އިއްޔެ ރޭ ބޯކޮށް ވެހުނު ވާރެއާއެކު ފުވައްމުލަކުގައި ފެން ބޮޑުވެފައިވެއެވެ. އަދި އިއްޔެ އާއި ރެއަކީ ވެސް ފުވައްމުލަކަށް މޫސުން ގޯސްކޮށް އޮވެމެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. މިއާއެކު ފުވައްމުލައް ސިޓީގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންގޮސްގެން ނޫނީ ރަށުގައި ހިނގާބިގާވެ އުޅުމާއި ދުއްވާ އުޅުން ނުވަތަ ދަތުރުފަތުރު ކުރުމަކީ އެހާ ބޮޑު، ބައެއްފަހަރާ ނުރައްކާ ކަމަކަށް ވެސް އޮންނަނީ ވެފައެވެ.
ފެންބޮޑުވުމަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ކިތަންމެ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަކަށް ވިޔަސް ފުވައްމުލަކުގައި ފެން ބޮޑުވުމަކީ އާއްމުކަމެކެވެ. ފުވައްމުލަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް ފެން ހިއްކުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން އެތައް ތަކުލީފެއް އުފުލައެވެ. އެކައުންސިލްގެ މުވައްޒަފު ރެއާއި ދުވާލު ހޭލާތިބެގެން ވެސް ފެންގަޑު ހިއްކޭތޯ ކުރާ މަސައްކަތަށް ތައުރީފު ހައްގެވެ.
ފެންބޮޑުވުމާއެކު ރަށުގެ އެކި ހިސާބުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިއްކައެވެ. އެގޮތުން ޕަމްޕު ބޭނުންކޮށްގެން ނަގާ ފެން ގިނަފަހަރާ ފޮނުވާލެވެން އޮންނަނީ ކޮންމެ ވެސް ބިންގަޑު ތިރި ސަރަހައްދަކަށެވެ. އެގޮތުން ރަށުގެ މެދުގައިވާ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑު މިހާރު ވަނީ ރަށުގެ މަގުތަކަށް ވުރެ ފަސްގަނޑު ތިރިވެފައެވެ. ވުމާއެކު އެސަރަހައްދުގެ މަގުތަކުން ފެން ފޮނުވާލަނީ ރަސްމީ ބޯޅަ ދަނޑަށެވެ. މަގުތައް ހިއްކާލަނީއެވެ. އެއާއެކު އެތައް ދުވަހެއް ވަންދެން ބޯޅަ ދަނޑުގައި ފެންގަނޑު ހަރުލާފައި އޮވެއެވެ. އަދި ބޯޅަ ދަނޑު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތަކާއި ކުރިމަތި ލާން ޖެހެއެވެ.
އެހެން ގިނަ ހިސާބުތަކުގެ މަގުން ފެން ބޭރުކޮށްލަނީ އެދިމާލަކުން ކައިރީގައި އޮންނަ އޮޅުތަކަށެވެ. އެއާއެކު މަގުގެ ހިރަފުހުގެ ބައިތައް އޮޅުތަކަށް ޖަމާވެ ގިނަ ދުވަސްތަކެއް ވަންދެން އެފެންގަނޑު އޮޅުތަކުގައި ހަރުލާފައި އޮވެއެވެ. އަދި އޮޅުން އެފެންގަނޑު ހިނދިގެން ދާއިރު އޮޅުތަކަގެ އަލަގަސް (އަލަ ބިހި) ތައް މަރުވެ އޮޅުހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުމާއި ކުރިމަތިވާ ކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ.

ފުވައްމުލަކުގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނދު ހިއްކަނީ
ޕަމްޕު ބޭނުންކޮށްގެން ސީދާ މޫދަށް ހޮޅީކޮޅު ފޮނުވާލުމަކީ ރަށުގެ ފުޅާމިނާއި ދިގުމިނުގެ ބޮޑުކަމުންް އެހާ ފަސޭހަކަމެއް ނޫނެވެ.
ފުވައްމުލައް އުފެދިފައިވާ ގޮތުން، ރަށުގެ ވަށައިގެން އުސްވެފައި މެދަށް އަޑިކޮށް (ތިރިކޮށް) އޮތުމުން ރަށުގެ އެކި ހިސާބުތަކަށް ވެހޭ ފެން ރަށުގެ މެދަށް ޖަމާވެ ފެންބޮޑުވުމަކީ ވަރަށް އާއްމު ކަމެކެވެ. ކޮންމެ އަހަރަކުވެސް އެތައް ފަހަރަކު ރަށުގައި ފެންބޮޑުވެއެވެ. މިގޮތަށް ރަށުގެ މެދަށް ޖަމާވާ ފެން ހިންދުމަށް ވަރަށް ކުރީ ޒާމާނުއްސުރެ ރަށުގެ އެކިހިސާބުން އާރު (ކާނު) ހަދައި މޫދަށް އެފެން ބޭރުވުރެވޭނޭ ނިޒާމެއް ގާއިމުކޮށްފައި ވެއެވެ. އަދި ފަހުން އެނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެފްއޭއޯގެ އެހީގައި ވަނީ ރަށުގެ އިރު-އުތުރު (ރަސްގެފަންނާއި އަނބުލު ބިތް) އާއި ހުޅަނޑު ދެކުނުން (މާނޭރު އަދި ނެރަގަނޑާއި ވީ ފަރާތް) ކޮންމެ ބިތަކަށް ވާގޮތަށް ދެ އާރު ހަދައިފައެވެ.
އެގޮތުން ހަދާފައިވާ 4 އާރަކީ ދަޑިމަގު އާރު، ހޯދަޑު އާރު، މާލެގަމު އާރު އަދި ފުނާޑު އާރެވެ. ފުވައްމުލަކު އެއަރޕޯރޓް ހެދިއިރު ފުނާޑު އާރުން މޫދާއި ގުޅިފައިވާ ކޮޅު ވަނީ ބަންދު ކޮށްފައެވެ. މިހާރު ބޭނުންކުރަނީ އަނެއް 3 އާރެވެ.

ދަޑިމަގު އާރުން ފެން ބޭރުކުރުމަށް ހުޅުވަނީ. ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް
ކުރީގެ ފެން ބޭރުކުރާ ނިޒާމުން ރަށުގެ މެދަށް ޖަމާވާ ފެން ހިންދުން ކޮންމެ ވެސް ވަރަކަށް ކާމިޔާބު ނަމަވެސް ހިންދުމުގައި ގިނަ ދުވަސްތަކެއް ނެގުމަކީ މީހުންގެ ކަންބޮޑު ވުން އޮތް ކަމެކެވެ. ވުމާއެކު ސިޓީ ކައުނސިލުން ޕްމްޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަން ފެށީއެވެ.
މިހާރު ސިޓީ ކައުންސިލުން ވިސްނަން ޖެހޭ އެއްކަމަކީ ރަށުގެ މެދަށް ޖަމާވާ ފެނުން ބައެއް ރަށަށް ހިންދޭނެ ނިޒާމަކާއި ރަށުގެ ފެނުން މެނޭޖުނުކުރެވާ ބައި ރަށުން ބޭރަށް ކަނަޑަށް ފޮނުވާލެވޭނެ ނިޒާމަކާއި މެދުގައެވެ.
މިކަމާއި މެދު ރަށުގެ އެކި މީހުން ތަފާތު ވިސްނުންތައް ގެންގުޅެއެވެ. އެއްބަޔަކު ބުނަނީ ރަށުގެ އެކި ހިސާބުތަކުގައި ފެން ޖަމާކުރާނޭ ބޮޑެެތި ޓޭންކްތަކެއް ހަދައި އެއަށް ފެން ޖަމާކުރުމަށް ފަހު ޕަމްޕް ބޭނުންކޮށްގެން އެފެން މޫދަށް ފޮނުވާލާނޭ ހޮޅި ސިސްޓަމެއް އެކި ހިސަބުތަކުގައި އެޅުމަށެވެ.
އެހެން ބައެއް ފަރާތަކުން ބުނަނީ ރަށުގެ 4 ސަރަހައްދުގައިވާ ކާނުތަކުގެ ކައިރީގައި މިހާރު ވެސް ކޮންމެވެސް ވަރެއްގެ ފެން ޖަމާކުރާނޭ ސަރަހައްދެއް ގާއިމުކުރެވިފައިވާ ކަމަށާއި އެތަނަށް ރަށުގެ މެދުތެރޭގައި ޖަމާވާ ފެން ގެންދެވޭނެ ގޮތެއް ހެދިއްޖެ ނަމަ މާކުޑަ ޚަރަދުން އެކަންތައް ހައްލުވެގެން ދާނެކަމަށެވެ.
ދެން އޮތީ ރަށަށް ޖަމާވާ ފެން އެއްކޮށް ރަށުން ބޭރުކުރަން ކުރަން ފަށައިފިނަމަ ރަށުގެ ފެނަށް ކުރާނެ ނޭދެވޭ އަސަރާއި، ރަށުގައި އުފެދިފައިވާ ދެކުޅީގެ ފެންގަނޑަށް އަންނާނެ ބަދަލަކާއި މެދު ވިސްނުމެވެ. މިހާރުވެސް ބަނޑާރަ ކިޅީގެ ފެންގަނޑު ވަރަށް ބޮޑުތަން ކުޑަވެފައިވާ ކަމަށް ފެނެއެވެ. ފެންގަނޑުގެ ފުންމިން މީގެ 10 ވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ތިލައެވެ.

ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގައި ފެންބޮޑުވެފައި. ފޮޓޯ: އަތޮޅު ކައުންސިލް
ރަށުގައި އަލަށް ގާއިމުކުރެވުނު ފާާޚާނާ ނިޒާމުގެ ތެރެއިން ލާފައި ގޭގޭގައި ބޭނުންކުރާ ހުރިހާ ފެނެއް ވެސް ރަށުން ބޭރުކުރާ ގޮތަށް އެނިޒާމު ރޭވިފައިވާ ކަމަށް ވެއެވެ. އެހެން ކަމުގައި ވަނީ ނަމަ ރަށުގެ ފަސްގަނޑަށް ފެން ހިންދޭނެ ނިޒާމަކާއި މެދު ވެސް ވިސްނަން ޖެހެއެވެ.
ދަނޑުވެރިކަމުގެ ގޮތުން ފުވައްމުލައް މަޝްހޫރުވެފައި ވަނީ ރަށުގެ މެދުތެރޭގައި ފެން ދައުރުވާގޮތަށް ހުރުމުން ގަސްތައް ހެއްދުމުގައި ލިބިގެންދާ ފަސޭހައިން ކަމީ ދެބަސްވުން ދުރު ކަމެކެވެ.
ރަށަށް ވެހޭ ވާރޭފެން ރަށުގެ އެކި ހިސާބުތަކުގައި ޓޭންކް ތަކެއް ހެދުމަށްފަހު އެއަށް ޖަމާކުރެވި، ހޫނު (ވާރޭ ނުވެހޭ) މޫސުމުގައި ރަށުގެ އެކިހިސާބުތަކުން އެފެން ރަށުތެރެއަށް ދައުރުވާ ގޮތަށް ހެދިދާނެއެވެ. އެގޮތުން ރަށުތެރޭގައި ގާއިމިކުރެވޭ ފެންހިނދޭ ޒާތުގެ ކާނުތަކަކުން ގްރެވިޓީގައި އެފެން ދައުރުކުރުވައި ރަށަށް ހިންދޭނޭ ގޮތް ވެއްޖެނަމަ ފުވައްމުލަކުގެ ފެހިކަން ތާއަބަދަށް ދެމިގެން ދާނެފަދަ ގޮތަކަށް ގަސްތައް ހެއްދުމަށް ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.
މިގޮތަށް ހެދޭ ކާނުތަކުގެ ސަބަބުން މިހާރުވެސް ފުވައްމުލައް ސިޓީގައއި ތުރާލަކަށް ވެފައިވާ މަދިރީގެ އުނދަގޫ އިތުރަށް ބޮޑުވެގެން ވެސް ހިގަނއިދާނެއެވެ. އެއީ ވެސް މިކަމުގައި އިތުރަށް ވިސްނުން ގެންގުޅެންޖެހޭ އެއްކަމެވެ.
ކޮންމެއަކަސް މިހާރު ފެންބޮޑުވާ ކޮންމެ ފަހަރަކު ޕަންޕު ޖަހައިގެން ފެން ހިއްކުމަށް އެކުރާ ބުރަ މަސައްކަތައް ދެމެހެއްޓެނިވި ދާއިމީ ހައްލެއް ހޯދަން މިވަނީ ޖެހިފައެވެ.
ފުވައްމްލަކުގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ޖަހައި ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ. ފޮޓޯ:އެމްއެންޑީއެފް
ޚިޔާލުތައް