ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫއެފޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިފަހަރު ވާދަކުރާ ދެޓީމަކީ ޖަރުމަނުގެ ބެޔާން މިޔުނިކާއި ފަރާންސްގެ ޕީއެސްޖީއެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފަހު މެޗުގައި ޖަރުމަނުގެ ބެޔާން މިޔުނިކުން ވަނީ ފްރާންސްގެ އޮލިމްޕިކް ލިއޯން 3-0 އިން ބަލިކޮށް ފައިނަލުގެ ޖާގަ ހޯދާފައެވެ. އިއްޔެ ރޭ ކުޅެވުނު މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ފްރާންސްގެ ޕީއެސްޖީ 3-0 އިން މޮޅުވީ ޖަރުމަނުގެ ޓީމެއް ކަމަށްވާ އާރުބީ ލެޕީޒް އަތުންނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 23 ވާ އަންނަ އާދީއްތަ ދުވަހު ޕޯޗްގަލްގެ ލިޒްބަންގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް 2020 ލިސްބަން
މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލުޖަހާފައި ވަނީ 15 ގޯލާއެކު ބެޔާންގެ އިތުބާރު ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. މިމުބާރާތުގައި ބެޔާނުން ޖުމްލަ 42 ގޯލަ ޖަހާފައިވާއިރު ޕީއެސްޖީއަށް ޖެހިފައި ވަނީ 25 ގޯލެވެ. 3 ވަނާގައި މެންޗެސްޓާ ސިޓީ އޮތީ 21 ގޯލުންނެވެ.
މި ދެ ޓީމާކީ ވެސް މިފަހަރުގެ އެ ދެ ގައުމުގެ ގައުމީ ލީގުގެ ޗެމްޕިއަންނުންނެވެ. ނަމަވެސް ޔޫރަޕުގެ މުބާރާތްތަކުގައި ބެޔާން އާއި އަޅާކިޔޭވަރުގެ ކާމިޔާބީއެއް ވެސް ޕީއެސްޖީ އަށް މިހާތަނަށް ލިބިފައެއް ނުވެއެވެ. ޔޫރަޕުގެ އެންމެ މަޝްހޫރު ދެ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕޭންގެ ލަލީގާގެ ޗެމްޕިއަންނުންނާއި ރަނަރަޕް ވެސް މިވަނީ މުބާރާތުގެ ދެވަނަ ބުރާއި ކުއާޓާ ފައިނަލުން ކަޓާފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީގެ ނަމްބަރުތައް
މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ރެއާލް މެޑްރިޑް 13 ތަށި، ދެވަނަ އޭސީ މިލާން 7 ތަށި އަދި 3 ވަނަ ލިވަރޕޫލް 6 ތަށި އަދި 4 ވަނަ ބެޔާން މިޔުނިކް އަށް ވަނީ 5 ފަހަރު ތަށި ހާސިލުކޮށް ފައެވެ. އެޓީމަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ ލިވަޕޫލާއި އެއްވަރުވެ 6 ތަށި ހަމަ ކުރެވޭނެއެވެ. ބެޔާނާއި ފައިނަލުގައި ވާދަކުރުމަށް ނުކުންނަ ޕީއެސްޖީއަށް އަަދި މިމުބާރާތް ކާމިޔާބުވެފައެއް ނުވެއެވެ. ޕީއެސްޖީއަށް މިފަހުގެ ތާރީޚެއްގައި މިމުބާރާތުގައި އެންމެ ކުރިޔަށްވެސް ދެވިފައި ވަނީ ކުއާޓާ ފައިނަލާއި ހަމަޔަށެވެ. ނަމަވެސް 1994/5 ގެ ސީޒަނުގައި މިމުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައިވެއެވެ.
މިމުބާރާތުގެ ފަހުބުރުގެ މެޗުތައް ވަނީ އާއްމުކޮށް ކުޅޭ ހޯމް އެންޑް އަވޭ އުސޫލުގެ ބަދަލުގައި ނިއުޓްރަލް ދަނޑެއްގައި އެންމެ މެޗެއް ކުޅެ ނަތީޖާ ނެރޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މުބާރާތުގެ ވަކި ހިސާބަކުން މިބަދަލު ގެންނަން ޖެހުނީ ކޮވިޑް-19 އާއި ގުޅިގެން އައި ފުރަބަންދުތަކުގެ ސަބަބުން މުބާރާތް ލަސްވެ ދިގުލައިގެންދާތީ މުބާރާތް ކުރުކޮށް އަވަހަށް ނިންމަން ވެގެންނެވެ. އެގޮތުން މިމުބާރާތުގެ 2 ވަނަ ބުރުގެ ފުރަތަމަ ލެގަށްފަހު ކުޅެމުން އަންނަނީ ވެސް ކޮވިޑްގެ ބަންދާއިހެދި ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގޯލް ލިސްޓްގެ ކުރި 2020
ޚިޔާލުތައް