A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށްއައި ބަދަލުތަކަށް އަވަސް ކަޅިއެއް (ތިންވަނަ ބައި)

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އާންމު ވޯޓަކަށް ދިއުން

ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތު ހުސްވުމަށްފަހު ރަސްކަން ހުސްވުމާއި ވިދިގެން އޭރުގެ ސިޔާސީ އެންމެ ބާރުގަދަ ފަރާތްކަމަށްވާ އަލް މުތަގައްދިމު ޕާޓީއިން ރާއްޖޭގައި ވެރިކަން ހަމަޖައްސާނޭ ގޮތަކާއި ގުޅޭގޮތުން ބޭއްވި ޖަލްސާއިން ވަކިގޮތެއް ނުނިމި ނިމިގެން ދިއައެވެ. މައިގަނޑު ސަބަބެއްކަމަށް ވެފައިވަނީ ދިވެހިރާއްޖޭގައި ރަސްކަމެއް ކުރަމުން އައިސްފައިވާތީ ރަސްކަމެއްނޫން އެހެން ވެރިކަމަކަށް އަހުލުވެރިވެފައި ނެތުމާއި، އެޕާޓީއިން ރަސްކަމަށް އައްޔަންކުރަން ބޭނުންވާ އަލްއަމީރު މުހައްމަދު އަމީން ރަސްކަމަށް އިސްވާން ބޭނުންނުވުމެވެ. ނާދީ ތަމައްދުނުގައި ހިޖުރީ ސަނަތުން 1371 އަހަރު ރަޖަބު މަހު 16 ވަނަ ދުވަހު ބޭއްވި ޖަލްސާއިން ވަކި ގޮތެއް ނިމުނު ނަމަވެސް ޖެހިގެން އައި ދެދުވަހުވެސް ގިނަ ފަރާތްތަކަކުން އޭރުގެ ވަޒީރުލް އައުޒަމު މުހައްމަދު އަމީނާއި ދިޔައީ ބައްދަލުކުރަމުންނެވެ. އެބައްދަލުވުންތަކުގައި އަލްއަމީރު މުހައްމަދު އަމީން ގެންދެވީ އެބޭބޭފުޅުންގެ ޚިޔާލު ހޯއްދަވަމުންނެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ އޭރުގެ ރައްޔިތުގެ މަޖިލިސް މެންބަރުންނާއި ވަޒީރުންގެ މަޖިލިސް މެންބަރުންނާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި އަދިވެސް ބަސްކިޔާ ކަމުވޮށިވެގެންވާ ގިނަ ބަޔަކާއި އަލް އަމީރު މުހައްމަދު އަމީން ބައްދަލު ކުރެއްވިއެވެ. މިބައްދަލުވުންތަކުގައިވެސް ގިނަ ބަޔަކު އެދެމުންދިޔައީ ރާއްޖޭގެ ވެރިކަމަށް މުހައްމަދު އަމީން އިސްވުމަށެވެ.

މިމުހިންމު މަސްއަލައާ ގުޅިގެން އޭރުގެ ސިޔާސީ އެންމެ ނުފޫޒުގަދަ ފަރާތްކަމަށްވާ މުތގައްދިމު ޕާޓީގެ އިތުރު ބައްދަލުވުންތަކެއްވެސް ބޭއްވިއެވެ. މިބައްދަލުވުންތަކުގައި ވެސް ހުރިހާ ބޭފުޅުންގެ ވިސްނުންހުރީ ވެރިކަމަށް ގެންނަން މުހައްމަދު އަމީން ނޫން ފަރާތެއް ނެތްކަމަށެވެ. މިހާ ހިސާބުން ރާއްޖޭގައި ބާއްވަން ފެންނަ ވެރިކަމަކާއި ގުޅޭގޮތުން އާ ޚިޔާލުތަކެއް އަންނަންފެށިއެވެ. އެގޮތުން، ބައެއް ބޭފުޅުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ އާޚިޔާލު އުފަންކުރިއެވެ. ނަމަވެސް ގިނަ ބަޔަކު އޭރުވެސް ތާއީދުކުރަމުން ދިޔައީ ރަސްކަމެއް ބޭއްވުމަށެވެ. ނަމަވެސް، މުހައްމަދު އަމީން ގެންދެވީ ރަސްކަމަށް އިސްވުމާއި ދެކޮޅު ހައްދަވަމުންނެވެ. އެންމެފަހުން ގިނަ ބަޔަކަށް އެއްބަސްވެވުނީ ކޮންމެފަދަ ވެރިކަމުގެ ނިޒާމެއް ގެނައިނަމަވެސް މުހައްމަދު އަމީން ވެރިކަމަށް އައްޔަންކުރުމަށެވެ.

މިހާ ހިސާބުން ރައްޔިތުންގެ މަޖިލިސްގެ ޚާއްސަ ޖަލްސާއެއް ބޭއްވި އެޖަލްސާއިން ޚާއްސަ ކޮމިޓީއެއް އެކުލަވާލެވުނެވެ. އެކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ؛

1- އަލް އަމީރު މުހައްމަދު އަމީން

2- އަލް އަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނު

3- ފަލީލަތުއްޝައިޚް އަބްދުﷲ ޖަލާލުއްދީން

4- އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ

5- އައްޝައިޚް މަލިން މޫސާ މާފަތްކަލޭގެފާނުް

6- އިބްރާހިމް ޝިހާބް

7- ބުޗާ ހަސަން ކަލޭގެފާނު

8- ކާންނާ ކަލޭގެފާނު

މިކޮމިޓީގައި ބަހުސްކުރުމަށްފަހު ނިމުނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުން އެވަގުތައް މަޖުބޫރުކަމަށެވެ. ނަމަވެސް، އެބަދަލު ގެނައުމަށް ކޮމިޓީއިން ހުށަހަޅާފައިވަނީ މާލޭގައި އެވަގުތު ތިބި ހުރިހާ ރައްޔިތުން (މާލޭ ރައްޔިތުންނާއި ރާއްޖޭގެ އެކިކަންކޮޅުތަކުން އެކިއެކި ކަންކަމުގައި މާލެ އައިސް ތިބި މީހުންނާއިއެކު) އާންމު ވޯޓެއް ނެގުމަށްފަހު އެވޯޓުގެ ނަތީޖާއިން ގޮތެއް ނިންމުމަށެވެ. އާދެ! މިޒަމާނުގެ ގޮތުންނަމަ ޕަބްލިކް ރިފަރަންޑަމް އަކަށް ދިއުމަށެވެ. ޚާއްސަ ކޮމިޓީގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް 1371 ވަނަ އަހަރު ރަޖަބު މަހު 18 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނެވެ. މިޖަލްސާއިން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ  އިއްތިފާގުން އެގޮތަށް ފާސްވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިނިންމު ނިމުމާއި ވިދިގެން ޖެހިގެން އައިދުވަހު ނާދީ ތަމައްދުނުގައި ޚާއްސަ ޖަލްސާއެއް ބޭއްވުނެވެ. މިޖަލްސާއަށް މާލޭގައި އެވަގުތު ތިބި ރާއްޖޭތެރޭގެ ހުރިހާ ރައްޔިތުން އެއްކުރެވުނެވެ. އެޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުން ހިއްސާކުރިއެވެ. އަދި ދެދުވަހެއްގެ ތެރޭގައި ވޯޓުލުން އޮންނާނެ ކަމަށާއި އަދި ޖުމްހޫރިއްޔަކަށް ބަދަލުކުރުމާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ. ހަމައެދުވަހު ހަވީރު ހެންވޭރު ބޯޅަކުޅޭ ވިނަގަނޑަށް މާލޭގެ ހަތަރު އަވަށުގެ ރައްޔިތުން އެއްކުރެވި ރައްޔިތުންގެ މަޖިލީހުގެ ނިންމުން އިއްވުނެވެ. އެއްވެފައި ތިބި ރައްޔިތުންނާއި މުޚާތަބުކޮށް މުހައްމަދު އަމީން ވާހަކުފުޅުވެސް ދެއްކެވިއެވެ. މުހައްމަދު އަމީންގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖޭގައި ބާއްވަން ފެންނަނީ ރަސްކމުގެ ނިޒާމެއް ނަމަވެސް، މިވަގުތުކަން ދިމާކުރި ގޮތުންނާއި ރައްޔިތުންގެ އެދުމުގެ މަތީން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް މުހިންމުވެއްޖެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. މުހައްމަދު އަމީންގެ އިތުރުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހިމް މުހައްމަދު ދީދީ އާއި އިބްރާހިމް ޝިހާބުފަދަ ބޭބޭފުޅުންވެސް ވާހަކަ ދެއްކެވިއެވެ. އެބޭބޭފުޅުންގެ ވާހަކަފުޅުގައި ޖުމްހޫރިއްޔަކަށް ބަދަލުކުރަންޖެހޭ ކަމަށް އަލި އަޅުއްވާލެއްވިއެވެ. އަދި ޖެހިގެން އައިދުވަހު ހެންވޭރު ބޯޅަކުޅޭތަނަށް މާލޭޣެ ހަތަރު އަވަށުގެ އަންހެންވެރީން އެއްކުރެވުނެވެ. މިޖަލްސާގައިވެސް ކުރީ ޖަލްސާތަކެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލިސް ނިންމި ނިިންމުން ހުށަހެޅުއްވިއެވެ. އަދި ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ޖެހޭ ސަބަބުތައް ތަފުސީލުކޮށް ބަޔާންކޮށް ދެއްވިއެވެ.

މިހާހިސާބުން އާންމު ވޯޓުލުމަށް މާލޭގައި ތިބި ރާއްޖޭގެ ހުރިހާ ރައްޔިތުން އިންތިޒާރަށް ފެށިއެވެ. އަދި ފާޑުފާޑުގެ ބައިސިކަލް ބުރުތަކާއި ރެލީތައް ޖުމްހޫރިއްތަކަށް ބަދަލުކުރުމަށް ތާއީދުކޮށް ބޭއްވިއެވެ. މިރެލީތަކުގައި އެންމެ އިސްކޮށް ފެންނަފެށީ ސިޔާސީ އިސްފަރާތްތަކެވެ.

ހިޖުރީ ސަނަތުން 1371 ވަނަ އަހަރު ރަޖަބުމަހު 21 ވަނަ ދުވަސް ނުވަތަ މީލާދީން ސަނަތުން 1952 ވަނަ އަހަރު އެޕްރީލް މަހު 16 ހިސާބުގައި ރާއްޖޭގެ ތާރީޚީ ވޯޓުލުން ފެށުނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމާއި ގުޅޭ ގޮތުން އެންމެ ފުރަތަމަ ވޯޓުލުން އޮތީ ނާދީ ތަމައްދުނުގައި ބެހެއްޓުނު ވޯޓު ފޮއްޓަށް ވޯޓުލުމުވެ. މިފޮއްޓަށް ވޯޓުލާފައިވަނީ އެވަގުތު މާލޭގެ ތިބި ރާއްޖެތެރޭގެ ރައްޔިތުންނެވެ. އެދުވަހު މެންދުރުން ނައަބުރަނީސް އެވޯޓު ފޮއްޓަށް ވޯޓުލައި ނިމިއްޖެއެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ރަޖަބު މަހު 22 ވީ ހުކުރު ވިލޭރެއާއި ހުކުރު ދުވަހުގެ ހެދުނު މާލޭގެ ރައްޔިތުން ވޯޓުލުން ކުރިއަށްދިޔައެވެ.

އެދުވަހު ހަވީރު ހެންވޭރު ބޯޅަކުޅޭ މައިދާން ފުރިހަމައަށް ޒީނަތްތެރިކޮށްފައިވަނީ މިދެދުވަހު ކުރިއަށްދިޔަ ވޯޓުލުމުގެ ނަތީޖާ އިއްވުމަށެވެ. އެޒަމާނާއި ގުޅޭގޮތުން ވަރަށް ފުރިހަމައަށް ތައްޔާރުކުރެވުނެވެ. ގިނަ އަދަދަކަށް ރައްޔިތުން ހާޒިރުވި އެޖަލްސާގައި ވަނީ ގޮޑިތައް އަތުރާލާފައެވެ. އަންހެން ބޭކަބަލުންނާއި ފިރިހެން ބޭފުޅުން އަތުރާލާފައިވަނީ ވަކިންނެވެ. އަދި އިއްޒަތްތެރިން ތިބުމަށް ސްޓޭޖްކޮޅެއްވެސް ތައްޔާރުކުރެވިފައި ހުއްޓެވެ. އެދުވަހު ޖަލްސާ ފައްޓަވައިދެއްވީ އުއްތަމަ ފަޑިޔާރު ފަލީލަތުއް ޝައިޚް އަބްދުﷲ ޖަލާލުއްދީނެވެ. ވޯޓުލުމުގެ ނަތީޖާ އިއްވީ އަލްފާޟިލް އިބްރާހިމް ޝިހާބެވެ. ވަރަށްވެސް ތަނަވެސް އަޣުލަބިއްޔަތަކުން ރާއްޖޭގައި ބާއްވަން ފެންނަނީ ޖުމްހޫރިއްޔަތުގެ ނިޒާމެއްކަމަށް ކަނޑައެޅުނެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ހެންވޭރު ރައްޔިތުންގެ ފިޔަވައި އަނެއް ތިން އަވަށުގެ ރައްޔިތުންގެ ގާތްގަޑަކަށް ތެރެއިން 99 އިންސައްތަ ވޯޓު ދީފައިވަނީ ޖުމްހޫރިއްޔަތަކަށެވެ. ހެންވޭރުން ގާތްގަޑަކަށް 93 އިންސައްތަ ޖުމްހޫރިއްޔަތަަކަށް ވޯޓުދިންއިރު ރާއްޖެތެރޭގެ އެންމެވެސް ވޯޓުދީފައިވަނީ ޖުމްހޫރިއްޔަތަކަށެވެ. އަދި ވޯޓު ދިން ހުރިހާ އެންމެންވެސް މުހައްމަދު އަމީން ވެރިކަމުގައި ބެހެއްޓުމަށް ވޯޓު ދެއްވިއެވެ. އަދި ނާއިބެއްގެ ގޮތުން ވެލާނާގޭ އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ އައްޔަންކުރުމަށް ގާތްގަޑަކަށް 99 އިންސައްތަ ވޯޓު ލިބުނެވެ.

މި ނަތީޖާއާއިއެކު ރާއްޖޭގެ ވެރިކަން ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. އަދި ރާއްޖޭގެ ފުރަތަމަ ރައީސްގެ ގޮތުގައި އަލް އަމީރު މުހައްމަދު އަމީން އައްޔަންވެ ނާއިބެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ދީދީ އައްޔަންވިއެވެ.

(ނުނިމޭ)

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !