ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށްއައި ބަދަލުތަކަށް އަވަސް ކަޅިއެއް

Share on facebook
Share on twitter
Share on google

ގައުމު ހިންގުމުގެ ނިޒާމީ ބަހުސަކީ އިއްޔެއަކު މިއަދަކު އުފަންވި ބަހުސެއްނޫނެވެ. ނިޒާމީ ބަހުސަކީ އެވާހަކަ ދައްކާ ކޮޅުންނުލާހާ ދިގު ތާރީޚެއް އޮތްކަމެކެވެ. އެގޮތުން، މިކުޑަ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށްވެސް ވަނީ ގިނަ ގުނަ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. އަދި ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް އަނެއްކާވެސް ބަދަލުވެގެންދިޔައެވެ. އެއަށްފަހު ދެވަނަ ޖުމްހޫރިއްޔަތެއް އުފަންވިއެވެ. ދެވަނަ ޖުމްހޫރިއްޔަތަށް މިހާރު 53 އަހަރުވެފައިވީ ނަމަވެސް، ވެރިކަން ހިންގާ ނިޒާމުގެ ބަހުސް ކުރިއަށް ދެއެވެ.

މިރާއްޖެއަށް އެންމެ ރަގަޅުވާނީ ބަރުލަމާނީ ނިޒާމެއް ނޫނީ ބަރުލަމާނުން ގައުމު ހިންގުމުގެ ނިޒާމެއްކަމަށް ކުރެވޭ ބަހުސް އަނެއްކާވެސް މިވަނީ ގަދަވެފައެވެ. މިބަހުސް ކުރިއަށްދާއިރު މިދެންނެވި ބަރުލަމާނީ ނިޒާމުވެސް ވަނީ މިރާއްޖޭގައި ޓެސްޓްކޮށްފައެވެ. އެގޮތުން، މުހައްމަދު އަމީން ރައީސް ކަމަށް އައުމުގެ ކުރިން ވަޒީރުލް އައުޒަމް ނުވަތަ ބޮޑު ވަޒީރުގެ ގޮތުގައި އައްޔަންވިއެވެ. މުހައްމަދު އަމީނުގެ ކުރިއަށް ޖެހިލާއިރުވެސް ބޮޑު ވަޒީރުގެ ބެލުމުގެ ދަށުން ސަރުކާރު ހިންގުމުގެ އުސޫލު ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، ގިނަ ފަހަރުތަކުގައި ބޮޑު ވަޒީރު އައްޔަންކުރުމަށް ސީދާގޮތުންވެސް ނުވަތަ ނުސީދާ ގޮތުންވެސް ރައްޔިތުންގެ ބަހެއް ނޯވެއެވެ. އެހެންކަމުން މިޖީލުގެ ދިވެހިންނަށް ފާއިތުވީ ބައި ގަރުނުގައި ދައުލަތާއި ސަރުކާރުގެ ވެރިން އައްޔަން ވެގެން ދިޔަ ގޮތް އެގުމަކީ މުހިންމުކަމެކެވެ.

 

ވަޒީރުލް އައުޒަމެއް ހޮވަން އާންމު ވޯޓަކަށް ދިއުން

ދެވަނަ ބޮޑު ހަގުރާމަ ނިމުނު ނަމަވެސް ދިވެހިރާއްޖޭގައި ވެރިއަކު ނެތެވެ. ރަސްކަމަށް ކުރިން ބޮޑު ވަޒީރުކަމާއި ބޮޑު ވަޒީރުގެ ނާއިބުކަން ކުރެއްވި އަލްއަމީރު އަބްދުލް މަޖީދު ރަންނަބަޑޭރިކިލެގެފާނު އައްޔަނު ކުރެވުނު ނަމަވެސް އެކިލެގެފާނު ރާއްޖެއަށް ވަޑައެއްނުގަތެވެ. އެކިލެފާނުގެ ދެދަރިންގެ ތެރެއިން ސަރުކާރު ހިންގުމުގެ އެންމެ ނުފޫޒުގަދަ ދަރިކަލުން އަލްއަމީރު ހަސަން ފަރީދުދީދީ ދެވަނަ ބޮޑު ހަގުރާމަ ނިމުމުގެ ކުރިން ގެއްލިވަޑައިގެންފިއެވެ. އެއަށްފަހު އޭރު ގައުމު ހިންގަމުން އައި ވަލީ ކޮމިޓީއިން ގައުމުގެ ހިންގުމުގެ އެންމެ ނުފޫޒުގަދަ ވުޒާރާތައް އަމީން ދީދީގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަލް އަމީރު ހަސަން ފަރީދު ދީދީއަށް ފަހު އެންމެ ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ސަރުކާރު ހިންގަމުން ގެންދިޔައީ އަލްއަމީރު މުހައްމަދު އަމީން ދީދީއެވެ.

ދިވެހި ދައުލަތް ހިންގާނެ ވެރިއަކު ނެތި ގިނަ ދުވަސްތަކެއްވުމަށްފަހު 1950 ވަނަ އަހަރު އޮކްޓޫބަރު މަސްތެރޭ، ހިޖުރީ ސަނަތުން 1370 ވަނަ އަހަރު މުހައްރަމް މަހު 11 ވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާގައި ދެވަނަ ފަހަރަށް ސަރުކާރު ހިންގުމާއި ހަވާލުވުމަށް އަލް އަމީރު މުހައްމަދު އަމީނުގެ އަރިހުން އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮޅުމަޑުލު މެންބަރު އިބްރާހިމް ޝިހާބު ހުށަހެޅުއްވިއެވެ، މިހުށަހެޅުމަށް ތާއީދު ލިބި ގިނަ މެންބަރުންތަކެއް އެގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް، އެޖަލްސާ އަށް ހާޒިރުވެ ހުންނެވި މެންބަރު އަލްއަމީރު މުހައްމަދު އަމީން އެކަމަށް ދެކޮޅު ހައްދަވާ ވަގުތީ ގޮތުން ހަވާލުވުމަށް އެއްބަސްވެލެއްވިއެވެ. އެޖަލްސާގައި މުހައްމަދު އަމީން ހުށަހެޅުއްވި ހުށަހެޅުއްމަކީ ވަޒީރުލް އައުޒަމެއް ހޮވުމަށް އާންމު ރައްޔިތުންގެ ވޯޓަކަށް ދިއުމަށާއި އެފަދަ ވޯޓަކުން އެމަނިކުފާނު ހޮއްވަވައިފިނަމަ އެކަމަށް އެއްބަސްވެލައްވާނެ ކަމަށެވެ. އެދުވަހުގެ މަޖިލިސް ނިންމާލީ މުހައްމަދު އަމީން ހުށަހެޅުމާއި އެއްގޮތަށް އާންމު އިންތިޚާބަކަށް ދިއުމަށާއި ވަގުތީ ވެރިއެއްގެ ގޮތުގައި މުހައްމަދު އަމީން އައްޔަންކޮށް އަދި މުހައްމަދު އަމީން ދީދީ ކޮޅުބަށް ދަތުރުކުރައްވަން ހަމަޖެހިފައިވާތީވެ އެދަތުރުފުޅު ފުރިހަމަކޮށް ނިމެންދެން އެމަސްއޫލިއްޔަތު އިބްރާހިމް ފާމްލަދޭރިކިލެގެފާނާއި ހަވާލުކުރުމަށްފަހުގައެވެ.

 

ދިވެހި ރައްޔިތުން ވަޒީރުލް އައުޒަމް އަޔަންކުރުން

އާންމު ރައްޔިތުންގެ ވޯޓަކުން އައްޔަންކުރެވުނު އެންމެ ފުރަތަމަ އެއް ބޮޑު ވަޒީރަކީ ނުވަތަ ވަޒީރުލް އައުޒަމަށް އަލްއަމީރު މުހައްމަދު އަމީން ދީދީއެވެ. ހިޖުރީ ސަނަތުން 1370 ވަނަ އަހަރު ރަބީއުލް އައްވަލް މަހުގެ 2 ވަނަ ދުވަސް ނުވަތަ 12 ޑިސެމްބަރު 1950 ވަނަ ދުވަހަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އައި ތާރީޚީ ދިވަހެކެވެ. އެދުވަހު ނާދީގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވަޒީރުލް އައުޒަމެއް ހޮވުނެވެ. ވަޒީރުލް އައުޒަމަކަށް ހޮވިވަޑައިގަތީ އޭރުވެސް ގައުމު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ވަޒީރުލް ދާޚިލިއްޔާ (ހޯމް މިނިސްޓަރު) އަލް އަމީރު މުހައްމަދު އަމީނެވެ. އަލްއަމީރު މުހައްމަދު އަމީން ވަޒީރުލް އައުޒަމަކީ ހޮވިވަޑައިގަތީ އެމަގާމަށް މީހަކު ހޮވުމަށް ނެގުނު އާންމު ވޯޓުން އެންމެ ގިނަ ވޯޓު ލިބުނު އަލްއަމީރު މުހައްމަދު އަމީންގެ ނަންފުޅު އެދުވަހުގެ ޖަލްސާގައި އަލްއަމީރު އިބްރާހިމް ފާމްލަދޭރިކިލެގެފާނު ހުށަހެޅުއްވުމުން އެޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ. އާންމު ރައްޔިތުންގެ ވޯޓުން އަލްއަމީރު މުހައްމަދު އަމީނަށް ލިބިވަޑައިގެންނެވި ވޯޓުގެ ނަތީޖާއަކީ؛

އަލްއަމީރު މުހައްމަދު އަމީން، 12480 ވޯޓު،

އަލްއަމީރު މުހައްމަދު ފާށަނީ ކިލެގެފާނު، 366 ވޯޓު،

އައްނަބީލު އިބްރާހިމް ފަރީދުދީދީ 74 ވޯޓު،

އަލްފާޟިލް އަހުމަދު ކާމިލް ދީދީ، 31 ވޯޓެވެ.

އަލް އަމީރު މުހައްމަދު އަމީން ދީދީގެ ވަޒީރުލް އައުޒަމްގެ މަގާމަށް އައްޔަންކުރިއިރު ހުންނެވީ ކޮޅުބުގައެވެ. އެމަނިކުފާނު ކޮޅުބުން އެބުރިވަޑައިގަތީ ރަބީއުލް އައްވަލް މަހު 10 ދުވަހުގައެވެ. ޖެހިގެން އައިދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސްގެ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ރާއްޖޭގެ ވަޒީރުލް އައުޒަމްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް އެއްބަސްވެވަޑައިގަތެވެ. އަދި އެދުވަހު އިންޑިއާ ކޮމާންޑަރަކަށް އުޅުނު ގިލް ނަމަކަށް ކިޔާ އިންޑިއާ މީހަކާއިއެކު ގިލް އަމީން އެންޑް ކޮމްޕެނީ އުފައްދަވަން ނިންމެވި ވާހަކައާއި އެކުންފުނިން 850 ޓަނުގެ އާގުބޯޓެއް ބައްލަވައިގަތުމަށް ގަސްދުކުރައްވާ ވާހަކަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.

އަލްއަމީރު މުހައްމަދު އަމީންގެ ވަޒީރުލް އައުޒަމްގެ މަގާމަށް 5 ދުވަސްނުވަނީސް އޭރުގެ ރަދުން އަލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ ދަރިކަލުން ފަހުން ރަސްކަން ކުރެއްވި އަލްއަމީރު މުހައްމަދު ފަރީދުގެ އަލްއަމީރު މުހައްމަދު އަމީނާއި ދެކޮޅަށް ދެއްކެވި ސިޔާސީ ވާހަކަފުޅުތަކެއް ފެންމަތިވެ އެމައްސަލާގައި އަލްއަމީރު މުހައްމަދު ފަރީދު ކުށްވެރިވެ ވަލީ ކޮމިޓީއިން ވަކިކުރެވި ގޭގައި ބަންދުކުރެވުނެވެ.

 

ދައުލަތުގެ ވެރިން އައްޔަންކުރުމަށް ކުރުމުގައި ވަޒީރުލް އައުޒަމާއި މަޝްވަރާކުރާގޮތަށް ހަމަޖެއްސުން

އަލްއަމީރު މުހައްމަދު އަމީން އައުވަޒީރުލް އައުޒަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތުމާއިއެކު އެންމެ އިސްކަމެއް ދެއްވީ ގައުމު ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. އެގޮތުން، ވެރިކަމަށް 5 ވަރަކަށް މަސްދުވަސްފަހުން 1951 ވަނަ އަހަރު މެއީ މަސްތެރޭ ހިޖުރީ ސަނަތުން 1370 ވަނަ އަހަރު ޝައުބާން މަހު 24 ވަނަ ދުވަހު ސަރުކާރު ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް އޭރުގެ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނެވުނެވެ. ކުރިން ކީރިތި މަހާރަދުންނަށް ބަދަލުކޮށްފައިވާ ގިނަ ބާރުތަކެއް ވަޒީރުލް އައުޒަމަށް އަބުރާ ރައްދުކުރެވުނެވެ. އެއިސްލާހުތަކުގެ ތެރޭގައި؛

  • ދައުލަތުގެ މަތިމަގާމުތަކަށް ވެރިން އައްޔަންކުރުމުގައި ވަޒީރުލް އައުޒަމުގެ މަޝްވަރާ ކީރިތި މަހާރަދުން ބޭނުންކުރައްވާ ގޮތަށް ބަދަލުކުރެއްވުން،
  • ގައުމީ ދިފާއީ ބާރުގެ ވަލީ ނުވަތަ ވެރިކަން ކީރިތި މަހާރަދުންނަށް އޮތްނަމަވެސް، ގައުމީ ދިފާއީ ބާރުގެ ހަގުބެއިކަލުންނާއި ސިފައިންގެ ވެރީން އައްޔަންކުރުމާއި ވަކިކުރުން ރަދުން ކުރައްވަންވާނީ ވަޒީރުލް އައުޒަމާއި ވަޒީރުލް އަމަން އާންމު (ޑިފެންސް މިނިސްޓަރު) ގެ ލަފާގެ މަތިން،
  • ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން އަތޮޅުތަކާއި އަވަށްތައް ތަމްސީލުކުރާ މެންބަރުން ސީދާ އެއަތޮޅަކާއި އެއަވަށެއްގެ ރައްޔިތުން އިންތިޚާބުކުރާ ގޮތަށް ބަދަލުކުރުން
  • ދައުލަތުގެ އެންމެހާ ކަންތައްތައް ހިންގުމުގެ ބާރު (އެގްޒެކްޓިވް ޕަވާ) ވަޒީރުލް އައުޒަމާއި ހަވާލުކުރުން،
  • ކޮންމެ 5 އަހަރުން ރައްޔިތރުންގެ މަޖިލީހުގެ ލަފާގެ މަތިން ވަޒީރުލް އައުޒަމެއް އިންތިޚާބުކުރުން
  • ވަޒީރުން އައްޔަންކުރުމުގެ ކަންތައްތައް ރަދުންގެ ލަފާގެ މަތިން ވަޒީރުލް އައުޒަމް ކުރިއަށް ގެންދިއުން

މީގެ އިތުރުންވެސް ގިނަ އިސްލާހުތަކެއް އެދުވަހުގެ ޖަލްސާގައި ފާސްކުރެވުނެވެ. މިބަދަލުތަކާއިއެކު މިޒަމާނުގެ ބަރުލަމާނީ ނިޒާމުގެ ބައެއް ބާރުތައް ވަޒީރުލް އައުޒަމް ނުވަތަ ބޮޑު ވަޒީރަށް ލިބިގެންދިޔައެވެ. ނަމަވެސް މިޒަމާނުގެ ބަރުލަމާނީ ނިޒާމާއި ޚިލާފަށް ބޮޑު ވަޒީރަކު އައްޔަންކުރުން އޭރުވެސް އޮތީ އާންމު ރައްޔިތުންގެ ބަސް ބުނެވޭ ގޮތަށެވެ.

(ނުނިމޭ)

5.0/5.0 Article rating
6 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments