A wide advertisement which will be shown on all devices. (700 x 100)

މޭޔަރަށް ވޯޓުގައި ބައިވެރި ނުވޭނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމާފައެއް ނުވޭ

މޭޔާރަށް ވޯޓު ލެވޭނެ ބާ ނުވަތަ ނޫންބާ؟ އެހާ ސާފު ކަމެއް ނޫން

މޭޔަރަށް ވޯޓުގައި ބައިވެރި ނުވޭނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމާފައެއް ނުވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރަކު މިކަލް ނޫހަށް ވިދާޅުވެއްޖެއެވެ.

އެ މެމްބަރު މިހެން ވިދާޅުވީ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ފުވައްމުލައް ސިޓީގެ މޭޔަރަށް ކައުންސިލް ޖަލްސާތަކުގައި ވޯޓު ނުލެވޭ ގޮތަށް ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ހިންގާ ގާވާއިދު ބަދަލުކޮށްފައިވާ ކަމަށް ބުނެ ގިނަބަޔަކު ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑީއާގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޑިމޮކްރަސީއަށް މަސައްކަތް ކުރާ ފުވައްމުލައް ސިޓީގެ މީހުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އާދެއެވެ. އެގޮތުން ސައްފާޙު ފާރޫޤު ލިޔެފައި ވެއެވެ.

“އެމްޑީޕީގެ ޓިކެޓެއްގައި ވާދަކޮށް ރައްޔިތުންގެ ތާއީދާއި އެކުގައި އިންތިޚާބުކޮށްފައިވާ މޭޔަރަކަށް ކައުންސިލްގެ ބައްދަލުވުންތަކުގައި ގޮތް ނިންމަން ވޯޓު ނުދެވޭގޮތަށް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލަކުން ފާސްކުރުމަކީ ލަދުވެތިކަމެކެވެ. މޭޔަރަކީ ރަށުގެ ހުރިހާ ރައްޔިތުންގެ މެދުގައި ނެގުނު ވޯޓަކުން ހޮވިފައިވާ ފަރާތަކަށް ވާއިރުގައި، މުހިއްމު ކަންތައްތައް ނިންމުމުގައި މޭޔަރަށް ވޯޓު ދެވެން ޖެހޭނެއެވެ.”

މީގެ އިތުރުން ސައްފާޙު ފާހަގަކޮށްފައި ވަނީ މޭޔަރު ތަމްސީލުކުރަނީ މުޅި ރަށުގެ ރައްޔިތުން ކަމަށާއި ކައުންސިލުން ނިންމާ ކަންތައްތަކަށް އެންމެ ބޮޑަށް ޒިންމާވާން ޖެހެނީ ވެސް، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނީ ވެސް މޭޔަރުކަމަށެވެ.

“މޭޔަރަކީ އަތާއި ފައި ބަނދެފައި ބާރުތައް އަތުލާފައި ހުންނަ ރަމްޒީ މީހަކަށް ވުމަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނުގެ މަފުހޫމާއި ޚިލާފު ކަމެކެވެ. އަދި އެއީ އެލްޖީއޭ އިން ތާއީދުކުރާނެ އަދި ގަބޫލުކުރާނެ ހަމައެއްވެސް ނޫނެވެ.” ސައްފާހުގެ ޕޯސްޓުގައި ލިޔެފައިވއެވެ.

އަދި ގިނަ ބަޔަކު ވަނީ މިވާހަކަތަކަށް ތާއިދުކޮށް، އެފަދަ ކަމަކީ ހިތާމަހުރި ކަމެއްކަމަށް ވެސް ކޮމެންޓް ކޮށްފައި ވެއެވެ.

ނަމަވެސް ބައެއް މީހުން ސުވާލު އުފައްދަނީ މޭޔަރަށް އެހެން ކައުންސިލް މެމްބަރުންނެކޭ އެއްގޮތަށް ވޯޓުގައި ބައިވެރިވެވޭ ނަމަ، ވޯޓު އެއްވަރުވާ ހާލަތެއްގައި ދެވަނަ ވޯޓެއް ރިޔާސަތުގެ ހައިސިއްޔަރުން މޭޔަރަށް ދެވިދާނެ ތޯ ނުވަތަ ނޫން ތޯއެވެ؟ ނުވަތަ “ޓައި ބްރޭކް” ކުރަން މޭޔަރު ވޯޓު ދޭނީ ކިހާ ހިސާބަކުން ތޯއެވެ؟

އެއަށް ޖަވާބުދެއް ދެމުން އެހެން މީހަކު ބުނެފައިވަނީ ކޮންމެ ފަހަރަކު މޭޔަރު ޓައި ބްރޭކް ކުރަން ނުޖެހޭ ކަމަށެވެ. އިތުރަށް މަޝްވަރާކޮށްގެން ގޮތެއް ހޯދިދާނެކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލް – 4 ވަނަ ދައުރު

ސައްފާޙު މިއަށް ޖަވާބު ދެމުން ބުނެފައިވަނީ މޭޔަރު 2 ފަހަަރު ވޯޓުލާކަށް ނުޖެހޭ ކަމަށެވެ. އެފަދަ ކަންކަންކަމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ކައުންސިލްތަކުގައި އެކިގޮތަށް އަމަލުކުރާ އުސޫލެއް ކަމަށެވެ. ވޯޓު އެއްވަރުވެއްޖެނަމަ މޭޔަރު/ރިޔާސަތުގެ ވޯޓުން ގޮތެއް ނިންމާގޮތަށް ވެސް ބައެއް ކައުންސިލްތަކުން އަމަލުކުރާ ކަަމށެވެ. އެގޮތަށް އުސޫލު އޮވެއްޖެނަމަ ފުރަތަމަ ވޯޓުލާއިރު ރިޔާސަތުގައި ހުންނަ މީހަކަށް ވޯޓުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ހުރިހާ ކައުންސިލްތަކުގައި އޮންނަނީ އެހެންނެއް ނޫން ކަމަށާއި މޭޔަރަށް ކައުންސިލްގެ އެހެން މެންބަރުންނެކޭ އެއްފަދައިން ވޯޓުތަކުގައި ބައިވެރިވެވޭ ގޮތަށް ވެސް ހުންނަ ކަމަށް ސައްފާހު ފާހަގަކޮށްފައި ވެއެވެ.

މިހުރިހާ ކަމެއް ބިނާވެފައިވަނީ މޭޔަރަށް ގާނޫނީގޮތުން ދެވިފައިވާ ބާރުތަކާއި، އިޚުތިޔާރުތަކާއި އެ ސިޓީ ކައުންސިލެއްގެ ހިންގުމުގެ ވައްޓަފާޅިއަށް ކަމަށާއި، މިހާރު ރާއްޖޭގައި އަމަލުކުރެވެމުންދާ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމުގައި ބާރުއަޅަނީ ބާރުގަދަ މޭޔަރެއް ހުރުމަށް ކަމަށް ސައްފާހުގެ ކޮމެންޓުގައި ވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ކައުންސިލް ތަކުގައި މޭޔަރުގެ ވޯޓުގައި އަމަލުކުރާ ގޮތް ބިނާ ވެފައި އޮންނަނީ ގާނޫނީ ގޮތުން އެކަން ކަނޑައެޅިފައި އޮންނަ ގޮތަކަށެވެ. ރާއްޖޭގެ ލާމަރުކަޒީ އުސޫލުގައި އެކަން ތަފުސީލު ކުރެވިފައެއް ނެތެވެ. އެކަމާއި ގުޅޭ އުސޫލު ހެދުމުގެ ބާރު ދީފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ. ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މޭޔަރު އިންތިޚާބުކުރާ ގޮތަށް ބަދަލުވި ފަހުން އެލްޖީއޭއިން އައު އުސޫލެއް ހަދާފައި އާއްމުކުރިކަން އެނގޭކަށް ނެތެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލް މެމްބަރުން

މޭޔަރަށް ވޯޓު ލެވޭނެ ކަމަށް ބުނެފައި ވަނީ އެންމެފަހުން ހެދި “ސަންސެޓް” ގާނޫނަށް ހެދި އުސޫލެއްގައެވެ. އެހާލަތު މިހާރު ނެތުމުން އެއުސޫލު މިހާރުވަނީ ބާތިލު ވެފައެވެ. ނަމަވެސް އެލްޖީއޭގެ އައު އުސޫލެއް އަދި ނުފެނެއެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ކޮމެޓްތަކަށް ބަލާލުމުން ފުވައްމުލައް ސިޓީގެ ގިނަ ބަޔަކު އެގޮތް (އައްމު ކައުންސިލް މެމްބަރެކޭ އެއްގޮތަށް މޭޔަރަށް ވޯޓް ލެވޭގޮތަށް) ރަނގަޅުކަން ހާމަވެއެވެ.

އެމެރިކާގައި ލޯކަލް ކައުންސިލްތައް “މޭޔާ-ކައުންސިލް ފޯމް” އަދި “ކައުންސިލް މެނޭޖާ ފޯމް” އަށް ބަހާފައި ވެއެވެ. އެއިގެ ތެރެއިން މޭޔާ-ކައުންސިލް ފޯމްގައި އެކި ދަރަޖައަށް ބެހިފައިވާ ކައުންސިލްތައް ހުރެއެވެ. އޭގެތެރޭގައި “ސެކަންޑް ކްލާސް ސީޓީ” އާއި “ޓައުން” އަދި “ކޯޑް ސިޓީ” ހިމެނެއެވެ. ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި އެންމެ ވައްތަރީ “މެނޭޖާ-ކައުންސިލް ފޯމް” ގެ ސިޓީ ކައުންސިލެވެ. އެ އުސޫލުގެ ދަށުން އެހެން ކައުންސިލް މެމްބަރުނެކޭ އެއްގޮތަށް މޭޔަރަށް ވޯޓް ދޭގޮތަށް އޮންނަ ކަމަށް “މޭޔަރ އެންޑް ކައުނސިލް މެމްބާސް ހޭންޑް ބުކު”ގައި ބަޔާންކޮށްފައި ވެއެވެ. އަދި އެއްވެސް ހުށެހެޅުމެއް ވީޓޯ ކުރުމުގެ ބާރެއް ނޯވެއެވެ. އަދި މޭޔަރަށް ދެވަނަ ވޯޓެއް ނުދެވެއެވެ.

އޮސްޓްރޭލިޔާގެ ވިކްޓޯރިއާ ސްޓޭޓްގެ ލޯކަލް ގަވަމެންޓް އުސޫލުގައި ވާގޮތުން މޭޔަރަށް އާއްމު ކައުންސިލް މެމްބަރެއްގެ ގޮތުން ވޯޓުލެވިފައި އަދި ވޯޓް އެއްވަރުވެއްޖެ ނަމަ ދެވަނަ ވޯޓެއް ލުމުގެ ބާރު ވެސް މޭޔަރަށް ލިބިދެއެވެ.

ނަމަވެސް އޮސްޓްރޭލިޔާގެ ބައެއް އެހެން ސްޓޭތްތަކުގައި ބައެއް ކަންކަމުގައި ވޯޓު އެއްވަރުވިޔަސް އިތުރު ވޯޓެއް ނުލައެވެ. އެއްވަރުވުން މަނާކުރަނީ މެޖޯރިޓީ ނުލިބުނީ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު ހުށަހެޅުނު ތަރާއްގީގެ ޕްރޮޖެކްޓެއްގެ މައްސަލައެއްގެ ވޯޓު އެއްވަރުވެ ފެއްލިް ވީކަމަސް ނިންމުމުން އެމައްސަލަ ކަމާއިބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ވެސް ނިމިފައިވަނީ އެހުށަހެޅުން ފާސްވާން ބޭނުވާ މެޖޯރިޓީ، %50 އަށް ވުރެ ގިނައިން ވޯޓު ނުލިބުމުން ފެއިލްވިކަމަށެވެ. އަދި ހަމައެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެމުމުން ވެސް ޓްރައިބިއުނަލްގެ ނިންމުމަށް ވަނީ ތާއިދުކޮށަފައެވެ.

ރާއްޖެއިން އަދި ކިރިޔާ ލޯކަލް ގަވަމެންޓް އުސޫލުތައް ދަސްކުރަނީއެވެ. ނޫނުތަކުގައި ފުރިހަމަ ނޫންކަންކަން އެބަހުއްޓެވެ. އަދި ހުރިހާކަމަކަށް އުސޫލުތައް ހެދި ފައެއްވެސް ނެތެވެ. ނަމަވެސް ކައުންސިލް މެމްބަރުންނައި އާއްމުން ވެސް މިފަދަކަންކަމަށް އަހުލުވެރިވެ އެންމެ ފައިދާހުރި ގޮތެއް ޚިޔާރުކުރ ން ވިސްނަން ވީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !