A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށްއައި ބަދަލުތަކަށް އަވަސް ކަޅިއެއް (ދެވަނަ ބައި)

ޝަރުއީ ނިޒާމު އިސްލާހުކުރުން

އަލް އަމީރު މުހައްމަދު އަމީން ވަޒީރުލް އައުޒަމގެ މަގާމަށްް އިސްވެ މާގިނަ ދުވަހެއް ނުވެ މަހުކަމުތުއް ޝަރިއްޔާ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. މިމަސައްކަތުގެ އިސްވެރިއަކަށް އައްޔަންކުރީ ވަޒީރުލް އައުޒަމް މުހައްމަދު އަމީނެވެ. ވަރަށް ބާރަށް މަސައްކަށް ހިގައިގަނެ އެމަހުކަމާގެ ގަވާއިދުތައް އެކުލަވާލާ މަގާމުތަކަށް މީހުން އައްޔަންކުރެވުނެވެ. މަހުކަމަތުއް ޝަރިއްޔާގެ ވެރިއަކަށް އިސްކުރެވުނީ މުހައްމަދު ނަސީރު މަނިކެވެ. އިސްނާއިބަކަށް އައްޝައިޚް އިބްރާހިމް ރުޝްދީ އަލް އަޒުހަރީ އައްޔަން ކުރެވުނުއިރު ބޮޑު ނާއިބަކަށް އައްޔަން ކުރެވުނީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި މަލިން މުހައްމަދު ދީދީ އާއި އަބްދުލް ގައްޔޫމެވެ. ކުޑަ ނާއިބުންނަށް މަލިންގޭ މެދު ސީދީ އާއި ބޮޑުގަލު ތުއްތު މަނިކު އައްޔަންކުރެވުނެވެ.

އާ އިސްލާހުތަކުގެ ތެރޭގައި ކާތިބުންނާއި ޕިޔޯންވެސް ބަދަލުކުރެވުނެވެ. އަދި ނާއިބު ބޭކަލުން ޝަރީއަތް ކުރައްވާއިރު ތުރުކުރައްވާނޭ ހެދުންކޮޅެއްގެ ގޮތުގައި ނޫކުލައިގެ އަބާކޮޅެއް ޚާއްސަކުރެއްވިއެވެ.

މަހުކަމުއް ޝަރިއްޔާ ނުވަތަ ފަޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވުނީ އަލްއަމީރު މުހައްމަދު އަމީން އިސްވެ ހުންނައި އުފައްދަވާފައިވާ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި މުހައްމަދު އަމީންގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު ކާމިލް ދީދީ އާއި މުހައްމަދު ނަސީރު މަނިކު ހިމެނެއެވެ. މިކޮމިޓީގެ މަސައްކަތް ނިންމާ މަހުކަމުއް ޝަރިއްޔާ އަލުން ހުޅުވުނީ ހިޖުރީ ސަނަތުން 1370 ވަނަ އަހަރު ރަމަޟާން މަހު އެއްވަނަ ދުވަހުގައެވެ. މީލާދީ ސަނަތުން 1951 ވަނަ އަހަރު ޖޫން މަހު ކުރީކޮޅުގައެވެ.

އަލް އަމީރު މުހައްމަދު އަމީން ޝަރުއީ ނިޒާމަށް ގެންނެވި އިސްލާހުތަކުގެ ތެރޭގައި ވަކީލުން އިމްތިހާނުކުރެއްވުން ހިމެނެއެވެ. އެގޮތުން، 1370 ވަނަ އަހަރު ރަމަޟާންމަހު 4 ވަނަ ދުވަހު ނާދީ ތަމައްދުނުގައި ވަކީލުންގެ އިމްތިހާނު ނުވަތަ ޓެސްޓް އޮތެވެ. މި އިމްތިހާނުގައި 20 ބޭފުޅުން ބައިވެރިވި ނަމަވެސް ފާސްވީ އެންމެ 6 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރެއިން ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު އަމީން އާއި އިބްރާހިމް ޝިހާބު އެއްވަނަ ދަރަޖައިން ފާސްވިއެވެ. ބާކީ ތިއްބެވި އަހުމަދު ކާމިލް ދީދީ އާއި މުހައްމަދު ލުތުފީ އާއި ބުޗާ ހަސަން ކަލޭގެފާނާއި ނތ ހަސަން ދީދީ ފާސްވެވަޑައިގަތީ ދެވަނަ ދަރަޖައިގައެވެ. މިބޭފުޅުން ވަކީލު ރަމަޟާންމަހު 10 ވަނަ ދުވަހު ވަކީލުކަމުގެ އިގުރާރުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެދުން

ރާއްޖޭގެ ސިޔާސީ ޖައްވުން އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ މުތަގައްދިމު ޕާޓީ އުފެދުނީ ހިޖުރީ ސަނަތުން 1370 ޒުލްހިއްޖާ މަހު 21 ވަނަ ދުވަހުގައެވެ. ނަމަވެސް އެޕާޓީ އިފުތިތާހުކުރެވުނީ 1371 ވަނަ އަހަރު މުހައްރަމް މަހު 7 ވަނަ ދުވަހުގައެވެ. އެއީ މީލާދީ ސަނަތުން 1951 ވަނަ އަހަރު އޮކްޓޫބަރު މަހު 8 އެވެ. މިޕާޓީ އިފުތިތާހުކުރުން އޮތީ ހެންވޭރު ބޯޅަކުޅޭ ވިނަގަނޑުގައެވެ. ޕާޓީގެ ރައީސަކީ ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު އަމީނެވެ. އިސް ނާއިބު ރައީސަކީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީއެވެ. ދެވަނަ ނާއިބު ރައީސަކީ އަހުމަދު ހިލްމީ ދީދީއެވެ. ސެކްރެޓަރީންނަކީ ހަސަން އަލީ ދީދީ އާއި އިބްރާހިމް ޝިހާބެވެ.

ރަސްކަމުގެ ތަޚުތު ހުސްވުން

މީލާދީ ސަނަތުން 1952 ވަނަ އަހަރު ފެބުރުއަރީ 21 ވީ ބުރާސްފަތި ދުވަސް، ހިޖުރީ ސަނަތުން 1371 ވަނައަހަރު ޖުމާދަލްއައްވަލް މަހު 24 ވަނަ ދުވަހު ރާއްޖޭގެ ރަސްކަމުގެ ތަޚުތައް އިސްކުރެވިފައިވާ ރަދުން ސުއްމުއްވުލް އަމީރު ހާއްޖަ އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވި ޚަބަރު ރާއްޖެއަށް ލިބުނެވެ. އަބްދުލް މަޖީދު ރަންނަބޭރި ކިލެގެފާނު އޭރުވެސް ހުންނެވީ ކޮޅުބުގައެވެ. ރަސްކަމުގެ ތަޚުތައް އިސްކުރެވުނުފަހުން ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. މިހިތާމަވެރި ޚަބަރު ލިބުނީ އެދުވަހު ހަވީރު 5.20 ގައި ވަޔަރުލެހުގެ ޒަރީއާއިންނެވެ. އެކަމުގެ ހިތާމައިގައި އާދީއްތަ ދުވަހާއި ހަމައަށް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ހަމަޖެހުނެވެ. ސުއްމުވުލް އަމީރު ހާއްޖަ އަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު ފަސްދާނުލެވުނީ ސިލޯނުގެ “މާލީގަވައްޗޭ” ގަބުރުސްތާނުގައެވެ.

ރާއްޖޭގެ ތަސްކަމުގެ ތަޚުތައް އިސްކުރެވުނު ސުއްމުވުލް އަމީރު ހާއްޖަ އަބްދުލަ މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވުމާއިއެކު ރާއްޖޭގެ ރަސްކަމުގެ ތަޚުތު ހުސްވިއެވެ. އޭރު ސިޔާސީ ދާއިރާގެ އެންމެ ނުފޫޒުގަދަ ބޭފުޅަކީ ވަޒީލް އައުޒަމް އަލްއަމީރު މުހައްމަދު އަމީނެވެ. އަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުހައްމަދު ފަރީދު ވަލީ ކޮމިޓީއިން ވަކިކުރެވި ގޭގައި ބަންދުކުރެވުނު ހާދިސާގެފަހުން އަލްއަމީރު މުހައްމަދު ފަރީދުގެ ސިޔާސީ ބާރުވަނީ މުޅިންކެނޑިފައެވެ. އެހެންކަމުން، އަލްއަމީރު މުހައްމަދު އަމީން އިސްވެހުންނަވައި އުފެއްދި ރައްޔިތުންގެ މުތަގައްދިމު ޕާޓީ އަކީ ސިޔާސީ ކަންކަމުގައި އެންމެ ބުރަދަންބޮޑު ނިންމުންނިންމާ ޕާޓީއެވެ. މިޕާޓީގެ ޖަލްސާއެއް 1371 ވަނަ އަހަރު ރަޖަބު މަހު 16 ވަނަ ދުވަހު ނުވަތަ މީލާދީ ސަނަތުން 1952 ވަނަ އަހަރު އެޕްރީލް މަހު 11 ހިސާބުގައި ބޭއްވުނެވެ. ނާދީ ތަމައްދުނުގައި ބޭއްވުނު މިޚާއްސާ ޖަލްސާގައި “ދިވެހިރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ ގޮތާއިމެދު އަޅުގަނޑުގެ ޚިޔާލު” މިނަމުގައި ވާހަކަދެއްކުން އޮތެވެ.

ޖަލްސާ ފެށުނީ އެރޭ 8.30 ގައެވެ. ދުވަހާއިގުޅޭ ހިތާމަފާޅުކުރުމަށް ފަހު ފާތިހާ ކިޔަވައި ނިމިގެން އެންމެ ފުރަތަމަ މައުލޫއާއިގެން ވާހަކަފުޅު ދެއްކެވީ އުއްތަމަ ފަޑިޔާރު ފަލީލަތުއްޝައިޚް އަބްދުﷲ ޖަލާލުއްދީނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމުގެ ވަލީ ހަވާލުކުރަންވާނީ އެގައުމެއްގެ އުފެދިފައިހުރި އެންމެ ވިސްނުންތޫނު އެންމެ ތަޖުރިބާކާރު ބޭފުޅަކަށެވެ. އެގޮތުން، އަލްއަމީރު މުހައްމަދު އަމީންނޫން ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވިދާޅުވީ އެމަނިކުފާނު އޮތުމަށް ފެންނަނީ ރަސްކަމެއްކަމުގައެވެ. މިމޭރުމުން ވަރަށް ދިގުކޮށް ޖަލާލުއްދީން ވާހަކަފުޅު ދެއްކެވިއެވެ.

ޖަލާލުއްދީންގެ ވާހަކަފުޅަށްފަހު ވާހަކަ ދެއްކެވީ އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އެމަނިކުފާނުވެސް ޖަލާލުއްދީންގެ ވާހަކަކޮޅަށް ތާއީދުކުރެއްވިއެވެ. އަދި އެޒަމާނަކީ އެޓަމްގެ ޒަމާނުކަމަށާއި އެޒަމާނަށް އެންމެ ބޭނުންވަނީ އެންމެ ހަރަކާތްތެރިޔާކަމަށާއި ދުނިޔޭގެ ތަޖުރިބާކާރަކަށް ނޫނީ ރަސްކަންނުކުރެއްވޭނެކަމަށް ވިދާޅުވެ ވިދާޅުވީ މުހައްމަދު އަމީން ފިޔަވައި އެހެން ފަރާތެއް ދިވެހި ތަޚުތައް އިސްކުރަން ހައްގުވެގެންވާ ދަރިއަކު ނެތްކަމަަށެވެ.

އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް ފަހު ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު އަމީން ވާހަކަފުޅު ދެއްކެވިއެވެ. މުހައްމަދު އަމީންގެ ވާހަކަފުޅުގައި ރައްޔިތުންގެ ހައްގުގައި ރަސްކަމުގެ ތަޚުތައް އެމަނިކުފާނު އިސްވުން ރަގަޅުނޫންކަމަށް ހެކިދައްކަވާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހޯއްދެވުމަށާއި ދިވެހި ވިޔަފާރިތައް ދަމަހައްދަން ރާއްޖެއިން ބޭރަށް ދަތުރުކުރައްވަން ޖެހޭކަމަށާއި، އެމަނިކުފާނު ރަސްކަމުގެ ތަޚުތައް އިސްވެއެފަދަ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކުރެވޭ ނަމަ ދިވެހިންނަށް ނުލާހިކު ބޮޑެތި ގެއްލުން ވެދާނެކަމަށް ހެކިދައްކަވަމުން ގެންދެވިއެވެ. އެރޭގެ ޖަލްސާ ނިމުނީ ވަކި ގޮތެއްނުނިމިއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !