ޑީސީ ބަލިކޮށް ހޯދަޑު ސްޕޯޓްސް ކްއާޓާ ފައިނަލާއި ގާތަށް

Share on facebook
Share on twitter
Share on google

އެޗްއެސްސީ “ވަގުތު” ފުޓްސަލް ޗެލެންޖައި ވާދަކުރާ ފުވައްމުލަކު ސިޓީގެ ހަމައެކަނި ޓީމު ހޯދަޑު ސްޕޯޓްސް ރޭ ކުޅެވުނު މެޗުން 2-1 ލަޑުން މޮޅުވެ ކްއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އާކޮށްފިއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދިޔަ މިމެޗު ހޯދަޑު ސްޕޯޓްސް ކާމިޔާބު ކޮށްފައި ވަނީ ޑީސީ ސްޕޯޓްސް އާއި ވާދަކޮށްގެނެވެ. މިދެޓީމުވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވެފައިވާތީ ރޭގެ މެޗު ފެށިގެން ދިޔައީ ދެޓީމުންވެސް ފަހަތަށްޖެހި ދިފާއީ ކުޅުމަކުންނެވެ.

ކްއާޓާ ފައިނަލަށް ދަތުރުކުރުމަށްޓަކައި ކޮންމެހެންވެސް މޮޅުވާން މަޖުބޫރު މިމެޗުގެ ލީޑު ފުރަތަމަ ހާފުގައި ނެގީ ހޯދަޑު ޓީމުންނެވެ. މެޗުގައި މޮޅު ކުޅުމެއްދެއްކި އަހުމަދު ސިނާހަށް ހުސްކޮށް ލިބުނު ފުރުސަތު ފަސޭހަކަމާއިއެކު ނިންމާލައިގެން ފުރަތަމަ ގޯލު ކާމިޔާބުކޮށް ހޯދަޑު ޓީމުގެ އުއްމީދު އާކޮށްދިނެވެ. މިނަތީޖާއާއިއެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ ޑީސީންނެވެ. ޑީސީގެ ލޫތުގެ ބާރު ހަމަލާ ދިފާއުކޮށް ބޭރުކޮށްލީ ހޯދަޑު ޓީމުގެ ގޯލްކީޕަރެވެ. އޭގެ މިނެޓެއް ފަހުން ހޯދަޑަށް ވަނީ ފުލުފުލުގައި ދެ ފުރުސަތެއް ލިބިފައެވެ. ސިނާހްގެ ހަމަލާ މިފަހަރު ގޯލްކީޕަރު ދިފާއުކުރި އިރު، ތާހާގެ ހަމަލާ ދިޔައީ ގޯލުދަޑި މަތިންނެވެ.

ދެވަނަ ހާފުގައި ޑީސީގެ ތޮލާލު ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއި ހަމައިން މެޗުގެ ފޯރި ގަދަވެގެން ދިޔައެވެ. އޭގެ މިނިޓެއް ފަހުން ހޯދަޑު ޓީމުން އަނެއްކާވެސް ލީޑު ނެގިއެވެ. މިފަހަރުވެސް ހޯދަޑު ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކުރި ސިނާހެވެ. މެޗު ނިމިގެން ދިޔައީ މިނަތީޖާ އާއިއެކުގައެވެ. މިމެޗުގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ޓީމުގެ ޖާޒީ ނަމްބަރު 20 އަހުމަދު ސިނާހެވެ.

މިގްރޫޕްގެ ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު ގްރޫޕުގެ އެއްވަނާ ގައިވަނީ ދެމެޗުން މޮޅުވި ރީތިރަށެވެ. އަދި ދެވަނާގައި ވަނީ ފައިދާ ގޯލްގެ ތަފާތުން ހޯދަޑު ސްޕޯޓްސްއެވެ. ތިންވަނާގައި ފްރެންޑްސް ކްލަބު އޮތްއިރު ގްރޫޕް ފުލުގައި ވަނީ ޑީސީއެވެ. ގްރޫޕްގެ އެވަނަ އަދި ދެވަނަ ކްއާޓާ ފައިނަލަށް ދަތުރުކުރާ އިރު މި ގްރޫޕުގެ މިރޭ ކުޅޭ މެޗު ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ކްއާޓާ ފައިނަލަށް ދަތުރުކުރާއިރު މިރޭގެ މެޗުގައި ވާދަކުރާނީ ހޯދަޑު ސްޕޯޓްސް އާއި ފްރެންޑްސް ކްލަބެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments