A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19ގައި ފިރިހެނުން ވުރެ އަންހެނުނަށް މަރުވުމުގެ ފުރުސަތު ކުޑަ

އަންހެނުންގެ އުމުރު ދިގު، ކޮވިޑް-19 ގައި މަރުވާ އަންހެނުން މަދު 2021

ކޮވިޑް-19ގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ކުރުވުމުގެ ފުރުސަތު 1.7 ގުނަ އިތުރު ކަމަށް ދާދި ފަހުން ނެރުނު ދިރާސާ ރިޕޯޓެއްގައި ހާމަކޮށްފިއެވެ. އެމެރިކާގެ ޔޭލް ޔުނިވަސިޓީގެ ދިރާސާވެރިން ‘ސައިންސް’ ޖާނަލްގައި 2021 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓުގައި ބުނާ ގޮތުން އުމުރުން 30 އަހަރުން މަތީގެ ފިރިހެނުންގެ އުމުރު ކުރުވުމުގެ ހިރާސްތައް ފާހަގަކުރެވޭހާ ބޮޑެވެ.

ފަހަރެއްގައި މިއީ އަޅައިގަންނަ ވަރުގެ ކަމަކަށް ވިޔަސް މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫންކަމަށް ބުނެފައި ވެއެވެ. އިންސާނުންގެ އުމުރުގެ ދިގުވަމުން އަންނަކަން ތަފާސް ހިސާބުތަކުން ސާބިތުވާ ހިނދު، އަންހެނުންގެ އުމުރާއި ފިރިހެނުންގެ އުމުރުގެ ތަފާތު އަދިވެސް އެގޮތުގައި ދެމިހުރިކަން މަތީގައިވާ ޗާޓުން ވެސް އެނގެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، 1953 އިން ފެށިގެން އަންހެނުންގެ އުމުރު ގާތްގަޑަކަށް 5 އަހަރު، ފިރިހެނުންނަށް ވުރެ ދިގެވެ. މި ތަފާތުގެ އަސްލު ގުޅޭ ކަންކަން ވެސް ދިރާސާވެރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ތަބީއީ ގޮތުން ދެޖިންސް އުފެދުމުގެ ސަބަބުތަކާއި މާހައުލުން ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުތައް ހިމެނެއެވެ. މިސަބަބުތަކުން ވެސް ކޮވިޑް-19ގައި ފިރިހެނުން ގިނައިން މަރުވާ ސަބަބު ސާބިތުކޮށް ދިނުމަށް އެހީއަކަށްވާ ކަމަށް ހާމަކުރެއެވެ. ދިވެހިރާއްޖެގައި ކޮވިޑް-19 ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު %58 (58،130) އަކީ ފިރިހެނުންނެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ބާލައިރުވެސް ރާއްޖޭގައި ކޮވިޑް-19 ގިނައިން ޖެހިފައިވަނީ ފިރިހެނުންނަށެވެ.

މުޅި ދުނިޔޭގެ ކޮވިޑް-19 ޖެހުނު މީހުންނާއި މަރުވި – ޖިންސީ ނިސްބަތް – 2021 ޖެނުއަރީ – ޑަބްލިޔުއެވްއޯ

ދިރާސާގައި ފާހަގަ ކުރި އެއްކަމަކީ ފިރިހެނުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަނގުއާވި ނުވަތަ މަސްތުވާ ދިޔާތަކެތި ބޭނުން ކުރުން އިތުރުވާ ކަމަކީ މިކަމަށް ބާރުދޭ ހެއްކެއް ކަމަށެވެ. އެގޮތުން އެބާވަތުގެ ތަކެތި ބޭނުންކުރާ އަންހެނުންގެ ނިސްބަތް އުޅެނީ %25 އިންސައްތާގައެވެ. ދުނިޔޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު، 1990ގެ އަހަރުތަކުގައި މަރުވި މަސައްކަތްކުރާ އުމުރުފުރައިގެ (18 އަހަރުން މަތީގެ) މީހުންގެ %75 މަރުތައް ބަނގުއާވި ބޭނުންކުރުމާއި ގުޅިފައިވާ ކަމަށް ދިރާސާ ރިޕޯޓުގައި ހާމަކުރެއެވެ. އެއާއެކު 1990ގެ އަހަރުތަކުގައި ފިރިހެނުންގެ އުމުރު އަންހެނުންނަށް ވުރެ 12 އަހަރު ކުރުވެފައި ވެއެވެ.

ނަމަވެސް ބިލާރުސް އާއި ޔުކުރޭންގައި އެތަފާތު މިހާރު 10 އަހަރަށް، ކުޑަވެފައި ވަނީ އެ ދެ ގައުމުގައިވެސް ބަނގުރާ ބޭނުންކުރުމުގެ ނިސްބަތް ދަށްވުމާ ވެސް އެކުގައި ކަމަށް ފާހަގަކުރެއެވެ. ބަނގުރާ ބޭނުން ކުރުމުން ހިތުގެ ބަލިތަކާއި ފުރަމޭ (ލިވާ) ގައި ‘ސިރޯސިސް’ ކިޔާ ބައްޔެއް އުފެދުމަށް އެހީތެރިވެއެވެ. މިވައްތަރުގެ ބަލިތަކުގެ ސަބަބުން ފިރިހެނުންގެ ހަށިގަނަޑުގައި ކޮވިޑް-19އިން ދިފާއުގައި މަސައްކަތް ކުރުމަށް އުނދަގޫތަކެއް ދިމާވާކަން ހާމަވެފައި ވެއެވެ.

ފިރިހެނުންގެ އުމުރު ކުރުވުމުގެ އިތުރު ސަބަބެއްގެ ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ހުންނަ ހަލަބޮލިކަމާއި ނުރައްކާތަކަށް ހުށަހެޅިގަތުން (އެގްރެސިވް، ރިސްކީ) ހިމެނެއެވެ. އެގޮތުން އުޅަނދު ދުއްވުމުގައި އާއި އެހެނިހެން މުޑިއެރުން ތަކުގައި (އެކްސިޑެންޓް) ވެސް ފިރިހެނުން މަރުވާލެއް ގިނަކަން ހާމަވެއެވެ.

ބައްޔެއް ވުމުން ފިރިހެނުންނަށް ވުރެ އަންހެނުން ފަރުވާ ހޯދާމިންވަރު ވެސް އިތުރުކަމަށް ދިރާސާއިން ހާމަކުރިއެވެ. އެގޮތުން ކޮވިޑް-19ގައި ވެސް ފިރިހެނުން ހިރާސްތަކަށް ކުރިމަތިލުން އިތުރުވެ، ބަލީގެ ވައިރަހަށް ހުށަހެޅޭ މިންވަރު އިތުރުކަމާއި، އަދި ބަލީގެ ފަރުވާ ހޯދަން އުޅޭލިއް ލަސްކަމަށް ހާމަކުރެއެވެ.

މީގެ އިތުރުން ތަބީއީ ގޮތުން އަންހެނުންގެ ހަށިގަނޑު އުފެދުމުގެ ތަފާތު ވެސް ފާހަގަ ކުރެއެވެ. އެގޮތުން އަންހެނުންގެ ހަށިގަނޑުގައި ހިމެނޭ އޮއެސްޓްރޯޖެންގެ ސަބަބުން، އެމީހުން ދިފާއީ ނިޒާމު ފިރިހެނުންނަށް ވުރެ ވަރުގަދަ ކަމަށެވެ. އޮއިސްޓްރޯޖެން އިން ހަށިގަނޑުގެ ދިފާއީ ނިޒާމު އަވަހަށް ހަރަކާތްތެރިކޮށް ދެއެވެ. އަންހެނުންގެ ހަށިގަނޑުގައި ހިމެނޭ ދެ އެކްސް ކްރޮމޮޒޯންގެ ސަބަބުން ޖީން މިއުޓޭޝަންގެ ފުރުސަތު ނެތުން ނުވަތަ ކުޑަވުމުގެ ސަބަބުން ޖީން މިއުޓޭޝަންގެ ސަބަބުން ޖެހޭ ބަލިތަކަށް ފުރުސަތު ހަނިވެގެން ދެއެވެ.

މީގެ އިތުރުން ވެސް އުމުރުން ދުވަސްވުމުން ދިފާއީ ނިޒާމަށް އަންނަ ބަލިކަށިކަން ފިރިހެނުންނަށް 5-6 އަހަރު އަންހެނުންނަށް ވުރެ ކުރިން ތަޖުރިބާ ކުރަން ޖެހޭތީ، މުސްކުޅި އުމުރުގައި ބަލިން ދިފާއުވުމަށް މަސައްކަތް ކުރުމުގެ ބާރު ފިރިހެނުންގެ ދިފާއީ ނިޒާމުގައި ދަށް ކަމަށެވެ.

މި ކަންކަމަކީ އުމުރު ކުރުވުމަށް ހުރި ސަބަބުތަކެއް ކަމަށްދެކި އެކަމުން ރައްކާތެރިކަން ހޯދަން ބުނެފައިވެއެވެ. އަދި މިކަންކަމަގެ ސަބަބުން ކޮވިޑް-19ގެ ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ދަނެގަނެ، އެކަންކަމަށް ސަމާލުވެގެން ރައްކާތެރިކަން އިތުރު ކުރެވިދާނެ ކަމަށް ހާމަކުރެއެވެ. އަދި ދިރިއުޅުމުގައި ހިރާސްތައް މަދުކޮށް، ސިޙީފަރުވާ ހޯދުމުގައި އަވަސް ވުމަށާއި ދިރިއުޅުމުގައި ދުޅަހެޔޮ އާދަތަކަށް އިސްކަންދީގެން އުމުރު ދިގު ކުރެވިދާނެ ކަމަށެވެ.

ނަމަވެސް، ކުރިޔަށް އޮތްތަނުގައި އަދިވެސް ބެލެވޭނީ ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގުވުމާއި ކޮވިޑް-19ގައި މަރުވާ އަންހެނުން މަދުވާނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !