމްޕަލް ނަގާތަނަހަ ދެ ތިން ދުވަހަ ބައެއްކަލްކަލް އެހާސް ލަހެން. ސާމްޕަލް ނެގުންމާ ނަތީޖާ ލިބުންމާ އެދޭތެރެ ގިނަ މީހުން މިތިބެނީ އެތެއް ދިމާކަހަ ގޮހޮފޭ. މިދެންނެވީ ރޭންޑަމް ސާމްޕަލް އެ ވާހަކަ. މިހާ ސްޕީޑް ރަނގަޅަކޮހޮ މިކަން ވޭ އެއްތައްނާ ބަލިފެތެރުން ކުދު ވެންނެން. އައިސޮލޭޝަނިއާ ކަރަންޓީނެ ތިބޭ ތަންތަނެން ނަގާ ސާމްޕަލި ވާހަކާއް ދައްކަންނެން ކަމެކިސް ނެއު ހެން ހީވެނީ. ފޭސްބުކް ސްޓޭޓަސްތެކަހަޔާ ރައްޓެއްސުން ދައްކާ ވަހަކާށަ ބަލާކަލް ނަތީޖާ ލިބުން ހަފްތާކަހަށާށާސް ލަހަވެފޭ އެބަހީށި. ރައްޔިތުންގެ އެތެރެ އެތެއް ބައެކެން މިތީބީ ނަފްސާނީ ބިރިވެރިކަމެކި އެތެރެ. ފުވައްމުލަކެން ޓެސްޓް ހެދޭލިއް ގާއިމުވެންނަ ޖެހޭ. މިކަން ކެރަންނަ ސަރޮކާރަހަ ހަރޮއަޑެން ގޮއާލަން ” ޕީޕީއެމް ޓިކެޓުގައި ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ތާރިޤް އަހުމަދު ހާމަކުރައްވާފައި ވެއެވެ.

ޕިސީއާރު މެޝިނެއްގެ އެއް މޮޑިއުލް

ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީހިމެނޭ ގޮތަށް ކޮވިޑް ފެސިލިޓީއެއް އައްޑު ސިޓީގައި ގާއިމުކޮށް، ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ޕީސީއާރު މެޝިނެއް އައްޑޫ ސިޓީގައި ބަހައްޓާފައި ވެއެވެ. ނަމަވެސް، ރާއްޖޭގައި މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ދެ ސިޓީގެ ކޮވިޑް-19 ޓެސްޓު ކުރުމަށް ބަހައްޓާފައި ވަނީ ދުވާލަކު 300 ޓެސްޓު ހެދޭ ވަރުގެ މެޝިނެއްކަމަށް މައުލޫމާތު ލިބެއެވެ. ފުވައްމުލައް ސިޓީގެ ސާމްޕަލްތައް އައްޑޫ ސިޓީއިން ޓެސްޓް ކުރުމަށް ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ފާއިތުވި ޖެނުއަރީ މަހު، ފުވައްމުލަކުން ފުރަތަމަ ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން ވެސް ކުރަމުން އާދެއެވެ.

“ފުވައްމުލައް ސިޓީއެއް. އައްޑޫ ސިޓީއެއް. މާލެ ސިޓީއެއް. އެކަމަކު ފުވައްމުލަކު ހޮސްޕިޓަލަށް މެޝިނެއް ނުލިބި ސާމްޕަލް ނަތީޖާއަށް ސަލާމްޖަހަން ޖެހުމަކީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރަށް ފުވައްމުލަކުން ދިން އެއްބާރުލުމުގެ އަގު ވަޒަން ނުކުރެވެނީ ތޯ؟ މަޖިލިސްގެ ފުވައްމުލަކު 3 ގޮނޑި އެމްޑީޕީ އަށް ވާއިރު ފުވައްމުލަކަށް މިހާބޮޑު އިހުމާލެއްވާ ސަބަބު ނޭގުނު” އަލީ ނަސީރު ހުސައިން އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ދެ ސިޓީގެ ކޮވިޑް ފެސިލިޓީގައި ޓެސްޓު ހަދަމުން އައީ ހަމައެކަނި އައްޑޫ ސިޓީގެ ސާމްޕަލްތައް އެކަންޏެވެ. ފުވައްމުލަކުގެ ސާމްޕަލްތަކަށް ޖާގައެއް ނުލިބުނެވެ. ފުވައްމުލައް ސިޓީގެ ސާމްޕަލްތައް ފޮނުވަން ޖެހުނީ މާލެ އައިޖީއެމްއެޗްގެ ލެބަށެެވެ. މިކަމަށް ބައެއް ފަހަރު ފްލައިޓް ޗާޓަރު ކޮށްގެންނާއި ފްލައިޓް ޑައިވާޓް ކޮށްގެން ވެސް ސާމްޕަލްތައް މާލެ ފޮނުވާފައި ވެއެވެ. އަދި ބައެއް ފަހަރު އައްޑޫ ފްލައިޓްގައި ފޮނުވަން ސީ އެމްބިއުލާންސް ނުވަތަ އެހެން ލޯންޗެއް ކުއްޔަށް ހިފައިގެން ވެސް އައްޑޫއަށް ސާމްޕަލް ގެންގޮސް މާލެ ފޮނުވާފައި ވެއެވެ.

ކޮވިޑް-19 ގެ ޓެސްޓް ހެދުމަށް ބޭނުންވާ ޕިސީއާރު މެޝިނެއް ގަނެގެން ގެނެސް އެއިގެ ޚިދުމަތް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބުމަށް ކުރަންޖެހޭ ހޭދައަށްވުރެ އެތައް ގުނައެއް ބޮޑު ހޭދައެއް ސާމްޕަލް ފޮނުވުމަށް މިހާތަނަށް ވެސް ކުރެވިފައިވާނެ ކަމުގެ ތުހުމަތު އާއްމުން ކުރެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި ކައިރިވެފައި ވަނިކޮށް (އޭޕްރީމަހު ކުރީކޮޅު) ހެލްތު މިނިސްޓަރާއި ހަވާލާ ދެއްވައި ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައި ވަނީ ފުވައްމުލައް ސިޓީއަށް ޕީސީއާރު މެޝިނެއް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މެޝިނެއް ލިބޭނެކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ތާރީޚެއް ނުދެއްވައެވެ. އަދިވެސް އެމެޝިނުގެ ލިބޭނެ ދުވަހެއް އެނގޭ މީހަކު ނެތެވެ.

ޕީސީއާރު ލެބެއް އެއްކޮށް – 6 މޮޑިއުލް

“12 ވަރަކަށް ހާސް މީހުން ދިރިއުޅޭ ފުވައްމުލަކުގައި ކޮވިޑް-19 ފެތުރުން އިންތިހާއަށް ބޮޑުވެފައިވާ އިރު ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުން ކަމަށް މީސްމީޑިއާއިން ވަރަށް ގިނައިން އެބަފެނޭ. ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ލަސްވުމުގެ ސަބަބުން، ބަލިޖެހިފައިވާ މީހާ އޮންނަނީ އެތައްބަޔަކާ ބައްދަލުވެ އެމީހާގެ ފުށުން އިތުރު އެތައްބަޔަކަށް ބަލި ޖެހިފަ. ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު އެތައް މިލިޔަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާއިރު ފުވައްމުލަކު ރައްޔިތުންނަށް ހައްގު މިންވަރަކީ މިއީ ކަމަށް ވާނަމަ، މިއީ ވަރަށް ބޮޑު މައްސަލައެއް” ހުސޭން ވަފީރު އެނާގެ ފެސްބުކު ޕޭޖްގައި ލިޔެފައިވެއެވެ.

ފުވައްމުލައް ސިޓީއިން ނަގާ ސާމްޕަލްތައް ފުނިޖެހެނީއެވެ. ޓެސްޓް ނުކުރެވުމާއި ނަތީޖާ ނުލިބި ދިގުލައިގެން ދަނީއެވެ. އެއިގެ އާޚިރު ނަތީޖާވެސް ފެންނަމުންދަނީ ގޯހުން ގޯހަށްދާތަނެވެ. ދުވަހެއް ދުވަހަކަށް ކޮވިޑް-19 ޕޮޮޒިޓިވް ކޭސްތައް ފެންނަލިއް އިތުރުވަނީ ހަލުއި ސްޕީޑުގައެވެ. ރަށް މޮނިޓަރިންއަށް ވެސް ލައިފިއެވެ. އަދި އެޗްޕީއޭގެ ޚާއްސަ ފިޔަވަޅުތައް (ކާފިއު) ވެސް އަޅައި ދެވަނަ ފަހަރަށް އިއްޔެ މިވަނީ މުއްދަތު އިތުރުކޮށްފައެވެ. އިއްޔެ ނޫންކުރީ ދުވަހަކީ ބޮޑު ރިކޯޑު އަދަދެއް ފެނި، ގިނަބައެއްގެ ހިތުގައި ރަށުގައި ބަލިފެތުރިފައި އޮތް މިންވަރު ބިރުވެރި ކަމެއްގެ ގޮތުގައި ބިންވަޅުނެގިގެން ދިޔަ ދުވަހެކެވެ. ޖުމްލަ ޕޮޒިޓިވް ކޭސް 72 އަށް އެއްދުވަހުން އެރި ފުރަތަމަ ފަހަރެވެ.

ލޭތިއްކެއް ބޭނުންކޮށްގެން ހަދާ އެންޓިބޮޑީ ޓެސްޓް ނަތީޖާ ނުކުންނަ ގޮތް.

މިހާރު މިއޮތްވަރަށް ބަލި ފެތުރުމުގައި އެކިމީހުން އެކިފަރާތްތައް ކުށްވެރި ކުރަމުން ވާހަކަދައްކައެވެ. ތެދެކެވެ. ޓެސްޓްގެ ނަތީޖާ އަދިވެސް ލިބެނީ ވަރަށް ލަހުންނެވެ. އިއްޔެވެސް ފުވައްމުލައް ސިޓީއަށް ނަތީޖާ ލިބިފައި ވަނީ އެންމެ 15 ސާމްޕަލް ނުވަތަ ފޮނުވި ސާމަޕަލްގެ އެންމެ %4 ގެ ނަތީޖާއެވެ. ނުލިބިފައި ވާ 322 ސާމަޕް އެބަހުއްޓެވެ. އަދި މިއަދަދަށް އިއްޔެ ރަށުން ނެގި 165 ސާޕްލް އެއްކުރުމުން ބާކީ ނަތީޖާ ނުލިބި 487 ސާމްޕަލް ނަތީޖާ ނުލިބި އެބަހުއްޓެވެ.

ކުރިން ފޮނުވާފައިވާ 322 ސާމްޕަލް – ނަތީޖާ ލިބުނީ 15 ސާމްޕަ، އެއީ %4.

ކޯވިޑް19އަށް 45 މިނިޓުން ޓެސްޓް ކުރެވޭ ކިޓެއް އެމެރިކާއިން ނެރެފި

ބަލިން ރައްކާތެރިވުމުގެ މަސައްކަތަށް ޓެސްޓު ކުރުމަށް ޕީސީއާރު މެޝިނެއް އަވަހަށް ގެނެސް ދިނުމަށް ސޯޝަލް މީޑިއާގައި ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ޓެސްޓު ނުކުރެވި ދުވަސްތައް ދިގުލާތީ ގިނަ ބައެއްގެ ކަންބޮޑުވުން ހާމަކުރަމުން ދާތީއާއެކު، ކަމާއި ގުޅޭ އިސްފަރާތްތައް މެދުވެރިވެގެން ކުރެވުނު މަސައްކަތުން ކޮންމެވެސް ވަރެއްގެ ލުޔެއް މިކަމަށް ލިބޭނެ ކަމަށް ބެލެވިފައި ވެއެވެ. އެއީ އައްޑޫ ސިޓީގައި ހުންނަ ދުވާލަކު 300 ސާމްޕަލް ޓެސްޓު ހެދޭ ޕީސީއާރު މެޝިނުން ކޮންމެ ދުވަހަކު ވެސް ފުވައްމުލައް ސިޓީގެ 100 ސާމްޕަލް ޓެސްޓް ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ރޭގައި ބުނުމުންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 200 ސާމްޕަލް އިއްޔެ އައްޑޫ ސިޓީއަށް ފޮނުވާފައިވާ ކަމަށާއި މިއަދު އެސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވޭތީއެވެ. ނަމަވެސް އެއި ދާއިމީ ހައްލެއް ނޫން ކަމަށް ފުވައްމުލަކުގެ މީހުން ބުނެއެވެ.

އެއަދަދަކީ ވެސް ފުވައްމުލައް ސިޓީގެ ސަމްޕަލްތައް ޓެސްޓް ކުރެވޭ ވަރުގެ އަދަދެއް ނޫން ކަމުން އައްޑޫ ސިޓީއަށް ކޮންމެ ދެ ދުވަހުން އެއްދުވަހު 200 ސާމްޕަލް ފޮނުވާފައި އަނެއް ދުވަހު މާލެއަށް ސާމްޕަލް ފޮނުވާ ގޮތަށް މަސައްކަތް ކުރުމަން އަންނަކަމަށް ރޭގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ހާމަކޮށްފައި ވެއެވެ. ފުވައްމުލައް ސިޓީއިން ކޮންމެ ދުވަހަކު ވެސް 200 އެއްހާ ސާމްޕަލް ނަގާއިރު އައްޑޫ ސިޓީއިން ޓެސްޓް ކުރެވޭ ގޮތަށް ހަމަޖެހުނީ އެއިގެ ދެބައިކުޅަ އެއްބައި، 100 އެވެ.

ޕީސީއާރު ޓެސްޓް ލެބެއް

ފުވައްމުލައް ސިޓީ ކައުންސިލުން ތަކުރާރުކޮށް ހާމަކޮށްފައި ވަނީ ޕީސީއާރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި އެކަން ކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުﷲ މުހައްމަދު ދީދީ ހާމަކުރައްވާ ގޮތުގައި ރާއްޖޭގެ ސިއްހީ ނިޒާމު ރޭވިފައިވާގޮތުން ފުވައްމުލައް ސިޓީގައި ހުންނަނީ އަތޮޅު ހޮސްޕިޓަލެކެވެ. އަދި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޕީސީއާރު މެޝިން ބަހައްޓައިގެން ޓެސްޓު ކުރާ ގޮތަށް ސަރުކާރުގެ ސިއްޙީ ދާއިރާގެ އުސޫލުތައް ހަމަޖެހިފައި ނުވާތީ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސިޓީތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު، ނުވަތަ ދޭނެ ޚިދުމަތްތައް ކަނޑައެޅުން ކަމަަށެވެ.

ކަމާއި ގުޅޭ ފަރާތްތަކުން ހާމަކުރަނީ ރައްޔިތުން ފަރުދީ ޒިންމާނަގައި، ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އައިސޮލޭޝަނުގައި އާއި ކަރަންޓީނުގައި އަމަލުތައް ބެހެއްޓުމަށެވެ. ބަލީގެ ފަރުވާއެއް ނެތް އިރު ބަލި އުފުލައިދޭ މީހަކަށް ތިމާ ނުވުމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެފައި ވަނީ:

“ހަމައެކަނި އޮތް ފަރުވާއަކީ އަދި ކުރެވެން އޮތްހާވެސް ކަމަކީ ކޮންމެ އާއިލާއެކުން ވެސް ސީރަސްވެ، އާއިލާގެ ތެރެއިންވެސް 2 ނުވަތަ 3 ހަފުތާވަންދެން ބައްދަލުނުވެ އަދި އަތާއި، އަނގަ، ނޭފަތް ސަލާމަތުން ބެހެއްޓުން. އެހެން ނޫނީ ފެންނަން އޮތް މަންޒަރު ވަރަށް އަނދިރި” ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !