ފީފާ ކޮންފެޑެރޭޝަން ކަޕް، ރަޝިއާގެ ސެއިންޓް ޕީޓަރސް ބާރގް ގައި މިރޭ 8.00 ޖަހާއިރު ފެށޭނެއެވެ. މުބާރާތް ހުޅުވުމުގެ މިމެޗުގައި ބައްދަލުކުރަނީ ގްރޫޕް އޭ ގެ ދެޓީމު ކަމުގައިވާ، މުބާރާތް ބޭއްވޭ ރަޝިއާ އާއި އޯޝެނިއާ ޗެމްޕިއަންސް ނިއުޒީލޭންޑެވެ. ރަޝިއާގެ 4 ސިޓީއެއް ކަމަށްވާ ސެއިންޓް ޕީޓަރސްބާރގް، ވެރިރަށް މޮސްކޯ، ކަޒާން އަދި ދެކުނުން ސޮޗީ ގައި މިމުބާރާތް ކުޅެވޭނީ ޖޫން 17 އިން ޖުލައި 2 އަށެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕަކީ ކޮންމެ 4 އަހަރަކުން އެއްފަހަރު ފީފާއިން އިންތިޒާމުކޮށްގެން ދުނިޔޭގެ 6 ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ މުބާރާތެކެވެ. މި 6 ޓީމުގެ އިތުރުން އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ގައުމާއެކު، ޖުމަލް 8 ޓީމު ދެ ގުރޫޕަށް ބަހާލައިގެން ކުޅޭ ގޮތަށް ރޭވިފައި ވެއެވެ. އަދި ދެ ގްރޫޕުގެ 1 ވަނަ އަދި ދެވަނަ ސެމީގައި ކްރޮސްކޮށް ކުޅެ މޮޅުވާ ދެޓީމު ފައިނަލަށް ދާ ގޮތަށް ރޭވިފައި ވެއެވެ.
ވޯލްޑް ކަޕް 2018 ގެ ރިހާސަލެއްގެ ގޮތުން ކުޅެވޭ މިމުބާރާތުގައި މިފަހަރު ވާދަކުރާ 8 ޓީމަކީ:
ގްރޫޕް އޭ: ރަޝިއާ، (މުބާރާތް ބޭއްވޭ ގައުމު)، ނިއުޒީލޭންޑް (އޯޝެނީއާ ޗެމްޕިއަންސް)، ޕޯޗުގަލް (ޔޫރަޕްގެ ޗެމްޕިއަންސް) އަދި މެކްސިކޯ (އުތުރު އަދި މެދުތެރޭ އެމެރިކާގެ ޗެމްޕިއަންސް) އެވެ.
ގްރޫޕް ބީ: ކެމަރޫން (އެފްރިކާގެ ޗެމްޕިއަންސް)، ޗިލީ (ދެކުނު އެމެރިކާގެ ޗެމްޕިއަންސް)، އޮސްޓްރޭލިއާ ( އޭޝިއާގެ ޗެމްޕިއަންސް ގެ ގޮތުގައި) އަދި ޖާމަނީ (އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަންސް) އެވެ.
މިއީ މިމުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. ފުރަތަމަ ދެ މުބާރާތް، 1992 އަދި 1995ގައި ބެއްވީ ސައުދީ ރަސްގެފާނު ކިންގު ފަހުދު ގެ ނަމުގައެވެ. ނަމަވެސް އެއިގެ ފަހުން ފީފާއިން ނަން ބަދަލުކުރީ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ނަމަށެވެ. އެންމެ ފުރަތަމަ 3 މުބާރާތް ވެސް ބާއްވާފައި ވަނީ ސައުދީ އެރެބިއާގައެވެ. އެއިގެ ފަހުން ކޮންމެ މުބާރާތެއް ވެސް އަމާޒު ކުރެވިފައި ވަނީ ވޯލްޑްކަޕް ބޭއްވޭ ގައުމުގައި، ވޯލްޑްކަޕްގެ 1 އަހަރު ކުރިން ބާއްވާ، ވޯލްޑްކަޕަށް ތައްޔާރުވުމުގެ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް 2022 ގައި ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި ވީ ކަމުގައިވިޔަސް ފީފާއިން ނިންމާފައި ވަނީ ގަތަރުގައި ކޮންފެޑެރޭޝަންސް ކަޕް ނުބާއްވާ ގޮތަށެވެ. އެއިގެ ސަބަބެއް ކަމުގައި ވަނީ މި މުބާރާތް ބާއްވާ ދުވަސްވަރަކީ ގަތަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށްވެފައި އެހާ ހޫނުގަދަ ދުވަސްވަރެއްގައި މުބާރާތުގައި ކުޅުމަށް ޔޫރަޕުގެ ބައެއް ޓީމުތަކުން ދެކޮޅު ހެދުމާއި ވެސް އެކުގައެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އަދި އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންސް، ބްރެޒިލް ޓީމަށް މިފަހަރުގެ މުބާރާތުން ޖާގަ ނުލިބުނީ ދެކުނު އެމެރިކާގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެރަގުއޭ އަތުން ޕެނަލްޓީގައި ބަލިވުމުންނެވެ.
މާދަމާ ރޭ މި މުބާރާތުގެ ދެމެޗު ކުޅެވޭނެއެވެ. އެއީ ގްރޫޕް އޭ ގެ މެކްސިކޯ އާއި ޕޯޗުގައިލް، 8:00 ގައި އަދި ގްރޫޕް ބޯގެ ކެމަރޫން އާއި ޗިލީގެ މެޗު 11.00 ގައެވެ.
ޚިޔާލުތައް